އަސްމާ އަބޫބަކުރު
14 ސެޕްޓެންބަރު 2025
އިންސާފު
(2025 ސެޕްޓެންބަރު 7ވަނަ ދުވަހުގެ އަދަދާ ގުޅޭ)
ޚިޔާލީ ދުނިޔެއިން އައިޝާ ނިކުތީ ފޯނު ރިންގުވާ އަޑަށެވެ.
ދަތުރުކުރުމަކީ އެއް ބަޔަކަށް އުފާވެރިކަމެކެވެ. އަނެއް ބަޔަކަށް ވޭނަކަށްވާ އިރު ބޮޑު ބިރުވެރިކަމަކަށްވާ މީހުން ވެސް މަދެއްނޫނެވެ. އައިޝާގެ މައިންބަފައިން ދަތުރުކުރަމުން އެ ދަނީ އެތައް ޒަމާންތަކަށް ފަހު އެ މީހުންގެ ދޮށީ ދަރިފުޅު އައިޝާގެ ކައިވެންޏަށް މާލެއަށެވެ. ދަތުރުމަތީގައި އައިޝާގެ މަންމަ އާފިޔާ އިންނަނީ ބިރުން ގޮސް ހަލާކުވާ ވަރުވެފައެވެ. އައިޝާގެ ކޮއްކޮ އަނީގާގެ މަސައްކަތަކީ އެ މަންމަ ހިތްހަމަ ޖައްސައިދިނުމެވެ.
"ދަރިފުޅާ. މި ބޯޓަށް އެރި ފަހުން ކިތައް މިނިޓު ވެއްޖެ؟ އަދި ވެސް ބޯޓު ޖައްސާކަށްނޫޅޭ ދޯ!" އާފިޔާގެ ކެތްތެރިކަން ކޮޅުންލާ ކަހަލަ ގޮތަކަށް ވާހަކަ ހުރުމުން މަންމަގެ ހިތްހަމަ ޖައްސައިދިނުމަށް ޓަކައި އަނީގާ ވާހަކަދައްކާންފެށިއެވެ.
"މަންމާ. ބޯޓަށް އެރުމާއެކު ތިޔަ ގަންނަ ބިރު ދޫކޮށްލަބަލަ. މަންމަ ނޫނަސް ބަލާބަލަ މި ބޯޓުގައި ދުނިޔޭގެ ރީތިކަން ދެކިލާން ކިތައް މީހުން އެ ތިބީ ކުޑަދޮރުން ބޭރު ބަލާން ޝައުގުވެރިކަމާ އެކު. މަންމަ ވެސް އެ ރީތިކަން ނިކަން ދެކިބަލަ. އެ ފެންނަ މަޑުކަފަކޮޅެއް ކަހަލަ ވިލާތަކާ ދިމާއަށް ބަލައިލަބަލަ. ޤުދުރަތުގެ ފުރިހަމަކަމާ މެދު އުފާކޮށްބަލަ! އަނީގާ ހީވަނީ ޅެންވެރިއެއް ހެންނެވެ. މަންމަގެ ހިތްހަމަޖެހޭން ފަށައިފިއެވެ. ދަރިފުޅު ބުނީ ތެދެކެވެ. އަނީގާ ދެއްކި ވާހަކައަށް ވިސްނައި ފިކުރުކުރަމުން އެ މަންމަގެ ހިތުން ބިރުވެރިކަން ފިލައިފިއެވެ. މަޑުމަޑުން އިނދެ ގެނެސްދީފައި ހުރި ޖޫސްތަށި ވެސް ބޮއިފިއެވެ.
މާ ގިނަ އިރުތަކެއް ނުވަނީސް ބޯޓު ގޮސް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ޖައްސައިފިއެވެ. އައިޝާ އައިސް މަންމަގެގައިގައި އޮޅުލައިގެންފިއެވެ. އެ ކުޑަ ޢާއިލާ އުފާވެރިކަމުން ފުރިގެންވީ ވާހަކަތައް ދައްކަމުން އެއަރޕޯޓުން ހޮޓަލަށް ހިނގައްޖެއެވެ.
އައިޝާމެންގެ ކައިވެނީގެ ރަސްމިއްޔާތު ބޭއްވުމުގެ ހުރިހާ އިންތިޒާމެއް އެހާ ފުރިހަމައެވެ. އެ ރަސްމިއްޔާތު ކިތަންމެ ފުރިހަމަވިއަސް މާޒިންގެ ބައްޕަ ފިޔަވައި އިތުރު މީހަކު އެ ޢާއިލާއިން ބައިވެރި ނުވާތީ އެ ފަޅުކަން މާޒިންގެ ހިތުތެރޭގައިވެއެވެ. ހަފުތާއެއްހައި ދުވަހު މާލޭގައި ތިބުމަށްފަހު އައިޝާގެ މައިންބަފައިން ދިޔައީ ރަށަށެވެ. އަނީގާގެ ހެއްވާ މަޖާ ވާހަކަތަކާއެކު ދުވަސްތައް ދިޔަ ގޮތް ވެސް އެ ކުޑަ ޢާއިލާއަކަށް ނޭނގުނެވެ. އައިޝާ މަންމަ މެންނާއެކު ކިތަންމެ ދާން ބޭނުންވިއަސް މި ދުވަސްކޮޅު ދެވޭކަށް ނެތެވެ. އެހެން ޗުއްޓީއެއްގައި ރަށަށް ދާނެކަމަށް ވަޢުދުވެފައި އެ ކަން މަޑުކޮށްލީއެވެ.
އައިޝާ އާއި މާޒިން ފުރައިގެން ދިޔައީ މާޒިންގެ ރަށަށެވެ.
މާޒިންގެ ގެއަށް އައިޝާ ބަދަލުވުމާ އެކު މާޒިންގެ މަންމަގެ މޫނުމަތީން ހިތްހަމަ ނުޖެހުނުކަން އައިޝާއަށް އެނގެއެވެ. އަލަށް ގެއަށް ޅީދަރިއަކު އަންނަ ދުވަހު ގޭގެ ފަރުދުން ތިބޭނީ އެ ކަމަށް ތައްޔާރުވެގެންކަމަށް އައިޝާ ހީކުރިއެވެ. ނަމަވެސް އައިޝާ ގޮވައިގެން މާޒިން އެ ގެއަށް ދިޔަ ދުވަހު އެ ގެއިން ކީ ފިނި މަރުޙަބާއިން އައިޝާއަށް ގޭގެ މަސްރަހު އޮތް ގޮތް ސާފުވެއްޖެއެވެ. އެ ކަމާ އައިޝާ އެއްޗެއް ނުބުނެއެވެ. މާޒިން ގާތުގައި ވެސް އެ ވާހަކައެއް ނުދައްކައެވެ. ހަމައެކަނި މާޒިން ވެސް ބުނެފައި އޮތީ މަންމަ ގަބޫލު ނުވަނީ އަންހެން ކުދީން މާމޮޅަށް ކިޔަވައިގެން ތިބޭތީ ކަމަށެވެ.
މި ޒަމާނުގައި ކިޔަވައިގެން ތިބި އަންހެން ކުދީން ކަމުނުދާންވީ ސަބަބެއް ވިސްނައިވިސްނައި ވެސް އައިޝާއަކަށް ނޭނގުނެވެ. އައިޝާގެ މަންމައާއި ބައްޕަ އަކީ ފަގީރުންނެވެ. އެކަމަކު ދެ އަންހެން ކުދީންނަށް ކުރި އިތުބާރާ ކިޔަވައިދިނުމަށް ވީ ގުރުބާނީ އައިޝާ ދުވަހަކު ހަނދާނެއް ނުނެތޭނެއެވެ. މިއަދު އެފަދަ މަގާމަކަށް އައިޝާއަށް އާދެވުނީ އެ މީހުންގެ ނަސޭހަތުންނެވެ. އަންހެން ކުދީން ކިޔަވާން ބޭރަށް ފޮނުވާން ބައެއް މައިންބަފައިން އަދިވެސް ބިރުގަނެއެވެ. އެކަމަކު އައިޝާގެ މައިންބަފައިން ކުރީ ދަރީންނަށް އިތުބާރެވެ. އެ ކަމުގެ ސަބަބުން އެއްދަރި ޕްރިންސިޕަލެއްގެ ވަޒީފާ އަދާކުރާއިރު އަނެއްދަރި ކިޔަވަނީ ޑޮކްޓަރުކަމެވެ. އައިޝާމެންގެ ރަށުގައި އެންމެކުރީގައި ދަރީން ރަށުން ބޭރަށް ފޮނުވަން ވެސް މައިންބަފައިން ބިރުގަނެއެވެ. އެކަމަކު އޭރު ވެސް އައިޝާގެ މަންމަ ބުނާނެއެވެ. އަންހެން ދަރީންނާ ފިރިހެން ދަރީންވާންވާނީ ހަމަހަމައެވެ. އަންހެން ކުއްޖަކަށް ވީތީ މަނާ އެއްވެސް ކަމެއް ނޯވެއެވެ. އެހެންނަމަވެސް އިސްލާމްދީނުގައި އަންހެން ކުދީން އުޅޭން އަންގަވާފައިވާ ގޮތާއި އިންތަކާއި މިންތައް ރަނގަޅަށް ކިޔައިދިނީ އެ މަންމައެވެ.
މަންމަ އަކީ ދީނީފޮތްތައް ކިޔުމަށް ވަރަށްލޯބިކުރާ މީހެކެވެ. ކޮންމެ ދުވަހަކު ވެސް ފޮތްކިޔާން ވަގުތުކޮޅެއް ހޭދަކުރެއެވެ. އެ މަންމަގެ ދުލުގައި އަބަދުވެސް އަންހެން ދަރީންނަށް އޮންނަ ގަދަރާއި އިހުތިރާމުގެ ވާހަކަ ކިޔައިދެއެވެ. ބައްޕަ އަކީ މަންމަގެ ތަރުބިއްޔަތަށް އެއްޗެއް ބުނާ މީހެއް ނޫނެވެ. ބައްޕައާއި މަންމަ ނުލާހިކު ގުޅިގެން އަބަދު އުޅޭ ތަން ފެނި އެ ކުޑަކުޑަ ޢާއިލާއަކީ އެ ރަށުގައި އެ ކުޑަ ޢާއިލާއަކީ ގަދަރުވެރި އިޙުތިރާމު ލިބިފައިވާ ޢާއިލާއެކެވެ.
ހެނދުނު ފަތިހު ހޭލައިގެން އައިޝާ ސްކޫލަށް ދިއުމުގެ ކުރީން ގޯތިތެރެ ކުނިކެހިއެވެ. އިތުރަށް މަސައްކަތްކުރާނެ ވަގުތު ނެތުމުން ތައްޔާރު ވެގެން ސްކޫލަށް ދިޔުމުގެ ކުރީން މާޒިން އާދޭސްކުރުމުން ބަދިގެއަށް ވަނެވެ. އޭރު އެއްވެސް މީހަކު ހެނދުނުގެ ސަޔަށް ބަދިގެއަކަށް ނާދެއެވެ. އައިޝާ ހުރީ ޖެހިލުންވެފައެވެ. އެހެންނަމަވެސް ދެމީހުން ސައިބޮއިގެން ދިޔައީ ސްކޫލަށެވެ.
މާޒިންގެ ޢާއިލާގައި ތިބެނީ މާޒިންގެ އިތުރުން ދެ އަންހެންކުދީންނެވެ. އެއީ މީރާ އާއި މީނާއެވެ. މީރާ ކައިވެނި ކޮށްގެން އުޅޭއިރު މީނާ އަދި ކިޔަވައެއް ނުނިމެއެވެ. މާޒިންގެ މަންމަގެ ސަބަބުން މީރާ އެއްވެސް ވަޒީފާއަކަށްނުދެއެވެ. މަންމަ ދެކޭ ގޮތުގައި އަންހެން ކުދީން ތިބެންވާނީ ގޭގައެވެ. ފިރީންގެ މަސައްކަތްކުރުމުން ޢާއިލާއަށް ފުދޭނެއެވެ. މަންމަ ވެސް ބައްޕަ މަސައްކަތް ކޮށްގެން ލިބުނު އެއްޗަކުން އެއްލާރިން ދެލާރިއަށް ހެދީއެވެ. އެކަން އެހެން މީހުންނަށް ވެސް ކުރެވޭނެއެވެ.
އަންހެނުންގެ ޒިންމާ ގޭގެ ހަތަރުފަރާތުން ބޭރުވެގެން ނުވާނެއެވެ. އެ ޒިންމާގެ ތެރޭގައި ހިމެނޭނީ ގޭތެރޭގެ މަސައްކަތްތައްކުރުމާ އެކު، ފިރިމީހާއަށް ޚިދުމަތްކުރުމާއި ދަރީން ހެޔޮ ގޮތުގައި ތަރުބިއްޔަތުކުރުމެވެ. އެ މަސައްކަތަކީ ބޭރުގައި ވަޒީފާ އަދާކޮށްފައި އައިސް ގޭގައި އެންމެ ފުރިހަމަ ގޮތުގައި ކުރެވޭނެ މަސައްކަތްތަކެއްކަމުގައެއް ޖަމީލާ ނުދެކެއެވެ.
މާޒިންގެ ކައިވެނި ކުރާން އުޅޭކަން އެނގުނު ހިސާބުން ވެސް އެ މަންމަ ބޭނުންވީ އައިޝާ ވަޒީފާއިން ވަކިވެގެން އެ ގެއަށް އައުމަށެވެ. އެ ކަމާ މަންމަ ކުރިމަތީގައި އެއްޗެއް ނުބުނި ކަމުގައިވިއަސް މާޒިން އެ ވާހަކަތަކަށް އަޅައެއް ނުލައެވެ. އައިޝާ ގާތުގައި މާޒިން އެ ވާހަކަ ނުވެސް ދައްކައެވެ.
ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެވެ. އައިޝާ އުޅެނީ ބަދިގޭގައި ކައްކާން އުޅޭ ދައްތައަށް އެހީވުމުގައެވެ. ގޭގެ އެކި މަސައްކަތްތަކުގައި ނޯކަރުންތިބެއެވެ. މީރާއެއް މީނާއެއް ވެސް އަދި ނުތެދުވެއެވެ. މީރާގެ ފިރިމީހާ ރަޒީން އައިސް ބަދިގެއަށް ވަނެއެވެ. އޭނާ އައިސް މޭޒުކައިރީ އިށީނުމުން އައިޝާ ސައި ހަދައިދިނެވެ. އޭރު ރަޒީން އިނީ ނުބައި ފާޑަކަށް އައިޝާއާ ދިމާއަށް ބަލަހައްޓައިގެން ހެވިފައެވެ.
[ރީތި ކުދިން ހަދާ ސައި ވެސް ހާދަ މީރޭ.] އަތްދޮންނަށް ދަމުން އައިޝާގެ ކައިރިއަށް ކައިރިވެލާފައި ރަޒީން ބުންޏެވެ. އެ ޖުމްލަ އައިޝާ އަށް ކަމަކު ނުދިޔައެވެ. އެހެންނަމަވެސް އެއްޗެކޭ ނުބުނެ މަޑުން ހުރީ އެ މާހައުލު އަދި ދަސްނުވާތީއެވެ.
އައިޝާ ބަދިގެއިން ނުކުތީ ފޯނެއް އައުމުންނެވެ. ގޮސް ކޮޓަރިއަށް ވަނުމުން ރަޒީން ވެސް ހިނގައްޖެއެވެ. މި ފަހަރު ދިޔަ ނަމަވެސް ރަޒީން ހުރީ އައިޝާ ދޫކުރާ ގޮތަކަށް ނޫނެވެ. އައިޝާގެ ރީތި މޫނުގެ ޖާދޫގައި ރަޒީން ޖެހިއްޖެއެވެ. ގޭގެ އެންމެ ހޭލައިގެން ކޮޓަރިތަކުން ނިކުތީ ހެނދުނު ދިހައެއް ވެސް ޖެހިފަހުންނެވެ. ސައިބޮއިގެން އައިސް މީރާއާއި މަންމަ ތުންގުޅުވައިގެން ދައްކަމުން ދިޔަ ވާހަކަ އަކީ ކޮބައިތޯ މީނާ ސުވާލުކުރިއެވެ.
[މި ދައްކަނީ ކަލޭމެންގެ ކުއީން ފަހަރި ވާހަކަ. އަދިވެސް ތެދުވާކަށް ނޫޅޭކަންނޭނގެ. ރަސްމީ ދުވަހެއްގައި މަސައްކަތެއް ނުކުރިއަސް ބަންދު ދުވަހެއްގައި މަސައްކަތެއްގައި އަތްޖައްސައިލާ ނަމަވެސް އެންމެ ރަނގަޅެއްނު."
[މަންމާ ދޮންބެ ދައްތައަށް މިއަދު ޗުއްޓީއެއްނު. ކިހާ ބުރަކޮށް ވަޒިފާގަ ދޮންބެ ދައްތަ އުޅޭނީ. އެހެންވީމާ، މިއަދު ރެސްޓެއް ނެގުން ރަނގަޅެއްނު.] މީނާގެ ވާހަކައަށް މީރާ ރުޅި އައިސްގެން ކޮޅަށް ތެދުވެއްޖެއެވެ.
[އަހަރެމެން ނުޖެހޭނެ އޭނާކުރާ މަސައްކަތް ބަލާކަށް. މި ގެއަށް އަންނާން ވާނީ އެ ވަޒީފާ ދޫކޮށްލައިފައި. ދޮންބެ ގާތު މަންމަ އެހެން ނުބުނޭތަ؟ މީރާ އުޅެނީ އަބަދު ވެސް ގޭގައި މައްސަލަ އުފައްދާށެވެ.
[ދޮންތަ ގޭގައި ހުންނަ މީހާ އެއްވެސް މަސައްކަތެއް ނުކުރާއިރު ކީއްކުރަންތަ އެހެން މީހުންނަށް އިނގިލި ދިއްކުރަނީ؟] މީނާ އެހެން ބުނެލުމާ އެކު މީރާ ލޯއަޅައިގަތެވެ. މީނާއަކީ ތަންކޮޅެއް އަނގަ ހަލުވި ކުއްޖެކެވެ. އެހެންނަމަވެސް ތެދުވެރިކަމާ އިންސާފަށް މީނާ ލޯބިކުރެއެވެ. މީރާ އޭގެ އިދިކޮޅެވެ. މަންމަގެ ބޮލަށް އެރިގެން ގިނަފަހަރު ކަންކަން ގޯސް ކުރާނީ މީރާއެވެ.
މެންދުރުގެ ވަގުތެވެ. އެންމެން އެކީގައި އެއްސުފުރާގައި ކެއުމުގެ އިންތިޒާމް ހަމަޖެހިފައިވާއިރު އައިޝާ އައިސް އިށީންނަމުން އެންމެންނަށް ހިނިތުންވެލިއެވެ. އެވަގުތު ޖަމީލާގެ ނިތަށް ރޫތައް ގިނަވިތަން އައިޝާއަށް ފެނުނެވެ.
[ބަންދު ދުވަހެއް ކަމަކު ފޮތް އަތުން ދުލެއްނުކުރެވޭ. ބަދިގޭގެ މަސައްކަތް ކޮށްލުމަކުން ކިޔެވި އެއްޗެއްގެ އަގެއް ނުވެއްޓޭނެ.] ޖަމީލާގެ ވާހަކަ އަމާޒު ކުރީ އައިޝާއަށް ކަން އެންމެނަށް ވެސް ދޭހަވިއެވެ.
[ވަޒީފާ އަދާ ކުރިއަސް މިއީ މީހެއްގެ އަތްނބެއްކަމާއި ގޭގެ ޅީދަރިއެއްކަން އެނގޭ. އެ ގޮތަށް މަސައްކަތް ކުރެވޭތޯ މި ބަލަނީ.] އައިޝާގެ ބަސް ޖަމީލާއަށް އެއްގޮތަކަށް ވެސް ކަމަކުނުދިޔައެވެ. ގޭގެ މަސައްކަތް ނުކުރާ އިރު ދޮގު ހަދައިގެން ވާހަކަދައްކާތީ ޖަމީލާ އިނީ ރުޅިއައިސްގެން ބުނާނެ އެއްޗެއް ނޭގިފައެވެ.
[ޒަރީނާ. މި ފޮނި އެއްޗެހި ވަރަށް މީރު. އަދި މީގެ ތަށްޓެއް ގެނެސްދީ.] އެވަގުތު ޒަރީނާ ބަލައިލީ އައިޝާއާ ދިމާއަށެވެ. ހިނިއައިސް ހުރެއެވެ. ޒަރީނާގެ އަނގައިން ބަހެއް ބޭރުވެދާނެތީ އައިޝާ ލޮލުން އިޝާރާތްކުރީ އެއްވެސް އެއްޗެއް ނުބުނުމަށެވެ. އެހިސާބުން ޒަރީނާ ބަދިގެއަށް ހިނގައްޖެއެވެ. ގޭގެ ކަންތައް ހިނގަމުންދާ ގޮތް މާޒިންގެ ލޮލަށް ފެނުނުނަމަވެސް އެއްޗެއް ނުބުނަނީ މަސްލަހަތަށް ޓަކައެވެ. (ނުނިމޭ)