ad_banner
އިންޑިއާއާއި ޕާކިސްތާނުން ހަނގުރާމަހުއްޓައިލާން އެއްބަސްވި ފަހުން ވެސް ހަނގުރާމަ ކުރިއަށްގެންދަނީތަ؟

އަބާ މުޙަންމަދު

11 މޭ 2025

ހަނގުރާމަ ހުއްޓައިލާން އިޢުލާނުކުރުމުން ސިންދު ޕްރޮވިންސްގެ ޙައިދަރުއާބާދުގައި ރައްޔިތުން އުފާ ފާޅުކުރަނީ

އިއްޔެ ވަރަށް ފަހުން ރޭ ދަންވަރު ޚަބަރު ލިބިފައިވާ ގޮތުގައި، ދުނިޔޭގެ ނިޔުކުލިއަރ ދެ ބާރުކަމުގައިވާ އިންޑިއާއާއި ޕާކިސްތާނުން ވެސް ހަނގުރާމަ ހުއްޓައިލާން އެއްބަސްވިއެވެ. އެއީ ބައިނަލްއަގުވާމީ ވަރަށް ގިނަ ފަރާތްތަކަކުން މެދުވެރީންގެ ބައި އާދަކޮށްދީގެންނެވެ. މިއީ ދިވެހީންނަށް ވެސް އުފާވެރި ޚަބަރެކެވެ. އެހެނީ އިންޑިއާއާއި ޕާކިސްތާނަކީ ވެސް ދިވެހިރައްޖެއާ އަވަށްޓެރި ދެ ގައުމެވެ. ގިނަ މުދާ އެ ގައުމުން އެތެރެކުރާ ދެ ގައުމެވެ. އިންޑިއާއަކީ އެންމެ އަވައްޓެރި ގައުމުކަމުގައިވާ އިރު، ޕާކިސްތާނަކީ ވެސް އުޚުއްވަތްތެރި އިސްލާމީ ގައުމެކެވެ. އެ ދެ ގައުމުން ވެސް ދިވެހިރާއްޖެއާ ގާތްގުޅުމެއް ގާއިމުވެފައި ވެއެވެ.

މި ހިނގި ހަނގުރާމައަކީ 1947ގެ ފަހުން މި ދެ ގައުމުގެ ދެމެދުގައި މި ގޮތަށް ސީދާ ކުރިމަތިލައިގެން ހިނގި ފަސްވަނަ ހަނގުރާމައެވެ.

ނަމަވެސް ހިތާމައަކީ ސުލްހައިގެ އެއްބަސްވުމަށް ފަހު ވެސް ބައެއް ގޮވުންތަކުގެ އަޑު އިވި ބައެއް ކަހަލަ ހަމަނުޖެހުންތައް ރޭ ދަންވަރު ވެސް ހިނގިކަމަށް ޚަބަރު ލިބިފައިވާތީއެވެ. ޚަބަރު ލިބިފައިވާ ގޮތުގައި ކަޝްމީރުގެ އިންޑިއާގެ އިދާރިއްޔަތުގައި ހިމެނޭ ބައިގައި ހަނގުރާމަ ހުއްޓައިލާން އެއްބަސްވިކަން އިޢުލާނުކުރި ފަހުން ވެސް ހަމަނުޖެހުންތައް ހިނގާކަމުގެ ޚަބަރު ލިބިފައިވާތީއެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ، އަލްޖަޒީރާއަށް ޚަބަރުދެމުން ވިދާޅުވެފައިވާ ގޮތުގައި ރޭ ވަރަށް ދަންވި ފަހުން ވެސް އެއްބަސްވުމާ ޚިލާފު ޢަމަލުތައް ތަކުރާރުވެފައިވެއެވެ.  މިއީ ދެ ގައުމުގެ އަސްކަރީ ޙަރަކާތާ ބެހޭ ޑިރެކްޓަރ ޖެނެރަލުން ހަނގުރާމަ ހުއްޓައިލާން އެއްބަސްވެފައިވަނިކޮށް ހިނގި ކަންތައްތަކެކެވެ.

"މިއީ ދެ ގައުމުން ތަންކޮޅެއް ކުރީން ވެފައިވާ އެއްބަސްވުމާ ޚިލާފު ޢަމަލެކެވެ. މި ކަންތައްތައް ހުއްޓުވާން ޕާކިސްތާނުން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާން އެބަ ޖެހެއެވެ." މިސްރީ ވިދާޅުވިއެވެ.

"އިންޑިއާއިން ވާނީ މި ޑީލުގައި ކަންކުރާނެ ގޮތުގެ ހުރިހައި އިރުޝާދެއް ރަނގަޅަށް ދީފައެވެ. އަދި އެއްބަސްވުމާ ޚިލާފު އެއްވެސްކަމެއް ހިނގިޔަނުދިނުމަށް ވެސް ފިޔަވަޅުތައް އަޅައިފައިވާނެއެވެ."

ނަމަވެސް މިސްރީގެ ބަޔާނަށް ފަހު ޕާކިސްތާނުގެ ޚާރިޖީ ވުޒާރާއިން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ "ހަނގުރަމަ ހުއްޓާން ވެފައިވާ އެއްބަސްވުން އިޚުލާޞްތެރިކަމާއި ވަފާތެރިކަމާ އެކު ތަންފީޒުކުރާން ޕާކިސްތާނުން ކަށަވެއްޗެވެ." މި ބަޔާނުގައި ޕާކިސްތާނުން ތުހުމަތުކޮށްފައިވާ ގޮތުގައި "ބައެއް ސަރަހައްދުތަކުގައި މި އެއްބަސްވުމާ އިންޑިއާއިން ޚިލާފުވަމުން އެބަދެއެވެ."

"އަޅުގަނޑަށް ހީވަނީ އަމާންކަމާއި އޮމާންކަމާ އެކު މި އެއްބަސްވުން ތަންފީޒުކުރުމަށް ޓަކައި އެއްވެސް ދައްޗެއް ކުރިމަތިވާ ނަމަ، ދެ ފަރާތުން ވާހަކަދައްކައިގެން އެ ކަންކަން ޙައްލުކުރެވޭން ޖެހޭނެއެވެ."

ޕާކިސްތާނުގެ އިންފޮމޭޝަން މިނިސްޓަރ އަޠާޢުﷲ ތަރާރު 'ޖިއޯ ނިއުސް'އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެފައިވަނީ "އެއްބަސްވުމާ ޚިލާފު އެއްވެސް ޢަމަލެއް ނުހިނގާ"ކަމަށެވެ.

ވޮޝިންގޓަންގައި ގާއިމުވެ ހުންނަ ޢަސްކަރީ މުޙައްލިލެއްކަމަށްވާ ސަހަރު ޚާން، އަލްޖަޒީރާއާ ވާހަކަދައްކަމުން ބުނެފައިވަނީ ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުމާ ޚިލާފުވެއްޖެކަމުގެ ރިޕޯޓުތަކަކީ ދެ ގައުމުން ކޮންޓުރޯލުކުރާ ސަރަހައްދުގައި ސުލްހަ ގާއިމުކުރާން ކުރީން ވެފައިވާ އެއްބަސްވުމާ ޚިލާފުވިކަމުގެ ރިޕޯޓުތަކެކެވެ. އޭނާ ބުނި ގޮތުގައި ދާދި ފަހުން މި ހިނގައި ދިޔަ ކުރިމަތިލުންތަކަކީ 2021 ވަނަ އަހަރު ވެވުނު އެއްބަސްވުމާ ޚިލާފު ކަމެއްކަމަށެވެ. 

"އަދިވެސް ސުލްހައިގެ މި އެއްބަސްވުމަކީ ވަރަށް ނާޒުކު އެއްބަސްވުމެކެވެ. އެކަމަކު އަޅުގަނޑަށް ހީވަނީ މައިދާނުގައި ތިބި ގިނަ މީހުން އެ ކަން ދެކޭން ބޭނުންވާކަމަށެވެ."

"2021 ވަނަ އަހަރު ވެސް ސުލްހައިގެ މަޝްވަރާތަކެއް ކުރެވި 2023ވަނަ އަހަރު ޢަމަލުކުރާން ފެށިފައިވެއެވެ. މި އެއްބަސްވުން ވެސް އަދިވެސް އޮތީ ވަރަށްނާޒުކު ޙާލަތެއްގައެވެ. ނަމަވެސް މި ފަހަރުގެ އެއްބަސްވުމަކީ ހެޔޮ ޚަބަރަކަށް ވެދާނެއެވެ. އަދި އުންމީދުކުރެވެނީ މި އެއްބަސްވުން ދެމި އޮންނާނެކަމަށެވެ."

ހޮނިހިރު ދުވަހު ދެ ގައުމުގެ އަސްކަރީ އޮފިޝަލުން ވާހަކަދައްކައިގެން އެއްބަސްވެފައިވަނީ އިންޑިއާ ގަޑިން 17:00 (ޖީއެމްޓީއިން 11:3)ގައި އެއްގަމާއި ވަޔާއި ކަނޑުމަގުން ވެސް ޙަމަލާތައް ދިނުން ހުއްޓައިލުމަށެވެ.

މިސްރީ ކުރީން ވިދާޅުވެފައިވަނީ މާދަމާ، (މޭމަހު 12ގައި) ވެސް ދެ ގައުމުގެ އަސްކަރީ ވެރީން މަޝްވަރާތައް ކުރާނެކަމަށެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހުބާޒު ޝަރީފު ރޭ ވިދާޅުވެފައިވަނީ ކަޝްމީރާ ދޭތެރޭ އުފެދިގެން މި އުޅޭ ދެބަސްވުންތަކާއި ފެން ޙިއްސާކުރުމުގެ ކަންތަކަށް ވަރަށް އަވަހަށް ޙަލެއް ލިބޭނެކަމަށެވެ. "މި އެއްބަސްވުން އަޅުގަނޑުމެން މި އެކުލަވައިލީ އެންމެންގެ ލާބައާއި މަނަފާއަށް ޓަކައެވެ. މި އެއްބަސްވުމާ މެދު އަހަރެމެން ދެކެނީ ވަރަށް ފައްސިކޮށެވެ."

ޝަރީފު ތުހުމަތުކުރެއްވި ގޮތުގައި މި ދިޔަ ހަފުތާތަކުގައި ޑުރޯނާއި މިސައިލުން މަދަނީންނާ ދެކޮޅަށް ޙަމަލާދީ މިސްކިތްތަކާއި މި ފަދަ ބިނާރުތައް ހަލާކުކޮށްލައިފައިވަނީ އެއްވެސް އަސާސެއްނެތިއެވެ.

"އެއްވެސް ފަރާތަކުން ޕާކިސްތާނުގެ މިނިވަންކަމާއި އިސްތިޤުލާލަށް ގޮންޖަހާ ނަމަ، އެ ކަން ދިފާޢުކުރުމަށް ޓަކައި އަހަރެމެން ހުރިހައި ކަމެއް ކުރާނަމެވެ." އޭނާ އިންޒާރުދިނެވެ.

ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުން އިޢުލާނުކުރުމާއެކު ދެ ގައުމުގެ ރައްޔިތުން ވެސް އުފާފާޅުކުރަމުން އެބަ ގެންދެއެވެ.

ކޮމެންޓު