އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
31 މޭ 2025
ކޮންމެ އަޞްލަކުން ކޮންމެ ދިމާއަކުން އައި ލަފުޒެއް ނަމަވެސް ދިވެހިބަހުގެ ރަދީފަށް ވަނީމާ އެ ލަފުޒު ދިވެހިބަހުގެ ލަފުޒެއްކަމަށް ބަލާންޖެހޭނެކަމަށް އަޅުގަނޑު ދެކެމެވެ. އެހެންކަމުން ދިވެހިބަހުގެ ރަދީފަށް ވައްދާ ކޮންމެ ލަފުޒެއް ވައްދާންޖެހޭނީ ދިވެހިބަހުގެ ހަމަތަކާއި ބަހުގެ ސަގާފަތާ އެއް ގޮތަށްކަމަށް އަޅުގަނޑު ގަބޫލުކުރަމެވެ. އެހެން ބަސްބަހުގައި ވެސް މި ކަން އޮންނަނީ އަދި އޮންނާންޖެހޭނީ ވެސް މި ހެން މި އުސޫލުންކަމަށް އަޅުގަނޑު ގަބޫލުކުރަމެވެ. މި އުޞޫލުން ބަލާއިރު، ދިވެހިބަހުގައި ސުކުންކުރެވޭ ހަމަތައްކަމަށް ގަބޫލުކުރާ، އާންމު ހަމަތަކާ ޚިލާފަށް ހުންނަ ވަރަށް ގިނަ ލަފުޒުތައް ދިވެހިބަހުގެ ރަދީފުން އެބަ ފެނެއެވެ.
ދިވެހިބަހުގެ އިހުގެ ގިނަ އުސްތާޒުންނާއި އަދީބުން އަދި މިހާރު ހުރި ދިވެހިބަހުގެ ގަވާއިދު ފޮތްތައް ވެސް ގަބޫލުފުޅުކުރައްވަނީ ދިވެހިބަހުން ލިޔެކިޔުމުގައި ސުކުންކުރެވޭނީ [އާސީނުތަށި] މި ފަސް އަކުރުގައި ކަމަށެވެ. އަދި އެއްވެސް ލަފުޒެއް ސުކުނަކުން ނުފެށޭނެކަމަށެވެ. ތާނައިން ލިޔެފައި ހުންނަ ބައެއް ލިޔުންތަކުގައި އެ ނޫން އަކުރުތަކުގައި ސުކުން ކުރެވިފައި ހުންނަނީ ބޭރު ބަސްބަހުން އައިސް ދިވެހިބަހަށް ވަދެ އަދި މުޅީން ދިވެހިވެފައި ނުހުންނަ ލަފުޒުތައްކަމުގައި ވެސް ބައެއް ބޭފުޅުން ގަބޫލުފުޅުކުރައްވައެވެ. ނަމަވެސް މީމު ސުކުނާއި ލާލު ސުކުން އެކުލެވޭ ލަފުޒުތައް ދިވެހި ލިޔުންތަކުގައި އިސްތިއުމާލުކުރުމުގެ އިތުރަށް މި ފަދަ ބައެއް ލަފުޒުތައް ދިވެހިބަހުގެ ރަދީފުގައި ހުންނަތާ އެތައް ޒަމާނެއް ވެއްޖެއެވެ. އެ ލަފުޒުތައް އެ ވިދާޅުވާ ގޮތަށް އަދިވެސް [ދިވެހިނުވަނީ]ތޯއެވެ!
މިސާލަކަށް: ތަމްރީނުހޯދުން، ތަމްރީނުކުރުން، ތަމްރީނުދިނުން، ތަމްރީނުލިބުން، ތަމްސީލު، ޖުމްހޫރިއްޔާ، ޖުމްހޫރީވެރިކަން، ޖުމްހޫރީމޭވާ، ޖުމްހޫރީދުވަސް، ޙަމްދު، ތަމްސީލުކުރުން، ތަމްސީލުދެއްކުން، ޙަލްޤާ، ޢިލްމު، ޖަލްސާ، މަލްކޯޑި، ބުލްބުލް، ފިލްމު، އުލްފަތު، މަލްމަލް ފަދަ ކިތަންމެ ލަފުޒެއް ރަދީފުގައި އެބަހުށްޓެވެ. އަދި މި ނޫނަސް (ކިޔާއިރު ވެސް ސުކުން ނުކޮށް ދިވެހީން ކިޔާ) ބައެއް އަކުރުގައި ވެސް ސުކުންކޮށްގެން ރަދީފުގައި ހިމެނިފައި އެބަހުށްޓެވެ. މިސާލަކަށް: އިޤްރާރު، ޢިޝްޤް ފަދަ ލަފުޒުތައް ވެސް ރަދީފުގައި ހިމެނިފައި އެބަހުށްޓެވެ. ސީނަކީ ސުކުންކުރެވޭ އަކުރެއްކަމަށް ވާތީ އެ އަކުރުގައި ނުކުތާ ޖަހައިގެން އުފައްދައިފައި ހުންނަ އަކުރުތަކުގައި ވެސް ސުކުންކުރެވެނީކަމަށް ބުނެވިދާނެއެވެ. ނަމަވެސް ޤ ގައި ސުކުންކުރާން ޖެހޭ މަޤުބޫލު ސަބަބެއް ނެތުމާއެކު އެފަދަ އަކުރުތަކުގައި ސުކުންކޮށްގެން ރަދީފަށް ވައްދައިފައި ހުންނަ ލަފުޒުތަކުގައި އުބުފިލި ޖަހާންޖެހޭނެކަމަށް ނިންމިދާނެއެވެ. އެހެންނަމަވެސް ލާމާއި މީމުގައި ސުކުންކޮށްފައި ހުންނަ ލަފުޒުތައް އާންމުކޮށް ވަރަށް ގިނައިން ހުންނަ އިރު، އެ ހުރިހައި ސުކުނަކީ ވެސް އުބުފިއްޔަށް ބަދަލުކުރާންޖެހޭ އަދި ބަދަލުކުރެވިދާނެ ސުކުންތަކެއްތޯ ސުވާލު އުފެދެއެވެ.
އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި އިލްމު، ބުލްބުލް، ގުލްޝަން، ދިލްބަހާރު، މަލްމަލްފޮތި ފަދަ ލަފުޒުތަކަކީ ލާމުގައި ސުކުންކޮށްގެން އެތައް ޒަމާނެއް ވަންދެން އާންމުކޮށް ބޭނުންކުރާ ލަފުޒުތައްކަމަށް ވެފައި މި ފަދަ ލަފުޒުތައް ރަދީފުގައި ވެސް ހުރުމާ އެކު މިހާރު އެއީ ދިވެހި ލަފުޒުތައްކަމަށް ގަބޫލުކުރާންޖެހެއެވެ. އެހެންކަމުން ލާމަކީ ދިވެހިބަހުގައި ސުކުންކުރެވޭ އަކުރެއްކަމަށް ގަބޫލުނުކޮށް ފަރުޖެއްސޭން އެބަ އޮތްތޯއެވެ؟
ހަމަ މި ފަދައިން ތަމްރީނު، ހަމްދު، ޖުމްހޫރީ، ރަމްޒު ފަދަ ލަފުޒުތަކަކީ އެންމެންނަށް ވެސް އެނގޭ، އާންމު އިސްތިއުމާލުގައި ބޭނުންކުރާ އަދި މީމު ސުކުނާ އެކު ދިވެހިބަހުގެ ރަދީފުގައި ހުރި ލަފުޒުތަކެކެވެ. ވީމާ، މީމަކީ ވެސް ސުކުންކުރެވޭ އަކުރެއްކަމަށް ގަބޫލުނުކޮށް ތިބެވޭނެތޯއެވެ؟
އަޅުގަނޑު ވެސް ގަބޫލުކުރަމެވެ. ބޭރު ލަފުޒުތައް ތާނައިން ލިޔާ އިރު، ޏަވިޔަންޏާއި ޔާ ފިޔަވައި އެހެން ހުރިހައި އަކުރެއްގައި ސުކުންކުރެވެއެވެ. ނަމަވެސް ބޭރު ބަސްބަހުގައި އަލިފު ނުވަތަ ހަމަޒާއާއި ތާގެ އަޑު އިއްވާ ގޮތަށް ހުންނަ ލަފުޒުތައް ލިޔާ އިރު އެ ދެ އަކުރުގައި ސުކުނެއް ނުކުރެވޭނެއެވެ. ސަބަބަކީ އެއީ އަކުރުގެ އަޑު ނީވޭ ދެ ސުކުންކަމަށް ވީމާ، އެ ދެ އަކުރުގައި ސުކުންކުރުމުން ދިވެހިބަހުގައި ކިޔާ ގޮތް ތަފާތުވާތީއެވެ. މި ޙާލަތުގައި އެ ދެ އަކުރުގައި ޖެހޭނީ އުބުބިލިޖަހާށެވެ. މިސާލަކަށް، މައުޛޫނު، ނޯތު ފަދަ ލަފުޒުތަކުގެ އަޑު އިއްވުމަށް ޓަކައި ސުކުންކޮށްގެން އަކުރުގެ އަޑެއް (ދިވެހިބަހުގައި) ފާޅެއް ނުވާނެއެވެ. ދެން ހުރި އެހެން ލަފުޒުތައް ދިވެހިކުރާނަމަ، އުބުފިލިޖެހިދާނެއެވެ.
ނަމަވެސް މީމާއި ލާމު ތަފާތެވެ. މި ދެ އަކުރުގައި ސުކުންކޮށްފައި ހުރި [ދިވެހި] ލަފުޒުތައް އާންމު އިސްތިޢުމާލުގައި ބޭޏުނކޮށް އުޅެނީ ވަރަށް ގިނައިންނެވެ. އަދި މި ފަދަ ލަފުޒުތައް މީމު ސުކުނާ އެކު، އެހެރީ ދިވެހިބަހުގެ ރަދީފުން ޖާގަ ހޯދައިފައެވެ. އެހެންވީމާ، ދިވެހިބަހުގައި ސުކުންކުރެވޭ، [އާ ސީނުތަށި] މި ފަސް އަކުރު ނުވަތަ [އަލަނާސި ތޮށި] މި ހަ އަކުރުގެ އިތުރަށް މީމުގައި ވެސް ގަވާއިދު ސުކުންކޮށްގެން އާންމު އިސްތިއުމާލުގައި ބޭނުންކޮށް ރަދީފުކުރެވިފައިވާތީ، މިހާރު ދިވެހިބަހުގައި ސުކުންކުރެވޭ އަކުރުތަކަކީ [މި އަލަނާސި ތޮށި] ނުވަތަ [ނާސްތާ މިއަށް ލާ] މި ހަތް އަކުރުކަމަށް ރަސްމީ ގޮތުން ގަބޫލުކުރާކަށް ނުވޭތޯއެވެ!
އެހެން އެ ކަން ނުކުރެވޭނަމަ، ދިވެހިބަހުގައި ސުކުން ނުކުރެވޭ އަކުރުތަކުގައި ސުކުންކޮށްފައި ހުންނަ ލަފުޒުތައް ރަދީފުގައި ހުންނަނީ ކީއްވެތޯއާއި ދިވެހި ބަހުގެ ލަފުޒުތަކަށް ނުވާ ލަފުޒުތަކެއް ދިވެހިބަހުގެ ރަދީފުގައި ހުންނަނީތޯ ދަރިވަރުން ސުވާލު އުފައްދަނީއެވެ. އަޅުގަނޑު މި ވާހަކަ މި ލިޔެލީ މިހެންވެގެންނެވެ. ކަމާ ބެހޭ ބޭފުޅުން މި ކަމާ މެދު ވިސްނައިވަޑައިގެން ކޮންމެވެސް ނިންމެވުމެއް ރަސްމީ ގޮތުން ނިންމަވައިދެއްވާނެކަމުގެ އުންމީދުގައެވެ.