ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް
16 އޯގަސްޓް 2025
އެއް ދުވަހަކު މީހަކު ގެންދިޔަ މާމުއި ފުޅިއަކުން މާމުއި ތިތްކެއް ބިން މައްޗަށް ވެއްޓުނެވެ. އެ ވަގުތު އެ ތަނަށް ކުޑަކުޑަ ހިންޏެއް އައެވެ. އަދި މާމުއި ތިކީގެ ރަހަބަލައިލިއެވެ. ހިންޏަށް މާމުއި ފޮނިވެފައި މީރުވިއެވެ. އަދި، އެހެންވެ، ކުޑަކުޑަ ހިނި، އަދިވެސް އިތުރަށް މާމުއިގެ ރަހަބަލައިލާ ހިތްވިއެވެ.
ދެން، އެ ކުޑަކުޑަ ހިނި، މާމުޔާ މާ ބޮޑަށް ވެސް ގަޔާވެއްޖެއެވެ. އެހެންވެ، މާމުއި ތިކީގެ އަރިމަތީ އޮވެ، ކުޑަކުޑަ އެތިފޮދެއް ލޮވެލައިގެން ހިނީގެ ހިތް ފުރޭ ވަރެއް ނުވިއެވެ. ދެން ގަސްދުކުރީ މާމުއި ތިކީގެ ތެރެއަށް އެރޭށެވެ. އަދި، އޭގެ ތެރެއަށް އެރި މާމުއި ބޮއި ހިނީގެ ހިތް ފުރޭ ވަރަށް ހިތްހަމަޖައްސާން އުޅުނެވެ. ދެންވީ ކިހިނެއްކަމަށްހެއްޔެވެ؟ މާމުއި ތިކީގެ ތެރެއަށް ހިނި ގެނބި، އޭގެ ތެރެއިން އަރައިގަނެވޭ ގޮތެއް ނުވިއެވެ. އޭގެ ފަޔާއި ހަށިގަނޑު ވެސް މާމުއި ތިކީގެ ތެރޭގައި ތާށިވީއެވެ. އަދި، އެންމެ ފަހުން، މާމުއިގެ 'ކަނޑުގައި' ހިނި ޣަރަގުވެ، މަރުވެ ދިޔައީއެވެ.
ބުއްދިވެރިން ބުނެއެވެ. ދުނިޔެއަކީ މާމުއިގެ ބޮޑު ތިތްކެކެވެ. އެ ތިކީން މެދު މިންވަރެއްގެ އެތިފޮދެއް ބޮއިލުން އިންސާނައަށް ފުދެއެވެ. އަދި، އެ ފަދަ ގޮތެއްގައި ދުނިޔޭގެ މާމުޔާ މެދު ކަންތައް ކޮށްފި މީހާ ސަލާމަތް ވެއްޖެއެވެ. ނަމަވެސް، ދުނިޔޭގެ މާމުއިގެ ކަނޑުގެ ތެރެއަށް އެރި، އެ ކަނޑުގެ ތެރޭގައި ޣަރަގުވާން އޭނާގެ ނަފުސު ދޫކޮށްލައިފި މީހާ އެއްކަލަ ކުޑަކުޑަ ހިންޏަށް ކަންތައް ދިމާވި ފަދައިން، އޭނާ ވެސް ހަލާކުވެ ނެތިދެއެވެ.