ad_banner
މެލޭޝިއަން އެއަރލައިންގެ ބޯޓުފަހަރުގައި ބަނގުރާ މަނާކުރުމުން ކުރެވޭ ބަހުސް

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

28 އޮކްޓޯބަރު 2025

މެލޭޝިއަން އެއަރލައިންގެ ބޯޓެއްގައި ފަސިންޖަރަކަށް ފަޅުވެރިއަކު ޚިދުމަތްދެނީ

މެލޭޝިއާގެ މުސްލިމު އާބާދީއަކީ ގާތްގަނޑަކަށް 65 އިންސައްތަކަމަށް ވިޔަސް އެ ދައުލަތުގެ ސަރުކާރަކީ އިސްލާމީ ސަރުކާރެކެވެ. ރަސްރަސްކަލުންނަކީ މުސްލިމުންނެވެ. ބޮޑުވަޒީރުންނަށް އަބަދުވެސް، އެ ގައުމު މިނިވަންވީ ފަހުން ވެސް، ތިއްބަވަނީ މުސްލިމުންނެވެ. ކެބިނެޓުގެ މުހިންމު މަގާމުތަކުގައި ތިއްބަވަނީ މުސްލިމުންނެވެ. އަދި އިސްލާމް ދީން ޙިމާޔަތްކޮށް ކުރިއެރުވުމަކީ ރަސްރަސްކަލުންނަށާއި ބޮޑުވަޒީރަށް ޤާނޫނުއަސާސީ ލާޒިމުކުރާ ކަމެކެވެ.

ރަސްރަސްކަލުންނޭ ދެންނެވުމުން ފަހަރެއްގައި އޮޅިވަޑައިގެންފައި އޮވެދާނެތީ އެ އޮޅުން ސާފުކޮށްއެރުވުމަށް ޓަކައި ދަންނަވަމެވެ. މެލޭޝިއާއަކީ 14 ސްޓޭޓެއްގެ މައްޗަށް އޮންނަ ފަދުރާލީ ދައުލަތެކެވެ. މި 14 އިސްޓޭޓްގެ ތެރެއިން 9 ސްޓޭޓެއްގެ އެންމެ އިސްވެރީންގެ ގޮތުގައި ތިއްބަވަނީ ވިރާސީ ރަސްކަލުންނެވެ. ބާކީ ހުރި އިސްޓޭޓުތަކުގައި ތިއްބަވަނީ ގަވަރުނަރުންނެވެ. ނުވަތަ އިންތިޚާބީ ވެރިއެކެވެ. އެއީ ކޮންމެވެސް ޒަމާނެއްގައި ކޮންމެވެސް ސަބަބަކާ ހުރެ، ޝާހީ ޢާއިލާ ނެތިދިޔުމުންކަމަށް ވެއެވެ.

މެލޭޝިއާގެ ބޮޑު ރަސްގެފާނު – މުޅި ފަދުރާލީ ސަރުކާރުގެ އިސް ވެރިޔާ – ޢައްޔަނުކުރަނީ ކޮންމެ ފަސް އަހަރަކުން އެއް ފަހަރު މި އިސްޓޭޓުތަކުގެ ރަސްރަސްކަލުންގެ ތެރެއިންނެވެ. އެއީ ހުރިހައި ރަސްރަސްކަލުންނާއި ބޮޑުވަޒީރު އެކަނި ބައިވެރިވެވަޑައިގަންނަވާ ކައުންސިލަކުންނެވެ. ބޮޑު ރަސްގެފާނު ނުވަތަ [ޔަންގ ޑި ޕަރްތުއާން އަގޮންގ]އަކީ ދައުލަތުގެ އެންމެ އިސްވެރިޔާއެވެ. ހަމަޖެހިފައިވާ އުޞޫލެއްގެ ތެރެއިން ސިޔާސީ ޕާޓީތައް އުވައިލެއްވުމާއި ސަރުކާރު އުވައިލެއްވުމާއި ހަނގުރާމައާއި ސުލްޙަ އިޢުލާނުކުރެއްވުމާއި އިސްލާމް ދީން ޙިމާޔަތްކުރެއްވުމަކީ ރަސްގެފާނަށް އޮންނަ ހަވާލަތެކެވެ. ސަރުކާރުގެ އެންމެ އިސްވެރިޔަކީ ބޮޑުވަޒީރެވެ. ބޮޑުވަޒީރުކަމަށް ބޭފުޅަކު ޢައްޔަނުކުރައްވަނީ ބަރުލަމާނުގައި އަޣުލަބިއްޔަތު އޮންނަ ޕާޓީއަކުން ކަނޑައަޅާ ބޭފުޅަކަށް ބޮޑުވަޒީރުކަމުގެ މަޤާމަށް ރަސްގެފާނު ރުހިވަޑައިގެން ޢައްޔަނުކުރެއްވުމުންނެވެ. އާދޭހެވެ! މެލޭޝިއާގެ ސަރުކާރަކީ އިސްލާމީ ފަދުރާލީ ސަރުކާރެކެވެ.

ކަން އޮތީ މިހެންކަމަށް ވުމުން އިސްލާމް ދީން ކުރިއެރުވުމަށް މަސައްކަތްކުރެއްވުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ، އަދި ސަރުކާރުގެ ޒިންމާއެކެވެ. މިއަދު، އިސްލާމީ ޙާލާލު ސެޓުފިކެޓާއި އައުޤާފާއި، ޙައްޖާ ބެހޭ ކަންތަކާއި އިސްލާމީ މަސްތަކަށް ހަނދުބެލުމާ ގުޅޭ އެންމެހައި ކަންކަމަށް އެންމެ ކުރިއަރައިފައިވާ ގައުމަކީ އެއީކަމަށް ދެންނެވިދާނެއެވެ. ހަމަކަށަވަރުން ވެސް ދެކުނު އޭޝިއާއާއި ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކަށް ބަލާ އިރު، މެލޭޝިއާއަކީ ނަންބަރު އެކެކެވެ.

އިސްލާމީ ޝަޚުޞިއްޔަތު ކުރިއެރުވުމަށް ޓަކައި 2016އިން ފެށިގެން މެލޭޝިއާގެ އެތެރޭގެ (ޑޮމެސްޓިކު) އުދުހުންތަކާއި ތިން ގަޑި އިރަށް ވުރެ ކުރު ދަތުރުތަކުގައި އެއްވެސް މަތީންދާ ބޯޓެއްގައި ބަނގުރާ (އަލްކަހޯލުގެ އެއްވެސް ބާވަތެއް) ބޭނުންކުރުން އޮތީ މާނަކުރެވިފައެވެ.

މެލޭޝިއަން އެއަރލައިންގެ މަތީންދާބޯޓެއް

މި ކަން މިހެން އޮއްވައި ދާދި ފަހުން މި ވަނީ މެލޭޝިއަން އެއަރލައިންގެ ހުރިހައި މަތީންދާބޯޓެއްގެ އުދުހުންތަކުގައި ބަނގުރާ މަނާކުރާން ނިންމައިފައެވެ. އެކީއެކަށް ރާ މަނާކުރުމުން މެލޭޝިއާގެ ސިޔާސީ މަސްރަޙުގައްޔާއި ފަތުރުވެރިކަމުގެ ދާއިރާގެ އިސްވާރުން މި ވަނީ މި ކަމާ މެދު ބޮޑެތި ބަހުސްތަކެއް ހުރާން ފަށައިފައެވެ. މި ގޮތަށް އެކީއެކަށް ރާ މަނާކުރުމުން ފަތުރުވެރިކަމުގެ ދާއިރާއަށާއި ވައިގެ އުދުހުންތަކުގެ ދާއިރާއަށާއި މުޅި އިގުތިސާދަށް ކޮށްފާނެ ނޭދެވޭ އަސަރުގެ މައްޗަށް އެބަ ބަހުސްކުރެވެއެވެ. ލިބޭނެ ފައިދާޓަކާއި ގެއްލުންތަކުގެ މައްޗަށް ވަރަށް ފޯރިއާއެކު އެބަ ބަހުސްކުރެވެއެވެ.

މި ގޮތަށް ކުރެވޭ ބަހުސްތަކުގެ ބައެއް އުސްއަލިތަކަށް ބަލައިލާނަމެވެ.

ބަނގުރާ މަނާކުރުމުން ފޯރާނެ ނޭދެވޭ އަސަރާއި ގެއްލުން ލިބޭނެކަމަށް ދައްކާ ހެކި:

·    ވާދަވެރިކަން ކުޑަވުން: ފަތުރުވެރިކަމުގެ އިސްވާރުން ބުނާ ގޮތުގައި ބަނގުރާގެ ޚިދުމަތް ފަދަ ބައިނަލްއަގުވާމީ މީޔާރު ޚިދުމަތެއް ހުއްޓައިލައިފި ނަމަ، އެއީ ބައިނަލްއަގުވާމީ ވާދަވެރިކަމުގައި ވަރަށް ބޮޑު ގެއްލުމެކެވެ. މިހާރު ވެސް ސިންގަޕޫރު އެއަރލައިނާއި އެމިރޭޓްސް ފަދަ މަޝްހޫރު އެއަރލައިންތަކުގައި ބަނގުރަލުގެ ޚިދުމަތްދޭތީ، އެ މީހުންނާ ވާދަކުރުމުގައި އެއީ ބައިނަލްއަގުވާމީ ބައިގެ ދަތުރުފަތުރުގެ ބާޒާރުގައި ވަރަށް ބޮޑު ގެއްލުމަކަށް ވެދާނެއެވެ.

·    ބައިނަލްއަގުވާމީ ދަތުރުވެރީން ދުރުވުން: ބަނގުރާގެ ޚިދުމަތް ހުއްޓައިލުމުން ދިގު ދަތުރުތައްކުރާ ބައިނަލްއަގުވާމީ ފަސިންޖަރުން މެލޭޝިއަން އެއަރލައިން ދޫކޮށް އެހެން މަތީންދާބޯޓުތައް އިޚުތިޔާރުކުރުމުގެ ބިރު އޮންނާނެއެވެ. ޚާއްޞަކޮށް އެހެން އެއަރލައިންތަކުގެ ބޯޑތުފަހަރުން ދަތުރުކުރާ މަތީ ފެންވަރުގެ ފަސިންޖަރުންނަށް ބަގުރާގެ ޚިދުމަތްދޭތީ މި ފަދަ މީހުން މި ކަމަށް އުންމީދުކޮށްގެން ދަތުރުފަށާއިރު، ދަތުރުގައި އެ ޚިދުމަތް ނުލިބުމުން ދެން އެހެން އެއަރލައިންތައް އިޚުތިޔާޜުކުރުން އެކަށީގެންވެއެވެ.

·    އާމްދަނީ ނެތިގެންދިޔުން: މަތީންދާބޯޓުގައި ވިއްކާ ރާއާއި މައުމޫލު ހިލޭ ފިހާރަތަކުން ރާވިއްކައިގެން ލިބޭ އާމްދަނީ މުޅިން ނެތި އެ ކަމުގެ ސަބަބުން މުޅި ދައުލަތަށް ލިބޭ އާމްދަނީއަށް ނޭދެވޭ އަސަރުފޯރާނެއެވެ.

·    ގަދަރަށް އުނިކަންއައުން: މެލޭޝިއަން އެއަރލައިންގެ ބޯޓުތަކަށް ބައިނަލްއަގުވާމީ ދާއިރާގައި ލިބިފައި އޮތް ރީތި ނަން މުޅީން ބަގުރާ މަނާކުރުމުގެ ސަބަބުން ގެއްލިދާނެކަމަށް ސިނާއީ ދާއިރާގެ ގުރޫޕުތަކުން ލަފާކޮށް ކަންބޮޑުވުން ފާޅުކުރެއެވެ.

ބަނގުރާ މަނާކުރުމުން ފޯރާނެ އެދެވޭ އަސަރާއި ރާ މަނާކުރުން ރަނގަޅުކަމަށް ދައްކާ ހެކި:

·    ބަދަހި މަރުކާއެއްގެ ޝަޚުޞިއްޔަތު: ބަނގުރާ މަނާކުރުމަށް ތާއީދުކުރާ މީހުން ބުނަނީ މިއީ އެއަރލައިން ތިބި ހިސާބު ފާހަކޮށް މާރުކޭޓުކުރުމަށް ވަރަށްމުހިންމު އިސްތިރާޖީ ފިޔަވަޅެއްކަމަށެވެ. އެ މީހުން ބަހުސްކުރަނީ ސައޫދީ އެއަރލައިންގެ ބޯޓުފަހަރާއި ރޯޔަލްބުރޫނާއި ބޯޓުތަކުގައި ވެސް ބަނގުރާގެ ޚިދުމަތް ނުދީ ރަނގަޅު ޚިދުމަތާއި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީގެން އެ މީހުންގެ ތަޞައްވުރުވަނީ މާ ބޮޑަށް ވެސް ރަނގަޅުކޮށްފައެވެ.

·    ޙަލާލު ފަތުރުވެރިކަމަށް އިލްތިމާސްކުރުން: އިސްލާމީ އުޞޫލުތަކާ އެއްގޮތަށް މެލޭޝިއަން އެއަރލައިންގެ ބޯޓުފަހަރުގައި ޚިދުމަތްތައް ދިނުމަކީ ފުޅާވަމުން އަންނަ [ހަލާލު ފަތުރުވެރިކަން] ކުރިއަރުވާން އެޅޭ ބާރަކަށްވާނެއެވެ.

·    އަގުކުޑަކޮށް ސަމަކާރައާއި ކުރުންތެރިކަން އިތުރުވުން: މަތީންދާބޯޓުގައި ބަނގުރާ މަނާކުރުމަކީ ޓިކެޓު އަގުހެޔޮކުރެވޭނެކަމެކެވެ. އަދި ބޯޓުތެރޭގައި ބަނގުރާގެ އިންވެންޓްރީ ބަލަހައްޓައި ހުއްދަތައް ނަގާން ކުރާންޖެހޭ މަސައްކަތްތައް ހުއްޓައިލުމުގެ ސަބަބުން ފަޅުވެރީންގެ ވަގުތު ސަލާމަތްވެ ކަމޭދުންނަށް ޚިދުމަތްދޭން އިސްކަންދެވޭނެއެވެ. ނަތީޖާއަކަށްވާނީ ސަމަކާރަ އިތުރުވުމެވެ.

·    އިޖުތިމާއީ ގިޔަމުތަކާއި ދެވޭ ޚިދުމަތް ހަމަހަމަވުން: މަތީންދާ ބޯޓުގައި ބަނގުރާގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ދަތުރުވެރީންގެ ތެރޭގައި ހިމެނޭ މުސްލިމުންނަށާއި ޚިދުމަތްދޭން ތިބޭ މުސްލިމު ފަޅުވެރީންނަށް ވަރަށް އުނދަގޫވާ ކަމެކެވެ. އެހެންކަމުން ބަނގުރާ މަނާކުރުމުން މި އުނދަގުލުން ހުރިހައި ފަސިންޖަރުން ސަލާމަތްކުރެވޭނެއެވެ. އަދިނފަޅުވެރީންނަށް ވަގުތު ސަލާމަތްވެ ހިތްހަމަޖެހުން ގެނެސްދޭނެއެވެ.

މެލޭޝިއާއިން މި ނިންމި ނިންމުމުގެ ސަބަބުން ފޯރާނެ އަސަރާ ބެހޭ ޢަލަމީ ދިރާސާއެއް ހެދިފައިވާ ކަމެއް އެނގޭކަށް ނެތެވެ. ނަމަވެސް އެނގޭ ކަމަކީ ބަނގުރާގެ ޚިދުމަތް ނުދީގެން ސަޢޫދީ އެއަރލައިނާއި ރޯޔަލް ބޫރުނާއީ އެއަރލައި ހުއްޓައިލާންޖެހިފައިނުވާކަމެވެ. އަދި އެއީ ނަން މަޝްހޫރު އަދި ޚިދުމަތް ރަނގަޅު މަތީންދާ ބޯޓުގެ ގޮތުގައި މީހުން ބަލައިގެންފައިވާ ދެ އެއަރލައިނެވެ. ވީމާ މެލޭޝިއާއިން މަތީންދާބޯޓުގައި ބަނގުރާ މަނާކޮށްގެން ލިބޭނެ ގެއްލުމަށް ވުރެ މެލޭޝިއާގެ ޝަޚުޞިއްޔަތަށް އެ ކަމުން ލިބޭ ފައިދާ މާ ބޮޑުވާނެކަމަށް ގަބޫލުކުރެވެއެވެ.

 

ބައެއް ލަފުޒުގެ މާނަ:

ހަވާލަތު     ނ.    ކަނޑައެޅިފައިވާ ބާރުތަކަކާއެކު ރަސްމީ އިދާރާއަކާ ނުވަތަ ފަރާތަކާ ހަވާލުކުރާ މަސްއޫލިއްޔަތު ނުވަތަ މަސައްކަތް ނުވަތަ ޒިންމާ. mandate

ފަދުރާލީ     ނ.    ފަދުރާލަކަށް ނިސްބަތްވާ (ރަދީފުގައި އޮންނަ ލަފުޒެއް ނޫން). federal

ބަރުލަމާނު    ނ.    (1) ގާނޫނު ހަދާން ނުވަތަ ގާނޫނު ހަދާށާއި ސަރުކާރު ހިންގާން ރައްޔިތުން އިންތިޚާބުކުރާ ނުވަތަ އައްޔަނުކުރާ މަޖިލިސް ނުވަތަ މަޖިލިސްތައް. (2) ގާނޫނު ހެދުމުގެ ބާރު ލިބިފައިވާ މަޖިލިސް. parliament

ގިޔަމު      ނ.    ސަގާފަތާއި އާދަކާދައާއި އިޖުތިމާއީ ގުޅުންތަކުގެ ތެރެއިން މުޖުތަމަޢެއްގައި ބަލައިގެންފައިވާ އަޚުލާޤީ މީޔާރުތައް ނުވަތަ އާންމު މިންގަނޑުތައް. values

މަރުކާ      ނ.    ކުންފުންޏަކުން ނުވަތަ ކާރުޚާނާ އަކުން ވިޔަފާރީގެ ދާއިރާގައި ގެންގުޅޭ ޚާއްޞަ ނިޝާން. ޚާއްޞަ ކަމެއް ފާހަގަކުރުމަށް ޓަކައި ބޭނުންކުރާ ނިޝާނެއް. (trade) mark

ކަމޭދު      ނ.    މުދަލެއް ނުވަތަ ޚިދުމަތެއް ހޯދާ، ނުވަތަ ލިބިގަންނަ މީހާ.  customer, client

ސަމަކާރަ    ނ.    ކުޑަ ހޭދަޔަކުން ރަނގަޅު ނަތީޖާ ނެރުމުގެ ގާބިލުކަން.  efficiency

ކުރުންތެރިކަން ނ.    ނަތީޖާ ހާސިލުކުރަނިވި ގޮތެއްގައި އިންތިޒާމާއި ހަލުވިކަމާއެކު މަސައްކަތްކުރުމުގެ ގާބިލުކަން.  efficiency

ކޮމެންޓު
ކޮމެންޓުތައް
ޚާލިދު އަޙްމަދު
2 ނޮވެންބަރު 2025 03:49
"ސަމަކާރަ" އާއި" ކުރުންތެރިކަން " މި ދެ ލަފުޒަށްވެސް ބޭނުންކުރަނީ އިނގިރޭސި އެއް ބަސްތޯ؟