ad_banner
ކުރުވާހަކަ: ބައްޕަގެ ހަނދާންކޮށްލައިދިނުމެއް!

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

20 އޭޕްރިލް 2025

ބައްޕަ ނަސޭހަތްދެނީ!

އެއްދުވަހަކު އަހުމަދު، އޭނާގެ ބައްޕައާއި ބައްޕަގެ ރަހުމަތްތެރިންނާ އެކު، ދަތުރަކު ދިޔައެވެ. ދަތުރުގައި ރޭގަނޑު ދަންވަންދެން ހޭލައި ތިބެފައި، ދެން އެއަށް ފަހު، ނިދައިފައި، ފަތިސް ނަމާދަށް ހޭލެވުނީ އަހުމަދަށާއި އޭނާގެ ބައްޕައަށާއި ދެބަފައިންނަށް އެކަންޏެވެ. ނަމާދު ނިމިގެން އަހުމަދު، އޭނާގެ ބައްޕަ ގާތު ބުންޏެވެ.

"ދަތުރު އައިސް މި އުޅޭ އެކަކު ވެސް ނަމާދަކަށް ނުހޭލައެވެ. އެއީ މާ ރަނގަޅު ބަޔެއް ނޫންތާއެވެ."

މިހެން ކިޔައި އެމީހުންނަށް ނުރުހުމުގެ ބަސްތައް އަހުމަދުގެ ދުލުން ބޭރުކޮށްލިއެވެ. ދެން، އަހުމަދުގެ ބައްޕަ ޖަވާބުގައި ބުންޏެވެ.

"ތިޔަހެން މީހުންނާ ދިމާއަށް އެއްޗެހިކިޔާކަށް ނުވާނެއެވެ. ދަރިފުޅު ހެޔޮކަމެއް ކުރުމަކުން، އެހެން މީހުންގެ މައްޗަށް ބޮޑުވެގަނެ އެ މީހުންނާ ދިމާއަށް ބަދު ބަސް ބުނުމުގެ ހައްގެއް ދަރިފުޅަކަށް ނުލިބެއެވެ. އެ މީހުން ވެސް ތެދުވާނެއެވެ. ތެދުވެގެން ނަމާދުވެސްކުރާނެއެވެ. އަހަރުމެން، ކޮންމެހެން ވެސް، ހަނދާންކުރާން ޖެހޭ ވަރަށް ވެސް މުހިންމު ކަމެއްގެ މަތީން ބައެއް ފަހަރު ހަނދާންނެތެވެ. އިންސާނާގެ ހިތަކީ ދާދި އަވަހަށް ބަދަލުވާ އެއްޗެކެވެ. ހެޔޮ ގޮތުގައި މިއަދު ހުންނަ މީހާ، އޭނާއަށް ދިމާވާ ކޮންމެވެސް ކަމެއްގެ ސަބަބުން، މާދަމާ އެހެން ގޮތަކަށް އެނބުރިދާ ގޮތް ވެދާނެއެވެ. ނުރަނގަޅު މަގެއްގައި ހުންނަ މީހާ، ހެޔޮ މަގަށް އެނބުރުން ވެސް އޮންނަނީ ދާދި ކައިރީގައެވެ.

މި ކަމަށް އިޝާރަތްކޮށް އޮންނަ ހަދީސެއް އޮވޭ ނޫންހެއްޔެވެ؟ އިންސާނާގެ ހިތް އޮންނަނީ މާތްރަސްކަލާނގެ ބާރުގެ ދަށުގައިކަމުގައި ބުނެފައި އޮންނަ ހަދީސެވެ. އޭނާގެ ހިތް އެ ގޮތް މި ގޮތަށް ބަދަލުވާން އިރާދަފުޅުކުރައްވުމުގެ ކުޅަދާނަކަށް އެކަލނާގެއަށް ލިބިވޮޑިގެންވާ ވާހަކަ އެ ހަދީސުން ދޭހަވޭނޫންހެއްޔެވެ؟ މީގެ މާނައަކީ މީހުން، ވަކި ގޮތެއް ޚިޔާރުކުރުމަށް ނުނީ ނުކުރުމަށް، މާތްރަސްކަލާނގެ މަޖުބޫރުކުރައްވަނީކީނޫނެވެ. ނަމަވެސް، އެ ހަދީސްގައި އެ ބުނަނީ، މީސްމީހުންނާ އެކިއެކި ސަބަބުތައް ކުރިމަތިވުމުން، އެ މީސްމީހުން އެކި ގޮތްގޮތަށް ބަދަލުވާން ނިންމުމުން، އެ ކަން އެ ގޮތަށް ވުމަށް އެކަލާނގެ ދޫކޮށްލައްވާ ވާހަކައެވެ. މީގެ އިތުރަށް، މީސްމީހުން، ހެޔޮ ގޮތް ޚިޔާރުކުރުމާއި ނުކުރުން، އެއީ އެހެން މީހެއްގެ ބާރުގައި އޮންނަ ކަމެއް ނޫންކަން އަންގައިދިނުމުގެ ގޮތުން، އެ ކަން އޮންނަނީ މާތްﷲގެ ބާރުފުޅުގެ ދަށުގައޭ ވެސް ހަދީސްގައި އައިސްފައިވަނީއެވެ."

އަހުމަދު ގާތު، އަދިވެސް ބައްޕަ ބުންޏެވެ. "މީހަކު ކުށެއް ކުރާހާ ފަހަރަކު، ނުވަތަ ދީނީ ވާޖިބެއް އަދާނުކުރެވޭކަމަށް ތިމާއަށް ފެންނަ ތަނުން، ވަގުތުން، އެ މީހާއާ ދިމާއަށް، ސީދާކޮށް ވިޔަސް ނުވަތަ ނުސީދާކޮށް ވިޔަސް، ފާޅުގައި އެއްޗެހިކިޔަނީކަމަށް ދޭހަވާ ގޮތަށް އެއްޗެއް ބުނުމަކީ ރަނގަޅު ކަމެއްނޫނެވެ. އަދި، އެއީ އިސްލާމީ ރިވެތި އަޚުލާގީ އަދަބުތަކާ ފުށުއަރާ ކަމެއް ވެސް މެއެވެ. ކޮންމެ މީހަކު ވެސް، މާތްރަސްކަލާނގެ ވޮޑިގެންވާކަމަށް އީމާންވުމަށް ފަހު، އޭނާ އެ ވަނީ ރޫހާނިއްޔަތުގެ މަގުގައެވެ. ނަފްސު ތާހިރުކޮށް އިސްލާހުވުމުގެ މަގުގައެވެ. އެ މަގުގައި އެކި މީހުން ތިބެނީ އެކި ހިސާބުގައެވެ. އެއް ބަޔަކު ކުރީގައެވެ. އަނެއް ބަޔަކު ތަންކޮޅެއް ފަހަތުގައެވެ. ނަމަވެސް، އެންމެން ވެސް ދަތުރުކުރަމުން އެ ދަނީ އިސްލާހުވުން އަމާޒުފަތްގަނޑަކަށް ހަދައިގެންނެވެ. އެހެންވެ، އުސޫލެއްގެ ގޮތުން، އޭނާގެ ނަފުސު އިސްލާހުކުރުމުގެ މަގުގައި އެމީހަކު ހުރި ހިސާބެއްގައި ހުރެ، އޭނާގެ އަމިއްލަ އިސްޕީޑުގައި، ބާރު މިނުގައި، ދަތުރުކުރާން ދޫކޮށްލުން ރަނގަޅުކަމަށް ބައްޕައަށް ފެނެއެވެ. މި ފަދަ ކަންކަމުގައި، އެއްވެސް ސިފައެއްގައި، މަޖުބޫރީ ގޮތް ދައްކައި، ތިމާ ދެކޭ ގޮތް އެހެން މީހުންގެ މައްޗަށް ފާކުރާން އުޅެފި ނަމަ، ހެޔޮލަފާ މީހުން އުފެދުމަށް ވުރެ ގާތީ މުނާފިގުން އުފެދުމެވެ. މީހަކަށް ނަސޭހަތްދޭން އެދޭ ނަމަ، ވަކިން، އެހެން އެއްވެސް މީހަކަށް ނޭނގޭނޭ ސިފައެއްގައި އެ މީހަކަށް ނަސޭހަތްދޭށެވެ!"

"ދަރިފުޅަށް ތެދު މަގުގައި ހުރެވުނީތީ އެ ކަމަށް ޓަކައި މާތްރަސްކަލާނގެ ކިބަފުޅަށް ހަމްދުކޮށް ޝުކުރުކުރާށެވެ. އަދި އެ މަގުގައި ދެމި ހުރެވޭތޯ މަސައްކަތްކުރާށެވެ. ދަރިފުޅު ސުވަރުގެ ދިޔުން ބިނާވަނީ ދަރިފުޅުގެ ހެޔޮ އަމަލުތަކުގެ މައްޗަށެވެ. އެހެން މީހުންގެ ހެޔޮ އަމަލުތަކުގެ މައްޗަކަށް ނޫނެވެ. އަދި، ދަރިފުޅު ސުވަރުގެ ދިޔުމަށް ޓަކައި އެހެން މީސްމީހުން ނަރަކައަށްލާކަށް ވެސް ނުޖެހެއެވެ. އެ ކަންކަމަކީ ދަރިފުޅުގެ އަތްމަތީ އޮންނަ ކަންކަމެއް ނޫނެވެ. އެ ކަންކަން އޮންނަނީ މާތްރަސްކަލާނގެ އިރާދަފުޅުގެ މަތީގައެވެ. އެހެން މީހުން އެ ކަންކަމަށް އެދި، އެ ކަންކަން ކުރުމުގެ މަތީގައެވެ. އެހެންވެ، ދަރިފުޅަށް ހެޔޮކަމެއް ކުރެވުމުން، އެހެން މީހުން އެ ކަން ނުކުރާކަން ފާހަގަކުރާން އުޅުމަކީ ރަނގަޅު ކަމެއްނޫނެވެ. އެއިން އެނގެނީ އަމިއްލައަށް ތިމާ ސޯލިހުވެ، އަމިއްލައަށް ތިމާއީ މާ ބޮޑު ތަގުވާވެރިއަކަށްވާން އުޅޭކަމެވެ. އެހެންވެ، ހެޔޮކަމެއް ކޮށްފައި، އެކަން ކުރެވުނުކަމަށް ޓަކައި ހަމްދުކޮށް ޝުކުރުކުރާށެވެ. އެހެން މީހުން އެ ކަން ނުކުރާ ވާހަކަ ދައްކާން ނޫޅޭށެވެ!"

ކޮމެންޓު