ޢާއިޝަތު ހަމީޒު
21 އޭޕްރިލް 2025
ކުރިއަށް އޮތް ދުވަސްތަކުގައި، ދުނިޔޭގެ އެއަރުޕޯޓުތަކުގައި ޗެކް-އިންކުރުމުގެ ބޭނުމެއް، އަދި ބޯޓަށްއަރާ ފާހުގެ ބޭނުމެއް ނޯންނާނެއެވެ. މޫނު ދެނެގަތުމާއި، ކާކުކަން އަންގައިދޭ ސުމޭކު ކާޑު ބޭނުންކޮށްގެން މަތީންދާބޯޓަށް އެރޭނެއެވެ. މިއީ ފަސިންޖަރުންގެ ފަސޭހައަށް ޓަކައި ގެނެވޭ ވަރަށް ބޮޑު ބަދަލެކެވެ. ކުރިއަށް އޮތް ދެތިން އަހަރެއްގެ ތެރޭގައި، އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އިކާއޯ)ގެ ފަރާތުން މި އުސޫލު ތަންފީޒުކުރާނެއެވެ.
ބައިނަލް އަޤްވާމީ އެއަރޕޯޓު ގަވާއިދުތަކަށް ބަދަލު:
ކުރިއަށް އޮތް ދުވަސްތަކުގައި، ވަރަށް އަވަހަށް، ތިޔަ ބޭފުޅުންގެ ވައިގެ ދަތުރުފަތުރުގެ ތަޖުރިބާ ބަދަލުވެދާނެއެވެ. ޙަޤީޤަތުގައި، އެއަރޕޯޓުގައި ޗެކް-އިންކުރުމުގެ ނުވަތަ މަތީންދާބޯޓަށް އަރާ ފާސް ދެއްކުމުގެ ބޭނުމެއް އޭރަކުން ނުޖެހޭނެއެވެ. އޭރުން ހަމައެކަނި މޫނު ދައްކައިލައި، ކާކުކަން އަންގައިދޭ ސުމޭކު ކާޑު، ފޯނުން ދައްކައިލައިގެން ބޯޓަށް އެރޭނެއެވެ. މިއީ ވޭތުވެދިޔަ 50 އަހަރުގެ ތެރޭގައި ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ގެނެވޭ އެންމެ ބޮޑު ކުރިއެރުންކަމުގައި ބެލެވެއެވެ. އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އިކާއޯ)ގެ ދަށުން ދުނިޔޭގެ ވައިގެ ދަތުރުފަތުރާ ބެހޭ ޞިނޢާތްތަކުން މުޅީން އައު ނިޒާމެއް އުފައްދަމުން އެބަ ގެދެއެވެ. މިއަށް ކިޔަނީ 'ޑިޖިޓަލް ޓްރެވަލް ކްރެޑެންޝަލް' (ދަތުރުކުރާމީހާގެ ހަގީގަތް ދެނެގަންނަ ސުމޭކު ނިޒާމު)އެވެ. މި ނިޒާމު ބޭނުންކޮށްގެން މުޅި އިޖުރާތު ފުރިހަމަކުރާނީ މޫނު އިސްކޭނުކޮށްގެން (މޫނު ދެނެގަނެގެން) ސުމާޓުފޯނުގެ އެހީގައެވެ.
އިނގިރޭސިވިލާތުގެ ވައިގެ ދަތުރުފަތުރާ ބެހޭ ދާއިރާގެ ބައިނަލްއަގުވާމީ މާހިރުން ބުނާ ގޮތުގައި، މި އައު ފަންނިއްޔާތު، ފުޅާ ދާއިރާއެއްގައި ބޭނުންކުރާން ފަށައިފި ނަމަ، މި ބަދަލުތައް ތަންފީޒުކުރެވޭނީ ކުރިއަށް އޮތް ދެތިން އަހަރެއްގެ ތެރޭގައެވެ. 'ދަ ޓައިމްސް'އިން ބުނާ ގޮތުގައި، މި ކުރިއެރުމާ އެކު، ފަސިންޖަރުން ބޯޓަށް އެރުމުގެ ކުރީން ޗެކް-އިންކުރުމާއި ބޯޓަށް އަރާ ފާސް ގެންގުޅުމުގެ ބޭނުމެއް ނުޖެހޭނެއެވެ. އޭގެ ބަދަލުގައި، ފަސިންޖަރުން ދަތުރުގެ ޓިކެޓު ގަތުމުން އެމީހުންގެ ފޯނަށް 'ދަތުރު ފާސް' (ޖާރނީ ޕާސް)އެއް ލިބޭނެއެވެ. މި ފާހުގައި ޕާސްޕޯޓުގެ މަޢުލޫމާތާއި، އިށީންނާނެ ތަން ހަމަޖެހިފައިވާ ގޮތް (ގޮނޑީ ނަންބަރު) ފަދަ އެންމެހައި މަޢުލޫމާތު ހިމެނޭނެއެވެ.
ވައިގެ ދަތުރުފަތުރުގެ ސިނާއަތަށް އައި އެންމެ ބޮޑު ބަދަލު:
ދުނިޔޭގެ އެންމެ ބޮޑު ދަތުރުފަތުރުގެ ފަންނިއްޔާތު ފޯރުކޮށްދޭ ކުންފުނި އަމާޑިއަސްގެ ޕްރޮޑަކްޓް މެނޭޖްމަންޓް ޑިރެކްޓަރ ވެލެރީ ވިއާލް، 'ދަ ޓައިމްސް'އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެފައިވަނީ މިއީ ވޭތުވެދިޔަ 50 އަހަރުގެ ތެރޭގައި ވައިގެ ދަތުރުފަތުރުގެ ސިނާއަތަށް އަންނާނެ އެންމެ ބޮޑު ބަދަލުކަމުގައެވެ.
މި ބަދަލުގެ ސަބަބުން ފަސިންޖަރުންނަށް ކުރާނީ ކޮން އަސަރެއް؟
މި ނިޒާމު ފުރިހަމައަށް ތަންފީޒުކުރެވިއްޖެ ނަމަ، ބޯޓަށް އަރާ ފާހާއި ޕާސްޕޯޓް ޗެކުކުރުމާއި ގިނަ ތަންތަނުގައި ފަސިންޖަރަކީ ކާކުކަން ކަށަވަރުކުރާންޖެހޭ ޖެހުން ނިމުމަކަށް އަންނާނެއެވެ. މުހިންމު ތަންތަނުގައި ހުންނަ މޫނު ދެނެގަންނަ އިސްކޭނަރުތަކުން ފަސިންޖަރުން ދެނެގަނެ، އެ މީހުން އައިސްފައިވާކަން އެއަރލައިންތަކަށް އަންގާނެއެވެ. ހަމައެކަނި އަތްދަބަސް ހިފައިގެން ދާ މީހުންނަށް، ސަލާމަތީ ދޮރުތަކުން މޫނު އިސްކޭންކުރުމުން މާއްދީ ގޮތުން، އިތުރަށް ޗެކުކުރާކަށް ބޭނުމެއް ނުވާނެއެވެ. އަތްދަބަހުގެ އިތުރަށް އެހެން ފޮށިތަންމަތި ހުންނަ މީހުންނަށް، ފޮށިތަންމަތި ބަހައްޓާ ތަން (ބޭގް ޑްރޮޕް)ގައި މަޢުލޫމާތު ކަށަވަރުކުރާނެއެވެ. (ވެރިފިކޭޝަން ހަދާނެއެވެ.) މި ދެ ހާލަތުގައި ވެސް، ޕާސްޕޯޓު ނުވަތަ ބޯޓަށް އަރާ ފާސް ދައްކާކަށް ފަސިންޖަރުންނަކަށް ނުޖެހޭނެއެވެ.
މިހާރުގެ އިޖުރާތު ވަރަށް އުނދަގޫ:
މިހާރު، އޮންލައިންކޮށް ނުވަތަ އެއަރުޕޯޓުން މާއްދީ ގޮތުން ނަމަ ވެސް، ފަސިންޖަރުން ޗެކް-އިންކުރާން ޖެހޭނެއެވެ. ޕާސްޕޯޓުގެ މަޢުލޫމާތު ދޭންޖެހެއެވެ. އަދި އިސްކޭނުކުރެވެއެވެ. ބޯޓަށް އެރެނީ ފާހެއް ދައްކައިގެންކަމަށް ވާތީ ބޯޓަށް އަރާ ފާހެއް ހޯދާން ޖެހެއެވެ. މި އިޖުރާތާއި މި ރަސްމީ ކަންތައްގަނޑު، މި އަންނަ ބަދަލަށް ފަހު މުޅީން ނެތިގެންދާނެއެވެ. މި ކަމުގެ ސަބަބުން ދަތުރުފަތުރުކުރާ މީހުންނަށް ވަރަށް ބޮޑު ލުއިފަސޭހަތަކެއް ލިބޭނެއެވެ. ސަބަބަކީ މިއީ، ކުޑަކުދީން ގޮވައިގެން ނުވަތަ ދޮށީ އުމުރުގެ މީހުން ގޮވައިގެން ބައިނަލްއަގުވާމީ ދަތުރުފަތުރުކުރާ މީހުންނަށް މި ކަމުގެ ސަބަބުން ލިބޭ ވަރަށް ބޮޑު ލުއިފަސޭހައެއްކަމުގައި މި ބަދަލު ވާނެތީއެވެ. ގިނަ ވަގުތު ކިޔޫގައި ހޭދަކުރާން ނުޖެހުމަކީ ވެސް ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ފަސޭހައެއްކަމަށް ވާނެކަން ކަށަވަރެވެ.
އިންތިޒާރުކޮށްލައްވާށެވެ! ދެތިން އަހަރަށް ކެތްކޮށްލައްވާށެވެ! އޭގެ ފަހުން ދެން މަތީންދާބޯޓަށް އަރާކަށް، މަތީންދާބޯޓަށް އަރާ ފާހެއް (ބޯޑިންގ ޕާސް) ބޭނުމެއް ނުވާނެއެވެ.
ބައެއް ލަފުޒުގެ މާނަ:
ނިޒާމު ނ. (1) ރޭވިފައިވާ ގޮތް. (2) ތަރުތީބު. (3) އިންތިޒާމު.
އިޖުރާތު ނ. ކަމެއް ކުރުމަށް ޓަކައި ޒަމާނުއްސުރެ ކަނޑައެޅިފައިވާ ނުވަތަ ރަސްމީކޮށް ކަނޑައަޅައިފައިވާ ގޮތް.
މާއްދީ ނއ. (1) ލޮލަށް ފެންނަ ނުވަތަ އަތުން ހިފޭ ގޮތް ހުންނަ. (2) ރޫޙާނީ ގޮތުގެ އިދިކޮޅު ގޮތް ހުރި.
ފަންނިއްޔާތު ނ. (1) ސައިންސާއި ފަންނާއި ސިނާއަތު ފަދަ ރޮނގުރޮނގުން އިންސާނީ މުޖުތަމައަކަށް ލިބިގެންވާ ހުނަރާއި އިލްމު. (2) ސައިންސާއި ފަންނާއި ސިނާއަތު ފަދަ ރޮނގުރޮނގުން އަމަލީ ބޭނުންތަކަށް އުފައްދާ އާލަތްތައް.
ސުމޭކު ނއ. (1) ކަށްޓެއް ނުވަތަ ތީރަކުން މިންވަރު ދައްކައިދިނުމުގެ ބަދަލުގައި ހިސާބު އަދަދުން މިންވަރު އަންގައިދޭ. (2) ހިސާބުކުރުމާ ގުޅުން ހުރި. (3) ހިސާބު ޢަދަދު ބޭނުންކޮށްގެން މަޢުލޫމާތު ރައްކާކޮށް ބޭނުންކުރާ. (4) އެކަކާއި ސުމެއް ނުވަތަ ހިސާބު ޢަދަދުގެ ގުނައަކުން ކަމަކާ ގުޅޭ ހުރިހާ މަޢުލޫމާތެއް ރައްކާކުރާ. (5) ކޮންޕިއުޓަރު މެދުވެރިކޮށް މަޢުލޫމާތަށް ބަދަލުގެނެވޭ. (5) ކޮންޕިއުޓަރާ ނުވަތަ ކޮންޕިއުޓަރާ ފަންނިއްޔާތާ ގުޅުން ހުރި.
ސިނާއަތު ނ. (1) ރޯ މާއްދާ ނުވަތަ ގުދުރަތީ ވަސީލަތް ބޭނުންކޮށްގެން ވިޔަފާރި އުސޫލުން ތަކެތި އުފެއްދުމުގެ ނުވަތަ ޚިދުމަތެއް ދިނުމުގެ މަސައްކަތް. (2) ޞިނާޢާތު