ad_banner
އެ މީހުން ވަނީ ޖަނަވާރުންގެ ދަރަޖައަށް ވުރެ ވެސް ދަށު ދަރަޖައަކަށް ވެއްޓިފައެވެ.

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

27 އޭޕްރިލް 2025

ރޯމަނުންގެ ގުލޭޑިއޭޓަރުންގެ ވާހަކައާއި މި މުޖުތަމަޢުން ފެންނަ މަންޒަރު ތަފާތުހެއްޔެވެ؟

ރޯމަނުންގެ ގުލޭޑިއޭޓަރުންގެ ވާހަކައަކީ އިހުގައި އިސްކޫލްތަކުގެ ދަށު ކިލާސްތަކުގައި ރޯމަނުންގެ އެމްޕަޔަރުގެ ވާހަކަތައް ކިޔައިދޭ އިރު ކިޔައިދެވޭ ވާހަކައެކެވެ. ގުލޭޑިއޭޓަރުގެ ލަފުޒީ މާނައަކީ ކަނޑި ހިފައިގެން ހުންނަ މީހާއެވެ. އެހެން ގުލޭޑިއޭޓަރުންނާ ތަޅައިފޮޅުމަށް ޓަކައި، ކަނޑި އޭގެ އުރައިން ދަމައިގަނެގެން، ގުލޭޑިއޭޓަރު ހުރެއެވެ.

ގުލޭޑިއޭޓަރުންގެ ތެރޭގައި މުޖުތަމައުގެ އެންމެ ދަށު ފަންތީގެ މީހުން ހިމެނެއެވެ. އަޅުންނާއި ކުށްވެރި މުޖުރިމުންނެވެ. މި މީސްމީހުން އެކަކު އަނެކަކާ ތަޅައިފޮޅައި ކޮންމެ ވެސް އެކަކު މަރުވަންދެން ތަޅައިފޮޅުން ކުރިއަށް ގެންދެއެވެ. ބައެއް ފަހަރު ސިންގާ ފަދަ ވަލު ޖަނަވާރުންނާ ވެސް ގުލޭޑިއޭޓަރުން ކުރިމަތިލާން ޖެހެއެވެ.

ގުލޭޑިއޭޓަރުންގެ މި ތަޅައިފޮޅުމަކީ 'ތަހުޒީބީ' ރޯމުގައި މުނިފޫހިފިލުވުމުގެ ކުޅިވަރެކެވެ. މި ކުޅިވަރު ބެލުމަށްޓަކައި ތިއޭޓަރުގައި ޚާއްސުންނާއި އާންމުން ތިބެއެވެ. ފަހަރެއްގައި ވެސް، އެ މީހުންގެ ކުރިމަތީގައި މަރުވެގެން ދަނީ އިންސާނެއްކަން އެ މީހުން ނުދަންނަ ފަދައެވެ.

މިހާރު ގުލޭޑިއޭޓަރުންގެ ވާހަކަ އަޑުއިވުމުން އެ ކަމަށް އިންކާރު ކުރެވެއެވެ. އެއީ ފަހަރެއްގައި ވެސް ތަހުޒީބީ ކަމެއްގެ ގޮތުގައެއް ނުބެލެވެއެވެ! އާދޭހެވެ! މުނިފޫހި ފިލުވުމަށް ޓަކައި ވިޔަސް އަދި އެ ނޫން ސަބަބަކަށް ޓަކައި ވިޔަސް، އެއްވެސް ހައްގުން ކަމަކާ ނުލައި، އިންސާނުން މެރުމަކީ ހަމަ އެންމެ ރަނގަޅު ކަމަކަށް ނުބެލެވޭތީއެވެ.

ގުލޭޑިއޭޓަރުންގެ 'މުނިފޫހި ފިލުވުމުގެ މީހުން މެރުމަށް' އިންކާރުކުރެވޭ އިރު، މި ފަދަ އެހެން ކަންކަމަށް އިންކާރެއްނުކުރެވެއެވެ. އަހަރުމެންގެ ތެރޭގައި ވެސް ގުލޭޑިއޭޓަރުންގެ މީހުން މެރުމުގެ މުނިފޫހިފިލުވުމުގެ ކުޅިވަރުތައް ކުޅެވި، އެ ކަމުން އާންމުންނާއި ޚާއްސުން ވެސް ޚާއްސަ އުފަލެއް ލިބިގަންނަ ހެން މިހާރު އެބަ ހީވެއެވެ. އިހުގެ ރޯމަނުންގެ އާންމުންނާއި ޚާއްސުން ފަދައިންނެވެ.

އާދޭހެވެ! ދާދި ފަހުން ވެސް މި ކަހަލަ މަންޒަރެއް މި ދިވެހިރާއްޖެއިން ހާމަވެ، ފެނުނެވެ. ބަޔަކު މީހުން 'ޕާޓީކޮށް'، މަސްތުވާތަކެތި ބޭނުންކޮށް، ބަދުއަޚުލާގީ އަމަލު ހިންގައި، އެ ކަމުގެ ވީޑިޔޯތައް ނަގައި އާންމުކޮށް، އެންމެންގެ ކުރި މައްޗަށް ހުށަހަޅައިގެންނެވެ. ރޯމަނުންގެ ގުލޭޑިއޭޓަރުގައި އެހެން ގުލޭޑިއޭޓަރުންނާއި އަދި ޖަނަވާރުންގެ އަތްމަތީ ކަތިލެވިދާ އިންސާނުން ފަދައިން، މި ފަހަރު 'ކަތިލެވުނީ' ޒުވާން އަންހެން ކުއްޖެކެވެ.

އެ 'ކަތިލެވުނު' އަންހެން ކުއްޖާ ކަތިލެވޭ މަންޒަރު އާންމުންނާއި ޚާއްސުންގެ މުނިފޫހިފިލުވުމަށް ޓަކައި އާންމު ކޮށްލެވުނު އިރު، އެއީ ރޯމަނުންގެ ގުލޭޑިއޭޓަރުގެ ގަތުލުކުރުންތައް ފަދައިން، ހަމަ ތަހުޒީބީ ކަމެއްގެ ގޮތުގައި ފާހަގަކުރެވޭ ކަހަލައެވެ.

ދެން، އުފެދޭ ސުއާލަކީ ހަގީގަތުގައި ވެސް މިއީ ނޫސްތަކުގައްޔާއި އަދި ޚަބަރު ފަތުރާ ވަސީލަތްތަކުގެ އެކި މަންސަތަކުގައި އެ ޚަބަރު ގެނެސްދެވިފައިވާ ގޮތުގެ މައްޗަށް ބަލާ އިރު، އަތްތިލަބަޑިޖަހައި، ނޫނީ މިވެނި އެވެނި ބަޔަކު ކުށްވެރިކޮށްލައިގެން ނިންމައިލެވިދާނެ މައްސަލައެއްހެއްޔެވެ؟ މި ސުއާލުގެ ޖަވާބުގައި ދަންނަވާން ޖެހެނީ އެއީ އެ ގޮތުގެ މަތީން ނިންމައިލެވޭ ވަރަށް ވުރެ މާ ބޮޑު މައްސަލައެއްކަމަށެވެ.

މި މައްސަލަ، އެއް ކޮޅުން ބުނެދެނީ، ޒުވާނުންގެ ހާލަތު އޮތް ގޮތެވެ. ޒުވާނުންގެ ބަޔަކު އޮތީ މުޅީން ހަލާކުވެފައިކަމެވެ. ކީރިތި ގުރުއާނުގެ އިބާރާތެއް ބޭނުން ކުރާ ނަމަ، އެ މީހުން ވަނީ ޖަނަވާރުންގެ ދަރަޖައަށް، ކީއްކުރަންހެއްޔެވެ؟ އެއަށް ވުރެ ވެސް ދަށު ދަރަޖައަކަށް ވެއްޓިފައެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ﴿لَهُمْ قُلُوبٌ لَّا يَفْقَهُونَ بِهَا وَلَهُمْ أَعْيُنٌ لَّا يُبْصِرُونَ بِهَا وَلَهُمْ آذَانٌ لَّا يَسْمَعُونَ بِهَا أُولَئِكَ كَالْأَنْعَامِ بَلْ هُمْ أَضَلُّ أُولَئِكَ هُمُ الْغَافِلُونَ ([އެ ހިތްތަކުން (حقގޮތް) ނުވިސްނޭ ހިތްތަކެއް އެއުރެންނަށްވެއެވެ. އަދި އެ ލޯތަކުން (حقމަގު) ނުދެކޭ ލޯތަކެއް އެއުރެންނަށްވެއެވެ. އަދި އެ ކަންފަތްތަކުން (حقއަޑު) ނާހާ ކަންފަތްތަކެއް ވެސް، އެއުރެންނަށް ވެއެވެ. އެއުރެން ގެރިބަކަރި ޖަމަލު ފަދައެވެ. އަދި ކިއެއްތަ! އެ ތަކެއްޗަށް ވުރެ ވެސް އެއުރެން މަގުފުރެދުން ބޮޑެވެ. އެއުރެންނަކީ ހަމަ غافلވެގެންވާ ބަޔެކެވެ.]) (سورة الأعراف:١٧٩)

އެހައި ދަށު ދަރަޖައަކަށް ވެއްޓިއްޖެއޭ ބުނާން ޖެހެނީ ކީއްވެހެއްޔެވެ؟ ޖަނަވާރުންގެ އަމަލުތައް ވެސް ހިނގަނީ ގުދުރަތުން އޭގެ ކިބައިގައި ލެއްވިފައިވާ ގޮތްތަކެއްގެ މަތީންނެވެ. އެ ގޮތްތައް ނެތިކޮށްލުމުގެ ބާރެއް ޖަނަވާރުންނަށް ލިބިގެން ނުވެއެވެ. ނަމަވެސް އިންސާނާ ހަމައިގައި ބަހައްޓައިދެނީ، ހެވާއި ނުބައި އޭނާއަށް ބުނެދޭ އޭނާގެ ސަލާމަތް ބުއްދިއެވެ. އަދި، ނުބައި ކަމަކަށް އަރައިގަންނާން އުޅޭ ވަގުތުގައި އޭނާ ކުށްވެރިކުރުވާ އޭނާގެ ޒަމީރެވެ. މަސްތުވުމުން، މި ބާރުތައް ނެތިކޮށްލައެވެ. ދެން، އިންސާނާ ޖަނަވާރުންނަށް ވުރެ ވެސް ދަށު ދަރަޖައަށް ވެއްޓެއެވެ. ލަދުވެތިކަމާއި ޖެހިލުންވުމާއި ބިރު މުޅިން ފިލައިދެއެވެ. އަދި، ކޮންމެ ފަދަ ވަހުޝީ، ހައިވާނީ، އަމަލެއް ވެސް ހާމަކޮށް، އެންމެންގެ ކުރިމަތީގައި ހިންގައިލައެވެ.

ދެން، އަނެއްކޮޅުގައި ތިބެނީ ކުޅިވަރު ބަލާން ތިބޭ މީހުންނެވެ. އެ މީހުންގެ ސުއާލަކީ ގުލޭޑިއޭޓަރުން ކުރާ ކަހަލަ ސުއާލެވެ. ކަނޑި ބޮލަށް ހަރައިލުމުގެ ބަދަލުގައި މެއަށް ހަރައިލި ނަމަ، ވާނީ ކިހިނެއްބާވައެވެ؟ ސިންގާގެ ވަކިތަކުން ގުލޭޑިއޭޓަރުގެ މޫނު އެއްކޮށް އިރައިލެވުނު ނަމަ ކިހިނެއްވާނެބާވައެވެ؟ އާދޭހެވެ! އޭނާ ފުންމައިލީހެއްޔެވެ؟ ނޫނީ ކޮއްޕައި ވައްޓައިލީހެއްޔެވެ؟ އޭނާގެ ހެދުން ބަދަލުވެފައި ހުރީ ކީއްވެހެއްޔެވެ؟ ބަދަލު ނުވި ނަމަ، އޭގެ މާނައަކީ ކޮބައިހެއްޔެވެ؟ އާދޭހެވެ! ކުޅިބަލާން ތިބޭ މީހުންގެ ސުއާލުތަކެވެ.

ނަމަވެސް، ކުރާން ޖެހޭ ހަގީގީ ސުއާލަކީ މިއީހެއްޔެވެ؟ ހަގީގަތުގައި ކުރާންޖެހޭ ސުވާލުތަކަކީ، މުޖުތަމައުގެ އަފުރާދުން މި ހާލަތަށް ގެންދިޔަ ސަބަބުތަކަކީ ކޮބައިހެއްޔެވެ؟ އެ ކަމުގައި މަސްއޫލުވާން ޖެހޭ ފަރާތެއް ހަމަ ނެތީހެއްޔެވެ؟ މަސްތުވާތަކެތީގެ ވަބާގައި މުޖުތަމައުގެ އަފުރާދުން ހަލާކުވާން ދޫކޮށްލައިފައި ބައިތިއްބާންވީހެއްޔެވެ؟ ގާނޫނުތައް ހަދާ އިދާރާތަކާއި ގާނޫނުތައް ތަންފީޒުކުރާ އިދާރާތްތައް ކޮބައިބާވައެވެ؟ ގާނޫނަކީ، އޭގައި މެއްސާއި މަދިރި އެކަނި ޖެހޭ، އަދި ބިޔަ ބޮޑެތި އެއްޗެހި އެ ފޫއަޅުވައިލައިފައިދާ، މަކުނު ގަތައިލާ މަކުނުވާ ފަދަ އެއްޗެއްހެއްޔެވެ؟

މި ފަދަ ގުލޭޑިއޭޓަރުންގެ ތިއޭޓަރެއްގެ ގޮތުގައި (އެއް ބަޔަކު ގަތުލުވެދާ، އަދި އަނެއް ބަޔަކު މުނިފޫހިފުލުވުމުގެ އެ މަންޒަރު ބަލާން) ތިބޭ މުޖުތަމައަކީ ކޮން ކަހަލަ މުޖުތަމައެއްހެއްޔެވެ؟ ކުނިވެ ފާސިދުވެފައިވާ މުޖުތަމައެއް ނޫންހެއްޔެވެ؟ މުޖުތަމައު ކުނިކޮށް، ފާސިދުކޮށްލާ ކަންކަމުން މުޖުތަމައު ސަލާމަތްކުރާން ނޫޅޭކަމަށް ވަންޏާ އެ ފަދަ މުޖުތަމައަކަށް ދިރި ދެމި އޮވެވިދާނެހެއްޔެވެ؟ ޝައްކެއް ނެތެވެ. ނޯވެވޭނެއެވެ. އެހެންވެ، ގުލޭޑިއޭޓަރުންގެ ކުޅި ބަލާން ނުތިބެ، ގުލޭޑިއޭޓަރުންގެ ކުޅިތައް ހުއްޓުމަކަށް ގެންނާން މަސައްކަތްކުރާ ބަޔަކަށް މުޖުތަމައުގެ އެންމެ ވެސް ވާންޖެހެއެވެ.

ކޮމެންޓު