ފާޠިމަތު އަފާޝާ
1 ނޮވެންބަރު 2025
ރޫސީ މިސައިލުތައް ޔޫކްރޭނަށް އަމާޒުކުރަނީ. (ފައިލް ފޮޓޯ: ސީޓީއެޗް)
ދުނިޔޭގައި ހަލަބޮލިކަން އިތުރުވެ، މަސްރަޙު ހޫނުވެފައިވާ މި ދަނޑިވަޅުގައި ދުނިޔޭގެ ބާރުގަދަ ގައުމުތަކުން އެއް ގައުމު އަނެއް ގައުމާ ވާދަކޮށް، އެއް ބަޔަކަށް ވުރެ އަނެއް ބަޔަކު ހުރިހައި ދާއިރާއެއްގައި ވެސް ކުރިއަރައިދާން މަސައްކަތްކުރެއެވެ. މި ޙަރަކާތުގެ ތެރޭގައި ބައެއް ފަހަރު އެއް ބަޔަކު އަނެއް ބަޔަކާ ދެމެދު ދެބަސްވުން އުފެދި ހަނގުރާމަކޮށް ދުނިޔޭގެ މަސްލަހަތު ނަގައިލާ ފަހަރު ވެސް އާދެއެވެ.
މި ނަޒަރުން ބަލާ އިރު، އެންމެ ވާދަވެރިކަން ބޮޑު، އެންމެ ފާހަގަކޮށްލެވޭ ދެ ގައުމަކީ ރޫސީވިލާތާއި އެމެރިކާއެވެ. ބައިނަލްއަގުވާމީ މަސްރަހުގައި މިދެ ގައުމަކީ ޒަމާންވީ ދެ ވާދަވެރީންނެވެ. މި ދެ ގައުމަކީ ވެސް އދ.ގައި ވީޓޯކުރުމުގެ ނުހައްގު ބާރު ލިބިގެންވާ ދެ ގައުމެވެ. އަސްކަރީ ގޮތުންނާއި ސިޔާސީ ގޮތުންނާއި އިގުތިސާދީ ގޮތުން ވެސް އެންމެ ބާރުގަދަ ދެ ގައުމަކީ ރޫސީވިލާތާއި އެމެރިކާއެވެ. ހަމަ މި ބީދައިން، އީޔޫ ނުވަތަ ވިލާތުގެ އިއްތިހާދުގެ ގައުމުތަކަކީ ވެސް މި ދެންނެވި ރޮނގުތަކުން ޒަމާނީ ފެންވަރަށް ކުރިއަރައި ތަރައްޤީވެފައިވާ ގައުމުތަކެކެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން ވިލާތު އިއްތިހާދުގައި ހިމެނެނީ ހަމައެކަނި ވިލާތުގެ ގައުމުތަކެވެ. މިއީ ސީދާ ގޮތެއްގައި އެމެރިކާގެ ނުފޫޒުފޯރާ ޖަމާޢަތެކެވެ. މި ޖަމާޢަތަށް އެމެރިކާގެ މަދަދާއި އެހީ ލިބެއެވެ. ޚާއްސަ ގޮތެއްގައި އަސްކަރީ އެހީ ފާހަގަކޮށްލެވެއެވެ. ސަބަބަކީ ވިލާތު އިއްތިޙާދުގެ ބައެއް ގައުމުތަކަކީ ނޭޓޯގެ މެންބަރު ގައުމުތައްކަމުގައި ވާތީއެވެ. ހަގީގަތުގައި ނޭޓޯ އަކީ ބޮޑު ރޫސީވިލާތް (ދަ ޔުނިއަން އޮފް ސޯވިއެޓް ސޯޝިއަލިސްޓް ރިޕަބްލިކްސް - ޔޫއެސްއެސްއާރު) ދުނިޔޭގައި އަސްކަރީ ގޮތުންނާއި ސިޔާސީ ގޮތުން އެމެރިކާއަށް ވުރެ ބާރުގަދަވެ، އެ ޖަމާއަތް އިތުރަށް ފުޅާވިޔަނުދިނުމަށް ޓަކައި، ޔޫއެސްއެސް އާރުގެ ބާރާއި ނުފޫޒު ފެތުރުނަނުދިނުމަށް ޓަކައި އުފެއްދި ޖަމާޢަތެކެވެ. އެ ޖަމާއަތާ އަސްކަރީ ގޮތުން ވާދަކޮށް ރޫސީންގެ ބާރު އިތުރުވާން ފެށުމުން އެމެރިކާ އިސްވެ އޮވެ އަސްކަރީ ގޮތުން 'ޔޫއެސްއެސްއާރު'އާ ވާދަކޮށް، ކޮންޓްރޯލު ހޯދުމަށްޓަކައި ވިލާތުގެ ބައެއް ގައުމުތަކާ އެކު ހަދައިފައިވާ ޖަމާއަތެކެވެ. ނޯތު އެޓްލާންޓިކް ޓްރީޓީ އޮގަނައިޒޭޝަން (ނޭޓޯ)ގައި 32 ގައުމު ބައިވެރިވެއެވެ. މައިގަނޑު ބޭނުމަކީ އަސްކަރީ ގޮތުން ޔޫއެސްއެސްއާރު ބަލިކުރުންކަމުގައި ވިޔަސް ޔޫއެސް އެސް އާރު ރޫޅި ވަކިވަކި މިނިވަން ޖުމުހޫރިއްޔާތަކަކަށްވެ، ބާރު ކެނޑި ޔޫއެސްއެސްއާރު އުވިދިޔަ ފަހުން ވެސް ނޭޓޯ އައީ ފުޅާކުރަމުން އެބައިމީހުންގެ ބާރު އަސްކަރީ ގޮތުން ވަރުގަދަކޮށް އަދި މެންބަރު ގައުމުތައް އިތުރުކުރަމުންނެވެ. އަދި ދުނިޔޭގައި މިވަގުތު އަސްކަރީ އެންމެ ބާރު ގަދަ ޖަމާއަތަކީ ވެސް ނޭޓޯއެވެ. ނޭޓޯގެ ބެލެނިވެރި ގައުމަކީ އެމެރިކާއެވެ. މެންބަރު ގައުމުތަކަށް އަސްކަރީ ގޮތުން ހިމާޔަތްދެނީ އެމެރިކާއެވެ. ދުނިޔޭގެ އިގުތިސާދުގެ ބޮޑުބައި ކޮންޓްރޯލުކުރަނީ މި ޖަމާއަތުންނެވެ. ސަބަބަކީ އެމެރިކާ ޑޮލަރުގެ އަގު މަތިވަމުން ދިއުމެވެ. މި ގައުމުތަކުގައި 'ސްވިފްޓް' ނިޒާމް ބޭނުންކުރުން ލާޒިމެވެ. އެ ކަމުގެ ފައިދާ އެމެރިކާގެ މާލިއްޔަތަށް ސީދާ ގޮތެއްގައި ކުރާނެއެވެ.
މިހާރުގެ ރޫސީވިލާތުންނާއި އެމެރިކާގެ ވާދަވެރި ބައެއް ގައުމުތަކުން މި ނިޒާމުގެ ބަދަލުގައި އެ މީހުންގެ އަމިއްލަ ފައިސާއިން ބައިނަލްއަގުވާމީ ވިޔަފާރީގެ މުއާމަލާތްތައް ހިންގައެވެ. ރޫސީވިލާތާއި ޗައިނާއިން ވެސް އެމީހުންގެ އަމިއްލަ ފައިސާ އިސްކުރެއެވެ. ސަބަބަކީ ދުނިޔޭގެ އިގުތިސާދުގައި ބަސްވިކޭ ގައުމެއްގެ ގޮތުގައި އޮތުމަށް ޓަކައި އަނެއް ބަޔެއްގެ މައްޗަށް ބަރޯސާނުވެ ކުރިހޯދާން ބޭނުންވުމެވެ.
ރޫސީވިލާތާއި އެމެރިކާގެ ވާދަވެރިކަން ދުނިޔޭގައި ޒަމާނުންސުރެ ފެށިފައި ވެއެވެ. ދެވަނަ ބޮޑުހަނގުރާމައިގެ ފަހުން ރޫސީންނާއި އެމެރިކާގެ ވާދަވެރިކަން އިތުރުވިއެވެ. އެއް ގައުމު އަނެއް ގައުމާ ހުރިހައި ރޮނގަކުން ވާދަކުރެއެވެ. އަސްކަރީ ގޮތުން ނުހަނު ކުރިއަރައިފައިވާ މި ދެ ގައުމަކީ ވެސް ނިއުކުލިއަރު ގާބިލުކަން ލިބިފައިވާ ދެ ގައުމެވެ. ބައެއް ފަހަރު ދެގައުމުގެ ދެމެދުގައި މަސްރަހު ހޫނުވެ ތަޅައިފޮޅައެއެވެ. އަސްކަރީ ގޮތުން މި ދެ ގައުމުން ނުސީދާ ގޮތެއްގައި އެއް ބަޔަކު އަނެއް ބަޔަކާ އެތައް ފަހަރަކު ކުރިމަތިލައިފައިވެއެވެ.
އެމެރިކާގެ މައިގަނޑު މަގުސަދަކީ ރޫސީވިލާތް ބާރުގަދަވިޔަނުދިނުމެވެ. ނަމަވެސް ރޫސީވިލާތަކީ ހުރިހައި ގޮތަކުން ބާރުގަދަ އަދި ގުދުރަތީ ގޮތުން މުއްސަނދި، ވަސީލަތްތައް ފުރިހަމަ، ބިޔަ ގައުމެވެ. ރޫސީވިލާތުގެ އެކުވެރި ޗައިނާއާއި އިންޑިއާގެ އިތުރަށް އީރާނާއި އުތުރު ކޮރެއާއަކީ ވެސް އެ މީހުންގެ ބައިވެރީންނެވެ. ބްރިކްސްގައި ހިމެނޭ އެންމެ ބާރުގަދަ ގައުމުތައް ރޫސީވިލާތަށް ތާއީދުކުރެއެވެ. ވިޔާފާރީގެ ގޮތުން ރޫސީވިލާތާ މުއާމަލާތްތައް ހިންގައެވެ. އެމެރިކާ ނުރުހުނުކަމުގައި ވިޔަސް ޚާއްސަކޮށް ޗައިނާއާއި އިންޑިއާއިން ރޫސީވިލާތުގެ ހަކަތަ ގަނައެވެ.
އެމެރިކާގެ ރޭވުމުގެ ދަށުން ވިލާތު ގައުމުތަކުގެ ބައިވެރިވުމާ އެކު ނޭޓޯއިން ރޫސީވިލާތުގެ ސަރަހައްދީ އިމާ ކައިރީގައި ހަތިޔާރުތައް އަތުރާން ފެށުމުން އެ ކަން ހުއްޓާން އެތައް ފަހަރަކު ރޫސީވިލާތުން އިންޒާރު ދިނެވެ. ނަމަވެސް އެ ކަން ނުހުއްޓުމުން 2022ގައި ރޫސީވިލާތުން އަވައްޓެރި ޔޫކްރޭނަށް ހަމަލާތައްދީ ހަނގުރާމަ ފެށިއެވެ. ޔޫކްރޭނަށް އަރައި، ހަނގުރާމަ ފަށައި އެ ގައުމު ސުންނާފަތިކުރާން ފެށިއެވެ. ރޫސީވިލާތާ ދެކޮޅަށް އެމެރިކާއާއި ނޭޓޯއާއި ވިލާތުގެ ގައުމުތަކުން ޔޫކްރޭނަށް އަސްކަރީ އެހީ ލިބެއެވެ. ނަމަވެސް ރޫސީން ފަހަތަކަށް ނުޖެހެއެވެ. ހަނގުރާމައަށް ތިން އަހަރުވީ އިރު ވެސް ހުއްޓުމެއްނެތި ހަނގުރާމަ ކުރިއަށް އެބަ ދެއެވެ. އެމެރިކާއާއި ރޫސީންގެ މި ކުރިމަތިލުމުގައި އެންމެ ބޮޑު ގެއްލުމެއް ލިބެނީ ވިލާތަށެވެ. އެމެރިކާގެ ދަތިކުރުންތަކުގެ ސަބަބުން ރޫސީވިލާތުގެ ހަކަތަ ގަތުން ވިލާތުގެ ގައުމުތަކަށް މަނަލެވެ. ރޫސީންނާ އެކީ ބައެއް ކަހަލަ ވިޔަފާރީގެ ގުޅުންތައް ބޭއްވުން މަނާވިއެވެ. މި ހަނގުރާމަ އިތުރަށް ފުޅާވެއްޖެ ނަމަ، އޭގެ ނުރައްކާ ބޮޑީ ވެސް ވިލާތަށެވެ. މި ދެ ގައުމުން އެއްގައުމު އަނެއް ގައުމާ ސީދާ ގޮތެއްގައި ހަނގުރާމަކޮށްފި ނަމަ، ދުނިޔޭގެ ސަލާމަތަށް ނުރައްކާވެދާނެއެވެ.