އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
18 އޮކްޓޯބަރު 2025
މަޑަގަސްކަރައިގެ އަސްކަރީ ރައީސް ކާނަލް މައިކަލް ރަންދްރިއަނިރިނާ ރައީސްކަމުގެ ހުވައިކުރައްވަނީ
ގާތްގަނޑަކަށް 32 މިލިއަން މީހުންގެ އާބާދީއެއް އޮންނަ، 587041 އަކަކިލޯމީޓަރުގެ ޖަޒީރާ ގައުމެއްކަމަށްވާ މަޑަގަސްކަރަ (މަޑަގަސްކާރ)ގެ ކުރީގެ ރައީސް އެންޑްރީ ރަޖޮއިލީނާ، މި ހަފުތާ ބަންދުގައި ވަނީ ގައުމު ދޫކުރައްވައި ކޮންމެވެސް އެހެން ގައުމަކަށް ވަޑައިގެންފައެވެ. ވަޑައިގަތް ގައުމެއް އަދި އެއްވެސް މީޑިއާއަކުން ހާމައެއް ނުކުރެއެވެ. އެއާ ގުޅިގެން ވަނީ އޭނާގެ އިތުބާރު ނެތްކަމުގެ ވޯޓެއް ބަރުލަމާނުން ނަގައި އޭނާ ޢަޒުލުކޮށްފައެވެ. ނަމަވެސް އޭނާ ގަބޫލުކުރައްވަނީ އަދިވެސް ވެރިކަމުގެ ގާނޫނީ ހައްގު އޮތީ އޭނާއަށްކަމަށެވެ.
އެންޑްރީ ގައުމު ދޫކުރައްވައި ފުރައިވަޑައިގަތުމާ ގުޅިގެން ކާނަލް މައިކަލް ރަންދްރިއަނިރިނާ ވަނީ އޭނާއަކީ އާ ރައީސްކަމަށް އަމިއްލަފުޅަށް އިޢުލާނުކުރައްވައިފައެވެ. ފަހުން ދުސްތޫރީ ކޯޓުން އޭނާއަކީ އާ ރައީސްކަމަށް އިޢުލާނުކުރެއްވިއެވެ. އަދި ރައީސްކަމުގެ ހުވައިކުރެއްވިއެވެ.
ސިޔާސީ ގޮތުން މި ބަދަލެއް އައީ ޖެން-ޒީ ގްރޫޕުތަކުން ސަރުކާރާ ދެކޮޅަށް ފެށި މުޒާހަރާތައް ފުޅާވެ މި މުޒާހަރާތަކުގައި އަސްކަރީ ބައެއް ޔުނިޓުތައް ބައިވެރިވެ، ވެރިކަމުގެ ކޮންޓްރޯލު އެންޑްރީ އަތްޕުޅުން ދޫވުމާ އެކު އޭނާ ގައުމު ދޫކުރައްވައި ފުރައިވަޑައިގަތުމުންނެވެ.
ޖެން-ޒީ ގްރޫޕުގެ ބޮލަށް ފިތައިގެން ސަރުކާރު ބަދަލުކޮށްލާން ބޭނުންވީ ކޮން ބަޔެއްކަން މިހާރު އެނގެމުން އެބަދެއެވެ. ކޮންމެއަކަސް މި ދިޔަ ހަފުތާގައި މި ވޭތުވެދިޔަ 15 އަހަރު ދުވަހުގެ ތެރޭގައި ހިނގި އެންމެ ބޮޑު ހަމަނުޖެހުންތަކުގައި 22 މީހުން މަރުވެ 100އަށް ވުރެ ގިނަ މީހުން ޒަޚަމުވިކަމަށް އދ.އިން ބުނެއެވެ. ނަމަވެސް އޭރު ސަރުކާރުން ބުނެފައިވަނީ އެއީ ފެތުރި ދޮގު ވާހަކަތަކެއްކަމަށެވެ.
އެންޑްރީ ފުރައިވަޑާއިގަތުމާ ވިދިގެން ޖެން-ޒީ ޒުވާނުން ކާމިޔާބު އިޢުލާނުކުރިއެވެ. ނަމަވެސް ގައުމުގެ ރިޔާސަތާ ޙަވާލުވެވަޑައިގަތީ އަސްކަރީ ކާނަލެކެވެ. އަދި ސަރުކާރުގެ މަދަނީ އިދާރާތައް ވަނީ ހުއްޓުވައިފައެވެ (ސަސްޕެންޑްކޮށްފައެވެ.) މިއީ ޖެން-ޒީ ގުރޫޕުން ބޭނުންވި ގޮތްހެއްޔެވެ؟ ހަމަ ގައިމުވެސް އެހެންނެއް ނޫނެވެ. އެހެންވީމާ، ވަކި މަގުސަދެއްގައި އަމިއްލަ ބޭނުމަކަށް ޓަކައި ވެރިކަން ބަދަލުކޮށްގެން ގައުމަށް އަންނާނެ ހެޔޮ ބަދަލެއް އޮންނާނެބާވައެވެ. ސަރުކާރު ބަދަލުކުރުމަށް ޓަކައި އެންމެ ބޮޑަށް ވިއްކި ސަބަބުތަކަކީ އެ ގައުމުގެ އާބާދީގެ %75 ފަގީރުކަމުގައި (ސަލާންޖަހާ ދަރަޖައިގައި) އުޅޭކަމާއި އަސާސީ ޚިދުމަތްތައް ފުރިހަމަވެފައި ނުވާކަމެވެ.
ކޮންމެއަކަސް މިހާރު މަޑަގަސްކަރައިގެ ރައީސަކީ ކާނަލް މައިކަލް ރަންދްރިއަނިރިނާއެވެ. އޭނާ ހުވައިކުރެއްވީ އަސްކަރީ ޔުނިފޯމު ދޫކޮށްލައްވައި ރަސްމީ ކޯޓު ފަޓުލޫނުގައި ފެއްސާއި ހުދުގެ ގައުމީ ފައްޓާ ތުކުކުރައްވައިގެންނެވެ. އޭނާ ހުވައިކުރެއްވުމަށް ފަހު ވިދާޅުވީ އޭނާ އިސްކަންދެއްވާނީ އިޖުތިމާޢީ ރައްކާތެރިކަމަށްކަމަށެވެ. އަދި ކުރީ ސަރުކާރުން ހިންގައިފައި ހުރި ކޮރަޕްޝަންގެ ޢަމަލުތައް ވެސް މިހާރުވަނީ ބަލާން ފަށައިފައެވެ. އާ ރައީސް ވިދާޅުވީ ދެ އަހަރުގެ ވެރިކަމަކަށް ފަހު، މަދަނީ ސަރުކާރެއް ގެންނެވުމަށް ޓަކައި އާ އިންތިޚާބެއް ބާއްވަވާނެކަމަށެވެ.
އާ ރައީސްގެ ޝަޚުޞިއްޔަތުން އަޅުގަނޑަށް ފާހަވި އެންމެ މުހިންމު ނުކުތާއަކީ އޭނާ މަޑަގަސްކަރައިގެ އަމިއްލަވަންތަކަމާއި ޤައުމިއްޔަތަށް ދެއްވި އިސްކަމެވެ. އޭނާ ހުވައިކުރެއްވުމަށް ފަހު ބީބީސީއިން ފަރަންސޭސިބަހުން ދެންނެވި ސުވާލަކަށް ޖަވާބުދެއްވުމުގެ ކުރީން ވިދާޅުވީ [އަހަންނަށް އަހަރެންގެ ބަސް – މަލަގަސީއިން ވާހަކަ ނުދެއްކޭންވީ ކީއްވެހެއްޔެވެ؟] އޭނާ އިތުރަށް ވިދާޅުވީ އިސްތިޢުމާރީ ބަހަކަށް ޝަރަފު ދޭކަށް އޭނާ ބޭނުންފުޅެއްނުވާކަމަށެވެ.
އެނގިވަޑައިގަންނަވާނޭ ފަދައިން ފަރަންސޭސިބަހަކީ ވެސް މަޑަގަސްކަރައިގެ ރަސްމީ ބަހުގެ ގޮތުގައި ބޭނުންކުރާ ދެ ބަހުންކުރެ އެއް ބަހެވެ. އެއީ ފަރަންސޭސީން އެ ގައުމު އަޅުވެތިކޮށްގެން އުޅުނު އިރު، ފަތުރައި އާންމުކޮށްފައިވާ ބަހެކެވެ. ނަމަވެސް އަދިވެސް މަލަގެސީ ބަހަކީ މަޑަގަސްކަރައިގެ ރަސްމީ ބަހެކެވެ. އަދި މުޅި ގައުމުގައި ވެސް އެންމެ ފުޅާ ދާއިރާއެއްގައި މީހުން މުޢާމަލާތުކޮށް އުޅޭ ބަހަކީ ވެސް މަލަގަސީއެވެ. އެހެންކަމުން އާ ރައީސް އެގައުމުގެ އަސްލު ރަސްމީ ބަހަށް އަދި އެ ޤައުމުގެ ގައުމީ ބަހަށް އިސްކަންދެއްވިދެއްވުމަކީ އޭނާ ގައުމިއްޔަތަށް ކުރެއްވި އިޙުތިރާމެއްކަމަށް ނުވަތަ ވެވަޑައިގަތް ލޯތްބެއްކަމަށް ނޫނީ އަޅުގަނޑަކަށް މާނައެއްނުކުރެވެއެވެ.