ad_banner
"އިދިކީލި ޢަމަލުތަކާ އެކު ޓުރަންޕު ސުލްޙަ ހުށަހެޅުމަކީ 'ހުތުރު' އަދި ލަތުވެތި ޢަމަލެކެވެ." - އީރާނު

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

15 އޮކްޓޯބަރު 2025

އީރާނުގެ އިސް ލީޑަރު ޚާމަނާއީ (ކ) އާއި ޓުރަންޕު

އެމެރިކާއިން އެ މީހުން އެދޭ ގޮތް ނޫން އެހެން ގޮތެއް ބޭނުމެއް ނުވާނެއެވެ. އެ މީހުން ކިތަންމެ ބޭނުންވިޔަސް ދުނިޔޭގެ [ބޮޑު ބާރު]ގެ ގޮތުގައި އެމެރިކާއަކަށް ތާއަބަދަކު ދެމިއެއްނޯވެވޭނެއެވެ. އެހެންނަމަވެސް އަދިވެސް އެމެރިކާއިން އެ އުޅެނީ [ބޮޑު މީހާ]ކަމުގައި ހެދިގެންނެވެ. ނަމަވެސް ފަންނިއްޔާތުގެ ގޮތުންނާއި އިގުތިސާދީ ގޮތުން މިހާރު ޗައިނާ އޮތް ހިސާބު ވެސް އެމެރިކާއަކަށް އަންދާޒާ ވެސް ކޮށެއްނުލެވޭނެއެވެ. ސަބަބަކީ ޗައިނާއަކީ އެމެރިކާ ހެން އަމަލަށް ވުރެ ބަސް ގިނަ ބަޔެއް ނޫނެވެ. އެ މީހުން ބަހަށް ވުރެ އިތުރުކުރަނީ ޢަމަލެވެ.

އަނެއްކޮޅުން އެމެރިކާއަށް މިހާރު އޮތް ޙާލަތުގައި ވެސް އޮވެވެނީ ޢަރަބި މުއްސަނދި ގައުމުތަކުން އެމެރިކާގެ އުނގަށް އެރިގެން އުޅޭތީއެވެ. އީރާނު ފަދައިން، އެމެރިކާގެ މުނާފިގުކަމަށް އިސްލާމީ ހުރިހައި ގައުމަކުން ނޫނެކޭ ބުނެފި ނަމަ، މިއަދު ވެސް އެމެރިކާ ގިއްގެޅޭނެއެވެ.

އިސްލާމީ ބޮޑެތި ބިޔަ ގައުމުތަކުގެ ތެރެއިން އެމެރިކާ އަތްތަށު ނުލެވިގެން އުޅޭ – ގޮނޑިކޮއްކޮއަކަށް ހަދައިނުލެވޭ – ހަމައެކަނި ގައުމަކީ އީރާނެވެ. އެހެންކަމުން ސުލްހައޭ ކިޔައގެން އީރާނުގެ ބޮލަށް އެރޭން ވެސް އެމެރިކާއިން ވަރަށް މަސައްކަތް އެބަ ކުރެއެވެ. އީރާނު ބުނަނީ މީހަކަށް އަނިޔާދެމުން ތިމަންނަ ބޭނުންވަނީ ސުލްހައޭ ބުނުމަކީ ތާކުންތާކު ނުޖެހޭ ހުތުރު ލަދުވެތި ބުނުމެއްކަމަށެވެ. އީރާނުން މި ބަޔާން މި ނެރުނީ ޓުރަންޕު އިސްރާއީލުގައި އެ ތާނގެ ބަރުލަމާނުގައި ދިން ތަގުރީރުގައި ތެހެރާނާ ގުޅުވައިގެން ދެއްކި ވާހަކަތަކަށް ރައްދު ދިނުމުގެ ގޮތުންނެވެ.

ޖޫން މަހު އީރާނުގެ ނިއުކްލިއާ ސައިޓްތަކަށް ދިން ހަމަލާތަކަށް އިޝާރާތްކޮށް އީރާނުން ބުނީ ތެހެރާނާއެކު ސުލްހައިގެ އެއްބަސްވުމެއް އެކުލަވައިލާން ރައީސް ޓުރަންޕު ގޮވައިލުމަކީ ވޮޝިންޓަންގެ އަމަލުތަކާ އެއްވެސް ގުޅުމެއް ނެތް ހުތުރު ގޮވައިލުމެއްކަމަށެވެ.

[އެމެރިކާގެ ރައީސް ފާޅުކުރި ސުލްހައި މަޝްވަރާގެ "ޝައުޤަކީ" އީރާނުގެ ރައްޔިތުންނާ މެދު އެމެރިކާއިން ކުރާ ޖެއްސުންތަކާއި ގެންގުޅޭ ޢުދުވާނީ އަދި ޖިނާއީ ސުލޫކާ ފުށުއަރާ ކަމެކެވެ.] ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

ސުލްހައިގެ ޗެންޕިއަނަށް އަމިއްލައަށް ހެދިގެން "ނޮބެލް ސުލްހައިގެ އިނާމު" ހޯދާން މަރުފަލިޖަހާ ޓުރަންޕު އިސްރާއީލުގެ ބަރުލަމާނު، ކްނީސަތުގައި ހޯމަ ދުވަހު ދެއްކިވާހަކައިގައި އޭނާ ބުނީ އީރާނާއެކު ސުލްހައިގެ އެއްބަސްވުމެއް އެކުލަވައިލާން ބޭނުންވާކަމަށެވެ. އަދި މި ފަދަ އެއްބަސްވުމެއް އެކުލަވައިލުމަށް ޓަކައި އޭނާ އެއްލި ބޯޅަ މިހާރު އޮތީ ތެހެރާންގެ ކޯޓުގައިކަމަށެވެ.

[ސުލްޙައަށް ޓަކައި ސިޔާސީ ގޮތުން ކުރެވެމުން ދިޔަ މަޝްވަރާތަކުގެ ތެރެއިން، މިނިވަން ސިޔާދަތީ ގައުމެއްގެ ރައްޔިތުން ދިރިއުޅޭ ސަރަހައްދުތަކަށާއި ނިއުކްލިއާ މަރުކަޒުތަކަށް ޢުދުވާނީ ހަމަލާދީ، މައުސޫމް އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް 1000އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައިފައި، ދެން ސުލްހައާއި އެކުވެރިކަން ގާއިމުކުރާން ބޭނުންވާހަކަ ދައްކާނީ ކިހިނެއްހެއްޔެވެ؟] އީރާނުގެ ޚާރިޖީ ވުޒާރާގެ ބަޔާނުގައި ސުވާލުކޮށްފައިވެއެވެ.

އެމެރިކާއިން މޮޅު ވާހަކަތައް ދައްކައި ފޮނި ކެނޑިޔަސް އެމެރިކާއަށް އެޅުނު ވަރަކަށް އީރާނަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފައި އޮންނަތާ އެތައް އަހަރެއް ވެއްޖެއެވެ. ނަމަވެސް އެމެރިކާގެ ކުރިމަތީގައި އީރާނަކުން ދުވަހަކު ވެސް ކުޑަކަކުލެއް ނުޖަހައެވެ.

އަބަދު ވެސް ދެ ހަތުރުންގެ ގޮތުގައި އޮންނަ އެމެރިކާއާއި އީރާނާ ދެމެދު ފަހަކަށް އައިސް މާ ބޮޑަށް ގުޅުން ގޯސްވީ އެއްވެސް ހައްގުން ކަމަކާ ނުލައި އިސްރާއީލުން އީރާނާ ދެކޮޅަށް ޖޫން މަހު ފަށައި ނިންމި، 12 ދުވަހުގެ ހަނގުރާމައިގައި އެމެރިކާއިން އަދާކުރި އިސް ދައުރުގެ ސަބަބުންނެވެ. އަދި ސީދާ އެމެރިކާގެ ބާރުތަކުން އީރާނުގެ ނިޔުކުލިއަރު މަރުކަޒުތަކަށް އެތައް ބައިވަރު ޙަމަލާތަކެއްދީ ބޮޑެތި ގެއްލުންތަކެއް ދީފައިވާތީއެވެ.

ކޮމެންޓު