ad_banner
ދެވަނަ ކާވެނީގެ އިޙުތިފާލު

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

5 އޮކްޓޯބަރު 2025

އިބުރާހިމްބެއާއި އޭނާގެ އަންހެނުންގެ ކައިވެންޏަށް ތިރީހަކަށް އަހަރު ވެދާނެއެވެ. އެ ދެމަފިރިންގެ ކައިވެންޏަށް ހަތަރު ކުދީން ވެސް ލިބިފައި ވެއެވެ. އިބުރާހިމާ އޭނާގެ އާއިލާ ދިރިއުޅެމުން އައީ ވަރަށް ވެސް އުފަލުގައެވެ.
އިބުރާހިމުގެ އުފާވެރިކަން ގެއްލުވާލީ އޭނާގެ އަންހެނުން މަރުވި ހާދިސާއެވެ. އަންހެނުންގެ ފައިގައި ކުއްތާއެއް ދައިގަނެ، އެ ދަތްއެޅި ތަނުގައި ފުން ފާރުގަނޑެއް އުފެދި، ފަސޭހަ ނުވެ، އެ ކަމުގެ ސަބަބުން އަންހެނުން މަރުވީއެވެ.
އަންހެނުން މަރުވުމުން، އިބުރާހިމު ވަރަށް އެކަނިވެރި ވިއެވެ. އަބަދުހެން، ގޭގެ އުނދޯލީގައި އަންހެނުން މަތީން ހަނދާންކޮށް، ފެންކަޅިވެފައި، އުނދޯލި ހެއްލައިލަހެއްލައިލައި އިނދެއެވެ.

ބައްޕަ ހިތާމަކުރާ ތަނާއި ބައްޕަގެ އެކަނިވެރިކަން ފެނިފައި އިބުރާހިމުގެ ކުދީން ވެސް ވަރަށް ދެރަވިއެވެ. އަދި، އެހެން މީހަކާ އިނުމަށް ބައްޕަ ގާތު ބުންޏެވެ. ނަމަވެސް، އިބުރާހިމު އެ ކަމާ އިންކާރުކޮށް ބުންޏެވެ. ތިޔަކުދީންގެ މަންމަ ނިޔާވި ފަހުން، އަންހެނުން މަތީން އަހަރެން މުޅިން ފޫހި ވެއްޖެއެވެ. އަހަރެން ބޭނުންވަނީ ތިޔަ ކުދީންގެ މަންމަގެ ހަނދާންތަކަށް ވަފާތެރިވެ މި ގޮތުގައި މީހަކާ ނީނދެ އެކަނި ހުރުމަށެވެ.
ބައްޕަގެ ވާހަކަ އަހައިފައި، ކުދީން ދުވަސް ކޮޅަކު އެއްޗެއް ނުބުނެ މަޑު ޖައްސާލިއެވެ. ނަމަވެސް، ބައްޕަގެ އެކަނިވެރިކަން އެކުދީންގެ ހިތުން ފިލައިގެން ދާނޭ ގޮތެއް ނުވިއެވެ. އެހެންވެ، އަނެއްކާ ވެސް ބައްޕަގެ ކައިވެނީގެ ވާހަކަ ބައްޕާ ގާތު ކުދީން ބުންޏެވެ. އެހެން މީހަކާ އިނުމަކުން ނިޔާވެފައިވާ މަންމައަށް ބޭވަފާތެރިވީކަމުގައި ނުބެލެވޭނޭ ވާހަކަ ވެސް ބައްޕަ ގާތު ކުދީން ބުންޏެވެ.
ކުދީން ކެނޑިނޭޅި އެހެން ކައިވެންޏެއް ކުރާން އެދެމުން ދިޔުމުން، އެންމެ ފަހުން، އިބުރާހިމު ގަސްދުކުރީ އެހެން ކައިވެންޏެއް ކުރާށެވެ. އޭރު އިބުރާހިމުގެ އުމުރުން ފަސްދޮޅަހާ ކައިރި ކުރަނީއެވެ. އިބުރާހިމު އިނީ އުމުރުން ނަވާރަ އަހަރުގެ ކުއްޖަކާއެވެ. އެ ކުއްޖާގެ އަލަތު ކައިވެންޏެވެ. އެނގޭނޭ ހެން، އިބުރާހިމުގެ ދެވަނަ ކައިވެންޏެވެ.
އިބުރާހިމުގެ ދެވަނަ ކައިވެންޏަށް ތިން މަސް ފުރުނު ދުވަހު، އިބުރާހިމުގެ ހުރިހާ ކުދީން އެއްކޮށްފައި ދެވަނަ ކައިވެނި ފާހަގަކޮށް އިހުތިފާލުކުރާން ބޭނުން ވާހަކަ އެ ކުދީން ގާތު އިބުރާހިމު ބުންޏެވެ. އަދި، ކައިވެނީގެ އުފާވެރި މުނާސިބާ ފާހަގަކުރުމުގެ ގޮތުން ފަސް ބަކަރި ކަތިލުމަށް ކުދީން ގާތު ބުންޏެވެ. އޭގެ އިތުރަށް، ފަސް ބަކަރި ކަތިލުމަށް ފަހު ބަކަރިތަކާ މެދު ކަންތައް ކުރާންވީ ގޮތް ވެސް ބުނެދިނެވެ. އިބުރާހިމު ބުނީ ފުރަތަމަ ބަކަރި ރަށުގެ ފަގީރުންނަށް ސަދަގާތަށް ބެހުމަށެވެ. ދެވަނަ ބަކަރި އަވައްޓެރިންނަށް ބެހުމަށެވެ. ތިންވަނަ ބަކަރި ހުރިހާ ކުދީން ވެގެން ކެއުމަށެވެ. ހަތަރު ވަނަ ބަކަރި ބައްޕައާއި ދޮންމަންމަ ކެއުމަށް ގެނައުމަށެވެ. ހަތަރު ބަކަރިއާ މެދު ކަންތައް ކުރާނޭ ގޮތުގެ އިރުޝާދު ދިނުމަށްފަހު، ދެން، އިބުރާހިމު ކުޑަކޮށް މަޑުޖައްސައިލިއެވެ.
އެ ވަގުތު އިބުރާހިމުގެ ދޮށީ ދަރިފުޅު ބައްޕަ ކުރެން އަހާލިއެވެ. "ބައްޕާއެވެ! ފަސް ވަނަ ބަކަރިއާ މެދު ކަންތައް ކުރާނީ ކިހިނެއް ހެއްޔެވެ؟" ދެން، އިބުރާހިމު ބުންޏެވެ. "ތިޔަ ކުދީންގެ މަންމަގެ ފައިގައި ދައިގެން ކުއްތާ ހޯދައިފައި، އެ ކުއްތާއަށް، އެ ބަކަރި ކާންދޭށެވެ! އެހެނީ އެ ކުއްތާއަށް ހެޔޮކޮށް ހިތުން ހައްގުވެގެން ވެއެވެ. ކީއްވެކަމަށްހެއްޔެވެ؟ ބައްޕައަށް ވުރެ ބޮޑަށް ބައްޕައަށް ރަނގަޅީ ކޮން ގޮތެއްކަން އެ ކުއްތާއަށް އެނގުނީތީއެވެ!"

ކޮމެންޓު