ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް
21 އޯގަސްޓް 2025
މުޙާޟަރާގެ މާލަން
ހަލުވި ފިޔަވަޅު މަތީ ހިންގަވައިފައި އުސްތާޒު މުހާޟަރާ މާލަމަށް ވެންނެވިއެވެ. އުސްތާޒުގެ އާދައިގެ މަތީން، އުސްތާޒުގެ ވިސްނެވުން ހުއްޓިފައި އޮތީ ދެއްވާން ގަސްދުކުރައްވައިފައިވާ މުހާޟަރާ (ލެކްޗަރ)ގެ މައްޗަށެވެ. އެހެންވެ، ހޯލުގެ އެކޮޅުމިކޮޅަށް ބައްލަވާކަށް ނުހައްދަވައެވެ. ކޮންމެއަކަސް މި އަދަކީ އަހަރުގެ މެދު ބަންދުގެ ކުރީން އޮންނަ އެންމެ ފަހުގެ މުހާޟަރާއެވެ. އެހެންވެ، އުސްތާޒު ނިންމަވައިގެން ހުންނެވީ މިހާތަނަށް އުސްތާޒު ނަންގަވައި ދެއްވައިފައިވާ ފިލާވަޅުތަކުގެ ޚުލާސާއެއް ހުށައަޅުއްވާށެވެ.
މާ ގިނައިރުތަކެއް ހޭދަކުރައްވައި އުސްތާޒު މުހާޟަރާއާއިގެން ކުރިއަށް ވަޑައިގަތެވެ. ފާއިތުވީ ދިހަ ވަރަކަށް ހަފުތާގައި ދެއްވި ދަރުސުތަކުގައި ޚުލާސާ ހުށައަޅުއްވަމުން ގެންދެވިއެވެ. އަދި އެ ފިލާވަޅުތަކުގައި އެކުލެވޭ މައިގަނޑު ނުކުތާތަކާއި ޚިޔާލުތަކުގެ ވާހަކަތައް ބަޔާންކޮށްދެއްވިއެވެ. ދޭތެރެދޭތެރެއިން ހޯލުތެރެއަށް ވެސް ނަޒަރު ހިންގަވައިލައްވައެވެ. ނަމަވެސް، އެ ގޮތުން ހޯލު ތެރެއަށް ނަޒަރު ހިންގަވައިލައްވާ އިރު، ހޯލުތެރެއިން އުސްތާޒަށް ފެނިވަޑއިގަންނަވަނީ ހަމަ އެންމެ ކުއްޖެކެވެ. އުސްތާޒު ދެކެވަޑައިގަތީ މި ކުއްޖަކާ ވާނީ އާދަޔާ ޚިލާފަށް ކިޔެވުމަށް ލޯބިކުރާ ކުއްޖެއްކަމަށެވެ. ނަމަވެސް، އުސްތާޒު ހައިރާންވެ ވަޑައިގަތީ އެހެން ދަރުސްތަކުގައި ކުއްޖާގެ މޫނު ފެނިފައި ނުވާތީއެވެ. ކޮންމެއަކަސް އުސްތާޒު އޭނާގެ މުހާޟަރާ ކުރިއަށް ގެންދަވައި މުހާޟަރާ ނިންމަވައިލެއްވިއެވެ.
ދެން، ކިޔެވުމަށް ޝައުގުވެރިވިކަމަށް އުސްތާޒު ދެކެވަޑައިގެން ކުއްޖާ ކައިރިއަށް އުސްތާޒު ވަޑައިގަތެވެ. އަދި އޭނާއާ ވާހަކަދައްކަވާން ފެއްޓެވިއެވެ. އުސްތާޒު ދެއްކެވި ވާހަކަތައް ފަހުމުވިތޯ އޭނާ ކުރެން އެއްސެވިއެވެ. މި ސުއާލުކުރުމުން އުސްތާޒު އިތުރަށް ހައިރާންވެވަޑައި ގަތެވެ. އެ ކުއްޖާގެ މޫނުމަތީން ނުތަނަވަސްކަން ފެނިވަޑައިތީމައެވެ. ދެން، އެންމެ ފަހުން، އެ ކުއްޖާ އުސްތާޒަށް ދެންނެވިއެވެ. [އަޅުގަނޑަކީ ކިޔަވާ ކުއްޖެއް ނޫނެވެ. އަޅުގަނޑަކީ މި ތަނުގެ ސެކިޔުރިޓީ ބަލަހައްޓާ މީހަކީމެވެ. މިއަދަކީ މި ސެމިސްޓަރގެ ކިޔެވުމުގެ ފަހު ދުވަހަށް ވާތީ، މުޙާޟަރާ ނިމުނީމާ ގޮނޑިތައް ނަގައި ސާފުކޮށްލުމުގެ ގޮތުން މަޑުޖައްސައިލައިގެން އިނީއެވެ!
ކޮންމެއަކަސް، ދެން، ހޯލުގެ ހަތަރު ފާރަށާއި ގޮނޑިތަކަށް، އުސްތާޒުގެ މުހާޟަރާ އިއްވައިލެއްވުމަށް ފަހު، އުސްތާޒު ގެއަށް އެނބުރި ވަޑައިގަތެވެ.
އާދޭހެވެ! ކިޔަވައިދެއްވާ އުސްތާޒުންނަށް ވެސް، ހުސް ހޯލުތަކާ މުޚާތަބުކުރާން ޖެހޭ ފަހަރުފަހަރު އާދެއެވެ!