ad_banner
ތިމާވެށީގެ ދުވަހާއި ހައްޖު ދުވަހު، ޕްލާސްޓިކުން ސަލާމަތްވެފައިވާ ކުރިމަގެއްގައި މަގުސަދީ ފަތުރުވެރިކަމަކަށް ދިވެހިރާއްޖެ ގޮވައިލައެވެ.

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

4 ޖޫން 2025

ތިމާވެށީގެ ދުވަހުގެ ވެބިނާރުގައި ބައިވެރިވެވަޑައިގަންނަވާ ޕެނަލިސްޓުންނާއި މޮޑަރޭޓަރ

މި އަހަރުގެ ޖޫންމަހުގެ 05ވަނަ ދުވަސް އިސްލާމީ އުންމަތުން ފާހަގަކުރަނީ ހަމައެކަނި ތިމާވެށީގެ ދުވަހުގެ ގޮތުގައެއް ނޫނެވެ. މީގެ އިތުރަށް މި އަހަރު މި ދުވަހާ މި ދިމާވަނީ ބަރަކާތްތެރި ޙައްޖު ދުވަހާ ވެސްމެއެވެ. އެހެންކަމުން ބައިނަލްއަގުވާމީ އަދި ރޫޙީ ވިލުންތެރިކަމެއް މި ކަމުންދޭހަވެއެވެ.

ދުނިޔޭގެ ކަންކޮޅުތަކުގައި މާދަމާ (ޙައްޖު ދުވަސް) މުސްލިމުން ފާހަގަކުރަނީ އިންސާނިއްޔަތުކަމާއި ޤުރުބާނީގެ ދުވަހެއްގެ ގޮތުގައެވެ. އަދި ނަފުސުގައިވާ ނުތާހިރުކަން ފިލުވައިލައި ނަފުސު މުޅީން އާކޮށްލުމުގެ ދުވަހެއްގެ ގޮތުގައެވެ. މިއީ މާއްދިއްޔަތުގެ އަޅުވެތިކަމުން ނޫރުގެ އަޅުވެތިކަމަށް ފުރިހަމައަށް ނަފުސު ބަދަލުކޮށްލާ ދުވަހެކެވެ.

ތިމާވެށީގެ ދުވަސް ޙައްޖު ދުވަހާ ދިމާވުމަކީ ގިނަގިނައިން ދިމާވާ ގޮތެއް ނޫނެވެ. އެހެންކަމުން މި މުހިންމު ދެ މުނާސަބާތާ ދިމާކޮށް ދިވެހިރާއްޖެއިން މި އިއްވަނީ މި ދެ މުނާސަބަތާ ގުޅުވައިގެން މީގެ އޮއްޓަރުގެ އަޑެވެ. އަޅުގަނޑުމެންގެ ކިބައިގައި އެޅިފައި އޮތް މުހިންމު މަސްއޫލިއްޔަތާއި އޯގާވެރިކަމާ އެކު، ޙަޔާތުގެ ހަގީގީ މަގުސަދު ޙާސިލުކުރުމަށް ޓަކައި އަޅުގަނޑުމެން މި ދިރިއުޅޭ މި ބިމާމެދު އަޅުގަނޑުމެން ވިސްނުމަށެވެ.

ތިމާވެށްޓަށް އިސްލާމް ދީނުގައި ވެސް ދެއްވައިފައިވަނީ ވަރަށް މަތީ އަހަންމިއްޔަތެކެވެ. އިސްލާމް ދީނުގެ ނަބިއްޔާ މުޙަންމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ރަސޫލުކަމާއިގެން ފޮނުއްވީ އެންމެހައި ޢާލަމްތަކަށް ރަޙުމަތެއްކަމުގައެވެ. އޯގާވެރިކަމާއި އޯގާތެރިކަން ޢާންމުކުރެއްވުމަށް ޓަކައެވެ. ހަމަ އެކަނި އިންސާނުންނަކަށް ނޫނެވެ. ޖިންނީންނަކަށް ވެސް ނޫނެވެ. ޖަނަވާރާއި ގަސްގަހާގެއްސާއި އެންމެހައި ދިރޭ ތަކެތި ހިމެނޭ ގޮތުން މުޅި ޢާލަމްތަކަށެވެ. އެހެންވީ އިރު ތިމާވެއްޓަށް މިއަށް ވުރެ ބޮދު ސަމާލުކަމެއް ދެވޭނެތޯއެވެ! ކައު ރައސޫލާއާ މުޚާޠަބުކުރައްވައި މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. }وَمَا أَرْسَلْنَاكَ إِلَّا رَحْمَةً لِّلْعَالَمِينَ{ (سورة الأنبياء:107) ("އަދި عالمތަކަށް رحمةއެއްކަމުގައި މެނުވީ، ތިމަންރަސްކަލާނގެ، ކަލޭގެފާނު ނުފޮނުއްވަމެވެ.")

އަނަސް (ރަޟިޔަﷲޢަންހު)ގެ އަރިހުން ރިވާވެފައިވާ ޙަދީސެއްގައިވާ ގޮތުން އެއްވެސް ދިރޭ އެއްޗަކަށް ތީރުޖެހުމާއި މެރުން (ނުވަނަ އަނިޔާކުރުން) ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ވަނީ މަނާކުރައްވައިފައެވެ. ("نهى النبي صلى الله عليه وسلم عن ضرب الحيوان أو جعل الحيوان هدفا") (ރަވާހު: ބުޚާރީ ވަ މުސްލިމް)

އެއްވެސް ހަނގުރާމައެއްގައި ވެސް ދިރޭ ތަކެއްޗާއި ގަސްގަހާގެއްސަށް ގެއްލުން ނުދިނުމަށް ކައު ރަސޫލާ ވަނީ ގަދަ އަމުރުފުޅުން އަމުރުކުރައްވައިފައެވެ. ކުރުކޮށް ދަންނަވާ ނަމަ، ތިމާވެށީގެ އެއްވެސް ޢުންޞުރަކަށް ގެއްލުންދިނުމަކީ އިސްލާމް ދީން ނަހީކުރާ ކަމެކެވެ.

މި ކަމާ ގުޅޭ ވަރަށް ގިނަ ނައްޞުތައް ޤުރުއާނާއި ސުންނަތުން ފެންނާން އެބަ ހުއްޓެވެ. ނަމަވެސް އެ ހުރިހައި ނައްޞުތައް މި ފަދަ ކުރު މަގާލެއްގައި ނަކަލުކުރުމަކީ ޖާއިޒުކަމަކަށް ނުވާނެއެވެ.

އަޅުގަނޑު މި ވާހަކަ މި ދަންނަވައިލީ ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ގައުމަކަށް ވާތީ، ދިވެހީން ތިމާވެއްޓަށް ދޭންޖެހޭ އަހަންމިއްޔަތު ބޮޑުކަން ފާހަގަކޮށްލުމަށް ޓަކައެވެ.

މާދަމާއަކީ ބަރަކާތްތެރި ޙައްޖު ދުވަހުގެ އިތުރަށް މާދަމާއަކީ ދުނިޔޭގެ ތިމާވެށީގެ ދުވަހެވެ. މި ދުވަހުގެ މުނާސަބާގައި ރައްޔިތުން ތިމާވެއްޓަށް ހޭލުންތެރިކުރުމަށް ކުރެވެނީ ކޮން ކަމެއްތޯ ވިސްނައިލާން އެބަ ޖެހެއެވެ. އިސްލާމް ދީނުގައި ތިމާވެއްޓަށް ދީފައިވާ އަހަންމިއްޔަތުގެ އިތުރަށް ދިވެހިރާއްޖެއަކީ ޖޯގުރަފީ ގޮތުން ރާއްޖެ އުފެދިފައި އޮތް ނާޒުކުކަމުން ތިމާވެށްޓަށް ވަރަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހިފައިވާ ގައުމެކެވެ. އަޅުގަނޑުމެންގެ ދިރިތިބުން ބިނާވެފައިވަނީ ތިމާވެށީގެ މައްޗަށެވެ. ރާއްޖޭގެ މައިގަނޑު ދެ ޞިނާޢާތްކަމަށްވާ ފަތުރުވެރިކަމާއި މަސްވެރިކަން ބިނާވެފައިވަނީ ތިމާވެށީގެ ރައްކާތެރިކަމުގެ މައްޗަށެވެ. އަދި މަސްވެރިކަންކުރުމަށް ޓަކައި ބޭނުންވާ އެންވެރިކަމާއި، ދިވެހީންގެ ކެއުމަށް ބޭނުންވާ ދަނޑުވެރިކަމަކީ ވެސް ތިމާވެށްޓަށް ލިބޭ ކޮންމެ ގެއްލުމަކުން ނޭދެވޭ އަސަރު ފޯރާނެ ކަންކަމެވެ. އެހެންކަމުން ތިމާވެއްޓާ މެދު މީހުން ހޭލުންތެރިކަން އެބަ އިތުރުކުރާންޖެހެއެވެ.

މި ކަމުގެ މުހިންމުކަން ވަޒަންކުރައްވައި ތިމާވެއްޓާ ބެހޭ ބައިނަލްއަގުވާމީ ވެބިނާރެއް މާދަމާ ބާއްވާން "ފަރަގު އެކެޑެމީ"އާއި "އާރު.އެޗް. ކޮންސަލްޓިންގ"އާއި "ކްރިއޭޓިވް އެންޑް ޕީއާރު އެސޯސިއޭޓްސް"އާއި "ކްރިއޭޓިވް ޓެކްލެބްސް" މާދަމާ 10:00ގައި ބާއްވާކަމީ އެ މުއައްސަސާތަކަށް ތަޢުރީފު ޙައްޤު ކަމެކެވެ. މި ވެބިނާރުގައި ދުނިޔެއާއި ރާއްޖޭގެ މަޝްހޫރު ޝަޚުޞިއްޔަތުތައް ބައިވެރިވެވަޑައިގެން މަޢުލޫމާތުދެއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި އިންގިރޭސި ވިލާތުގެ މަޝްހޫރު މުޞައްނިފު (ބެސްޓް ސެލިންގ އޯތަރ) އަދި ދުނިޔޭގެ މަޝްހޫރު އެމްޕަތީ އެޑްވޮކޭޓް މީމީ ނިކުލިން ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރަށް ޕިކް މޯލްޑިވްސްގެ ފައުންޑަރ އަދި އިކޮނޮމިސްޓް ރިޢާޔަތު ޢަބްދުލްމަޖީދާއި، "ކްލީންމޯލްޑިވްސް"ގެ ފައުންޑަރ އަދި ރައީސް ޙަފުސަތު ޢަލީމާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒްމް ސްޓަޑީޒްގެ ދާރިސް ހަޝްމާ ޢަދުނާނު ވެސް ޕެނަލިސްޓުންގެ ތެރޭގައި ހިމެނިވޑައިގަންނަވައެވެ. މޮޑަރޭޓަރެއްގެ ގޮތުން އިންނަވަނީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް އެމްޗެސްޓަރގެ ދަރިވަރު މުޙަންމަދު އައިކު ޢަލީއެވެ.

ތިމާވެށީގެ ދުވަހު 10:00ގައި ބާއްވާ މި ވެބިނާރުގެ މައިގަނޑު ޝިޢާރަކީ [ފްރޮމް ޕްލާސްޓިކް ޓު ޕަރޕޮސް: އެމްޕަތީ ޑްރިވަން ޓޫރިޒްމް ފޮރ އަ ސަސްޓެއިނެބްލް މޯލްޑިވްސް]އެވެ. މި މައިގަނޑު ޝިޢާރުގެ ދަށުން ޕެނަލިސްޓުން މަޝްވަރާކުރައްވާން ހަމަޖެހިފައިވާ މައި ޝިޢާރުތަކަކީ:

§               ޕްލާސްޓިކާ ނުލައި  ފަތުރުވެރިކަން (Plastic-free Tourism)

§               ދެމެހެއްޓެނިވި ތަރައްގީ (Sustainable Development)

§               ޢަމަލުން އަންދަރުދީ (nEmpathy in Actio)

§               ދައުރުވާ އިގުތިސާދު (Circular Economy) މި ޝިޢާރުތަކެވެ.

މި ޙަރަކާތް އިންތިޒާމުކުރީ ފަރަގު އެކެޑެމިކް ސަރވިސަސްއާއި، ފަރަގު އެކެޑެމީގެ ފަރާތުންކަމަށް ވިޔަސް އިވެންޓު ރޭވުމުގައި ޙަރަކާތްތެރިވީ ކްރިއޭޓިވް އެންޑް ޕީއާރ ކޮންސަލްޓެންޓްސްއާ ގުޅިގެން އާރ.އެޗް ކޮންސަލްޓިންގެ ފަރާތުންނެވެ.

މި ވެބިނާރަކީ ހަމަ ކޮންމެ ރައްޔިތަކަށް ވެސް ހިލޭ ބައިވެރިވެވޭ ގޮތަށް ހުޅުވައިލެވިފައިވާ ވެބިނާރެކެވެ. ފަރަގު އެކެޑަމީގެ ފަރާތުން މި ވެބިނާރު އިންތިޒާމުކުރައްވައިފައިވަނީ އިޖުތިމާޢީ ޒިންމާގެ ދަށުން ހިލޭސާބަހަށެވެ. އެހެންކަމުން މާދަމާ 10:00އިން 12:00އަށް ބާއްވާ މި މުހިންމު އަދި ޢިލްމީ ވެބިނާރުގައި ބައިވެރިވެވަޑައިގަތުމަށް ތިޔަ ހުރިހާ ބޭފުޅުންނަށް ދަޢުވަތުއަރުވަމެވެ. ބޭނުންފުޅުވާ ބޭފުޅުން ތިރީގައިވާ ލިންކުން ނުވަތަ ފޮޓޯގައިވާ ކިޔޫއާރުކޯޑު އިސްކޭންކޮށްލައްވައިގެން ވެސް ބައިވެރިވެވަޑައިގެންނެވޭނެއެވެ.

ވެބިނާރަށް ވެދެވަޑައިގަތުމަށް މި ތަނަށް ފިއްތަވައިލައްވާ!

ކޮމެންޓު
ކޮމެންޓުތައް
މަރްޔަމް
5 ޖޫން 2025 16:34
ވަރަށް ގަދަ! ދުނިޔޭގެ މިހާ މަޝްހޫރު ސެލެބްރިޓީއަކާ އެކު މިވަރުގެ ބޮޑު ބައިނަލްއަގުވާމީ ވެބިނާރެއް ބޭއްވީމާ، "ފަރަގު" ބްރޭންޑް މިއީ ހަމަ "ފަރަގު" ހުރި، ގާބިލު ޓީމެއްކަން އެނގިއްޖެ. ޚާއްބަކޮށް ރިޢާޔަތު ފެނުނީމާ ދެން ހުރިހައި ޝައްކުތައް ޔަގީންކަމަކަށް ބަދަލުވެއްޖެ. އުންމީދު ކުރަނީ މި ފަދަ ބައިނަލްއަގުވާމީ މާއްދީ ކޮންފަރެންސެއް ވެސް ބައްވައިދިނުން.
މާލިމީ
4 ޖޫން 2025 23:35
ރަނގަޅު