ad_banner
ހުކުރު ނަމާދަކީ ކޮންމެ ހަފުތާއަކު ޤިޔާމަތް ދުވަސް ހަނދާންކޮށްދޭ އަޅުކަމެއް: ސޫރަތުލްޖުމުޢާއިން ލިބިދޭ މެސެޖުތައް (1)

އަޙުމަދު ފަޔާޒު ޙަސަން

25 މޭ 2025

ޖުމުޢާ ސޫރަތަކީ ވަރަށް ޚާއްޞަ ސޫރަތެކެވެ.

ކީރިތި ޤުރްއާނުގައި ތަސްބީހައިގެ ފަސް ސޫރަތް ވެއެވެ. ތަސްބީހައިގެ ފުރަތަމަ ސޫރަތަކީ 57ވަނަ ސޫރަތްކަމުގައިވާ ސޫރަތުލްޙަދީދުއެވެ. ސޫރަތުލްޙަޝްރާއި ސޫރަތުއްޞައްފާއި ސޫރަތުލްޖުމުޢާއާއި ސޫރަތުއްތަޣާބުނިއަކީ ތަސްބީޙައިގެ ސޫރަތްތަކެވެ. މިއިން ކޮންމެ ސޫރަތެއް ފެށެނީ ތަސްބީޙައިގެ އާޔަތަކުންނެވެ. ތަސްބީޙުގެ ތިން ސޫރަތުގައި ﷲ، އެކަލާނގެ ދެ ސިފަފުޅު ބަޔާންކުރައްވައެވެ. ސޫރަތުލްޖުމުޢާގައި ﷲ، އެކަލާނގެ ހަތަރު ސިފަފުޅު ބަޔާންކުރައްވައެވެ. ތަސްބީޙައިގެ އެންމެ ފަހު ސޫރަތްސޫރަތުއްތަޣާބުނި މި ސޫރަތުގެ ފުރަތަމަ އާޔަތުގައި ﷲގެ ސިފަފުޅެއް ނުވެއެވެ. 

ތަސްބީޙުގެ ސޫރަތްތަކަކީ މަދަނީ ސޫރަތްތަކެވެ. މިއިން ކޮންމެ ސޫރަތެއް ފަށްޓަވަމުން ﷲ އަންގަވަނީ އުޑުތަކާއި ބިމުގައިވާ ހުރިހައި އެއްޗެއް ﷲއަށް ތަސްބީޙު ދަންނަވާކަމަށެވެ. މިއިން އެނގޭ ކަމަކީ ބިމުގައި ﷲއަށް ތަސްބީޙަ ނުކިޔާ ފަރާތްތަކުގައި ހިމެނެނީ ހަމައެކަނި އިންސާނުންކަމެވެ. 

ﷲގެ ކަލާމްފުޅު ކީރިތި ޤުރްއާނަކީ ކޮންމެ ނަޒަރަކުން ބެލިކަމުގައި ވިޔަސް ތެދުމަގު ދައްކާ އެންމެ ފުރިހަމަ ފޮތެވެ. ﷲ، ކީރިތި ޤުރްއާން އިންތިޒާމުކުރައްވައިފައިވަނީ ސޫރަތްތަކާއި އާޔަތްތަކަށެވެ. މި ކަމުގެ ޙިކުމަތާއި ބޭނުމަކީ އެ ފޮތުން އިންސާނިއްޔަތަށް ﷲ ދެއްވާން އެދިވޮޑިގަންނަވާ ތެދުމަގުގެ މެސެޖު އެންމެ ފުރިހަމައަށް ދެއްވުމެވެ.

ކީރިތި ޤުރްއާންގެ އާޔަތެއްގެ މާނަ ދެނެގަތުމަށް ޓަކައި ބައެއް ފަހަރު ޖެހިގެން އޮންނަ އާޔަތަށް ދާންޖެހެއެވެ. އަދި ކީރިތި ޤުރްއާނުގެ ސޫރަތެއް ދެނެގަތުމަށް ޓަކައި ބައެއް ފަހަރު އެހެން ސޫރަތަކަށް ނުވަތަ ސޫރަތްތަކަށް ވެސް ނަޒަރުހިންގާންޖެހިދެއެވެ. ކީރިތި ޤުރްއާނުގެ އާޔަތްތައްވަނީ ނުހަނު ފުރިހަމަށް ގުޅި ލައިމެހި ގަތައިލެވިފައެވެ. މި ކަން ﷲ ކީރިތި ޤުރްއާނުގައި ބަޔާންކުރައްވައެވެ. ހޫދު ސޫރަތުގެ ފުރަތަމަ އާޔަތް މި ކަމަށް ހެކިވެއެވެ.

ކީރިތި ޤުރްއާނުގެ އާޔަތެއް ދޭ މެސެޖު ދެނެގަތުމަށް ޓަކައި ބައެއް ފަހަރު ރަސޫލުﷲ ގެ ހަދީސްފުޅަކަށް ދާންޖެހެއެވެ. އަނެއް ބައި ފަހަރު ކޮންމެވެސް ހާދިސާއަކަށް ނުވަތަ ވާހަކައަކަށް ދާންޖެހެއެވެ. މޮޅު ވާހަކަ ދެއްކުންތެރިއަކީ އޭނާގެ ޚިޔާލުތައް ފުރިހަމައަށް އިންތިޒާމްކޮށްގެން ވާހަކަދައްކާ މީހާއެވެ. އެ ގޮތަށް ވާހަކަދައްކާ މީހާގެ ވާހަކަ އަޑުއަހާ މީހާއަށް ފަހުމްވެ ހަނދާނުގައި ބަހައްޓާން ފަސޭހަވެއެވެ. ކީރިތި ޤުރްއާން އިންތިޒާމްކުރައްވައިފައިވާ ގޮތް ފުރިހަމަކަމުން އެ ފޮތް އުނގެނި ދަސްކޮށް އެ ފޮތުގެ މާނަ ދެނެގަތުމަށް ފަސޭހަވެއެވެ. އަދި އެ ފޮތް ހިތުން ދަސްކުރާ މީހުންނަށް ހަނދާނުގައި ބަހައްޓާން ފަސޭހަވެދެއެވެ.  

ސޫރަތުލްޖުމުޢާއަކީ މަދަނީ ސޫރަތެކެވެ. މި ސޫރަތުގައި ވަނީ އެގާރަ އާޔަތެވެ. ކީރިތި ޤުރްއާނުގެ ސޫރަތެއްގެ މާނަ ދެނެގަތުމަށް ޓަކައި އެންމެ ފުރަތަމަ މުޅި ސޫރަތުގައި ބަޔާންކުރައްވާ ބުއްދި (ޔަޢުނީ: ލޮޖިކް) އުނގެނޭން ޖެހެއެވެ. އެއަށް ފަހު އެ ސޫރަތުގެ އެތެރޭގައިވާ މެސެޖު ދެނެގަންނާން ޖެހެއެވެ. މި މަޒުމޫނުގެ ބޭނުމަކީ ސޫރަތުލްޖުމުޢާއިން އަޅުގަނޑުމެންނަށް ލިބޭ މެސެޖުގެ ބޮޑު ތަސްވީރަށް ނަޒަރުހިންގުމެވެ.

މި ސޫރަތް މައިގަނޑު ތިން ބަޔަކަށް ބެހެއެވެ. ފުރަތަމަ ބައިގައިވަނީ މައިމީހާގެ ބަނޑުން ނިކުތް ފަދައިން ތިބި މައްކާގެ އަހުލުވެރިންނަށް ﷲ ދެއްވި ނިޢުމަތެވެ. ދެވަނަ ބައިގައިވަނީ ބަނީއިސްރާއީލްގެ ވާހަކައެވެ. ތިންވަނަ ބައިގައިވަނީ ހުކުރުނަމާދުގެ ވާހަކައެވެ. މި ސޫރަތުގެ ނަން އައިސްފައިވަނީ ހުކުރު ނަމާދުންނެވެ.

ސޫރަތުލްޖުމުޢާ ﷲ ފަށްޓަވަނީ އުޑުތަކާއި ބިމުގައިވާ ހުރިހައި އެއްޗެއް ﷲއަށް ތަސްބީޙަކިޔާ ވާހަކައިންނެވެ. ސޫރަތުލްޖުމުޢާގެ ފުރަތަމަ އާޔަތުގައި ބަޔާންކުރައްވާ މި ތަސްބީޙައިގައި ﷲ، އެ އިލާހުގެ ހަތަރު ނަންފުޅު ނުވަތަ ސިފަފުޅު ފާހަގަކުރައްވައެވެ. އެއީ އަލްމަލިކް، އަލްޤުއްދޫސް، އަލްޢަޒީޒް، އަދި އަލްޙަކީމްއެވެ. ﷲ ގެ މި އިސްމުފުޅުތަކަށް ފުންކޮށް ވަނުމަށްޓަކައި ދުނިޔޭގައި މީހުން މިނަންތައް ބޭނުންކުރި ގޮތަށް ފުރަތަމަ ބަލަމާ ހިނގާށެވެ.

މަލިކު މި ލަފުޒުގެ އަސްލަކީ މައްލަކައެވެ. މައްލަކައިގެ މާނަޔަކީ މަޑު އެއްޗެއް ހަރުކުރުމެވެ. މިސާލަކަށް މޮޑެފައި އޮންނަ ފުށްގަޑެއް ހަރުކުރާ ބީދައިންނެވެ. މަލިކުން ދޭހަވާ އެއް މާނަޔަކީ އޭގައި ގުޑުމެއްނުވުން ނުވަތަ ވަރުގަދަކަމުގައިވުމެވެ. އެއީ ގޮށްމުށުން ވަރުގަދައަށް އެއްޗެއް ހިފަހައްޓައިގެން ހުންނަ ބީދައިންނެވެ. މަލިކުން ދޭހަވާ އަނެއް މާނަޔަކީ ފުރިހަމައަށް ކޮންޓްރޯލު އޮތުމެވެ. މިސާލަކަށް އަމިއްލަ ނަފުސުކޮންޓްރޯލްކުރާ ބީދައިން ނުވަތަ މީހެއްގެ މައްޗަށް ތިމާގެ ކޮންޓްރޯލު ހިންގާ ބީދައިންނެވެ. މަލިކުގެ ހަތަރުވަނަ މާނަޔަކީ [ބިންގާ]އެވެ.

މަލިކު މި ލަފުޒުގެ މާނަޔަކީ [ރަސްގެފާނު]އެވެ. ކީރިތި ޤުރްއާނުގައި ރަސްގެފާނަށް އިޝާރާތްކުރައްވައި ﷲ މި ލަފުޒު ބޭނުންކުރައްވައެވެ. ރަސްގެފާނަކީ ރަސްކަމެއްގައި ހުންނަ އެންމެ އިސް މީހާއެވެ. ރަސްކަމުގައި ތިބެނީ ރައްޔިތުންނެވެ. ހަގީގީ ރަސްކަމުގައި ތިން ކަމެއް ހިމެނެއެވެ. އެއީ ވެރިކަންކުރުމާއި މިލްކުވެރިކަމާއި ކޮންޓްރޯލްއެވެ. ދުނިޔޭގައި މިލްކުވެރިކަންނެތި ވެރިކަންކުރާތަން ފެނެއެވެ. މިސާލަކަށް އިނގިރޭސި ރަސްގެފާނަކީ އެފަދަ ރަސްކަލެކެވެ. ހަމަ އެ ގޮތަށް ވެރިކަންކުރުމާ ނުލައި މިލްކުވެރިކަން އޮވެއެވެ. މިސާލަކަށް މުކޭޝް އަމްބާނީއަކީ އެ ފަދަ މީހެކެވެ. އޭނާގެ ވެރިކަމެއްނުވެއެވެ. އެކަމަކު އޭނާގެ މިލްކުވެރިކަމުގައިވާ މުދާ ގިނަކަމުން އޭނާއަކީ ވިޔަފާރީގައި ރަސްކަލެކެވެ. ހަމަ އެގޮތަށް ކޮންޓްރޯލެއްނެތި މީހުން ވެރިކަންކުރާ ތަން ވެސް ފެނެއެވެ. ރާއްޖެއަކީ އެފަދަ މިސާލެއްކަމަށް ބައެއް މީހުން ބުނެއެވެ. އެއީ މީހުން އުޅޭނެ ގޮތަކަށް އުޅޭތަން ފެންނާތީއެވެ. އަދި ވައްކަމާއި ޚިޔާނާތާއި ކުށްކުރުން އާންމުވެފައިވާތީއެވެ. ހަމަ އެ ގޮތަށް ކޮންޓްރޯލެއްނެތި މިލްކުވެރިކަން އޮންނަ ތަން ވެސް ފެނެއެވެ. މިސާލަކަށް ގާނޫނުން މާލޭ ސިޓީ ކައުންސިލަށް މާލޭގެ މިލްކުވެރިކަން ދީފާނެއެވެ. އެކަމަކު އަބަދުވެސް މާލޭގެ ކޮންޓްރޯލު އޮންނާނީ އޭރަކު އޮންނަ ސަރުކާރެއްގެ އަތުގައެވެ.

ދުނިޔޭގައި ރަސްކަލުން ރަސްކަންކުރަމުން އައި އިރު، އެ ކަމުގައި އެ މީން ދެ ކަމެއް ޝާމިލުކުރިއެވެ. އެއް ކަމަކީ ރަސްކަމުގެ ސިޔާސީ ބައެވެ. އަނެއް ކަމަކީ ރަސްކަމުގެ ދީނީ ބައެވެ. ރަސްގެފާނާއި ރަސްކަމުގެ ސިޔާސީ ބާރުވެރިކަން ޞައްޙަކޮށްދޭ ބަޔަކީ ދީނީ ފަރާތްތަކެވެ. މާތް ނުވަތަ މުޤައްދަސް ހުރިހައި ކަމެއް ރަސްކަމުގައި ޖައްސާދޭ ބަޔަކީ މި ދެންނެވި ދީނީ ފަރާތްތަކެވެ. އެއީ ތަފާތު އެކި ނަންނަމުގައި ތިބޭ ފާދިރީންނާއި ހާމުދުރުންނާއި ވަލީވެރީން ފަދަ ފަރާތްތަކެވެ. ރަސްކަމުގައި ހަމަޖެހުން ގާއިމްކޮށްދޭ ފަރާތަކީ ދީނުގެ ނަމުގައި ތިބޭ މުޤައްދަސް ފަރާތްތަކެވެ. ފަސާދައިގެ ތެރެއަށް ގެނބިގެން ތިބޭ ރަސްކަލުން މާތް ބަޔަކަށް ހަދައިދެނީ ދީނުގެ ނަމުގައި ތިބޭ މުޤައްދަސް މީހުން ނުވަތަ ދީނީ މީހުން ތިބެނީ އެ މީހުންގެ ފައްޅިތަކުގައި ފޮރުވިގެންނެވެ.

ރަސްކަމުގައި ތަފާތު ރަމްޒުތަކާއި ނިޝާންތައް ހުރެއެވެ. އޭގެ ތެރޭގައި ރަސްކަމުގެ ތަޚުތާއި ގަނޑުވަރާއި ދިދަ ހިމެނެއެވެ. ދުނިޔޭގައި އާންމުކޮށް މީހަކު ރަސްކަމެއް އުފައްދަނީ ކޮންމެވެސް ބަޔަކާ ދެކޮޅަށް ހިންގާ ކަންތައްގަނޑެއްގެ ތެރެއިންނެވެ. އެއީ ހަނގުރާމައެއް ނުވަތަ ބަޣާވާތެއް ފަދަ ހަމަނުޖެހުމެއްގެ ތެރެއިންނެވެ. ސަޢޫދީ އަރަބިއްޔާގައި އޮންނަނީ އެ ފަދަ ރަސްކަމެކެވެ. އެ މީހުން އިނގިރޭސީންނާ ބައިވެރިވެގެން ޢުޘްމާނީ ޚިލާފަތުން ނިކުމެ ރަސްކަމެއް އުފެއްދިއެވެ. ދުނިޔޭގައި ރަސްކަމަކީ ވަގުތީ ކަމެކެވެ. ކޮންމެވެސް ބަޔަކު ނިކުމެ އެ ރަސްކަމަށް ނިމުމެއް ގެނެސްފާނެއެވެ. މީލާދީން ވިހިވަނަ ގަރުނާ ހަމައަށް ދުނިޔޭގައި ގިނައިން ހުރީ ރަސްކަންތަކެވެ. އެކަމަކު މިހާރު އެ ރަސްކަންތައްވަނީ އުވިފައެވެ. ރަސްކަމެކޭ އެއްގޮތަށް ރަސްގެފާނަކީ ވެސް ވަގުތީ މީހެކެވެ. އޭނާ މަރުވުމުން ރަސްގެފާނުގެ ހުރިހާ ކަމެއް ނިމުނީއެވެ.

ރަސްކަމެއްގައި ރަސްގެފާނުގެ އެންމެބޮޑު މަސްއޫލިއްޔަތަކީ އޭނާއަށް ބައިއަތު ހިފައިގެން ތިބި ރައްޔިތުން ބެލެހެއްޓުމެވެ. އެމީހުން ހިމާޔަތްކޮށް ދިފާއުކޮށް އެމީހުންގެ ކަންކަން ހަމަޖެއްސުމެވެ. އެމީހުންނަށް ދިރިއުޅުމުގެ ބޭނުންތައް ހަމަޖައްސައިދިނުމެވެ. އެކަމަކު ރަސްކަލުންނަށް މިކަމެއް ނުކޮށްދެވެއެވެ. ރަސްގެފާނަށް އަބަދުވެސް މަސައްކަތްކުރެވެނީ އޭނާއާއި އޭނާގެ އާއިލާގެ ހެވާއި ޢިއްޒަތާއި މޮޅަށެވެ. ނަތީޖާއަކަށްވަނީ ކޮންމެވެސް ބަޔަކު ނިކުމެ ރަސްގެފާނުގެ ރަސްކަން ނިމުމަކަށް ގެނައުމެވެ. ވިހި ވަނަ ގަރުނު ފެށުނުއިރު ރަޝިޔާގައި ކަން ހިނގީ މިދެންނެވި ގޮތަށެވެ.

ﷲ އަށް ނިސްބަތްކުރެވޭ އަލްމަލިކްގެ މާނަޔަކީ އެންމެފުރިހަމަ އެންމެ މަތިވެރި ރަސްގެފާނު ޔަޢުނީ މާތްރަސްކަލާނގެއެވެ. އުޑުތަކާއި ބިމުގައިވާ ހުރިހާ އެއްޗެއްގެ މިލްކުވެރިކަންވަނީ ﷲއަށެވެ. ހަމަ އެ ގޮތަށް އުޑުތަކާއި ބިމުގައިވާ ހުރިހާ އެއްޗެއްގެ ކޮންޓްރޯލާއި ވެރިކަން ވެސްވަނީ ﷲއަށެވެ. އުޑުތަކާއި ބިމުގައިވާ ހުރިހައި މަޚުލޫޤުންގެ ހުރިހައި ކަމެއް ބަލަހައްޓަވައި ހިންގަވަނީ ﷲއެވެ. އެ މީހުން ރައްކާތެރިކުރައްވައި އެ މީހުންނަށް ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަކޮށްދެއްވަނީ ﷲއެވެ. މާތްރަސްކަލާނގެ ރަސްކަންފުޅަކީ ފެށުމެއްނުވާ އަދި ނިމުމެއްނުވާ ދާއިމީ ރަސްކަންފުޅެވެ. އަލްމަލިކުން ލިބޭ މެސެޖަކީ ހަގީގީ އަދި ހައްގު ރަސްކަލާނގެއަކީ ﷲކަމެވެ. (ނުނިމޭ)

ކޮމެންޓު