ad_banner
ޙައްޖު މަހުގެ ދިހަ ދުވަހުގެ މާތްކަމަށް ޝައުޤުވެރިވުން (1)

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

26 މޭ 2025

މި އަހަރުގެ ޙައްޖު އަޅުކަމަށް ޓަކައި ވަނީ ހުރިހައި އިންތިޒާމުތަކެއް ހަމަޖެހިފައެވެ.

ﷲ ތަޢާލާގެ ޙަޟުރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ މައްސަރުތަކަކީ ޙުރްމަތްތެރިވެގެންވާ މައްސަރުތަކެވެ. އެއީ ޛުލްޤަޢިދާމަހާއި ޛުލްޙިއްޖާމަހާއި މުޙައްރަމުމަހާއި ރަޖަބުމަހެވެ.  މާތް ﷲ ވަޙީ ކުރެއްވިއެވެ.  }إِنَّ عِدَّةَ الشُّهُورِ عِنْدَ اللَّهِ اثْنَا عَشَرَ شَهْرًا فِي كِتَابِ اللَّهِ يَوْمَ خَلَقَ السَّمَاوَاتِ وَالْأَرْضَ مِنْهَا أَرْبَعَةٌ حُرُمٌ [1]- ހަމަކަށަވަރުން، އުޑުތަކާއި، ބިން ހެއްދެވި ދުވަހުއްސުރެން، اللَّه ކަނޑައަޅުއްވާފައިވާ ގޮތުގައި (އަހަރެއްގެ) މައްސަރުތަކުގެ عددއަކީ، اللَّهގެ حضرةގައި ބާރަ މަހެވެ. އޭގެ ތެރެއިން، ހަތަރު މަސް، حرمة ތެރި ވެގެންވެއެވެ.{

އެ މައްސަރުތަކުގެ ތެރެއިން އެންމެ ލޮބުވެތިކަން ބޮޑު މައްސަރަކީ ޙައްޖު މަހެވެ. ޙައްޖު މަހުގެ އެންމެ މާތް ދުވަސްތަކަކީ އެ މަހުގެ ފުރަތަމަ ދިހަ ދުވަހެވެ. މި ކަން ބަޔާންކޮށް ދެއްވައި ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. }وَ ٱلْفَجْرِ وَلَيَالٍ عَشْرٍ [2]- ފަތިސް ގަންދެއްވަމެވެ. އަދި ދިހަ ރޭ ގަންދެއްވަމެވެ.{ އިބްނު ޢައްބާސުގެފާނާއި މުޖާހިދު ފަދަ ބޮޑެތި ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މި ދިހަ ރެއަކީ ޙައްޖުމަހުގެ ފުރަތަ ދިހަ ރެއެވެ. ﷲ ސުބްޙާނަހޫ ވަ ތަޢާލާ މި އާޔަތްތަކުގައި މި ހަނދާންކޮށް ދެއްވަނީ އަޅުގަނޑުމެންނަށް ޓަކައި ހުޅުވައިލައިދެއްވައިފައިވާ  ޚައިރާތުގެ މޫސުމެއްގެ މަތިންނެވެ. އެކަލާނގެ އަޅުގަނޑުމެންނަށް މި ގޮވައިލައްވަނީ  މި ދުވަސްތަކުގެ ބޭނުން ރަނގަޅަށް ހިފައި އެކަލާނގެ ޙަޟުރަތަށް  އަލުން އައުމަށެވެ. ރަޙްމާންވަންތަ ރަސްކަލާނގެ އަޅުގަނޑުމެންނަށް ތައްޔާރުކޮށްދެއްވި  ޚައިރާތުގެ މި މޫސުމުން ސަވާބާއި ދަރުމަ ހޯދާން ޢަޒުމުކަނޑައަޅަމާ ހިނގާށެވެ! މާތްﷲ ރުއްސުންލެއްވި ޖާބިރު ބުނު ޢަބްދުﷲގެފާނު އަރިހުން ރިވާވެގެންވެއެވެ. ރަސޫލުاللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ. ((إِنَّ الْعَشْرَ عَشْرُ الْأَضْحَى وَالْوَتْرَ يَوْمُ عَرَفَةَ وَالشَّفْعَ يَوْمُ النَّحْرِ[3] - ހަމަކަށަވަރުން ދިހަ ދުވަހަކީ އަޟުޙާގެ ދިހަ ދުވަހެވެ. ވަތުރަކީ ޢަރަފާތު ދުވަހެވެ. ޝަފްޢަކީ ބޮޑު ޢީދު ދުވަހެވެ.))  މާތް ﷲ އެ ދެބަފައިކަލުންނަށް ރުއްސުން ލެއްވި އިބްނު ޢައްބާސުގެފާނުގެ އަރިހުން ބުޚާރީ ރިވާކުރެއްވިއެވެ. رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - ޙަދީޘްކުރެއްވިއެވެ. ((مَا مِنْ أَيَّامٍ الْعَمَلُ الصَّالِحُ فِيهِنَّ أَحَبُّ إِلَى اللَّهِ مِنْ هَذِهِ الْأَيَّامِ الْعَشْرِ فَقَالُوا يَا رَسُولَ اللَّهِ وَلَا الْجِهَادُ فِي سَبِيلِ اللَّهِ، فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: وَلَا الْجِهَادُ فِي سَبِيلِ اللَّهِ إِلَّا رَجُلٌ خَرَجَ بِنَفْسِهِ وَمَالِهِ فَلَمْ يَرْجِعْ مِنْ ذَلِكَ بِشَيْءٍ[4] މި ދިހަ ދުވަހަށް ވުރެ، ﷲގެ ޙަޟުރަތުގައި ޞާލިޙު ޢަމަލުތައް ކުރުން ލޮބުވެތިކަން ބޮޑު ވެގެންވާ ދުވަސްތަކެއް ނުވެއެވެ.  އެބޭކަލުން ދެންނެވޫއެވެ. އޭ اللَّهގެ ރަސޫލާއެވެ! اللَّهގެ މަގުގައި ޖިހާދު ކުރުމަށް ވުރެ ވެސް ތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. اللَّهގެ މަގުގައި ޖިހާދު ކުރުމަށް ވުރެ ވެސް މެއެވެ. އެކަމަކު މީހަކު އޭނާގެ ނަފްސާއި މުދާ ހިފައިގެން ނުކުމެ އެއިން އެއްވެސް އެއްޗަކާ އެކު  އެބުރި ނައި މީހާ ފިޔަވައެވެ.))

1- ޙައްޖުމަހުގެ ފުރަތަމަ ދިހަދުވަހަކީ ނަފްސު ޠާހިރުކުރުމަށާއި ހިތް އިސްލާޙުކުރުމަށާއި ﷲއާއެކު އައު ޞަފްޙާއެއް ހުޅުވުމަށް އަލޫގަނޑުމެންނަށް ފުރްޞަތު ތަނަވަސްކޮށްދޭ ކަމެކެވެ. ލޮބުވެތި ނަބިއްޔާ e އަޅުގަނޑުމެންނަށް މި ކަމަށް ގޮވައިލައްވައިފައިވެއެވެ.އެކަލޭގެފާނު ޙަދީސްކުރެއްވިއެވެ. ((للَّهُمَّ آتِ نَفْسِي تَقْواها، وَزَكِّها أَنْتَ خَيْرُ مَن زَكّاها، أَنْتَ وَلِيُّها وَمَوْلاها [5]-  ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! މި އަޅާގެ ނަފްސަށް ތަޤްވާވެރިކަން ދެއްވައި އެ ނަފްސު ޠާހިރުކުރައްވާނދޭވެ! އިބަރަސްކަލާނގެއީ އެ ނަފްސު އެންމެ ރިވެތިކޮށް ޠާހިރުކުރައްވާ ފަރާތެވެ. އަދި އިބަރަސްކަލާނގެއީ އެ ނަފްސު ބަލަހައްޓަވައި ރައްކައުތެރިކުރައްވާ ފަރާތެވެ. )) އިންސާނާ އޭނާގެ ނަފްސު ޠާހިރުކޮށްފި ނަމަ އީމާންކަމުގެ ރަހަ ދެކެފިއެވެ.ކިޔަމަންތެރިކަމުގެ ފޮނިކަން ދެކެފިއެވެ.ކައު ރަސޫލާ e ޙަދީސްކުރެއްވިއެވެ. (( ثَلاثٌ مَن فَعَلَهنَّ فقد ذاقَ طَعمَ الإيمانِمَن عَبدَ اللهَ عَزَّ وجَلَّ وحدَه بأنَّه لا إلهَ إلّا هو، وأعطى زَكاةَ مالِه طَيِّبةً بها نَفسُه في كُلِّ عامٍ، وزَكّى نَفسَه، فقال رَجُلٌ: وما تَزكيةُ النَّفسِ؟ فقالأن يَعلمَ أنَّ اللَّهَ عَزَّ وجَلَّ مَعَه حَيثُ كانَ[6] - ތިންކަމެއް ކުރި މީހާއަށް ހަމަކަށަވަރުން އީމަންކަމުގެ ރަހަ ލިބިއްޖެއެވެ: ﷲ U  ފިޔަވައި އެހެން އިލާހަކު ނުވާކަމަށް އީމާންވާ ޙާލު އެކަލާނގެއަށް  އެކަނި އަޅުކަންކުރުމާއި ، އޭނާގެ އަމިއްލަ ނަފުސުގެ  ރުހުމާއެކު އޭނާގެ މުދަލުން ޒަކާތްދިނުމާއި،  އޭނާގެ ނަފްސު ޠާހިރުކުރުމެވެ. ފަހެ މީހަކު ދެންނެވިއެވެ. ނަފްސުގެ ޠާހިރުކުރުމަކީ ކޮބައިތޯއެވެ؟ ޙަދީސް ކުރެއްވިއެވެ. އޭނާ ވާ ކޮންމެ ތަނެއްގައި އޭނާއާއެކު ﷲ U ވޮޑިގެންވާ ކަން ދަތުމެވެ. ))  Y މި ފަދަ ހެޔޮކަން ބޮޑު ދުވަސްތައް އަބުރާ އިޢާދަ ކުރައްވަނީ ﷲއަށް ކިޔަމަންގަތުމަށާއި ހެޔޮޢަމަލުތައް ކުރުމަށް ތަމްރީނުދެއްވުމަށް ޓަކައެވެ. މާތްﷲ ރަޙްމަތްލެއްވި އިބްނު ތައިމިއްޔާ " އަލްފަތާވާ " ގައި ވިދާޅުވިއެވެ. " ޙައްޖުމަހުގެ ދިހަ ދުވަސް ރަމަޟާންމަހުގެ ދިހަ ދުވަހަށް ވުރެ ހެޔޮކަން ބޮޑެވެ." އިބްނުލްޤައްޔިމު މި ބަސްފުޅު ޝަރަޙަކުރައްވަމުން ވިދާޅުވިގޮތުގައި އެއީ ޙައްޖުމަހުގެ ދިހަ ދުވަހުގައި ޢަރަފާތުދުވަހާއި ބޮޑުޢީދުދުވަހާއި އައްތަރްވިޔާ ދުވަސް ހިމެނޭތީއެވެ.  رسول الله  e  ޙަދީސް ކުރެއްވިއެވެ. ((أفضلُ أيامِ الدنيا أيامُ العشْرِ [7] ދުނިޔޭގެ އެންމެ މާތް ދުވަސްތަކަކީ ޙައްޖުމަހުގެ ދިހަ ދުވަހެވެ.))

2- ދިހަ ދުވަހުގެ ތެރޭގައި ޢަރަފާތު ދުވަސް ވުން: ޢަރަފާތުދުވަހަކީ ޙައްޖުމަހުގެ ނުވަވަނަ ދުވަހެވެ. ޙައްޖާޖީން ނޫން މީހުން ޢަރަފާތު ދުވަހު ރޯދަހިފުމަކީ ގަދަވެގެންވާ އަދި އެހައިމެ ސަވާބު ބޮޑު ކަމެކެވެ. ކީރިތި ރަސޫލާ e ޙަދީސްކުރައްވައިފައިވާ ގޮތުގައި ޢަރަފާތު ދުވަހު ރޯދަހިފުމަކީ ދެ އަހަރު ދުވަހުގެ ކުށްފާފަތައް ފުއްސަވައިދެއްވާނެ ކަމެކެވެ. އެއީ ފާއިތުވި އަހަރާއި ކުރިއަށް އޮތް އަހަރުގެ ފާފަފުއްސަވާދެއްވާނެ ޤުރްބާއެކެވެ. ރަސޫލާ e އަނބިއަނބިކަނބަލުންގެ އަރިހުން ރިވާވެގެންވާ ގޮތުގައި އެކަލޭގެފާނު ޙައްޖު މަހުގެ ނުވަވަނަ ދުވަހާއި ޢާޝޫރާ ދުވަހާއި ކޮންމެ މަހަކު ތިން ދުވަހާއި، ކޮންމެ ހޯމަ ދުވަހަކާއި ބުރާސްފަތި ދުވަހަކު ރޯދަފުޅު ހިއްޕެވިއެވެ. ނަމަވެސް ޙައްޖުވެރިޔާއަށް ޢަރަފާތު ދުވަހު ރޯދަ ހިފުން ސުންނަތް ވެގެންނެއް ނުވެއެވެ. ޢަރަފާތު ދުވަހަކީ މުސްލިމުންނަށް ޢީދު ދުވަހެކެވެ. ރަސޫލާ  صلى الله عليه وسلم ޙަދީސް ކުރެއްވިއެވެ. (يومُ عرفةَ ويومُ النحرِ وأيامُ مِنى عيدُنا أهلَ الإسلامِ [8] - ޢަރަފާތު ދުވަހާއި ބޮޑު ޢީދު ދުވަހާއި މިނާގެ ދުވަސްތަކަކީ އަހުރެމެން މުސްލިމުންގެ ޢީދުތަކެކެވެ.))

3-  ދިހަދުވަހުގެ ތެރޭގައި ބޮޑު ޢީދުދުވަސް (އުޟުޙިޔާ ކަތިލައި ދުވަސް) ވުން: ބޮޑުޢީދު ދުވަހަކީ ﷲ ތަބާރަކަ ވަ ތަޢާލާގެ ޙަޟުރަތުގައި އެންމެ މާތް އަދި އެންމެ އިތުރު ދުވަހެވެ. ނަބިއްޔާ e ޙަދީސްކުރެއްވިއެވެ. ((إنَّ أعظمَ الأيّامِ عندَ اللَّهِ تبارَكَ وتعالى يومُ النَّحرِ ثمَّ يومُ القَرّ -[9] ހަމަކަށަވަރުން ﷲ ތަބާރަކަ ވަ ތަޢާލާގެ ޙަޟުރަތުގައި އެންމެ މާތް ދުވަހަކީ ބޮޑުޢީދު ދުވަހެވެ. ދެން އެއަށްފަހު އަންނަ ދުވަހެވެ.))ހުކުރުދުވަހާއި ބޮޑުޢީދު ދުވަހުގެ މާތްކަން ބޮޑީމ ކޮން ދުވަހެއްތޯ އިބްނު ތައިމިއްޔާއަށް ދެންނެވުމުން އެކަލޭގެފާނު ވިދާޅުވިއެވެ. " ހަފުތާގެ އެންމެ މަތް ދުވަހަކީ ހުކުރު ދުވަހެވެ. އަހަރުގެ އެންމެ މާތް ދުވަހަކީ ބޮޑުޢީދު ދުވަހެވެ."

4- ދިހަ ދުވަހުގައި ހެޔޮ ޢަމަލުތަކުގެ ސަވާބާއިދަރުމަ ގިނަގުނަވުން :  މާތް ﷲ ރުއްސުންލެއްވި އަނަސް ބުނު މާލިކުގެފާނު ވިދާޅުވިއެވެ. ((كانَ يُقالُ في أيّامِ العَشرِ بكُلِّ يَومٍ ألْفُ يَومٍ، ويَومُ عَرَفةَ عَشَرةُ آلافِ يَومٍ.[10] – ދިހަ ދުވަހުގެ ކޮންމެ ދުވަހަކީ މާތްކަމުގެ ގޮތުން އެއް ހާސް ދުވަހެވެ. ޢަރަފާތު ދުވަހަކީ ދިހަ ހާސް ދުވަހެވެ.)) މާތް ﷲ ރަޙުމަތްލެއްވި އަލްޙަސަނުލްބަޞްރީ ރިވާކުރެއްވިއެވެ. ރަސޫލާ e ޙަދީސްކުރެއްވިއެވެ. ((صِيَامُ يَوْمٍ مِنَ الْعَشْرِ يَعْدِلُ شَهْرَيْنِ [11]- ދިހަ ދުވަހުގެ ދުވަހެއްގައި ރޯދައެއް ހިފުމަކީ ދެ މަސް ދުވަހު ރޯދަހިފުމާ އެއްވަރު ކަމެކެވެ.))  އެހެންކަމުން ޙައްޖުމަހުގެ ދިހަ ދުވަހަކީ އީމާންކަމުގެ ހަކަތަ ވަރުގަދަކުރުމަށް ލިބިފައިވާ ޙަޤީޤީ ފުރުޞަތެކެވެ. ﷲ ތަޢާލާ އެކު، އައު ޞަފުޙައެއް ހުޅުވުމަށް ތަނަވަސްވެގެންދާ ދަނޑިވަޅެކެވެ. (ނުނިމޭ) 

 
މަރުޖާ:

[1]  - التوبة : 36

[2] - الفجر : 1-2

[3] -  أخرجه أحمد (١٤٥١١) والنسائي في ((الكبرى)) (١١٦٠٨)، والحاكم (٧٥١٧) 

[4]  - أخرجه الترمذي (٧٥٧) و البخاري (٩٦٩

[5]  - أخرجه مسلم (٢٧٢٢) والترمذي (٣٥٧٢)، وأحمد (١٩٣٠٨) و النسائي (٥٤٥٨)

[6]  -  أخرجه أبو داود (١٥٨٢) وأبو نعيم في ((معرفة الصحابة)) (٤٥٢٨)، والبيهقي (٧٥٢٥) والطبراني في ((الصغير)) (٥٥٥)

[7] - أخرجه البزار كما في ((مجمع الزوائد)) للهيثمي (4/20)، والشجري في ((الأمالي)) (1687)

[8]  -  أخرجه أبو داود (٢٤١٩)، والترمذي (٧٧٣)، والنسائي (٣٠٠٤)، وأحمد (١٧٣٧٩)

[9]  - أخرجه أبو داود (١٧٦٥) أخرجه أحمد (١٩٠٧٥)، والطبراني في ((المعجم الأوسط)) (٢٤٢١) وابن حبان (٢٨١١)

[10]  -  أخرجه البيهقي في ((شعب الإيمان)) (٣٤٨٨)، وقوام السنة في ((الترغيب والترهيب)) (٣٧١)، وابن عساكر في ((تاريخ دمشق)) (٥٤/ ٢٣٩

[11]  - أخرجه عبد الرزاق في مصنفه: (٨١٢٦)، 

ކޮމެންޓު