ad_banner
ޓުރަންޕު އަރައި އޮތް "ގަހުން ފައިބަނީބާ"!!؟؟

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

8 މޭ 2025

ޗައިނާއިން ބުނަނީ މައުމޫލާ ބެހޭ ގޮތުން އެމެރިކާއާ ޗައިނާއިން މަޝްވަރާކުރާނީ އެންމެ ފުރަތަމަ ޓުރަންޕު [ގަހުން ފައިބައި]  ހަމަބިމަށް ތިރިވީމާކަމަށެވެ.

ޗައިނާއާ ދެކޮޅަށް އިގުތިސާދީ އަދި ބަހުގެ ހަނގުރާމައިގެ ވަރުގަދަ ޙަމަލާތަކެއް އެމެރިކާގެ ރައީސް ޓުރަންޕު ދިނުމަށް ފަހު، އޭނާގެ ހަމަލާތައް މައިތިރިކޮށްފިއެވެ. ނަމަވެސް ޗައިނާއިން ބުނި ގޮތަށް [ގަހުން ފައިބާކަށް] އަދިވެސް އުޅޭހެނެއް ހިޔެއްނުވެއެވެ. ބީބީސީއިން ފޮނުވާ ޚާއްޞަ ޕްރޮގްރާމެއްކަމަށްވާ [މީޓް ދަ ޕްރެސް ވިތު ކްރިސްޓެން ވެލްކަރ]ގައި ވާހަކަދައްކަމުން ޓުރަންޕު ބުނެފައިވަނީ [ބެއިޖިނާއި ވޮޝިންގޓަނުން ކުރިމަގުގެ ވިޔަފާރިއާ ބެހޭ ގޮތުން ވާހަކަދައްކާން އެއް މޭޒެއްގެ ދޮށަށް އައިސް ކޮންމެ ބަޔަކު ވެސް އެ ބަޔެއްގެ ނިންމުން މައިތިރިކޮށްފި ނަމަ، އާޚިރުގައި މައުމޫލުތައް ކުޑަކުރެވޭނެ]ކަމަށެވެ.  

[ވަކި ހިސާބަކުން އަހަރެން މި އުޅެނީ (ޓެރިފު) ދަށްކުރާން. އެހެންނޫނީ ކަލޭމެންނަކަށް އެ މީހުންނާ އެކު ވިޔަފާރިއެއް ނުކުރެވޭނެ.] ބީބީސީއަށް ދިން ބަސްދީގަތުމުގައި ކްރިސްޓެން ވެލްކަރާ މުޚާޠަބުކޮށް އޭނާ ބުންޏެވެ. [އެ މީހުން ވިޔަފާރިކުރާން ވަރަށް ބޮޑަށް ބޭނުންވޭ. އެ މީހުންގެ އިގުތިސާދު މިހާރު އެ އިނދަޖެހެނީ.] ޓުރަންޕު އެ މީހުންނޭ އެ އިޝާރާތްކުރަނީ ޗައިނާއަށެވެ.

މީގެ ހަފުތާތަކެއްގެ ކުރީން ދުނިޔޭގެ އެންމެ ބޮޑު ދެ އިގުތިސާދުގެ ދެމެދުގައި ހިނގާން ފެށި އިގުތިސާދީ ހަނގުރާމައިގައި އެމެރިކާއިން ވަނީ ޗައިނާއިން އެތެރެކުރާ މުދަލުން ނަގާ މައުމޫލު (އިމްޕޯޓު ޑިޔުޓީ) 145% އަށް މަތިކޮށްފައެވެ. މިއާ ގުޅިގެން ޗައިނާއިން ވެސް ވަނީ އެމެރިކާއިން އެތެރެކުރާ މުދަލުން ނަގާ ޓެރިފު 125%އަށް މަތިކޮށްފައެވެ.

ދެ ގައުމުގެ ދެމެދުގައި ބަދަލުކުރެވެމުން ދިޔަ ބަހުގެ [ބަލާޣާތްތެރި] ޙަމަލާތައް ވޭތުވެ ދިޔަ ދެ ހަފުތާއެއްގެ ތެރޭގައި ވަނީ ހިސާބަކަށް މައިތިރިވާން ފަށައިފައެވެ. ޓެރިފާ ބެހޭ ގޮތުން މަޝްވަރާ ބައްދަލުމަކަށް އެތައް ފަހަރަކު ޗައިނާއަށް ޓުރަންޕު ދަޢުވަތުދީފިއެވެ. ނަމަވެސް ޗައިނާއިން ބުނަނީ ޗައިނާއިން އެ ކަމާ ބެހޭ ގޮތުން މަޝްވަރާކުރާނީ އެންމެ ފުރަތަމަ ޓުރަންޕު [ގަހުން ފައިބައި] ހަމަބިމަށް ތިރިވީމާކަމަށެވެ.

މި ދިޔަ އާދީއްތަ ދުވަހު ދިން ބަސްދީގަތުމެއްގައި، ޗައިނާއާ ދެކޮޅަށް ޓުރަންޕު އަޅައިފައިވާ ހަރުކަށި ޓެރިފުގެ ފިޔަވަޅުތަކުގެ ސަބަބުން ބައެއް ކާރުޚާނާތައް ބަންދުކުރާންޖެހިފައިވާ ކަމަށާއި ބައެއް މީހުންގެ ވަޒީފާ ގެއްލިފައިވާކަމަށް ޓުރަމްޕު އެއްބަސްވިއެވެ. ނަމަވެސް (އެ ކަން ރަނގަޅުކުރާން) ފުރަތަމަ ފިޔަވަޅު އަޅާ މީހަކަށް އޭނާ ނުވާނެކަމަށް ވެސް ބާރުލައި ބުންޏެވެ.

"މަޝްވަރާގެ މޭޒުދޮށަށް ޗައިނާ ގެނައުމަށް ޓަކައި ޗައިނާގެ މުދަލަށް ކަނޑައެޅި ޓެރިފު ކުޑަކޮށް ވެސް ދަށްނުކުރާނަންތޯ" ހުށަހެޅުންތެރިއާ ވެލްކަރ، ޓުރަންޕާ ސުވާލުކުރިއެވެ. 

[ކީއްވެ އަހަރެން އެ ކަން ކުރާން ޖެހެނީ؟] ޓުރަންޕު ޖަވާބު ދިނީ ސުވާލަކުންނެވެ.

ޗައިނާގެ ވިޔަފާރިއާ ބެހޭ ވުޒާރާގެ ތަރުޖަމާނު މި ދިޔަ ހުކުރު ދުވަހު ވިދާޅުވެފައި ވަނީ ވިޔަފާރިއާ ބެހޭ ގޮތުން ވާހަކަދައްކާން އެމެރިކާއިން ހުށައަޅައިފައިވާ ހުށައެޅުންތައް މިހާރު ގެންދަނީ ދިރާސާކުރަމުންކަމަށާއި [އެކަމަކު ޓުރަންޕު އަމިއްލައަމިއްލައަށް ބޮޑުކުރި ގޯސް ޓެރިފުތައް އޭނާ ކެންސަލްކުރާން ޖެހޭނެ]ކަމަށެވެ.

އެމެރިކާއިން ޓެރިފު ބޮޑުކުރުމުގެ ސަބަބުން އެމެރިކާގެ ބައެއް ކާރުޚާނާތައް ބަންދުކުރާންޖެހި ގިނަ ބަޔެއްގެ ވަޒީފާތައް ގެއްލިފައިވީ ފަދައިން، އެކްސްޕޯޓުގެ މައްޗަށް އިގުތިޞާދު ބަރޯސާވެފައި އޮންނަ ޗައިނާގެ އިގުތިސާދަށް ވެސް އެ ކަމުގެ އަސަރުވަނީ ފޯރާން ފަށައިފައެވެ.

ޗައިނާގެ ކާރުޚާނާތަކުގެ ޙަރަކާތްތެރިކަން، މި ވޭތުވެދިޔަ 16 މަސްދުވަހުގެ ތެރޭގައި އެންމެ ދަށަށް ދިޔައީ މި ހުސްވި އެޕުރީލް މަހުގެ ތެރޭގައެވެ.

ޗައިނާގެ ރަސްމީ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2022ގެ ފަހުން ކޮވިޑް19ގެ ޙާލަތުގައި އާ އޯޑަރުތައް ލިބުން ދަށްވި ފަހުން މި ދިޔަ އޭޕްރީލް މަހަކީ އާ އޯޑަރުތައް އެންމެ މަދުން ލިބުނު މައްސަރެވެ.

މި ދިޔަ އާދީއްތަ ދުވަހު [އެއަރފޯރސް އެކެއް] މަތީންދާބޯޓުގައި އިނދެ ނޫސްވެރީންނަށް މަޢުލޫމާތު ދެމުން ޓުރަންޕު ބުނެފައިވަނީ [ޗައިނާގެ އިސްވާރު ޝީ ޖިންޕިންގާ ބައްދަލުކުރުމުގެ އެއްވެސް ތަދުބީރެއް މި ހަފުތާއަކަށް ތާވަލުކުރެވިފައެއް ނެތް]ކަމަށެވެ. [ނަމަވެސް ޗައިނާއާ އެކު، އަހަރެމެންގެ މީހުން ތަފާތު ކަންތައްތަކާ ބެހޭ ގޮތުން މިހާރު ވެސް ވާހަކަދައްކަމުން އެބަ ގެންދެއެވެ.] ޓުރަންޕު ބުންޏެވެ.

ޓުރަންޕު ބަލަނީ ޗައިނާއާ އެކު [އިންސާފުވެރި] ވިޔަފާރިއެއްކުރާންކަމަށް ޓުރަންޕު ބުނެއެވެ. ނަމަވެސް ޓުރަންޕު ތަކުރާރުކޮށް ބުނަމުން ގެންދަނީ [ޗައިނާއިން ވިޔަފާރީގެ ނަމުގައި އެމެރިކާއިން ޒަމާންތަކެއްވަންދެން ނާޖާއިޒު ފައިދާ ނަގަމުން ގެންދިޔައީ]ކަމަށެވެ.

ޗައިނާގެ އިތުރަށް ޓުރަންޕު ބުނީ [އޭނާގެ ސަރުކާރުން "ގާތްގަނޑަކަށް" ހުރިހައި ގައުމަކާ އެކު، ބައްދަލުވުންތައް ބާއްވާނެ]ކަމަށެވެ. އަދި [ވިޔަފާރި ޑީލުތައް "ވަރަށް ރަނަގަޅުވާނެ"ކަމަށެވެ.] މި ހަފުތާގައި ޓުރަންޕު އިޢުލާނުކޮށްފައި ވެއެވެ.

[އަހަރެމެން ބައިވަރު ގައުމތަކާއެކު މަޝްވަރާއެބަކުރަން. އެކަމަކު އެންމެ ފަހުން އަހަރެން އަހަރެންގެ އަމިއްލަ ޑީލު ހަދާނީ. ސަބަބަކީ އަހަރެން ޑީލު ހަމަޖައްސާނީ. އެބައިމީހުން ޑީލެއް ނަހަދާ.] ޓުރަންޕު ބުންޏެވެ.

މި ޓެރިފުގެ ހަނގުރާމަ އަދި ނިމުކަމަށް އައިސްފައި ނުވިޔަސް ޓުރަންޕުގެ އެ ދޯހަޅި ނިންމުމުގެ ސަބަބުން ފައިދާއެއް ލިބުނު ގައުމެއް ނެތެވެ. ޚުދު އެމެރިކާއަށް ވެސް ލިބެމުންދަނީ ޞަރީޙަ ނާކާމިޔާބީއާއި އިޖުތިމާޢީ އަދި އިގުތިސާދީ ބޮޑެތި ގެއްލުންތަކެވެ. އެހެންކަމުން ޓުރަންޕު ކުރީން އަރައި އޮތް [ގަހުން ފައިބަނީ]އެވެ.

 

ބައެއް ލަފުޒުގެ މާނަ:

ނާޖާއިޒު     ނއ.   (1) ހުއްދަ ނޫން. (2) ޝަރީޢާތާއި ގާނޫނާ ޚިލާފު.

މައުމޫލު      ނ.   އިންޕޯޓު ޑިޔުޓީ

ދޯހަޅި       ނ.    (1) ހަރުދަނާކަން ކުޑަ. (2) ފަރުވާކުޑަ. (3) ފޭރާން ދެރަ.

ތަދުބީރު      ނ.    (1) ކަމެއްގެ މައްޗަށް ފުންކޮށް ވިސްނައި ރާވާރޭވުން. (Plan) (2) ޙިކުމަތް. 

ސަރީހަ      ނ.    އޮޅުމެއްނެތި ވެފައިވާ ސާފު.

ޑީލު        ނ.    ދޭދޭ ފަރުދުންގެ މެދުގައި ނުވަތަ ދެ ފަރާތެއްގެ ދެމެދުގައި ހިންގޭ ނާޖާއިޒު މުޢާމަލާތު. މި ފަދަ މުޢާމަލާތުގައި ދެ ފަރާތުގެ ވެސް މަޞްލަޙަތުތަކެއް ހިމެނޭނެއެވެ.

ކޮމެންޓު