އަބާ މުޙަންމަދު
9 މޭ 2025
އިންޑިއާއިން ޕާކިސްތާނަށް ނިރުބަވެރި ޙަމަލައެއްދީ 31 މީހުން ޝަހީދުކޮށްލި ހާދިސާއާ ގުޅިގެން މަޒުލޫމުންގެ އަހުލުވެރީންނާ މުޚާޠަބުކުރައްވައި ވާހަކަފުޅުދައްކަވަމުން ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހުބާޒު ޝަރީފު ވަނީ [އަހަރެމެންގެ ތެރެއިން ޤައުމުގެ މިނިވަންކަމުގެ ދިފާޢުގައި ހަނގުރާމަކޮށް ޝަހީދުވި މަޢުޞޫމު ޝަހީދުންގެ ލޭގެ ބަދަލު] ވަރަށް ވަރުގަދައަށް ހިއްޕަވާނެކަމަށް ވިދާޅުވެފައެވެ. އެ ވިދާޅުވި ގޮތަށް ޙަމާލާ ބަދަލުކުރުަމުންދާކަމަށް މީޑީއާ ބުނެއެވެ.
އިންޑިއާއި ޕާކިސްތާނަށް ނިރުބަވެރި ޙަމަލާއެއް ދީފައި މި ވަނީ، އިންޑިއާގެ ބާރުގެ ދަށުގައި އޮންނަ ކަޝްމީރުގެ ޕަހަލްގަމް ސަރަހައްދުގައި މި ހުސްވި އެޕްރީލު މަހު 22ވަނަ ދުވަހު ފަތުރުވެރީންތަކަކަށް ޙަމަލާދީ މަރައިލައިފައިވަނިކޮށެވެ. އެ ހަމަލާދިން ނިރުބަވެރީންގެ ތެރޭގައި ޕާކިސްތާނުގެ ދެ މީހުން ހިމެނޭކަމަށް އިންޑިއާއިން ތުހުމަތުކުރެއެވެ. ނަމަވެސް ޕާކިސްތާނުން އެ ކަން ދޮގުކުރެއެވެ. އަދި އެއީ އެއްވެސް އަސާސެއް ނެތް، އުފައްދައިފައިވާ ދޮގު ތުހުމަތެއްކަމަށް ވެސް ޕާކިސްތާނުން ބުނެއެވެ. މި ކަން މިހެން އޮއްވައި ޕާކިސްތާނު ޕަންޖާބަށާއި ޕާކިސްތާނު ކޮންޓުރޯލުކުރާ ކަޝްމީރު ފަޅިއަށް ނުރައްކާތެރި ވަރުގަދަ ޙަމަލާތަކެއް އިންޑިއާއިން ވަނީ ދީފައެވެ.
އެންމެ ޙަމަލާއެއް ދީފައި ނިންމައިލީކީ ނޫނެވެ. ރޭގައި ވެސް، އިސްރާއީލުގައި އުފައްދައިފައިވާ ޑުރޯނު ބޭނުންކޮށްގެން ޕާކިސްތާނުގެ އެކި އިސްޓޭޓުތަކަށް ނުރައްކާތެރި ޙަމަލާތަކެއް ދޭން އިންޑިއާއިން މަސައްކަތްކުރިއެވެ. ނަމަވެސް ޕާކިސްތާޏުގެ ޢަސްކަރިއްޔާގެ ތަރުޖަމާނު މޭޖަރ-ޖެނެރަލް އަޙުމަދު ޝަރީފު ޗައުދަރީ ވިދާޅުވެފައިވަނީ އެ ހުރިހައި ޑުރޯނުތަކެއް ވައްޓައިލައި އެ މީހުން ދިން ނުރައްކާތެރި ޙަމަލާތައް ނާކާމިޔާބުކޮށްލައިފައިވާނެކަމަށެވެ.
އަނެއްކޮޅުން އިންޑިއާއާ ޙަވާލާދީ ސީއެންއެނުން ރޭ އާންމުކުރި ޚަބަރެއްގައިވާ ގޮތުން އިންޑިއާގެ އަސްކަރީ އެކި މަރުކަޒުތަކަށް ޑުރޯނާއި މިސައިލުން ނުރައްކާތެރި ޙަމަލާތަކެއް ޕާކިސްތާނުން ދީފިއެވެ. ނަމަވެސް ޕާކިސްތާނުން އެ ކަން ދޮގުކުރިއެވެ. ނަމަވެސް ތަންކޮޅެއް ކުރީން ޕާކިސްތާނުން ބުނިކަމަށް ހުޅަނގުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވަނީ ދެ ގައުމުގެ ސަރަހައްދީ ރޮނގު ކައިރީން އިންޑިއާގެ ސިފައިންގެ 40އާއި 50އާ ދެމެދުގެ ޢަދަދެއްގެ މީހުން މަރައިލެވިއްޖެކަމަށެވެ. އަނެއްކޮޅުން އިނޑިއާއިން ބުނަނީ ޕާކިސްތާނުގެ އިސންތިތާޖީ މުހިންމު ތަންތަނަށް ޙަމަލާ ދެވިއްޖެކަމަށެވެ.
އެނގިވަޑައިގަންނަވާނޭ ފަދައިން 2.9 ބިލިއަން އެމެރިކާ ޑޮލަރުގެ ޑްރޯނާއި މިސައިލާއި ރާޑަރު ފަދަ އަސްކަރީ ހަތިޔާރާއި ޒަމާނީ އާލަތްތައް ގަންނާން އެއްބަސްވެ މީގެ ކުރީން އިންޑިއާއިން ަނީ މި ތަކެތި ގަނެފައެވެ. މިހާރު މި ހިނގަނީ އެ ސާމާތު ޓެސްޓުކުރުމުގެ މަރުޙާލާބާވައެވެ؟
ނިއުކްލިއަރ ހަތިޔާރުގެ ޤާބިލުކަން ހޯދައިފައިވާ އިންޑިޔާއާއި ޕާކިސްތާނުން ބަރުހަތިޔާރު ބޭނުންކޮށްގެން ޙަމަލާބަދަލުކުރާން ފެށީ އިންޑިޔާއިން ޕާކިސްތާނަށް ބެލިސްޓިކް މިސައިލް ޙަމަލާއެއް ދީފައިވާ ދަނޑިވަޅެއްގައެވެ. މިއީ ވަރަށް ނުރައްކާތެރި އިޝާރާތްތަކެކެވެ.
އިންޑިއާގެ ނިރުބަވެރި ޙަމަލާތައް އަމާޒުކުރީ ނިރުބަވެރީންގެ މަރުކަޒުތަކަށްކަމަށް އިންޑިއާއިން ބުނިކަމަށް ވިޔަސް ހަގީގަތުގައި އިންޑިއާގެ ހަމަލާތައްދީފައިވަނީ މުސްލިމުންގެ މިސްކިތްތަކަށާއި މަދަނީން ދިރިއުޅޭ ސަރަޙައްދުތަކަށް ސީދާ އަމާޒުކޮށްގެންކަމަށް ޕާކިސްތާނުން ބުނެއެވެ. އެހެންކަމުން މިއީ މުސްލިމުންގެ އާބާދީއަށް ގެއްލުންދިނުމަށް ޓަކައި ކޮންމެވެސް ބަހަނާއެއްގައި ހިންގާ އުދުވާނެއްކަން ވަރަށް ސާފެވެ. އަދި އެއީ ނަސްލުހޭދުގެ ޢަމަލަކަށް ވެސް ބެލިދާނެއެވެ.
އިންޑިއާއިން ބުނަނީ [އޮޕަރޭޝަން ސިންދޫރު]ގެ ނަމުގައި އެ ގައުމުން ބަދަލުކުރާ ޙަމާލާތަކަކީ ނިރުބަވެރީންނާ ދެކޮޅަށް ދެވޭ ޖާއިޒު ޙަމަލާތަކެއްކަމަށެވެ. އަދި މި ޙަމަލާގެ ރައްދުގައި ޕާކިސްތާނުން ވެސް ޙަމާލާ ދީފައިވާކަމަށާއި ޕާކިސްތާނުން ދިން ޙަމަލާތަކުގައި 13 މީހުން މަރުވެފައިވާކަމަށެވެ.
ކުރީން ޕާކިސްތާނުން އިޢުލާނުކޮށްފައިވަނީ އިންޑިއާއިން ދިން ޢުދުވާނީ ޙަމަލާގައި، 31 މީހުން ޝަހީދުވެ އެތައް ޑަރުޖަނެއްގެ މީހުން ޒަޚަމުވެފައިވާކަމަށެވެ.
ޕާކިސްތާނާއި އިންޑިއާއަކީ އަބަދު ވެސް ދެކޮޅުވެރިކަން އޮންނަ ދެ ގައުމެވެ. މި ދެ ގައުމުގެ ދެމެދުގައި ހަތް ހަނގުރާމައެއް ކުރީން ވެސް ވަނީ ހިގައިފައެވެ. އަބަދުވެސް އިންޑިއާ އޮންނަނީ ޕާކިސްތާނާ ދެކޮޅަށް ހަނގުރާމައެއް ފަށައިގަންނާނެ ބަހަނާއެއް ދެއްކޭނެ ގޮތެއް ހޯދަހޯދައެވެ.
އިންޑިއާއާއި ޕާކިސްތާނަކީ މި ސަރަހައްދުގެ ބޮޑު ދެ ބާރެކެވެ. އަޅުގަނޑުމެންގެ ރާއްޖެއަށް އެތެރެކުރާ ކާނާގެ މުހިންމު ގިނަ ބާވަތަތަކެއް މި ދެ ގައުމުން އެތެރެކުރާތީ އަވައްޓެރި މި ދެ ގައުމުން ކުރާ ހަނގުރާމައެއްގެ އަސަރު ދިވެހިރާއްޖެއަށް ނުފޯރައެއް ނުދާނެއެވެ.
ދޫދޫމަތީން ރިވާވެފައިވާ ގޮތުގައި ހިންދޫން ބައިވެރިވާ ވަރުގަދަ ހަނގުރާމައެއް ގިޔާމަތްވުމުގެ ކުރީން މި ސަރަހައްދުގައި ހިނގާނެއެވެ. މިއީ ތެދު ނާޑުކަތާއެއްކަމަށްވާ ނަމަ، މިހާރު ފެށިގެން މި އުޅޭނީ އެ ހަމަޖުހެނުންތައް ބާވައެވެ!
ބައެއް ލަފުޒުގެ މާނަ:
ނަސްލުހޭދު ނ. އިންސާނީ ނަސްލެއް ނައްތާލުމަށް ޓަކައި ގަސްތުގައި މަރައި ހުސްކުރުމުގެ ޢަމަލު.
މަޒުލޫމު ނ. އަނިޔާއެއް ނުވަތަ ކުށެއްގެ ސަބަބުން ނިކަމެތިކަމެއް ނުވަތަ ގެއްލުމެއް ލިބުނު މީހާ. މި ގޮތުން ލިބޭ ގެއްލުމަކީ އެ މީހެއްގެ ހައްގުތަކެއް ގެއްލިދިޔުން ނުވަތަ އެ މީހެއްގެ ހަށިގަނޑާއި މުދަލަށް ގެއްލުންތަކެއް ލިބުން، ނުވަތަ މަރުވުން ކަމަށް ވެސް ވެދާނެއެވެ.
ޑަރުޖަނު ނ. އެއް ވައްތަރެއްގެ ބާރަ އެތި.
ޖާއިޒު ނއ. (1) ހުއްދަ. (2) ކުރުމާއި ނުކުރުމުގެ އިޚުތިޔާރު ލިބިފައިވާ.