ad_banner
އިންސާފު (4)

އަސްމާ އަބޫބަކުރު

28 ސެޕްޓެންބަރު 2025

އިންސާފު

(2025 ސެޕްޓެންބަރު 21ގައި ޝާއިޢުކުރި ޢަދަދާ ގުޅޭ)

[އައިޝާ. ދެންދޭ ޖައްސައިލާން. މިހާރު ދެން މަސައްކަތް މި ނިމެނީ.] ޒަރީނާ އެހެން ބުނުމުން އައިޝާ ކޮޓަރިއާ ދިމާއަށް ހިނގައްޖެއެވެ. ކޮޓަރި ދޮރުމަތީ ރަޒީން ހުއްޓައި ފެނުމުން އައިޝާ ދިޔައީ ސިއްސައިގެންނެވެ. ރަޒީންގެ ޢަމަލުތައް ހުންނަ ގޮތުން އައިޝާ ކަންބޮޑުވެ ޖެހިލުންވިއެވެ. އެހެންނަމަވެސް އެ ކަން ނުދައްކައިވޭތޯ ބަލަމުން ކޮޓަރިއަށް ވަންނާން އައިޝާ އުޅުނެވެ.

[އަހަރެން ވެސް ތިޔަ ކޮޓަރިއަށް ވަންނާން ބޭނުން. ވާހަކައެއް ދައްކާން.] ރަޒީން ހިނިތުންވަމުން ބުނެލިއެވެ.

[ރަޒީން މި ކޮޓަރިއަށް ވަދެ ބުނާން ޖެހޭ އެއްވެސް ވާހަކައެއް ނޯންނާނެ. ތަން ދައްކާ!] އައިޝާ ހުރީ ހިތްހަމަ ނުޖެހިފައެވެ.

[މިފަހަރު ތަން ދީފާނަން. ދެން ފަހަރަކުން އައިޝާ ނޯ ބުންޏަސް އަހަރެން ވަންނާނަން. މަށަށް ކުރިން އައިޝާ ފެނުނު ނަމައޭ ހިތަށް މި އަރަނީ.] ރަޒީން މޭގައި އަތް އުނގުޅަމުން ދުރަށް ޖެހިލައިފިއެވެ.

މާޒިން ގާތުގައި އައިޝާ އެއްވެސް ވާހަކައެއް ނުދައްކައެވެ. ގޭތެރޭގައި މަންމައާއި މީރާ ކަންތައްކުރާ ގޮތުގެ ވާހަކައެއް ވެސް އަދި ރަޒީން އުޅޭ ގޮތުގެ ވާހަކައެއް ވެސްނުދައްކައެވެ. އެ ވާހަކަ ނުދައްކަނީ މާޒިންގެ ޢާއިލާގެ ތެރޭގެ މަސްލަހަތަށް ޓަކައެވެ.

ހަވީރުގެ ވަގުތެވެ. އައިޝާ ސުކޫލް ނިންމައިފައި އައިސް ކޮޓަރިއަށް ވަން އިރު ރީތި ބޮޑު މާބޮނޑިއެއް އޮއްވައި ފެނުނެވެ. ސުވާލުގެ ނަޒަރަކުން މާބޮނޑިއަށް ބަލައިލެވުނީ މިއަދަކީ އެއްވެސް ޚާއްޞަ ދުވަހަކަށް ނުވާތީއެވެ.

[މި ވާނީ މާޒިންގެ ކަމަކަށް. އެއްވެސް ޚާއްޞަ ދުވަހެއް ނޫނަސް މާޒިނަށް ޚާއްޞަ ދުވަހެއްކަން ނޭނގެ މިއީ." އައިޝާ ހިތަށް އެތައް ބައިވަރު ސުވާލުތަކެއް ވެރިވަމުން ދިޔައެވެ. މާބޮނޑި ނަގައި ބަލާލި އިރު އައިޝާގެ ނަން ފިޔަވައި އޭގައި އެއްވެސް އެއްޗެއް ލިޔެފައެއް ނެތެވެ. ފަހުން މާޒިނާ ސުވާލު ކުރާނީއްޔޭ އައިޝާގެ ހިތަށް އެރިއެވެ. އެހެންނަމަވެސް އެ ސުވާލުކުރާކަށް ހަނދާނެއް ނެތެވެ. އެ ރީތި މާބޮނޑި މޭޒުމަތީ ވާސްއަކަށް ލާފައި އައިޝާ ބެހެއްޓިއެވެ. 

މީރާ އާއި ރަޒީންގެ ގުޅުން ވެސް ގޯސްވެއްޖެއެވެ. ރަޒީން އެއް ގޮތަކަށް ވެސް އައިޝާއަށް އުނދަގޫ ކުރާކަށް ބޭނުމެއް ނުވެއެވެ. އެކަމަކު މީރާގެ ސަބަބުން ރަޒީނަށް އެ ކަން ކުރާން މަޖުބޫރުވެފައިވެއެވެ. ރަޒީން ލޯބިވަނީ މީރާ ދެކެއެވެ. އެކަމަކު މީރާ ސިއްރުން އެހެން މީހަކާ ވާހަކަދައްކާކަމެއް ރަޒީނަކަށް ނޭނގެއެވެ. މީރާ ބޭނުންވަނީ ރަޒީން ލައްވައި އައިޝާއަށް އުނދަގޫކުރުމުން އެ މައްސަލަ ބޮޑުކަމަކަށްވެ ގޭތެރޭގައި ހަމަނުޖެހުން ހިންގާށެވެ. އަދި އެ މައްސަލައިގައި ރަޒީން ކުއްވެރިވުމުން ރަޒީން އެ ގެއިން ބޭރުކޮށްލުމަށެވެ.

ކޮންމެ ދުވަހަކު ސާއިފު ފޮނުވާ މެސެޖު ފެންނަ އިރަށް މީރާގެ އުފަލުން ގޮސް މޮޔަވާ ވަރު ވެއެވެ. ސާއިފުގެ އަޑު ޖެހޭއިރަށް މީރާގެ ހިތަށް އެހައިމެ އުފާވެރިކަން ވެރިވެއެވެ. އެ ޚިޔާލުގައި އިންދައި މީރާގެ ފޯނަށް މެސެޖު އަތުވެއްޖެއެވެ.

[މީރާގެ ނަން އިވުނަސް އަހަރެންގެ ހިތަށް ސިފަކުރެވެނީ ޅެންވެރިކަން. މީރާގެ ކޮންމެ ހިނިތުންވުމަކީ ލޯބީގެ ވާހަކައެއް ފަދަ. އަހަރެންގެ ހިތްގޮވަނީ އެންމެ ނަމަކަށް. އެއީ މީރާއަށް. އެ ނަން ކިޔަމުން މި ދަނީ އެހައިމެ ސިއްރުން. އަހަރެންގެ ދިރިހުރުން ގުޅިފައިވަނީ މީރާއާ އެކުގައި. އަހަރެން އަބަދު ވެސް އިންތިޒާރުކުރަމުން މި ދަނީ މީރާ އަހަރެންގެ ގާތަށް އަންނާނެ ދުވަހަކަށް.] ސާއިފުގެ ލޯބީގެ މެސެޖުތައް ކިޔާ ވަރަކުން މީރާގެ ހިތުގައި ސާއިފުގެ ނަން ބިންވަޅު ނެގެމުން ދެއެވެ. ސިއްރުސިއްރުން ސާއިފަށް ގުޅާ ކޯލުތައް ގިނަވާން ފެށިއެވެ. ރަޒީނަށް ދޮންކަޅު ވެސް އަންގައިނުލައެވެ. މީރާގެ ބައްޕައާ އެކު، ރަޒީން ރަށުން ބޭރަށްދާ ކޮންމެ ފަހަރަކު މީރާ ސާއިފުގެ ކޯލުތަކުގައި އެތައް ވަގުތެއް ހޭދަކުރެއެވެ.

ސާއިފާ ބައްދަލުކުރާން ވެގެން މީރާ އެތައް ވަރަކަށް ވިސްނިއެވެ. އެކި ގޮތްގޮތަށެވެ. އެންމެ ފަހުން މަންމަ ގޮވައިގެން ކައިރީގައިވާ ރަށަކަށް ދިއުމުގެ ޚިޔާލު މީރާކުރިއެވެ. އެ ރަށަށް ދިއުމަށް ސާއިފަށް ވެސް އަންގައި މަންމަގެ ބޮލަށް ވަދެގެން އެ ދަތުރު ދިއުމަށް ތައްޔާރުވިއެވެ.

[މީނާ އެކަނި ބަހައްޓައިފައި ކިހިނެއް އަހަރެމެން ދާނީ.] އެންމެ ފަހު ވަގުތު ވެސް މީރާގެ ޚިޔާލަށް ދެވެން ނެތްކަމަށް ޖަމީލާ ދިޔައީ ބުނަމުންނެވެ.

[ބައްޕަ އާއި ދޮންބެއާއި އައިޝާ ވެސް އެބައުޅެއެންނު މަންމާ.] މީރާގެ ބޮޑާ ހޭކުމަށް އެންމެ ފަހުން ޖަމީލާ އެއްބަސްވިއެވެ. މީރާގެ ރޭވުން ކާމިޔާބުކުރުމަށް، އެތައް ވާހަކައެއް ދައްކާން ޖެހުނެވެ.

[އައިޝާ ވާހަކަ އަހަރެން އަޑުއަހާކަށް ބޭނުމެއް ނޫން. އޭނާގެ އެހީތެރިކަން ބޭނުމެއް ނޫން. މީނާ ބަހައްޓަންވާނީ އަބަދުވެސް އައިޝާއާ ދުރުގައި.] އެރޭ ރޭގަނޑު ކެއުމުގެ ވަގުތުގައި ޖަމީލާ ރަށުން ބޭރަށް ދެ ދުވަހަށް ދަނީކަމުގައި ބުންޏެވެ. ޖަމީލާގެ ރައްޓެއްސެއްގެ ދައުވަތަކަށެވެ. މި ދަތުރުގައި މީރާ ގޮވައިގެން ދާން ނިންމި ކަމުގައި ވެސް ޖަމީލާ ބުންޏެވެ.

[މަންމާ. އަހަރެންގެ އެގްޒާމް ނިމުނީމާ ދާން މަޑުކޮށްލި ނަމަ. އޭރުން ތިޔަ ރަށް ބަލައިލުމުގެ ނަސީބު މަށަށް ވެސް ލިބުނީހެއްނު.] މީނާގެ ވަހަކައަށް މީރާ އިނީ ހިތްހަމަ ނުޖެހިފައެވެ. އެކަމަކު އެއްޗެއް ބުނުން ރަނގަޅު ނޫންކަމަށް ވިސްނައި އެއްޗެއް ނުބުނެ އިނީއެވެ. 

މީރާގެ ނިމުމެއް ނެތް ވާހަކަތަކާއި ރުޅިއާއި ނަފުރަތު އެކުލެވޭ ވާހަކަތަކުން ކޮންމެ ދުވަހަކު ވެސް ދިރުން ލިބިފައިވާ ގެ މިއަދު ހީވަނީ މަރުވެފައިވާ މައްޔިތެއް ހެންނެވެ. ބުނާ ބަހަށް ވުރެ އަޑުގަދަ މީރާ ގެއިން ބޭރަށް ދިއުމާ އެކު ނޯކަރުންނަށް ހަމަޖެހުން ލިބިއްޖެއެވެ. ގޭގައި މަސައްކަތްކުރާން އަންނަ މީހުން އެ މީހެއްގެ މަސައްކަތް ނިންމައިފައި ދަނީ ހިތްހަމަޖެހިގެން ތިބެއެވެ. އައިޝާއާއި މީނާ އެކީގައި ހެއްވާ މަޖާ ވާހަކަދެއްކުމުގައި ތިބެއެވެ. މާޒިން ވެސް އެ މީހުންގެ ވާހަކައިގެ ބައިވެރިވެއެވެ. މީނާގެ ބޮލަށް ވެސް މީރާ ނެތުމުން ވަރަށް ފަސޭހަވިއެވެ.

މީރާގެ ދަތުރު ކާމިޔާބުކުރުމަށް ޓަކައި އެތައް ޕްލޭނެއް ހެދިއެވެ. މަންމަ ބަހައްޓައިފައި ބޭރަށް ދާނެ ގޮތުގެ ޕްލޭނެއެވެ. ސާއިފު ގެންނާނެ ގޮތުގެ ޕްލޭނެވެ. ޖަމީލާ ބޭނުންވީ ރައްޓެއްސެއްގެ ގޭގައި ހުންނާށެވެ. އެކަމަކު މީރާ ޖަމީލާގެ ބޮލަށް ވަދެ، ގެސްޓްހައުސް އިން ދެ ކޮޓަރި ހަމަޖެއްސިއެވެ. ސާއިފު ވެސް ބެހެއްޓީ މީރާގެ ޚަރަދުގައި ކޮޓަރި ހިފައިފައެވެ. 

ދުވާލު ރައްޓެހީން ގޭގެއަށް ގޮސް ވަރުބަލިވުމުން ޖަމީލާ ވަރަށް އަވަހަށް ނިދައިފިއެވެ. މީރާ ވަގުތުގެ ބޭނުން ހިފައި ސާއިފުގެ ކޮޓަރިއަށް ވަނެވެ.

[ކޮބާ އަހަރެން ބޭނުންވި ފައިސާކޮޅު. އެ ގެނައިންތަ؟] ސާއިފު ފުރަތަމަ ވެސް ދެއްކީ ފައިސާގެ ވާހަކައެވެ. މީރާ ދަބަހުން ނަގައި ސާއިފަށް ފައިސާ ދިނެވެ. އެއަށް ފަހު އެ މީހުން އެ މީހުންގެ ދުނިއަށް ގެއްލިއްޖެއެވެ. އެތައް ގަޑިއިރެއް ވޭތުވެ ދިޔަ އިރު ވެސް މީރާ އުޅުނީ ސާއިފުގެ ކޮޓަރީގައެވެ.

[މާދަމާ ހިނގައިބަލަ މޫދަށްދާން. އަހަރެން ރާވާނަން މޫދަށް ދާން. އެ ގަޑިއަށް ސާއިފު ވެސް އަންނާނީ.]

[މީރާ ބުނެފިއްޔާ ކޮންމެ ތާކަށް ދާން ވެސް ހޭވައްލާ ތައްޔާރު.] ސާއިފު އެނދުގައި ހަމަޖެހިލަމުން ބުންޏެވެ.

މީރާ އެ ކޮޓަރީން ނިކުމެގެން ދިޔައީ ފަތިސްވުމުންނެވެ. މީރާއަށް ދެ ދުވަހުގެ އެ ދަތުރަކީ އެތައް އުފަލެއް ލިބުނު ދަތުރެކެވެ.

ޖަމީލާއާއި މީރާ އެނބުރި ރަށަށް ދިޔައިރު އިރު އޮއްސެނީއެވެ. އެ ދުވަހު ހަވީރު އައިޝާއާއި މީނާ ހަވީރު ބަދިގެއަށް ވަދެ ސައިތައްޔާރުކޮށް މޭޒު ތައްޔާރުކުރިއެވެ. މީނާއަށް އައިޝާގެ ފަރާތުން އެ ދެ ދުވަހު ފިލާވަޅުތައް ހެދުމުގައި ވަރަށް އެހީތެރިކަން ލިބުނެވެ. އެކަމުގެ ސަބަބުން މީނާއަށް އައިޝާ ވަރަށް ކަމުދިޔައެވެ. ގޭތެރޭގެ މަސައްކަތްތަކުގައި ވެސް އައިޝާ ވަރަށް އަތްމަތި އަވަހެވެ. މީގެ ކުރީން ބަދިގެ ނުދެކޭ މީނާއަށް ބައެއް އެއްޗެހި ކައްކާނެ ގޮތް އައިޝާ ދަސްކޮށްދިނެވެ.

ޖަމީލާ އާއި މީރާ އައިސް ސައިބޯން އިށީނދެ ޗުއްޓީ ދަތުރުގެ ވާހަކަތައް މީނާ އަށް ކިޔައިދިނެވެ. އެންމެ ފަހުން މީރާ، އައިޝާ އަށް އެއްޗެހި ކިޔަން ފެށުމުން މީނާ އަށް މަޑަކުން ނީނދެވުނެވެ.

[ދޮންތަ އަބަދު ކީއްވެތަ އެހެން މީހުންނަށް އެއްޗެހިކިޔަނީ. އެއީ ދޮންބެ ދައްތަކަން ވެސް ހަނދާންނުވޭތަ؟ ދޮންބެ ދައްތަ އެއްވެސް މީހަކަށް އެއްޗިއްސެއް ނުކިޔާ. މި ދެ ދުވަހު ވެސް ގޭތެރޭގެ ހުރިހައި ކަމެއް ބެލެހެއްޓި. ތިޔަ ހުރިހައި ހެދިކާ ކިހައި މީރު؟ ތިޔައީ ދޮންބެ ދައްތަގެ މަސައްކަތް.] މީނާ އެހެން ބުނުމުން މީރާ އެއްޗެއް ނުބުނެ ވާހަކަ ހުއްޓައިލައިފިއެވެ. އެހެންނަމަވެސް ހިތުގައި އިތުރަށް ނަފުރަތުގެ އަލިފާން ރޯވިއެވެ.

މި ގެއަށް ގަދަވާނެ ގޮތް ހަދާން އޭނާ މަސައްކަތްކުރާނެކަން މަށަށް އެނގެއެވެ. އެންމެ ދެ ދުވަސްތަރޭގައި އެ ހުރީ މީނާގެ ބޮލަށް ވަދެފައެވެ. އެހެންވިޔަކަ ނުދޭނަމެވެ. އެ އައިޝާގެ ބޮލުގައި ވަރުގަދަ ތުހުމަތެއް އަދި އަޅުވާނަމެވެ. ނިކަން ސަލާމަތްވެ ބަލާށެވެ! އޭނާއަށް ވަރުގަދަ ލަނޑެއް ނުދީފި ނަމަ، އަހަރެންގެ ނަމަކަށް މީރާއެއް ނުކިޔާނެއެވެ.

އައިޝާ ސުކޫލްގެ މަސައްކަތުގައި އަނެއްކާ ވެސް ބިޒީކޮށް އުޅުނު ދުވަސްކޮޅެކެވެ. ގެއަށް އާދެވެނީ ވެސް ކޮންމެ ދުވަހަކު ހަވީރު ހަތަރެއްގެ ފަހުންނެވެ. މި ދުވަސްކޮޅަކީ ސުކޫލްގެ އިމްތިހާން ފެށިގެން އުޅޭ ދުވަސްކޮޅުކަމުން ގިނަ ވަގުތު އެ ކަންކަން ބެލުމުގައި ޕްރިންސިޕަލްގެ ހައިސިއްޔަތުން ހުންނާންޖެހެއެވެ. އައިޝާ ކްލާސްރޫމްތައް ކައިރީ ވަށައި ބުރެއް ޖަހައިފައި ހިނގަމުން ދިޔައީ އިމްތިހާން ހޯލުގެ ކަންތައް ރަނގަޅަށް ދޭތޯ ބެލުމަށެވެ. އެއަށްފަހު ސުޕަވައިޒަރުން ތިބޭ ރޫމްކައިރީން ދަނިކޮށް ބެލެނިވެރިޔަކާ ސުޕަވައިޒަރަކު ވާހަކަދައްކާ އަޑުއިވުނެވެ. އައިޝާއަށް ސުޕަވައިޒަރު ބުނާ އަޑު އިވުނެވެ.

"މިއީ ފީ ދައްކައިގެން ކިޔަވައިދޭ ސުކޫލެއް. މި ސުކޫލް ހިނގާނީ ދަރިވަރުންގެ އަތުން ނަގާ ފީއަކުން. ހިލޭ ކިޔަވައިދޭ އެއްވެސް އުޞޫލެއް އަދި ހަމަޖެހިފައެއް ނުވޭ. އަޅުގަނޑު ޕްރިންސިޕަލާ ވާހަކަދައްކައިފައި ގުޅައިލާނަން."

ބެލެނިވެރިޔާ ނިކުމެގެން ދިއުމާއެކީ ސުޕަވައިޒަރު ޔަޒީދު ޕްރިންސިޕަލްގެ ކޮޓަރިއާ ދިމާއަށް ދިއުމަށް ނިކުތެވެ. އެ ވަގުތު އައިޝާ ސުޕަވައިޒަރު ރޫމް ހުރަސްކުރަނީއެވެ.

[ޕްރިންސިޕަލާ ބައްދަލްކޮށްލާން ބޭނުންވޭ މަޝްވަރާކޮށްލާން.] އެ ހިސާބުން ޕްރިންސިޕަލާ އެކު ޔަޒީދު ދުރުވީ އެ ކޮޓަރިއަށެވެ. އަދި މީގެ ކުޑައިރުކޮޅެއް ކުރީން ބެލެނިވެރިޔާ ދެއްކިވާހަކަތައް ޔަޒީދު ކިޔައިދިނެވެ.

[އެ ކުއްޖާގެ ކިޔެވުން ހުއްޓުނަދީގެން ނުވާނެ އެއްގޮތަކަށް ވެސް. މި ސުކޫލްގައި އޮންނަ އެހީތެރިކަމުގެ ފަންޑުން އެ ދަރިވަރަށް އެހީތެރިވެދޭނީ.] އައިޝާ ކަންކުރެއްވި ގޮތުން ޔަޒީދު ހިތްހަމަޖެހުނެވެ. އެހެން ޕްރިންސިޕަލުން އެ ފަދަ ގޮތަކަށް ކަންކަން ނިންމަވައިފައެއް ނެތެވެ. ނިކަމެތިންނަކަށް އެ ވަރުގެ ފީއެއް ދައްކައިގެން ކިޔެވޭ ގޮތަށް ނެތަސް މީގެ ކުރީން ވެސް އެ ފަންޑު އޮތެވެ. އެކަމަކު އެއްވެސް ޕްރިންސިޕަލަކު އެ ފަންޑަކުން ޚަރަދެއް ނުކުރައްވައެވެ. (ނުނިމޭ)

ކޮމެންޓު