އިސްމާޢީލު މުބާރަކު
5 މޭ 2025
ތަމްހީދު:
ބަހަކީ ބަސްބުނާ މީހާ ބޭނުންވާ މެސެޖު އަނެކާޔަށް ފޯރު ކޮށްދޭ ވަސީލަތެކެވެ. މެސެޖު އުފުލައިދޭ އުޅަނދެކެވެ. މިހެންވެ ޝައުޤުވެރިކޮށް އަސަރުގަދަކޮށް އަނެކުންނާ ހަމަޔަށް މެސެޖު ފޯރުކޮށްދިނުމަށް ޓަކައި ބަލާޣާ ބޭނުންވެއެވެ. އަދަބިއްޔާތުގައި ހިމެނޭ ފަޞާޙަތާއި ބަލާޣާއަކީ ޢިބާރާތް ފުރިހަމަކޮށް، އަސަރުގަދަކޮށްދިނުމަށް ޓަކައި ބޭނުންވާ ޢިލްމެވެ. މި ޢިލްމު ބޭނުންކޮށްގެން ތިމާ އަނެކާއަށް ރައްދުކޮށްދޭން ބޭނުންވާ މެސެޖު އަސަރުގަދަކޮށް އަނެކާއަށް ފޯރުކޮށްދިނުމަށް ޓަކައި ވާހަކަދައްކާ ބަހުގެ ޢަލާމާތްތަކާއި އާލާތްތައް ދެނެގަންނާން ޖެހެއެވެ.
އަދަބިއްޔާތުގައި ބަލާޣާ ބޭނުންކުރަނީ އެހުންތެރީންނާއި ކިޔުންތެރީނަށް ފުން އަސަރުކުރުވުމަށް ޓަކައެވެ. މީހުންގެ ރުހުމާއި ޝައުޤާއި މަގުބޫލުކަން ހާސިލުކުރުމަށް ޓަކައެވެ. މި ކަމަށް ޓަކައި އަދަބިއްޔާތުގެ އުންސުރުތައް އެނގޭން ޖެހެއެވެ. ބަލާޣާގެ އެންމެ މުހިންމު އެއް އުންސުރަކީ މަޖާޒެވެ. މަޖާޒަކީ، ކުރުކޮށް ދަންނަވާ ނަމަ، ލަފުޒުގެ އަސްލު މާނަ ނޫން އެހެން މާނައެއް ދޭހަވާ ގޮތަށް ބޭނުންކުރާ ލަފުޒުތަކެވެ.
އަދަބިއްޔާތުގެ މި ހަގީގަތަށް ބަލާ އިރު، ކީރިތި ޤުރުއާނަކީ އަދަބިއްޔާތުގެ އެންމެ މަތީ ފެންވަރުގެ ފޮތެވެ. އެ ފަދަ އެހެން ފޮތެއް، ނުވަތަ އެ ފޮތުގެ އެންމެ ސޫރަތެއް ނުވަތަ އެ ފޮތުގެ 10 އާޔަތާ އެއް ފަދަ 10 އާޔަތް ނުވަތަ އެންމެ އާޔަތެއް ވެސް އެ ފުރިހަމަ ބަލާޣާތާ އެކީގައި އިންސާނުންނާއި ޖިންނީންގެ ތެރެއިން ހަމަ އެކަކަށް ވެސް އަދި އެންމެން އެއްބައި ވެގެން ވެސް ނެހެދޭނެކަމަށް މާތް ﷲ މުޅި އިންސާނުންނާއި ޖިންނީންނަށް ގޮންޖައްސަވައިފައިވާ އަދަބީ މުޢުޖިޒާއެކެވެ. ޤުރުއާން ބާވައިލެއްވީއްސުރެ އެ ކަން ކުރާން އުޅުނު މީހުން، ނުވަތަ އުޅޭ މީހުން ވީ ނާކާމިޔާބެވެ. އެހެންވީ އިރު، އަދަބިއްޔާތުގެ މި ފަދަ ބަލާޣާތްތެރި ފޮތެއްގައި ބަލާޣާ ހިމެނޭނެކަން ކަށަވަރެވެ. ބަލާޣާ ހިމެނިފައިވާ ނަމަ، އޭގައި މަޖާޒު ހިމެނުމަކީ ލާޒިމު ކަމެއްކަން މަންޠިޤީ ހަމައިން ވެސް ދެނެގަންނާކަށް އުނދަގުލެއް ނުވާނެއެވެ.
މައިގަނޑު ބައި:
ޙަމްދާއި ޝުކުރު ހުރީ ﷲއަށެވެ. ބަހާއި ބަހުގެ ދޭހަ އަޅުގަނޑުމެނަށް އުނގަންނައިދެއްވީ އެކަލާނގެއެވެ. ﴿علم الانسان ما لم يعلم ﴾. އިންސާނާއަށް އޭނާޔަށް އެއް ގޮތަކަށް ވެސް ނޭނގޭ ކަންކަން ﷲ އުނގަންނަވައިދެއްވިއެވެ. ޞަލަވާތާއި ސަލާމްލެއްވުން އެދި ދުޢާކުރަނީ މި އުންމަތުގެ ކައު ސާހިބާ މުޙަންމަދު ނަބީކަލޭގެފާނަށެވެ. އެ ކަލޭގެފާނަކީ ފަޞާޙަތާއި ބަލާޣަތުގެ ސާހިބާއެވެ.
މިއަދު އަޅުގަނޑުމެންނަށް ސައިންސުން އެނގޭ ގޮތުގައި މަޢުލޫމާތުގެ ފަންނިއްޔާތު (އިންފޮމޭޝަން ޓެކްނޮލޮޖީ) އައުމުގެ މާކުރީން އިންސާނުންގެ ހަތާތަކުގައިވާ (ސެލްތަކުގައިވާ) އަޅުގަނޑުމެންގެ ތަބީޢަތުގައި ހުންނަ ވިރާސީ ބަހާތައް (DNA)އަކީ މަޢުލޫމާތު ފޮނުވުމާއި މަޢުލޫމާތު ލިބިގަތުމުގެ ޤާބިލުކަން ލިބިފައިވާ އެންޓަނާތަކެއް ފަދަ އެއްޗެކެވެ. އަދި އޭގެ ޒާތުގައި އެއީ ވެސް ބަހެކެވެ. ހަތަރު ވައްތަރެއްގެ އަކުރުން ލިޔެފައިވާ ބަހެކެވެ. މައިކްރޯ ބަޔަލޮޖީ ކިޔަވާ ދަރިވަރުންނަށް މި ކަން މާ ބޮޑަށް އެނގޭނެއެވެ. ކޮންމެ އަކަސް އެއީ އަޅުގަނޑުގެ މިއަދުގެ މައުޟޫޢެއްނޫނެވެ. އަޅުގަނޑުގެ މައުޟޫޢަކީ ކީރިތި قرآن ގެ މަޖާޒެވެ.
ކީރިތި قرآن ބާވައިލެއްވި ދުވަސްވަރަކީ ޢަރަބިބަސް އޭގެ ޒާތުގައި ވަރަށް ކުރިއަރައިފައި އޮތް ދުވަސްވަރެކެވެ. حجاز ކަރައަކީ ދުނިޔޭގެ ގިނަ ޤައުމުތަކާ ދުރުގައި ސަހަރާގެ މެދުތެރޭ އޮތް ކަރައެކެވެ. ހޫނު މޫސުމާއި ފިނިމޫސުމުގެ ދަތުރުތައް ކޮށް އުޅުނީ ޖަމަލާއި މި ފަދަ އެހެނިހެން ސަވާރީތަކުގެ މަތީގައި ވަރަށް އުނދަގުލާ އެކުގައެވެ. ޖިއޮގުރަފީ ގޮތުން، މިހެން މި ކަން ދިމާވެފައި އޮތުމުގެ ސަބަބުން އެހެން ބަސްބަހުގެ ނުފޫޒު ވަދެގެން ބަސް ހަލާކުވުމުގެ ފުރުޞަތު ވަރަށް ކުޑަވެފައި، ޢަރަބިބަސް ކުރިއަރައިގެން ދިޔަ ދުވަސްވަރެކެވެ.
މަޖާޒަކީ ބަހާއި އަދަބިއްޔާތާ ވަކިނުކުރެވޭނޭ، ބަހުގެ ބައެއްކަމަށްވީ ހިނދު، ޤުރުއާނަކީ ޢަރަބި ބަހުން ބާވައިލެއްވި قرآن އެކޭ، ކީރިތި قرآن ގައި الله تعلي ވަޙީކުރެއްވުމުން އެ ބަހުގައި ހުރި މި ފަދަ އަދަބީ މުހިންމު އުންސުރުތައް قرآنގައި ނެތުމަކީ މުސްތަޙީލު ކަމެކެވެ.
ނަމަވެސް އެހެނިހެން فرعي މައްސަލަތަކުގައި ވެސް إختلاف ހުންނަ ފަދައިން ކީރިތި قرآن ގައި މަޖާޒު ހުރުމުގެ މައްސަލައިގައި ވެސް ޢިލްމުވެރީންގެ މެދުގައި إ ختلاف އުފެދިފައިވެއެވެ. شيخ الإسلام ابن التيمية އާއި އެކަލޭގެފާނުގެ ދަރިވަރެއް ކަމުގައިވާ ابن القيم ފަދަ، ابن عثيمين ފަދަ ސަލަފީ ޝައިޚުން ދެކެވަޑައިގަންނަވާ ގޮތުގައި ކީރިތި قرآنގައި މަޖާޒެއް ނުހުންނާނެއެވެ. އެ ކަމުގައި އެ ބޭކަލުންގެ އިޖްތިހާދު އެ ބޭކަލުން ދައްކަވައެވެ.
އެހެންނަމަވެސް سنة ޖަމާޢަތުގެ މަޝްހޫރު ހަތަރު މަޒުހަބު ކަމުގައިވާ، حنفي އާއި حنبلي އާއި مالكيއާއި شافعيއާއި މި ހަތަރު މަޒުހަބުގެ ޢިލްމުވެރީންގެ جمهور އެއްބަސްވެވަޑައިގަންނަވަނީ ކީރިތި قرأنގައި މަޖާޒު އެބަ ހުރިކަމަށެވެ. އަދި لغة އާއި بيان ގެ ޢިލްމުވެރީން ވެސް އެއްބަސް ވަނީ މި ރައުޔަށެވެ. ކީރިތި قرأن ގައި މަޖާޒު އެބަ ހުރިކަމަށެވެ.
މި ފަދަ އިޚުތިލާފުތައް ހުރުމަކީ އާ ކަމެއް ނޫނެވެ. ކީރިތި قرآن އަކީ مخلوق އެއްކަމަށާއި مخلوقއެއް ނޫންކަމަށް ވެސް ބައެއް ޢިލްމުވެރީން اختلاف ވާ ފަދައިންނެވެ. مخلوقއެއްކަމަށް ވިދާޅުވާ علم ވެރީން ދައްކަވާ ޙުއްޖަތަކީ خالق އަކަށް ނުވާ ކޮންމެ އެއްޗަކީ مخلوق އެކެވެ.
މަޖާޒަކީ ކޮބައިތޯ އެވެ؟ ކުރުކޮށް ދަންނަވާ ނަމަ މަޖާޒަކީ އިސްވެ ދެންނެވުނު ފަދައިން ލަފުޒުގެ އަސްލު މާނަ ނޫން އެހެން މާނައެއް ދޭހަވާ ގޮތަށް ބޭނުންކުރާ ލަފުޒުތަކެވެ. ތަންކޮޅެއް ތަފުސީލުކޮށް ދަންނަވާ ނަމަ، މަޖާޒަކީ ވާހަކަދެއްކުމުގައި އަޅުގަނޑުމެން ބޭނުންކުރާ ލަފުޒު ނޫން އެހެން ލަފުޒެއް، އަޅުގަނޑުމެން ބުނާ ބަހަށް ވުރެ ފުރިހަމަކޮށް ބަޔާންކުރުމަށް ޓަކައި އަސަރާއި ޖަޒުބާތާ އެކީ ބަޔާންކުރާން ބޭނުންކުރާ ތަފުސީލީ އާލަތެކެވެ.
ބަހުގެ ޢިލްމުވެރީން ވިދާޅުވާ ގޮތުން މަޖާޒުގައި އެތައް ވައްތަރެއް ހުރެއެވެ. އެ ހުރިހައި ވައްތަރުތަކެއް އަޅުގަނޑު މި މަގާލުގައި ބަޔާންކުރާކަށް ގަސްތެއްނުކުރަމެވެ. ސަބަބަކީ މިއީ ޚާއްސަކޮށް ބަހާ ބެހޭ ގޮތުން ލިޔާ ލިޔުމެއްކަމަށް ނުވާތީއެވެ.
مجاز التشبيهية
ކުރީން ބަޔާންވެ ދިޔަ ފަދައިން ޢާންމުކޮށް މަޖާޒޭ ކިޔަނީ އެއްޗެއް އެހެން އެއްޗަކުން މިސާލު ދައްކައިގެން އިތުރަށް އެއްޗެއް ބަޔާންކުރުމަށެވެ. މިސާލަކަށް: މާމުއިހާ ފޮނި ބަސްތަކެކެވެ. ވިދުވަރެއްހާ ހަލުވިއެވެ. ކީރިތި ޤުރްއާނުގައި މިވައްތަރުގެ މަޖާޒު ވަރަށް ގިނައިން އެބަ ހުއްޓެވެ. ނަމަވެސް މިއީ "އެއްފަދަކުރުން"ކަމަށް ބަސްވާރުން ވިދާޅުވެދާނެއެވެ. އެއީ ވެސް ހަގީގަތެކެވެ. ނަމަވެސް މިއީ ވެސް މަޖާޒުގެ ބާވަތެކެވެ.
މިސާލަކަށް: ﴿كَزَرْعٍ أَخْرَجَ شَطْأَهُ ﴾ ކުދި ނިރުތައް ފަޅުވާ އޮއްތަކެއް ފަދައެވެ.
﴿مُّحَمَّدٌ رَّسُولُ اللَّهِ ۚ وَالَّذِينَ مَعَهُ أَشِدَّاءُ عَلَى الْكُفَّارِ رُحَمَاءُ بَيْنَهُمْ ۖ تَرَاهُمْ رُكَّعًا سُجَّدًا يَبْتَغُونَ فَضْلًا مِّنَ اللَّهِ وَرِضْوَانًا ۖ سِيمَاهُمْ فِي وُجُوهِهِم مِّنْ أَثَرِ السُّجُودِ ۚ ذَٰلِكَ مَثَلُهُمْ فِي التَّوْرَاةِ ۚ وَمَثَلُهُمْ فِي الْإِنجِيلِ كَزَرْعٍ أَخْرَجَ شَطْأَهُ فَآزَرَهُ فَاسْتَغْلَظَ فَاسْتَوَىٰ عَلَىٰ سُوقِهِ يُعْجِبُ الزُّرَّاعَ لِيَغِيظَ بِهِمُ الْكُفَّارَ ۗ وَعَدَ اللَّهُ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ مِنْهُم مَّغْفِرَةً وَأَجْرًا عَظِيمًا ﴾ (الفتح: 29) ("محمدގެފާނީ، اللَّهގެ رسولއާއެވެ. އަދި އެކަލޭގެފާނުގެ އަރިހުގައިވާ މީހުންނީ، كافرންގެ މައްޗަށް ގަދަފަދަވެގެންވާ ބަޔެކެވެ. އެއުރެންގެ މެދުގައި، އޯގާވެރި رحمةތެރި ބަޔެކެވެ. اللَّهގެ حضرةން فضلވަންތަވެރިކަމާއި، ރުއްސެވުން އެދޭ حال، ركوعކޮށް سجدةކޮށް އުޅޭ ބަޔަކުކަމުގައި، ކަލޭގެފާނު އެއުރެން ދެކެވަޑައިގަންނަވާނޫއެވެ. سجدةގެ أثرން، އެއުރެންގެ علامة އެއުރެންގެ މޫނުތަކުގައިވެއެވެ. އެއީ توراةގައިވާ، އެއުރެންގެ مثالއެވެ. އަދި إنجيلގައިވާ، އެއުރެންގެ مثال އޭގެ ކުދި ނިރުތައް ފަޅުވައިފައިވާ ގޮވާމެއް ފަދައެވެ. ދެން އެ ގޮވާން ގަސްތަކަށް ގަދަކަންދިނެވެ. ދެން އެ ގޮވާންގަސްތައް ފަލަވެ، އޭގެ ތަނޑުތަކުގެ މައްޗަށް ސީދާވެ ހެދެމުންދެއެވެ. ގޮވާންކުރާ ދަނޑުވެރީން عجائبކޮށް حيرانކުރުވަމުންނެވެ. އެއުރެން ދެކެ، كافرން ރުޅިއެރުވުމަށް ޓަކައެވެ. އެއުރެންގެ ތެރެއިން إيمانވެ صالح عملތައް ކުޅަ މީހުންނަށް ފާފަފުއްސެވުމަކާއި، ބޮޑުވެގެންވާ ދަރުމައެއް ދެއްވުމަށް اللَّه وعد ކުރައްވައިފައިވެއެވެ.")
އަދި މި އާޔަތުގައި މަޖާޒުގެ ގޮތުގައްޔާއި މަޖާޒު ނޫން ގޮތުގައި ވެސް ވަރަށް ގިނަ މެސެޖްތައް އަޅުގަނޑުމެންނަށް ދެއްވައިފައި ވެއެވެ. މަޖާޒުގެ މައުޟޫޢަށް ދިއުމުގެ ކުރީން އެ މެސެޖްތައް ތަރުތީބު ކޮށްލަމާ ހިންގަވާށެވެ!
ފަސް ނުކުތާއެއް ފާހަގަކުރައްވާށެވެ!
1. ސަލާމް އާއި صلواة ލެއްވި އަޅުގަނޑުމެންގެ ކައުއިތުރު ރަސޫލާ މުޙައްމަދުގެ ފާނާއި އަރިހުގައި ވާ މީހުންނަކީ (އަޞްޙާބު ބޭކަލުންނަކީ) އެކަކު އަނެކަކަށް އޯގާތެރި، އެހެނަސް ކާފަރުންގެ މައްޗަށް ގަދަފަދަ ބަޔެއްކަމެވެ.
2. ސަލާމާއި صلواة ލެއްވި އަޅުގަނޑުމެންގެ ކައުއިތުރު ރަސޫލާ މުޙައްމަދުގެފާނާއި އެކަލޭގެފާނުގެ އަރިހުގައި ވާ ބޭކަލުންނަކީ، އެ ބޭކަލުންގެ ސުލޫކާއި އަޚުލާޤު ހުންނާނީ އެ ބޭކަލުންގެ އަޅުކަމާއި އެއް ގޮތްވާ ގޮތުގެ މަތީގައިކަމެވެ. ދުވާލަކު 17 ފަހަރު ކޮޅަށް ތިއްބަވައި، ޙަރަމްބަންނަވައިގެން ނިކަމެތިވެ އަދަބުވެރިކަމާއި تواضع ވެރިކަމާ އެކު، ﷲ އަށް އެ ބޭކަލުން އިޤުރާރުވެވަޑައިގަންނަވަނީ [ﷲ أكبر] މި ފަދައިން ވިދާޅުވެފައެވެ. يعني: ހުރިހައި އެއްޗަކާއި ހުރިހައި ކަމަކަށް ވުރެ އެންމެ އެންމެ މަތިވެރީ އެންމެ ކުޅަދުން ވަންތައީ ﷲއޭ ވިދާޅުވެފައެވެ.
3. އިންޖީލުގައި ވާ މިސާލަކީ އޭގެ ކުދި ގަސްތައް ފަޅުވައިފައިވާ އޮށްތަކެއްގެ މިސާލެވެ. ޔަޢުނީ އެ ވަރުގަދަ ސުލޫކާއި އަޚުލާޤުގެ މަތީގައި ޅަދަރީން ތަރުބިއްޔަތުކުރާ ބަޔެކެވެ. އެ ކުދީންނަށް އެހީތެރިކަމާއި تعليم އާއި ތަރުބިއްޔަތުދީގެން ޖިސްމާނީ ގޮތުންނާއި ރޫޙާނީ ގޮތުން ބާރުވެރިކުރުވައިގެންނެވެ. މި ގޮތަށް އެ ކަންވާ ތަން ފެނުނީމާ ކުދި ނިރުތައް ބިޔަ ގަސްތަކަށްވެ، ބާރުގަދަ މޮޅެތި މީހުން މުޙައްމަދުގެފާނާ އަރިހުގައި ވާ މީހުންގެ ތެރޭން ނުކުންނަ ތަން ފެނުނީމާ، އެ ނޫން މީހުން ޢަޖައިބުވެ ޙައިރާންވެއެވެ.
4. މި ހެން މި ކަންވީ ކާފަރުން މުޙައްމަދުގެފާނާ އެކުގައި (އަރިހުގައި)ވާ މީހުންނާ މެދު ރުޅިއެރުވުމަށް ޓަކައެވެ. ޔަޢުނީ: ރުޅިއައިސްގެން ކުރެވޭނެ އެއްވެސް ކަމެއް ނެތްކަން ދެއްކެވުމަށް ޓަކައެވެ. ހަމަ ރުޅިއައިސްއައިސް ވެސް ޖެހޭނީ ތިބޭންކަން ދެއްކެވުމަށް ޓަކައެވެ. ހުރިހައި ބާރުވެރިކަމެއް އޮތީ ﷲގެ ޙަޟުރަތުގައިކަން ދެއްކެވުމަށް ޓަކައެވެ .
5. އާޔަތް ނިންމަވައިލައްވަމުން ﷲ تعلي ވަޙީކުރައްވައިފައި އެ އޮތީ ވަރަށް ބޮޑު ވާހަކައެކެވެ. ވިސްނަވާށެވެ! އެ މީހުންގެ ތެރެއިން، يعني މުޙައްމަދުގެފާނާ އެކުގައިވާ މީހުންގެ ތެރެއިން އެންމެންނަކީ އެކަލޭގެފާނާ އެކުގައިވާ ބައެއް ނޫން ކަމެވެ. އެކުގައި ތިއްބަސް އެކުގައިވާ ބަޔެއް ނޫންކަމެވެ.
ސުވާލު: އެ ކަން އެނގެނީ ކިހިނެއްތޯއެވެ؟
ޖަވާބު: ﴿وَعَدَ اللَّهُ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ مِنْهُم﴾
އެއީ އެ އާޔަތުގެ މި ހިސާބުންނެވެ. ﴿مِنْهُم﴾ (އެ މީހުންގެ ތެރޭން )
ﷲ ފާފަ ފުއްސެވުމާއި ބޮޑުވެގެންވާ ދަރުމަ ދެއްވުމަށް ވަޢުދުކުރައްވައިފައި އެ ވަނީ އެ މީހުންގެ ތެރޭން އީމާންވެ ޞާލިޙް ޢަމަލުތައްކުރި މީހުންނަށް އެކަންޏެވެ. އެންމެން ޝާމިލްނުވީ އެހެން ގުރޫޕެއް ވެސް އޭގެ ތެރޭގައި ވާތީއެވެ.
މި އާޔަތުގައި ވާ މަޖާޒު އަކީ ﴿كَزَرْعٍ أَخْرَجَ شَطْأَهُ ﴾ (ކުދި ނިރުތައް ފަޅުވައިފައިވާ ގޮވާމެއް ފަދައެވެ.)
استعارة ضمنية
ކިޔަވައިދިނުމުގައި، ދެ މީހެއްގެ ދެމެދު ނުވަތަ ދެ އެއްޗެއްގެ ދެމެދު އަޅައިކިޔައިގެން ދަރިވަރުންނަށް ބަޔާންކޮށްދިނުމަށް ޓީޗަރުން މި ކަހަލަ މަޖާޒު ބޭނުންކުރެއެވެ. އުނގެނުމާއި ހަނދާންކުރުމަށް އޭގެ ސަބަބުން މަންފާކުރެއެވެ. ކީރިތި قرآن ގައި اللَّهُ سبحانه وتعلي އަޅުގަނޑުމެންނަށް މި ވައްތަރުގެ މަޖާޒު އުނގަނައިދެއްވަނީ އަޅުގަނޑުމެންގެ ވިސްނުން ރަނގަޅު ކުރައްވައި އުނގަންނަވައިދެއްވައި ބުއްދިކުރުމަށްޓަކައެވެ.
ކީރިތި ޤުރްއާނުގައި ميت (މަރުވެފައިވާ މީހާ) މި ލަފުޒު ކާފަރުންނަށް މަޖާޒީ ގޮތުން ބޭނުންކުރަށްވައިފައިވާކަން ހަނދުމަފުޅުބަހައްޓަވާށެވެ! ميت ނުވަތަ الْمَوْتَىٰ އަންނަ ކޮންމެ ފަހަރަކީ މަރުވެފަ ތިބޭ މީހުންގެ ވާހަކަ އަންނަ ފަހަރެއް ނޫނެވެ. މި ދަންނަވާ ބައެއް މިސާލުތަކަށް ބައްލަވާށެވެ!
﴿إِنَّكَ لَا تُسْمِعُ الْمَوْتَىٰ وَلَا تُسْمِعُ الصُّمَّ الدُّعَاءَ إِذَا وَلَّوْا مُدْبِرِينَ﴾ (النمل :80) (ހަމަކަށަވަރުން، މަރުވެފައި ތިބޭ މީހުންނަށް ކަލޭގެފާނަކަށް އަޑެއް ނީއްވެވޭނެތެވެ. އަދި ބީރު މީހުންނަށް، އެއުރެން ފުރަގަސްދީ ދާ ހިނދު، ކަލޭގެފާނު ގޮވައިލައްވާ އަޑެއް ނީއްވެވޭނެތެވެ.)
މި ތަނުގައި މި ބަޔާންކޮށް ދެއްވަނީ އަސްލު މަރުވެފައި ތިބި މީހުންގެ ވާހަކައެއް ނޫނެވެ. އެކަމަކު އެއީ އެކަލޭގެފާނުގެ ދަޢުވަތަށް ފުރަގަސްދީ ދާ ކާފަރުންގެ ވާހައެވެ.
އަދިވެސް ބައްލަވާށެވެ!
﴿أَوَمَن كَانَ مَيْتًا فَأَحْيَيْنَاهُ وَجَعَلْنَا لَهُ نُورًا يَمْشِي بِهِ فِي النَّاسِ كَمَن مَّثَلُهُ فِي الظُّلُمَاتِ لَيْسَ بِخَارِجٍ مِّنْهَا ۚ كَذَٰلِكَ زُيِّنَ لِلْكَافِرِينَ مَا كَانُوا يَعْمَلُونَ﴾ (انعام: 122)
(كافرކަމުން) މަރުވެފައިވަނިކޮށް (ތެދުމަގު ދެއްކެވުމުން) ތިމަންރަސްކަލާނގެ އެމީހަކު ދިރުއްވައި، މީސްތަކުންގެ ތެރޭގައި އެނޫރެއްގެ އަލީގައި ހިނގާނޭ ނޫރެއްލެއްވި މީހަކާއި، އަނދިރީގެ ތެރޭގައި ނުނިކުމެ ހުންނަ މީހަކާ އެއް ފަދަވާނޭހެއްޔެވެ؟ އެ ފަދައިން، كافرންނަށް އެއުރެން ކޮށް އުޅުނު عملތައް ޒީނަތްތެރިކޮށްދެއްވިއެވެ.)
މި އާޔަތުގައި މި ވަނީ ކާފަރަކު އިސްލާމް ވުން ބަޔާން ކޮށް ދެއްވާފައެވެ. ﷲ تعلي އަޅުގަނޑުމެންނާ އެ ސުވާލުކުރައްވަނީ ކާފަރުކަމުން ނުނިކުމެވި ހުރި މީހަކާ، ކާފަރު ކަމުގައި ހުއްޓައި ހިދާޔާތުދެއްވުމުން އިސްލާމްވެ، އިސްލާމް ދީނުގެ ނޫރުން ރަނގަޅާއި ނުބައި ވަކިކޮށް ދެނެގަންނާން އެނގޭ މީހަކާ އެއް ފަދަ ވާނޭހެއްޔެވެ؟ މީހަކު މަރުވެފައި އޮއްވައި ދިރުއްވައި އަލިކުރާނޭ ޓޯޗް ބައްތިއެއް ދެއްވި ވާހަކައެއް ނޫނެވެ .
އަދިވެސް މިއާޔަތުގެ މަޖާޒާ މެދު ވެސް ވިސްނައިވަޑައިގަންނަވާށެވެ!
﴿أَفَمَن يَمْشِي مُكِبًّا عَلَىٰ وَجْهِهِ أَهْدَىٰ أَمَّن يَمْشِي سَوِيًّا عَلَىٰ صِرَاطٍ مُّسْتَقِيمٍ﴾ (الملك: 22)
ފަހެ، ތެދުމަގު ލިބުންބޮޑީ، މޫނުވަތަށް ވެއްޓެމުން ހިނގައިދާ މީހާހެއްޔެވެ؟ ނުވަތަ ސީދާވެގެންވާ ތެދުމަގެއްގައި، ތެދަށް ހިނގައިދާ މީހާ ހެއްޔެވެ؟
މި މަޖާޒު ގައި ﷲ މިސާލުޖައްސަވައިފައިވަނީ އެކޮޅުކޮޅުން (މޫނުކޮޅު ވަތަށް) ހިނގައިފައި ދާ މީހަކާއި ސީދާ ތެދަށް ހުރެ މަގުގައި ހިނގައިފައި ދާ މީހެއްގެ މިސާލުންނެވެ. އަސްލު ވާހަކަ އަކީ މަގު ގެއްލިފައިވާ މީހަކާ ތެދުމަގުގައި ހުރި މީހަކާ އެއްފަދަ ވާނެހެއްޔެވެ. ބަޔާންކޮށް ދެއްވާފައި އޮތީ މަޖާޒީ ގޮތަށެވެ.
އެކޮޅުކޮޅުން އެއްލުމުން އޮންނާނީ އިންސާނާއަށް ޙަޤީޤަތް ފެންނަ ގޮތުގެ 180 ދަރަޖަ ގޯސްކޮށެވެ. އޭނާގެ ބޯކޮޅު އޮންނާނީ އެހެން އެންމެންގެ ފައިކޮޅު ހުންނަ ތަނުގައެވެ. އަދި ސިކުނޑިއަށް ވެސް އެ ގޮތް ގޯސްކަން އެނގޭ އިރު ވެސް އެއީ ތިމާ ހުރި ގޮތް ވީމާ ގޮތްދޫނުކުރާން ހަމަ އެކޮޅުކޮޅުން ހުރެ އަސްލެއް ނެތް ޢަޤީދާއެއްގައި ހުރެ ހިނގައިފައި ދާންވީތޯ، ނޫނީ ތިމާގެ ލޮލާއި ސިކުނޑިޔާ ވެސް އެއްބަސްވާ ތެދު ގޮތެއްގައި ސީދާ ތެދަށް ހުރެ ހިނގައިފައި ދާނީތޯއެވެ؟
މި މަޖާޒުން ﷲ تعلي އަޅުގަނޑުމެންނަށް މި ވިސްނައިދެއްވަނީ ކޯއްޗެއްތޯއެވެ؟
އަދި ވެސް ބައްލަވާށެވެ!
الفاطر:22-19އަށް ބައްލަވާށެވެ! ﴿وَمَا يَسْتَوِي الْأَعْمَىٰ وَالْبَصِيرُ﴾ (އަދި ކަނުމީހާއާއި، ލޮލަށް ފެންނަ މީހާއާ ހަމަހަމަވެގެން ނުވެތެވެ.)
﴿وَلَا الظُّلُمَاتُ وَلَا النُّورُ﴾ (އަދި އަނދިރިކަމާއި، އަލިކަމާ ވެސް ހަމަހަމަވެގެން ނުވެތެވެ.)
﴿وَلَا الظِّلُّ وَلَا الْحَرُورُ﴾ (އަދި ހިޔަލާއި، ގަދަ އަތްވާ ވެސް ހަމަހަމަވެގެންނެއް ނުވެތެވެ.)
﴿وَمَا يَسْتَوِي الْأَحْيَاءُ وَلَا الْأَمْوَاتُ ۚ إِنَّ اللَّهَ يُسْمِعُ مَن يَشَاءُ ۖ وَمَا أَنتَ بِمُسْمِعٍ مَّن فِي الْقُبُورِ﴾
(އަދި ދިރި ތިބި ތަކެއްޗާއި، މަރުވެފައިވާ ތަކެއްޗާ ހަމަހަމަވެގެން ނުވެތެވެ. ހަމަކަށަވަރުން، ﷲ އެކަލާނގެ އިރާދަކުރައްވާ މީހަކަށް، އިއްވަވައިދެއްވަތެވެ. އަދި ކަށްވަޅުތަކުގައިވާ މީހުންނަށް އިއްވަވާ ބޭކަލަކުކަމުގައި ކަލޭގެފާނު ނުވެތެވެ.)
އެންމެފަހު، އާޔަތުގައި އެ ވަނީ رسول صلي الله عليه وسلم އަކީ ކަށްވަޅުތަކުގައި ތިބި މީހުންނަށް ދަޢުވަތުދޭން ފޮނުއްވި ބޭކަލެއްނޫންކަމަށެވެ. ﷲ تعلي އެ ވަޙީކުރައްވަނީ ގޮތް ދޫނުކުރާ މުޝްރިކު ކާފަރުންގެ ވާހަކައެވެ. އެ މީހުންނާއި ކަށްވަޅުތަކުގައި މަރުވެފައި ތިބި ބަޔަކާ އެއްވެސް ތަފާތެއް ނެތްކަމަށެވެ. ކަށްވަޅުތަކުގައި ތިބި މީހުންގެ މިސާލުން އެމީހުންގެ މިސާލު އެ ގެންނެވީ އަޅުގަނޑުމެންނަށް ފިލާވަޅެއް ދެއްވުމަށް ޓަކައެވެ. [ނުބީހެންޏާ ކަނޑާ ހަމައޭ] ވެސް ބުނޭ ނޫންތޯއެވެ؟ ދޯންޏެއް ދުއްވައިފައި ދާކަށް ކޮންމެހެން ކަނޑެއް މުހިންމެއް ނޫނެވެ. ނުބީހެންޏާ ފަޅުތެރޭން ދުއްވިޔަސް ރަނގަޅުވާނެއެވެ. ބޭނުންވަނީ ދާން ބޭނުންވާ ރަށަށް ދިޔުމެވެ. އެހެންކަމުން ހެޔޮކަމެއް ނެތް މީހަކީ، ނެތް މީހެކެވެ. މަޖާޒީ ގޮތުން އެއީ މަރުވެފައި ހުރި މައްޔިތެކެވެ. ދިރޭ ޤަބުރެކެވެ.
އެއީ ކަށްވަޅު ތަކުގައި ތިބި މީހުންނަށް رسول صلي الله عليه وسلم ގެ އަޑުފުޅު ނުއިވޭނެ ވާހަކައެއް ނޫނެވެ. އެހެނީ އަޑު އިވޭނެކަމަށް އެތައް ޙަދީޘެއް ވާރިދުވެފައި ވެއެވެ. އަދި ޤަބުރުސްތާނަށް ވަންނަ އިރު، ސަލާމްގޮވާން ވެސް އަންގަވައިފައި ވެއެވެ. އަދި މައްޔިތާގެ މައްޗަށް ކިޔަވާ تلقين ގައި މިހެން މައްޔިތާއާ މުޚާތަބްކޮށް އަޅުގަނޑުމެން ގޮވަމުއެވެ.
يا عبد الله، يا ابن أمة الله، يرحمك الله، ذهبت عنك الدنيا وزينتها، وصرت الآن في برزخ من برازخ الآخرة، فلا تنس العهد الذي فارقتنا عليه
އޭ ﷲގެ އަޅާއެވެ! އޭ ﷲގެ އަޅެއްގެ ދަރިއާއެވެ! ﷲ ތިބާޔަށް ރަޙުމަތް ލައްވާނެތެވެ! ތިބާގެ ފުށުން ދުނިޔެއާއި އޭގެ ޒީނަތް ފިލައި ހިނގައްޖެއެވެ. އާޚިރަތް ދުވަހާ ދެމެދުވާ بزخ ތަކުގެ ތެރޭން برخއެއްގެ ޢާލަމަށް ވާޞިލްވެއްޖެއެވެ. އަހަރެމެންނާ ވަކިވެގެން ދިޔަ އިރު، ހުރި عهدގެ މަތީން ތިބާ ހަނދާންނައްތައިނުލާހުށިކަމެވެ.
މިއީ ހައްތާވެސް މައްޔިތާޔާ ދައްކާ ވާހަކަތަކެވެ.
الاستعارات الممتدة
މި ވައްތަރުގެ މަޖާޒަކީ ކުރީން ބަޔާންކުރެވުނު ފަދަ އަޅައިކިޔާ މަޖާޒެކެވެ. އެހެންނަމަވެސް އޭގެ އިތުރަށް މި ވައްތަރުގެ މަޖާޒަކީ ޚިޔާލާތާއި ފިކުރުގެ ތަފުސީލު އިތުރަށް ބަޔާންކޮށްދޭ އަދި ވާހަކައިގެ ތެރެއަށް ފުނަށް ގެންގޮސް، ކިޔާ މީހުންނަށް އިތުރަށް ތަސްވީރުކޮށްދޭ މަޖާޒެކެވެ. އެކްސްޓެންޑެޑް ކިޔަނީ އެހެންވެގެންނެވެ. މި ވައްތަރުގެ ވެސް އެންމެ ރީތި މަޖާޒު ހުރީ ކީރިތި قرأن ގައެވެ.
ބައްލަވާށެވެ!
﴿ أَنزَلَ مِنَ السَّمَاء مَاء فَسَالَتْ أَوْدِيَةٌ بِقَدَرِهَا فَاحْتَمَلَ السَّيْلُ زَبَدًا رَّابِيًا وَمِمَّا يُوقِدُونَ عَلَيْهِ فِي النَّارِ ابْتِغَاء حِلْيَةٍ أَوْ مَتَاعٍ زَبَدٌ مِّثْلُهُ كَذَلِكَ يَضْرِبُ اللّهُ الْحَقَّ وَالْبَاطِلَ فَأَمَّا الزَّبَدُ فَيَذْهَبُ جُفَاء وَأَمَّا مَا يَنفَعُ النَّاسَ فَيَمْكُثُ فِي الأَرْضِ كَذَلِكَ يَضْرِبُ اللّهُ الأَمْثَالَ﴾ (الرعد: 17) ("އެކަލާނގެ އުޑުން ފެން ބާވައިލެއްވިއެވެ. ދެން ވާދީތަކުގައި ފެންބޮޑުވެ، އެއަށް ކަނޑައެޅިގެންވާ މިންވަރުގެމަތިން އޮހޮރިގެންދިޔައެވެ. ފަހެ، އެފެނުގެ މައްޗަށް އަރާ ފޮނުތައް، އެއާއެކު އުފުލައިގެން ގެންދިޔައެވެ. އަދި ގަހަނާއެއް ނުވަތަ ހިފައިގެންގުޅޭ އެއްޗެއް ހެދުމަށް އެއުރެން އަލިފާނަށްލައި ވިރުވާ معدنގެ މައްޗަށްވެސް އެފަދަ ދަގުއިއަރައެވެ. އެފަދައިން، اللَّه، حقއާއި باطلގެ مثالޖައްސަވަތެވެ. ފަހެ، މައްޗަށްއަރާ ފޮނު ދަންނާށެވެ! ބޭނުންނެތް ގޮތުގައި، އެ އުކައިލެވި، ގެއްލިދަނީއެވެ. އަދި މީސްތަކުންނަށް ފައިދާހުރި ކަންތައް ދަންނާށެވެ! ފަހެ، ބިމުގައި އެ، ހަރުލައި ހުންނާނެތެވެ. އެފަދައިން اللَّه مثالޖައްސަވަތެވެ.")
އަޅުގަނޑުމެން ދިވެހިބަހުގައި ވެސް، ތާކުންތާކު ލައްވައިނުލާ މީހުންނަށް ބޭނުންކުރާ މަޖާޒު ބަހެއް އޮވެއެވެ. [ބަނޑުއަކިރި]އެވެ. މާނައަކީ ސާބިތުކަމެއް ނެތި، އޮޔާ ވަޔާ ރާޅާ އެކީ، އެކި އަތަށް ފުރޮޅި ގޮނޑުދޮށްތަކަށް ލައްވާ އަކިރިއެވެ. رعد ސޫރަތުގައި،ﷲ تعلي ކާފަރުންނަށް މިސާލު ޖެއްސެވުމަށް ބޭނުންފުޅުކުރައްވައިފައިވާ މަޖާޒު ނިކަން ބައްލަވާށެވެ! ވާރޭ ވެހުނީމާ ފެނުގެ މައްޗަށް އަރާ ފޮނާއި ރަންރިހި ފަދަ މަޢުދަން ވިރުވާ އިރު، އަރާ ދަގުޔެވެ. وحيކުރައްވައިފައިވާ ސީޣާއާ މެދު ނިކަން ވިސްނައިވަޑައިގެން ބައްލަވާށެވެ! ﴿فَاحْتَمَلَ السَّيْلُ زَبَدًا رَّابِيًاۚ وَمِمَّا يُوقِدُونَ عَلَيْهِ فِي النَّارِ ابْتِغَاءَ حِلْيَةٍ أَوْ مَتَاعٍ زَبَدٌ مِّثْلُهُ ۚ﴾
﴿فَاحْتَمَلَ السَّيْلُ زَبَدًا رَّابِيًا﴾ ފަހެ އެ ފެނުގެ މަތީގައި ފޮނު އުފެދެއެވެ.
﴿وَمِمَّا يُوقِدُونَ عَلَيْهِ فِي النَّارِ ابْتِغَاءَ حِلْيَةٍ أَوْ مَتَاعٍ زَبَدٌ مِّثْلُهُ ۚ ﴾ މީހުން ގަހަނާއެއް ނޫނީ ހިފައި ގެންގުޅޭ އެއްޗެއް ހަދަން އަލިފާނަށްލައިގެން އެއްޗިހި ވިރުވާ އިރުވެސް އެފަދަ ފޮނު އަރައެވެ. (يعني: އެއީ ދަގުއީގެ ވާހަކައެވެ.)
އަދިވެސް ބައްލަވާށެވެ!
﴿مَّثَلُ الَّذِينَ يُنفِقُونَ أَمْوَالَهُمْ فِي سَبِيلِ اللَّهِ كَمَثَلِ حَبَّةٍ أَنبَتَتْ سَبْعَ سَنَابِلَ فِي كُلِّ سُنبُلَةٍ مِّائَةُ حَبَّةٍ ۗ وَاللَّهُ يُضَاعِفُ لِمَن يَشَاءُ ۗ وَاللَّهُ وَاسِعٌ عَلِيمٌ﴾ (البقرة: 261) ("اللَّهގެ މަގުގައި، އެއުރެންގެ މުދާ ހޭދަކުރާ މީހުން ހޭދަކުރާ ތަކެތީގެ مثالއީ، ކޮންމެ ކުރާގަނޑެއްގައި ސަތޭކަ އޮށް ހުންނަ ހަތް ކުރާގަނޑު އުފައްދާ އޮށެއްގެ مثالއެވެ. اللَّه އިރާދަކުރައްވާ މީހަކަށް (ثواب) ގިނަގުނަ ކުރައްވައެވެ. އަދި، اللَّهއީ، ތަނަވަސްވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.")
ކީރިތި ޤުރްއާނުގެ މަޖާޒާއިގެން ކުރިއަށް ވަޑައިގަންނަވާށެވެ!
﴿يَا أَيُّهَا الَّذِينَ آمَنُوا لَا تُبْطِلُوا صَدَقَاتِكُم بِالْمَنِّ وَالْأَذَىٰ كَالَّذِي يُنفِقُ مَالَهُ رِئَاءَ النَّاسِ وَلَا يُؤْمِنُ بِاللَّهِ وَالْيَوْمِ الْآخِرِ ۖ فَمَثَلُهُ كَمَثَلِ صَفْوَانٍ عَلَيْهِ تُرَابٌ فَأَصَابَهُ وَابِلٌ فَتَرَكَهُ صَلْدًا ۖ لَّا يَقْدِرُونَ عَلَىٰ شَيْءٍ مِّمَّا كَسَبُوا ۗ وَاللَّهُ لَا يَهْدِي الْقَوْمَ الْكَافِرِينَ﴾ (البقرة :264) ("އޭ إيمانވެއްޖެ މީސްތަކުންނޭވެ! ކަލަގޮވުމުންނާއި، އުނދަގޫ ދިނުމުން ތިޔަބައިމީހުންގެ صدقاتތައް باطلނުކުރާ ހުށިކަމެވެ! މީހުންނަށް ދެއްކުމަށްޓަކައި އެމީހެއްގެ މުދާ ހޭދަކުރާ މީހެއްގެ مثال ފަދައިންނެވެ. اللَّهއަށާއި آخرة ދުވަހަށް އޭނާ إيمانއެއް ނުވެތެވެ. ފަހެ، އޭނާގެ مثالއީ، އެ ހިލަޔެއްގެ މަތީގައި ވެލިތަކެއް ހުށްޓައި އެ ހިލައިގެ މައްޗަށް ބޯވާރޭގަނޑެއް ވެހި، އޭގެ މަތީގައި އެއްވެސް އެއްޗެއް ނެތިގޮސްފައިވާ އޮމާން، ހިލަޔެއްގެ مثالއެވެ. އެއުރެން ކުޅަ މަސައްކަތުގެ ތެރެއިން އެއްވެސް އެއްޗެއްގެ މައްޗަށް އެއުރެންނަކަށް ކުޅަދާނަކަމެއް ލިބިގެނެއް ނުވެތެވެ. (އެބަހީ: އެއުރެން ކުޅަ عملއަށް آخرة ދުވަހުން އެއުރެންނަކަށް އެއްވެސް ثوابއެއް ނުލިބޭ ހުށްޓެވެ.) كافرވެގެންވާ قومއަކަށް اللَّه ތެދުމަގެއް ނުދައްކަވައެވެ.")
ވިސްނަވާށެވެ! އޮމާން ހިލަޔަކަށް މީހާ ބަދަލުވީމާ، ދެން އެއިން ގަހެއް ވެސް ނުފަޅާނެއެވެ. ފެން ވެސް ހަރެއްނުލާނެއެވެ. މީހުންނަށް ފައިދާކުރާ އެއްވެސް ކަމެއް ދެން އެއަކުން ނުވާނެއެވެ. އެހެންނުވެ ވޭތޯ އަޅުގަނޑުމެން ބަލާން ޖެހެއެވެ . ނަރަކައިގައި ވެސް އަނދަނީ ހިލަޔާއި މީހުންނެވެ.
مجاز مرسل
ހަށިގަނޑުގެ ބައިތައް މަޖާޒީ ގޮތުގައި ﷲ تعلي ކީރިތި قرآن ގައި ބޭނުން ކުރައްވައިފައިވީ ނަމަވެސް توحيد ގެ ތިން ބައިގެ ތެރޭން توحيد الأسماء والصفات ގެ ތެރޭގައި ހަށިގަނޑުގެ ބައިތައް تجسيمވާ ގޮތަށް ބައެއް ބޭކަލުންނަށް މާނަ ކުރެވިފައި ވެއެވެ. އެއީ މި މަގާކު ލިޔާން ޖެހުނު ސަބަބުތަކުގެ ތެރޭން އެއް ސަބަބެވެ .
މިވައްތަރު މަޖާޒު ކީރިތި فرآن ގައި ވާރިދުވެފައިވާ ބައެއް މިސާލުން ދޭހަކުރަމާތޯއެވެ؟
﴿وَاخْفِضْ لَهُمَا جَنَاحَ الذُّلِّ مِنَ الرَّحْمَةِ وَقُل رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا﴾ (الأسراء 23
އަދި އޯގާވެރިވުމުގެގޮތުން، ނިކަމެތިކަމުގެ ފިޔަގަނޑު، ތިބާ އެ ދެމީހުންނަށްޓަކައި ތިރިކޮށްލާށެވެ! އަދި ބުނާށެވެ! އަޅުގެ ވެރިރަސްކަލާކޯއެވެ! ކުޑަކުއްޖަކު ކަމުގައި މިއަޅާވީދުވަހު، އެދެމީހުން މިއަޅާ ބަލައިބޮޑުކުރި ފަދައިން، އެ ދެމީހުންނަށް ރަޙްމަތް ލައްވައިފާނދޭވެ!
﴿وَاخْفِضْ لَهُمَا جَنَاحَ الذل އަސްލު މާނަ ( އެ ދެމީހުންނަށް ނިކަމެތިކަމުގެ ފިޔަގަނޑު ތިރިކުރާށެވެ )
﴿وَاخْفِضْ لَهُمَا جَنَاحَ الذل މަޖާޒީ މާނަ ( އެދެމީހުންނަށް ބޮޑާކަމާއި ވަރުގަދަކަން ނުދައްކާ ކުޑަވެ ނިކަމެތި ވާށެވެ .
އަދިވެސް ބައްލަވާށެވެ .
﴿يَوْمَ يُكْشَفُ عَن سَاقٍ وَيُدْعَوْنَ إِلَى السُّجُودِ فَلَا يَسْتَطِيعُونَ﴾ (القلم:42
ކަންތައްތައް ބޮޑުވެދާ ދުވަސް (އެބަހީ: ޤިޔާމަތް ދުވަސް) ހަނދުމަކުރާށެވެ! (އެދުވަހުން) އެއުރެންނަށް ސަޖިދަ ކުރުމަށް ގޮވައިލައްވާނެތެވެ. ފަހެ، އެއުރެންނަކަށް (އެކަމަކަށް) ކުޅަދާނަވެގެނެއްނުވާނެތެވެ
﴿ كشف السَاقٍ﴾ އަސްލު މާނަ : ފައިގެ ކަކުލުން ތިރި كشف ވުން
﴿كشف السَاقٍ ﴾ މަޖާޒީ މާނަ : ބޮޑު ކަމެއް ލައިގަނެ ކަންތައް ތައް ބޮޑުވުން
އެހެން ނަމަވެސް މި އާޔަތުގައި ﴿يوم يكشف عن ساق﴾ އޮތުމުން حديث علم ގެ ބައެއް ޢިލްމުވެރީން ދެކެވަޑައިގަންނަވަނީ الله تعلي އެކަލާންގެ ފައިންޕުޅު قيامة ދުވަހުން ކަޝްފު ކުރައްވާނޭ ކަމަށެވެ. މިގޮތުން މިއާޔަތުގެ تفسير ގެންނެވި ބައެއް ބޭފުޅުން. ابن مسعود رضي الله عنه އެހެން ރިވާކުރެއްވި ކަމަށް މި އަންނަ حديث ގެންނަވާފައިވެއެވެ.
أخْرَجَ عَبْدُ الرَّزّاقِ، وعَبْدُ بْنُ حُمَيْدٍ، وابْنُ المُنْذِرِ، وابْنُ مَندَهْ عَنِ ابْنِ مَسْعُودٍ في قَوْلِهِ: ﴿يَوْمَ يُكْشَفُ عَنْ ساقٍ. قالَ: عَنْ ساقَيْهِ تَبارَكَ وتَعالى،
ނަމަވެސް މުސްލިމުންގެ ތަފްޞީރު ޢިލްމުގެ އެންމެ ބޮޑު ސަޙާބީ ބޭބޭކަލުންގެ ތެރޭން އެއް ބޭކަލެއް ކަމަށްވާ ابن عباس ابن مسعود ގެ ބަސްފުޅާއި އިއްތިފާޤުވެ ވަޑައެއްނުގަންނަވައެވެ. އެ އާޔަތާއި މެދު عكرمة ، ابن عباس އަރިހުން ސުވާލް ކުރެއްވީމާ ابن عباس ވިދާޅުވި ކަމަށް ވަނީ عَنِ ابْنِ عَبّاسٍ، أنَّهُ سُئِلَ عَنْ قَوْلِهِ: ﴿يَوْمَ يُكْشَفُ عَنْ ساقٍ﴾ قالَ: إذا خَفِيَ عَلَيْكم شَيْءٌ مِنَ القُرْآنِ فابْتَغُوهُ في الشِّعْرِ؛ فَإنَّهُ دِيوانُ العَرَبِ،
ތިޔަބައި މީހުންނަށް ކީރިތި قرآنގައިވާ މާނައެއް ދޭހަ ނުވެއްޖެނަމަ، ފަހެ، އެ ލަފުޒެއްގެ މާނަ ޅެންވެރިކަމުގެ ތެރެއިންހޯދާށެވެ! އެއީ ޢަރަބިންގެ ހުރިހައި ކަމެއް އޭގެ ތެރޭގައި ހިމެނޭ ރަދީފެވެ. އަދި ހަމަ عمرގެފާނު ވެސް އެހެން ވިދާޅުވިކަމަށް ވެއެވެ.
ابن عباس އެ ވިދާޅުވި ބަސްފުޅުން އަޅުގަނޑަށް އެނގުނީ تجسيم ކުރެވޭ މާނައެއް އެކަލާނގެ ޒާތުފުޅާއި މެދު ނުގެނެވޭނެކަމެވެ. ނަމަވެސް ކީރިތި قرآن ގައި އެފަދަ މަޖާޒު ހުންނާނެކަމެވެ. އެފަދަ ޙާލަތެއްގައި އާދައިގެ ބަހުން މާނަ ނޭނގުނީމާ شعرގެ ތެރެއަށް ނުވަތަ ޅެން ވެރިކަމުގެ ތެރެއަށް މާނަ ހޯދާން ދާން އެ އޮތީ އިރުޝާދުދެއްވައިފައެވެ. ވީމާ ޅެންވެރިކަމުގެ ތެރެއަށް ދަމާތޯއެވެ؟
امرالقيس ކިޔާ ޢަރަބި ޅެންވެރިއެއްގެ ވާހަކަ އަޑު އައްސަވާނެއެވެ. އޭނާގެ ޅެމެއްގެ ތަންކޮޅެއް އަޅުގަނޑު ތަރުޖަމާކޮށްލާނަމެވެ.
كشفت لَهُم عَن سَاقهَا އަސްލު ތަރުޖަމާ: އެ ކަނބުލޭގެ ކަށިމަތީން އެ މީހުންނަށް ހާމަކޮށްފިއެވެ.
މަޖާޒީ ތަރުޖަމާ: يعني ބިރުވެރިކަމާއި ދަތިކަން އެ ޙަޤީޤަތް ޙަޤީޤަތަކަށްވެ ލޯ މައްޗަށް ކަޝްފުވެއްޖެއެވެ .
وبدا من الشَّرّ الصراح
ނުބައިކަމުގެ ފުށުން އޭގެ ނުބައިކަން ހުރައެއް ނެތި ޞަރީޙަކޮށް ބަޔާންވެއްޖެއެވެ .
فالهم بيضات الْخُدُور ފަހެ ހިތާމައަކީ ހާލީގައި ހުރި ބިސްތަކެވެ.
هُنَاكَ لَا النعم المراح ނަޢަމް ސޫތްޕަށް ޙިމާޔަތެއް ރައްކާތެރިކަމެއް ދޭނެ ކޮށްޓެއް ނެތް ނަޢަމް ސޫފިވެއެވެ .
بئس الخلائف بَعدنَا ހަނގުރާމަޔަށްފަހު އަހުރެމެންގެ ފަހުން ދިރިތިބިބަޔަކަށް ހުރި ނުބައެއްގެ ބޮޑުކަމާއެވެ !
أَوْلَاد يشْكر واللقاح އެއީ ޝުކުރުގެ ދަރީންނާއި ކިރު މައި ޖަމަލުތަކެވެ .
من صد عَن نيرانها ހަނގުރާމައިގެ އަލިފާނަށް ބިރުން ފިލާ މީހަކު ފިލާށޭ !
فَأَنا ابْن قيس لَا براح ފަހެ އަހުރެންނަކީ ޤައިސްގެ ދަރިއެވެ. އަހުރެންނެއް ނުފިލާނަމެވެ .
يا ليلًة طالت على تفجـعًا ކޮން ފަދަ ދިގު ކަނު އަނދިރި ބިރުވެރި ރޭގަނޑެއް ހެއްޔެވެ؟
فمتى الصباح ފަތިހަކަށް އަލިވިލޭނީ ކޮން އިރަކުންހެއްޔެވެ؟
فمتى الحياة إذا خلت ދިރުމެއް ލިބޭނީ ކޮން އިރަކުންތޯއެވެ؟
منا الظواهر والبطاح ނެތްނަމާއި ޙަޔާތުގައި ފަލާޙް
އެހެންކަމުން ابن عباس އެ ދެއްވި އިރުޝާދުން ޢަރަބީންގެ ޅެންވެރިކަމުގެ ތެރެއަށް ގޮސް ބެލީމާ އެނގުނީ "ފައިގެ ކަށިމަތި ކަޝްފު ކުރުން" މި މަޖާޒުގައި އޭގެ މާނައަކީ ކަންތައްތައް ބޮޑުވެ ކަމެއްގެ ނުބައިކަން ބޮޑުވުންކަމެވެ. އެހެންކަމުން އެނގުނީ ﴿يَوْمَ يُكْشَفُ عَن سَاقٍީ. މަޖާޒީ މާނައަކީ: [ކަންތައްތައް ބޮޑުވެދާ ދުވަހެވެ.]
ހަމަ އެހެންމެ، ﴿وَالْتَفَّتِ السَّاقُ بِالسَّاقِ. ﴾) سورة القيامة :29) މިއާޔަތުގައި ވެސް،
އަސްލު ތަރުޖަމާ: [މަރުގެ ސަކަރާތުގައި އެއްފައި އަނެއް ފަޔާ އޮޅައިލެވޭ ހިނދެވެ ].
﴿وَالْتَفَّتِ السَّاقُ بِالسَّاقِ. ﴾ )سورة القيامة :29)
މަޖާޒީ ތަރުޖަމާ: [މަރުގެ ސަކަރާތުގައި ކަންތައް ތައް ބޮޑުވެ އެއްކަމެއް އަނެއް ކަމަކާ އޮޅުންބޮޅުންވާ ހިނދެވެ.]
މީހަކު މަރުވާ ވަގުތު ކަންތައް ވާގޮތް އެންމެ ރަނގަޅަށް އެނގޭނީ ޑޮކްޓަރުންނަށާއި ނަރުހުންނަށެވެ. އެއްފައި އަނެއް ފަޔާ ދުވަހަކުވެސް އޮޅައިލާކަށެއް ނުޖެހެއެވެ. އޮޅައިލާ ތަނެއް ނުފެންނާނެއެވެ.
ހިތުގެ ވިންދު، ވަރަށް އަވަހަށް، ވަރަށް ބޮޑަށް ދައްވާން ފަށައެވެ. ޕީ. ސީ. އާރް. ދޭން މޭގައި ވަކި ވޯލްޓޭޖެއް ދީފައި ޝޮކު ޖައްސައެވެ. ތަންތަން ތޮރުފައި ހޮޅި ލައްވައި ވެންޓިލޭޓަރު ގުޅައި ހަދައެވެ. އެއް ކަމެއް އަނެއް ކަމަކާ އޮޅުން ބޮޅުންވެ، ވާގޮތް ނޭނގި ހަދަންވީ ގޮތެއް ނޭނގި އެންމެން ތެޅިގަނެއެވެ. ހިތާއި މަސާނާއާއި މެޔާއި ސިކުނޑިއާއި ހުރިހާ ގުނަވަނެއް، ހިނދު ކޮޅެއްގެ ތެރޭގައި، ފެއިލްވެގެން ދެއެވެ. ދެން ހަށިގަނޑުގެ މުޅި ސިސްޓަމް އެއްކޮށް ފޭލުވެއެވެ. އެ ވަގުތު ޑޮކްޓަރުންނާއި ނަރުހުންތައް ނޫނީ ޢާއިލާގެ މީހުން މަރުވާ މީހާ ކައިރީ އުޅޭ ގޮތް ތިޔަބޭފުޅުންނަށް ފެނިވަޑައިގަތުމުން މި އާޔަތުގެ މަޖާޒީ ތަރުޖަމާ ރަނގަޅަށް ދޭހަ ވާނެއެވެ.
އަދިވެސް ބައްލަވާށެވެ .
توحيد الاسمأء والصفات ބާބުން تجسيم ކުރެވިގެން ق سورة ގެ 30ވަނަ އާޔަތުގެ ތަފްސީރު ގެންނެވި ބައެއް ބޭފުޅުން، މި ޙަދީސް ގެންނަވާފައި ވެއެވެ. لا تَزالُ جَهَنَّمُ تَقُولُ: هلْ مِن مَزِيدٍ، حتَّى يَضَعَ فيها رَبُّ العِزَّةِ، تَبارَكَ وتَعالَى، قَدَمَهُ فَتَقُولُ: قَطْ قَطْ، وعِزَّتِكَ ويُزْوَى بَعْضُها إلى بَعْضٍ. (الراوي : أنس بن مالك | المحدث : مسلم | المصدر : صحيح مسلم | الصفحة أو الرقم : 2848 | خلاصة حكم المحدث: [صحيح]
މި ޙަދީޘް ގައި އެކުލެވިގެންވާ މާނައީ ދެން އިތުރަކަށް ނެތްތޯ އޭ الله رب العزة އަށް ދެންނެވުމުގައި ނަރަކަ ފިލައި ނުދާނެއެވެ. އެކަލާންގެ ފައިންޕުޅު އޭގެ މަތީގައި ބެހެއްޓެވުމަށް ދާންދެނެވެ. ފަހެ އެ ހިނދު ނަރަކަ ބުނާނެއެވެ. ފުދިއްޖެއެވެ. ފުދިއްޖެއެވެ.
އެހެންކަމުން މަތީގައިވާ ޙަދީޘް އެ އޮތީ ކީރިތި قرآن ގެ މަޖާޒ ފުށުއަރާފައިތާއެވެ. ތިޔަ ބޭފުޅުން ކުރެން އަހައިލިއެވެ. އަޅުގަނޑު ގޮތެއް ނުނިންމަމެވެ. އަޅުގަނޑަށް ކީރިތި قرآن ން ފެންނާން އޮތީ ليس كمثله شيء އެކަލާންގެ ޔާއި އެއްފަދަ އެހެން އެއްވެސް އެއްޗެއް ނުވެއެވެ . އެހެން ވެގެންނެވެ.
ކީރިތި ޤުރްއާނުގައި ( يد ) " އަތް" މި ބަސް ވެސް މަޖާޒުގެ ގޮތުގައި ވަރަށް ގިނައިން ބޭނުން ކުރައްވާފައި ވެއެވެ. فتح ސޫރަތުގެ 10 ވަނަ އާޔަތް ބައްލަވާށެވެ!
﴿إِنَّ الَّذِينَ يُبَايِعُونَكَ إِنَّمَا يُبَايِعُونَ اللَّهَ يَدُ اللَّهِ فَوْقَ أَيْدِيهِمْ ۚ فَمَن نَّكَثَ فَإِنَّمَا يَنكُثُ عَلَىٰ نَفْسِهِ ۖ وَمَنْ أَوْفَىٰ بِمَا عَاهَدَ عَلَيْهُ اللَّهَ فَسَيُؤْتِيهِ أَجْرًا عَظِيمًا﴾ ( سورالفتح 10 ) ("ހަމަކަށަވަރުން، ކަލޭގެފާނަށް ބައިޢަތު ހިފާމީހުން ބައިޢަތު ހިފާކަންކަށަވަރީ ﷲއަށެވެ. ﷲގެ ޔަދުޤުދުރަތްފުޅުވަނީ، އެއުރެންގެ އަތްތަކަށްވުރެ މަތީގައެވެ. ފަހެ، ޢަހުދު އުވާލައިފިމީހާ (ދަންނާށެވެ!) ފަހެ، އެމީހާ ޢަހުދު އުވައިލާކަންކަށަވަރީ، އޭނާގެ އަމިއްލަ ނަފްސުގެ މައްޗަށެވެ. އަދި އެކަމެއްގެ މައްޗަށް އެމީހަކު ﷲއަށް ވެފައިވާ ޢަހުދު ފުއްދައިފިމީހާ (ދަންނާށެވެ!) ފަހެ، ﷲ އެމީހަކަށް ބޮޑުވެގެންވާ ދަރުމަ ދެއްވާނެތެވެ.").
﴿يَدُ اللَّهِ فَوْقَ أَيْدِيهِمْ. ﴾ " އެ މީހުންގެ އަތްތަކުގެ މަތީގައި އެކަލާންގެ އަތްޕުޅު ވާކަމަށް ތަރުޖަމާކޮށްފިއްޔާ މުޅިން ގޯސްވާނެއެވެ .
އެއީ ﷲ تعلي ގެ ޔަދުޤުދުރަތްފުޅުގެ ވާހަކައެވެ. އެއީ އެކަލާންގެ ތަޤުދީރު ކުރެއްވުމާ ތަދުބީރު ކުރެއްވުމުގެ ގެ ކުޅަދުންވަންތަ ކަމުގެ ވާހަކައެވެ. ޖިސްމާނީ އަތްޕުޅެއްގެ ވާހަކައެއް ނޫނެވެ.
އަދިވެސް ބައްލަވާށެވެ!
﴿وَمَا قَدَرُوا اللَّهَ حَقَّ قَدْرِهِ وَالْأَرْضُ جَمِيعًا قَبْضَتُهُ يَوْمَ الْقِيَامَةِ وَالسَّمَاوَاتُ مَطْوِيَّاتٌ بِيَمِينِهِ ۚ سُبْحَانَهُ وَتَعَالَىٰ عَمَّا يُشْرِكُونَ﴾ (سورة الزمر: 67)
ﷲ އަށް ޤަދަރު ކުރުން ޙައްޤު ވެގެންވާގޮތުގައި، އެއުރެން އެކަލާނގެއަށް ޤަދަރެއް ނުކުރެތެވެ. އަދި ޤިޔާމަތް ދުވަހުން، މުޅިބިން ވާހުށީ، އެކަލާނގެ ޤުދުރަތްތެރިކަމުގެ މުށްޕުޅުގެ ތެރޭގައެވެ. އަދި އުޑުތައް ވާހުށީ، ފަށްޖަހައިލައްވައިފައިވާ ޙާލު، އެކަލާނގެ ޤުދުރަތްތެރިކަމުގެ ކަނާތްޕުޅުގައެވެ. އެއުރެން ޝަރީކުކުރާ ތަކެތީން، އެކަލާނގެ ހުސްޠާހިރުވެ، މަތިވެރިވެވޮޑިގެންވެއެވެ.
قبض. އަސްލު މާނަ : މުށް
قَبْضَتُهُ މަޖާޒީ މާނަ: އެ ކަލާނގެ ޤުދުރަތްތެރިކަމުގެ މުށްޕުޅުގެ ތެރޭގައެވެ. ބާރުވެރިވަންތަކަމުގެ ދަށުގައެވެ. ކޮންޓްރޯލްގެ ދަށުގައެވެ
بِيَمِينِ : ކަނާތް ފަރާތުގައި
بِيَمِينِهِ މަޖާޒީ މާނަ: އެކަލާނގެ ޤުދުރަތްތެރިކަމުގެ ކަނާތްޕުޅުގައެވެ.
އަދިވެސް ބައްލަވާށެވެ!
﴿وَيَبْقَىٰ وَجْهُ رَبِّكَ ذُو الْجَلَالِ وَالْإِكْرَامِ﴾ (الرحمن: 27 ) އަދި ކަލޭގެފާނުގެ ވެރި، ކީރިތިވަންތަކަމާއި، މާތްވަންތަކަމުގެ ވެރިރަސްކަލާނގެ ޛާތުފުޅު ދެމިވޮޑިގެންވެއެވެ.
وجه އަސްލު މާނަ: މޫނު
މަޖާޒީ މާނަ: ﴿وَجْهُ رَبِّكَ ذُو الْجَلَالِ وَالْإِكْرَامِ. ﴾ ( ކަލޭގެފާނުގެ ވެރި، ކީރިތިވަންތަކަމާއި، މާތްވަންތަކަމުގެ ވެރިރަސްކަލާނގެ ޛާތުފުޅު)
﴿وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالْأَرْض ۖ﴾ (سورة البقرة: 55)
الكرسي އަސްލު މާނަ: ގޮނޑި
الكرسي މަޖާޒީ މާނަ
﴿وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالْأَرْضَ ۖ މަޖާޒީ މާނަ: އެކަލާންގެއީ مالك الملك އެވެ . އެހެންކަމުން އެކަލާންގެ ރަސްވަންތަވެރިކަމުގެ މިލްކިއްޔާތަށް ލިބިވޮޑިގެންވާ އާރާއި ބާރާއި ނުފޫޒު، އުޑުތަކާއި ބިމުގެ އެންމެހައި ކަންކޮޅުތަކަށް ތަނަވަސްވެގެންވެއެވެ.
﴿رَفِيعُ الدَّرَجَاتِ ذُو الْعَرْشِ﴾ (سورة الغافر: 15)
العرش : އަސްލު މާނަ: ތަޚުތު
މަޖާޒީ މާނަ : ﴿رَفِيعُ الدَّرَجَاتِ ذُو الْعَرْشِ ) އެކަލާނގެއީ ދަރަޖަތައް މަތިވެރިވެގެންވާ އެންމެ މަތިވެރި ރަސްވަންތަ ދަރަޖަ ލިބިވޮޑިގެންވާ ރަސްކަލާންގެއެވެ. ޚަލްޤުކުރެއްވި ހުރިހައި އެއްޗެއް تفديرކުރެއްވުމާއި ތަދުބީރުކުރެއްވުމުގެ ޚާއްސަވެގެންވާ عرشއޭ ކިޔުނު މަޤާމްފުޅު މިލްކުވެ ވޮޑިގެންވާ ރަސްކަލާންގެއެވެ .
﴿الرَّحْمَنُ عَلَى الْعَرْشِ اسْتَوَى﴾ (طه:5)
ޚަލްޤުކުރެއްވި ހުރިހައި އެއްޗެއް تفديرކުރެއްވުމާއި ތަދުބީރުކުރެއްވުމުގެ އަމުރުފުޅުތައް ހިންގަވައި އެކަލާންގެއަށް ޚާއްސަވެގެންވާ عرشގެ މަޤާމްގެ މަތީގައި ރަޙްމާންވަންތަ ރަސްކަލާންގެ އިސްތަވާވެވޮޑިގެންވިއެވެ.
﴿وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالْأَرْضَ ۖ ﴾: އެކަލާންގެ تفديرކުރެއްވުމާއި تدبيرކުރެއްވުމުގެ ރަސްވަންތަވެރިކަމުގެ ބާރު އުޑުތަކާއި، ބިމުގެ އެންމެހައި ކަންކޮޅުތަކަށް ތަނަވަސް ވެގެންވެއެވެ.
استعارة ميتة
މި ވައްތަރުގެ މަޖާޒަށް މިހެން ކިޔާ ސަބަބަކީ ވާހަކަ ދެއްކުމުގައި މަޖާޒުގެ ގޮތް އެއިން ފަނޑުވެ، ޢާންމުކޮށް ބޭނުންކުރާ ލަފުޒަކަށް ވީމައެވެ.
ދިވެހި ބަހުގައި މަޖާޒީ ގޮތުން ކިޔާ (ވައިގައި ހިފުން) މިހެން ކިޔަސް އަސްލު ވައެއްގައެއް އެކަކަށްވެސް ނުހިފޭނެއެވެ. އެކަމަކު މި ބަސް ބުނުމުން އެއްޗެއް އެންމެންނަށް ކަމުދިޔައީ ކަން އެނގޭނެއެވެ .
އިނގިރޭސި ބަހުގައި މަޖާޒީ ގޮތުން Time is running out މިހެން ކިޔާ އިރު،
ވަގުތަކީ ދެފައި ޖަހައިފައި ދުވާ އެއްޗެއް ނޫނެވެ. އެކަމަކު މި ބަސް ބުނުމުން، ވަގުތު ކުޑަތަންވަނީކަން އެނގޭނެއެވެ .
ކީރިތި قرآن ގެ انعام سورة ގެ 31 ވަނަ އާޔަތް ﴿وهم يحملون اوزارهم علي ظهورهم ﴾
(އެ މީހުން އޭރު ތިބޭނީ ކުރި ފާފަތައް އެ މީހުންގެ ބުރިކަށި މަތީގާ އުފުލައިގެންނެވެ.)
ޔަޢުނީ : އޭގެ މުރާދަކީ ފާފަތަކުގެ ޒިންމާ ނަގައިގެން ތިބޭ ވާހަކަ ކަން އެނގޭނެއެވެ.
حمل ، يحمل ، يحملون . މަޖާޒީ މާނައަކީ: ޒިންމާ އުފުލުމެވެ. ޙަވާލުވުމެވެ.
﴿ويحمل عرش ربك فوقهم يومئذ ثمانية﴾
އެ ދުވަހުން އެ ބޭކަލުންގެ މަތިން عرش އިން ކަލޭގެފާނުގެ ވެރި ރަސްކަލާންގެ އަމުރުފުޅުތައް އިއްވަވާނެއެވެ. އެ އަމުރުފުޅުތަކާއި ޙަވާލްވެ ވަޑައިގެން ތަންފީޒުކުރަށްވަމުން ގެންދަވާނީ އަށް ސަފެއްގައި ތިއްބަވާ މަލާއިކަތުންނެވެ .
حمل ، يحمل އަސްލު މާނަ: (އުފުލުން)
حمل ، يحمل މަޖާޒީ މާނަ: (ޒިންމާނެގުން، ޙަވާލުވުން)
މިސާލު ކީރިތި قرأن ން ( سورة الاحزاب 72 )
﴿إِنَّا عَرَضْنَا الْأَمَانَةَ عَلَى السَّمَاوَاتِ وَالْأَرْضِ وَالْجِبَالِ فَأَبَيْنَ أَن يَحْمِلْنَهَا وَأَشْفَقْنَ مِنْهَا وَحَمَلَهَا الْإِنسَانُ﴾
(ހަމަކަށަވަރުން، އުޑުތަކަށާއި، ބިމަށާއި، ފަރުބަދަތަކަށް ތިމަންރަސްކަލާނގެ އަމާނަތް (އެބަހީ: ތަކުލީފުތައް) ހުށަހެޅުއްވީމެވެ. ފަހެ، އެ ތަކެތި އެ ކަން އުފުލުމުން އެއްކިބާވެ މަނާވެގަތެވެ. އަދި އެ ކަމާ މެދު، އެ ތަކެތި ބިރުވެތިވިއެވެ. އަދި އިންސާނާ އެ އަމާނަތް އުފުލިއެވެ.)
(يعني އެ ކަމާ ޙަވާލުވިއެވެ.)
އަށް ސަފެއްގައި ތިއްބަވާ މަލާއިކަތުންކަމަށް މާނަ ނެގެނީ، سورة الفجرގެ 22ވަނަ އާޔަތުގައި، قيامة ދުވަހުން ﷲގެ އަމުރުފުޅު އަންނަ ހިނދު މަލާއިކަތުން ސަފުސަފަށް ވަޑައިގަންނަވާނެކަމުގައި އަންގަވާފައި ވާތީއެވެ. ﴿وَجَاءَ رَبُّكَ وَالْمَلَكُ صَفًّا صَفًّا﴾
މި އާޔަތުގައި އެވާ ﴿فوقهم﴾ގެ މުރާދަކީ އެ ބޭކަލުންގެ މައްޗަށް އަމުރުހިންގަވާ ގޮތުގައި عرش ގައި، ﷲ استوي ވެވޮޑިގެންވުމެވެ.
އިސްވެ ދިޔަ މަދު ހެކިތަކަށް އެކަނި ބަލައިލިޔަސް ކީރިތި ޤުރުއާނުގައި މަޖާޒު އެބަ ހުރިކަން ވަރަށް ރީތިކޮށް ހާމަވެއެވެ. އާދޭހެވެ! އަދަބިއްޔާތުގެ އެންމެ މަތީ މަޞްދަރުކަމުގައިވާ ކީރިތި ޤުރުއާނުގައި، އަދަބިއްޔާތުގައި ހިމެނޭ އެންމެހައި އަދަބީ ޢުންޞުރުތައް ހިމެނޭނެކަމީ މަންޠީޤީ ހަމައިން ވިސްނައިލިޔަސް ދާދި ފަސޭހައިން ދޭހަވާނެކަމެކެވެ.
ބައެއް ލަފުޒުގެ މާނަ:
ހަތާ ނ. (1) ދިރޭ އެއްޗެއްގައި ދިރުން ހުންނަ އެންމެ ކުޑަ ބައި، ނުވަތަ ހުރިހާ ދިރޭއެއްޗެހި އެއެއްޗަކުން އުފެދިގެންވާ އަސާސީ މާއްދާ. މައިކްރޯބް ފަދަ ސާދާ ދިރޭއެއްޗެހި އުފެދިފައިވަނީ އެންމެ ހަތަޔަކުންނެވެ. އިންސާނުން ފަދަ އޮޅުންބޮޅުން ބޮޑު އެއްޗެހި އުފެދިގެންވަނީ އެތައް މިލިޔަން ހަތާތަކަކުންނެވެ. (2) ކުޅަނދުރު އުޅޭން އެ އެއްޗިހި ހަދާ ގެ. (3) ތުނި ގައު ފޮތިފޮތި. (4) މޫދުގައި ތުނިކޮށް ފަތިކޮށް ފެތުރި ހެދޭ ގައު.
ބަހާ ނ. (1) އެއްޗެއް އުފައްދާން ބޭނުންވާ އަސާސީ އުންސުރުތައް. (2) ބައި. (3) ގެލަހަރު، އެބަހީ އަދަދެއް އެ އަދަދަކުން ގެއްލެވޭ އަދަދުތައް.
އަސާސީ ނ. (1) ކޮންމެހެން ބޭނުންވާ. (2) ބިންގާ. (3) މައިގަނޑު.
އުންސުރު ނ. (1) އެއްޗެއް އޭގެ ޒާތުގައި ފުރިހަމަ ވުމަށް ޓަކައި އޭގައި ހިމެނޭން ޖެހޭ އަސާސީ ބައިތައް. މިސާލަކަށް ޚަބަރެއްގައި ނަމަ ފަސް ކާފު ހިމެނޭން ޖެހޭނެއެވެ. (2) އެއްވައްތަރެއްގެ އެޓަމްތަކަކުން އެކުލެވޭ، ކީމާވީ ވަސީލަތަކުންކުރެ ވަސީލަތަކުން ބައިބައި ނުކުރެވޭނެ މާއްދާ. މިސާލަކަށް އޮކްސިޖަން. (3) ޤާނޫނުގައި ކުށެއް ކަމަށް ކަނޑައަޅައިފައި ވާ ކަމެއް، ކުށެއްގެ ގޮތުގައި ފުރިހަމަ ވުމަށް ޓަކައި ހުރުން ގާނޫނު ލާޒިމުކުރާ އަސާސީ ބައިތައް. ޢާއްމުކޮށް ކުށެއްގައި ހިމެނޭ އުންސުރުތަކަކީ އެ ކުށުގެ ޢަމަލު ކަމަށް ބެލެވޭ ބަޔާއި، ކުށުގެ ގަސްދާއި ނިޔަތެވެ.
މަޖާޒު ނ. ލަފުޒުގެ އަސްލު މާނަ ނޫން އެހެން މާނައެއް ދޭހަވާ ލަފުޒު.
ފަންނިއްޔާތު ނ. (1) ސައިންސާއި ފަންނާއި ސިނާއަތު ފަދަ ރޮނގުރޮނގުން އަމަލީ ބޭނުންތަކަށް އުފައްދާ އާލަތްތައް. (2) ސައިންސާއި ފަންނާއި ސިނާއަތު ފަދަ ރޮނގުރޮނގުން އިންސާނީ މުޖުތަމައަކަށް ލިބިގެންވާ ހުނަރާއި އިލްމު.
މަރުޖާ:
(3/249) ابن عادل الحنبلى (775-880هـ) في تفسيره
والفخر الرازي (ت 606هـ) كذلك (7/12)