ad_banner
އެ ހަނދާންތަކާ ވަތްކެއް ނުވެވުނެވެ.

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

15 މޭ 2025

މެލޭޝިއާގައި އަޅުގަނޑު ކިޔަވައިދިނުން ފަރިތަކުރި (ޓީޗިންގ ޕްރެކްޓިކަމް) އިސްކޫލުގެ ގްރޭޑް 5ގެ ދަރިވަރުންކޮޅަކާ އެކު ފޮޓޯއަކަށް ހުއްޓިލައިގެން

ކިޔަވައިދިނުމަކީ އުނގެނުމަށް ޓަކައި އޮތް އެންމެ ފަހި ތަރީގާއެވެ. އެއީ އުފާވެރިކަމެކެވެ. އަޅުގަނޑުގެ ޢުމުރުގެ ބޮޑުބައި ހަމައެކަނި އެ ދާއިރާގައި ހޭދަކުރެވުނީ އެހެންވެގެންކަމަށް ވެދާނެއެވެ. އަދި މިއަދު ވެސް އެ ކަމުން މުޅީން އަތް ދޫކޮށްނުލެވިގެން މި އުޅެވެނީ ވެސް އެހެންވެގެންކަން ކަށަވަރެވެ. ވަކީން ޚާއްޞަ ގޮތެއްގައި ކުޑަކުދީންނަށް ކިޔަވައިދިނުމަކީ އުފާވެރި ކަމެކެވެ. ކުޑަކުދީން ލޯބިވާ ގޮތަކަށް އެ ކުދީންނާ މެދު ޢަމަލު ކުރެވިއްޖެ ނަމަ، ކިޔަވައިދޭ ޓީޗަރު ދެކެ އެ ކުދީން ވަނީކީ އަމަށަކު ލޯތްބެއް ނޫނެވެ. މި ފަދަ ގޮތަށް އަސަރުވެރި ކިޔަވައިދިނުމަކަށް ފަހު، އެ ފަދަ ކުލާހަކާ އެ ޓީޗަރަކު މުޅީން ވަކިވާކަން އެނގިއްޖެ ނަމަ، އެ ކުދީންނަށް ކުރާ އަސަރަކީ އާދަޔާ ޚިލާފު ކަމެކެވެ. އެ ކުދީންނަށް ކުރާ އަސަރެއްގެ ސަބަބުން މުދައްރިސުންނަށް ވެސް ހަމަ ވަރަށް ބޮޑަށް އަސަރުކުރުވައެވެ. ރޮއްވައިލައެވެ.

މިއަދު ދަންނަވައިލާން މި އުޅެނީ  އެ ފަދަ ހަގީގީ ހާދިސާއެއްގެ ތެރެއިން އަޅުގަނޑުގެ އަމިއްލަ ތަޖުރިބާއިން ފާހަގަވީ ކަމެކެވެ. އަޅުގަނޑުމެން މެލޭޝިއާގައި ޓީޗަރ އެޖޫކޭޝަން (މުދައްރިސުންގެ ތަޢުލީމު) ކޯހެއް ފުރިހަމަކުރުމަށް ފަހު ކިޔަވައިދިނުން ފަރިތަކުރުން (ޓީޗިންގް ޕްރެކްޓިކަމް) އޮތީ ރަށްފުށުގެ ހިސާބެއްގެ އިސްކޫލެއްގައެވެ. އެއް މަސްދުވަހުގެ ކިޔަވައިދިނުމަށް ފަހު، އަޅުގަނޑުމެންގެ ގުރޫޕު އެ އިސްކޫލާ ވަކިވާން  ޖެހުނު ދުވަހަކީ އަސަރުގަދަ ދުވަހެކެވެ. ބައެއް ކުދީން އަޑުން އަޑުނަގައި ރުޔެވެ. ހުރިހާ ކުދީންގެ ލޮލުން ކަރުނަ ފާއްދައިލިޔެވެ. ބައެއް ކުދީން ގައިގައި ބައްދައި އަޅުގަނޑުގެ އަތުގައި ބޮސްދީ ދޫލައި ވެސް ހެދިއެވެ. މި ހަރަކާތެއްގެ ތެރޭގައި މުދައްރިސުންގެ އެޑްރެސް ހޯދާން ގިނަ ކުދީން އެދުނެވެ. މިހާރު ކިތަންމެ އަސަރުކޮށްފައި ތިއްބަސް ދެތިން ދުވަހަކުން އެ ހަނދާން ކެނޑޭނެތީ، ސިޓީބިޓީ ފޮނުވުމަކީ ޢާންމުކޮށް ހިނގާނެ ކަމެއް ނޫނަސް ކުދީންގެ އެދުމަށް އިޖާބަދިނުމަށް ޓަކައި އެދުނު ހުރިހައި ކުދީންނަށް އެޑްރެސް ދެވުނެވެ. ދިނީ މާލޭގެ އެޑްރެހެވެ. އެހެންކަމުން ނަމާއި ގޭގެ ނަން ލިޔުމަށް ފަހު ތިރީގައި މާލެ (Male')، މޯލްޑިވްސް ޖަހައިލެވުނެވެ.

މެލޭޝިއާގެ އުޞޫލުތައް (ހަމަގައިމު ވެސް އޭރު) ހުންނަ ގޮތުން ކޯސް ނިންމިއަސް ޓީޗަރުންނަށް ސަނަދު ލިބެނީ ކޯސް ނިންމުމަށް ފަހު ވަޒީފާގައި އެއް އަހަރު އުޅެ، އެ ވަޒީފާ އަދާކުރާ އިސްކޫލަކުން އޭނާގެ ޤާބިލުކަމުގެ ސިޓީއެއް (ލިޔުމެއް) ގެނައިމައެވެ. މިއީ މެލޭ ކުދީންނަށް އޮންނަ ގަވާއިދެއް ނަމަވެސް ދިވެހީންނަށް ވަޒީފާ ލިބޭނީ ރާއްޖެ އައިސްގެންތާއެވެ. ނަމަވެސް ސެޓްފިކެޓް ލިބޭނީ އެއް އަހަރު ފަހުން އޮންނަ އެ އިޙުތިފާލުގައެވެ.

ކޮންމެއަކަސް އެއް އަހަރު ވަންދެން ހަމަ، ކަމެއް ނެތި މަޑުކޮށްގެން ތިބީކީ ނޫނެވެ. އެހެން ކުރު ދެ ކޯހެއް އެ މުއްދަތުގައި ފުރިހަމަކުރެވުނެވެ. ކޮންމެއަކަސް އެއް އަހަރު ހަމަވެގެން ސެޓުފިކެޓު ވެސް ލިބި ރާއްޖެ އަންނާން ތައްޔާރުވެގެން އުޅުނު އިރު، އެއްކަލަ ކުދީން ދިން އެޑްރެސް ކާޑުތައް ދަބަހުގެ ތެރެއިން ފެނިގެން ބަލައިލެވުނެވެ. އެ ކުދީން ދިން އެޑްރެސްތައް ބަލައިލެވުމުން ވަރަށް މުހިންމު ކަމެއް ފާހަގަކުރެވުނެވެ. މަޖާވެގެން ހީނލެވުނެވެ. ކޮންމެ ކުއްޖެއްގެ ނަމާއި އެޑްރެސް ލިޔުމަށް ފަހު ތިރީގައި (ފިރިހެން ކުއްޖެއް ނަމަ) މޭލް (Male)(، ނުވަތަ (އަންހެން ކުއްޖެއް ނަމަ) ފީމޭލް (Female( ލިޔެފައި މެލޭޝިއާ ލިޔެފައި އޮންނަނީ އޭގެ ތިރީގައެވެ.

މި ކަން މަޖާ ކަމަކަށް ވިޔަސް އެ ކުދީންގެ ސްމާޓްކަމާއި ތޫނުފިލިކަމާއި މަޢުޞޫމިއްޔަތު އަޅުގަނޑަށް ހާމަވިއެވެ. އަޅުގަނޑުގެ އެޑްރެހުގައި މާލެ، މޯލްޑިވްސް ޖަހައިފައި އޮތުމުން އެ ކުދީން މާނަކުރީ، މޯލްޑިވްސްގެ މަތީގައި ޖަހައިގައި އެ އޮންނަ "މާލެ ('Male(އަކީ ޖިންސް ކަމަށެވެ. "މޭލް"ކަމަށެވެ. އެހެންކަމުން އެ އުޞޫލުން އެ ކުދީންގެ އެޑްރެހުގައި ވެސް "މެލޭޝިއާ"ގެ މަތީގައި އެ ކުއްޖެއްގެ ޖިންސް (މޭލް، ނުވަތަ ފީމޭލް) ޖަހައިލީއެވެ. މުދައްރިސުން ނަމޫނާއަކަށް ބަލައިގެންނެވެ. އެޑްރެސް ލިޔާ އިރު ޖިންސް ވެސް ހިމަނާން ޖެހޭނެކަމަށް ބަލައިގެންނެވެ. އެ ކުދީން ކިހާ "ސްމާޓް"ހެއްޔެވެ! އެ ކުދީން ހަމަ އެކަނި އެޑްރެސް ހޯދައިލީ ހަމަ ނަމަކަށް ނޫނެވެ. ހަމަ ލޯބީންނެވެ. ރާއްޖެ އައި ފަހުން އެ ކުދީންގެ ތުއްތު ޢިބާރާތުން ލިޔެ ސިޓީ ވެސް ފޮނުވިއެވެ. ކިހާ ލޯބިހެއްޔެވެ!

އޭގެ ފަހުން މިހާރު 36 އަހަރު ފާއިތުވެގެން ހިނގައްޖެއެވެ. ނަމަވެސް ހަމަ އިއްޔެ ވީ ކަމެއްހެން އެ ހަނދާންތައް އަދިވެސް ހިތުގައި ބިންވަޅުނެގިފައި އެބަ ހުއްޓެވެ. އެ ހަނދާނަކަށް ފަނޑުކަމެއް ނާދެއެވެ. އެ ހަނދާނަކާ ވަތްކެއް ނުވެވުނެވެ. އެހެންކަމުން އެ ހަނދާން އަނެއްކާ ވެސް އާކޮށްލެވުނީއެވެ. ފޫހި ވާހަކައަކަށް ވީ ނަމަ، ތިޔަ ކިޔުންތެރީންގެ އަރިހުން ނިހާޔަތަށް މާފަށް އެދެމެވެ.

 

ލަފުޒެއްގެ މާނަ:

ތަރީގާ   ނ.    (1) ކަމެއް ކުރުމުގެ މަގު ނުވަތަ ގޮތް. (2) ވަކި މީހަކު ނުވަތަ ބަޔަކު ތަބާވާ އުސޫލު ނުވަތަ މަޒުހަބު.

ކޮމެންޓު