އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
14 އޮކްޓޯބަރު 2025
ޓުރަންޕުގެ ޑީލުގައި މަކަރުވެރިކަމާއެކު ޓުރަންޕު ސޮއިކުރަނީ. (ފޮޓޯ: ރޮއިޓަރސް)
އަޅުގަނޑުމެން އެންމެންނަށް ވެސް އޮޅުމެއްބޮޅުމެއް ނެތި އެނގޭނޭ ފަދައިން ޔަހޫދީން ކުރާ އެއްވެސް ކުށަކަށް އަދި އެ މީހުން ހިންގާ ޖަރީމާއަކަށް އެމެރިކާއަކުން ދެކޮޅެއް ނަހަދާނެއެވެ. އދ. މަޖިލީހުގައި އެމެރިކާއަށް ލިބިފައި އޮންނަ ނުހައްގު ވީޓޯގެ ބާރު މިހައި ތަނަށް އެންމެ ގިނައިން ބޭނުންކޮށްފައިވަނީ އިސްރާއީލުގެ ޖަރީމާތައް ހުއްޓުވިޔަނުދީ އެ ފަދަ ޖަރީމާތަކަށް ތާއީދުކުރާށެވެ. އެހެންކަމުން އެމެރިކާއިން ޚާއްޞަކޮށް ޓުރަންޕު ސުލްޙައޭ ކިޔައިގެން ދައްކާ ކޮންމެ ވާހަކައެއްގެ ފަހަތުގައި ފޮރުވިފައި އޮންނާނީ އޭނާގެ އަމިއްލަ އެހެން އެދުމެކެވެ.
[ޣައްޒާގައި ޞުލްޙަ ގާއިމުކުރުމުގެ ޑީލު]ގައި ޤަޠަރާއި މިޞްރާއި ތުރުކީވިލާތުގެ އިސްވާރުންނާ އެކު، އިއްޔެ ސޮއިކުރުމަށް ފަހު ޓުރަންޕު ވަޢުދުވެފައިވަނީ މެދުއިރުމަތީގައި ސުލްޙަ ދެމިއޮންނާނޭކަމަށެވެ. ނަމަވެސް އެއީ ކަނޑައެޅިގެން ދޮގެއްކަން އެނގެނީ، އެ ސޮއިކުރި [ޑީލު]ގެ ދަށުން ފަލަސްތީނުގެ ދެ ހާހެއްގައި މީހުން އިސްރާއީލުގެ ޖަލުތަކުން ދޫކޮށްލިޔަސް އޭގެ ތެރެއިން 154 މީހުން ދުވަހަކު ވެސް ފަލަސްތީނުގެ ބިމަށް ނުދެވޭ ގޮތަށް މިޞްރަށް އަރުވައިލި އަރުވައިލައިފައިވާތީއެވެ. އެއީ މިނިވަންކުރުންހެއްޔެވެ؟ އަރުވައިލުމުގެ މާނައަކީ އުގޫބާތެވެ. އެއީ ދާދި ފަހަކާ ޖެހެންދެން ދިވެހިރާއްޖޭގައި ކުށްވެރީންނަށް ތަންފީޒުކުރި ޢުގޫބާތެކެވެ. އެހެންވީ އިރު، ފަލަސްޠީނުގެ ރައްޔިތުންގެ ތެރެއިން ވަކި ބަޔަކަށް ފަލަސްޠީނަށް ދުވަހަކު ވެސް ދިޔުމުގެ ޙައްގު ނޯންނަ ގޮތަށް ތަންފީޒުކުރެވޭ [ސުލްޙައިގެ ޑީލަކީ] ސުލްހައިގެ އެއްބަސްވުމަކަށްވާނެ ގޮތެއް އޮންނާނެބާވައެވެ؟
ފަލަސްޠީނުގެ ޣައްޒާއާއި އިސްލާއީލުން ގާނޫނާ ޚިލާފަށް އިސްތިޢުމާރުކޮށްގެން އުޅޭ ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ ޢާއިލާތަށް އަލުން ގުޅި ލޯބިވާ މީހުންނަށް ބައްދަލުވާނެކަމަށް ޓުރަންޕު ބުނި ނަމަވެސް ވަކި ބަޔަކަށް ދުވަހަކު ވެސް އަމިއްލަ ފަސްގަނޑަށް ނުދެވޭނެ ގޮތަށް ބޭރު ގައުމަކަށް އަރުވައިލުމަކީ އެ ބުނާ ލޯބިވާ ޢާއިލާތަކާ އެ މީހުންނަށް ބައްދަލުވެވޭނެ ކަމެއްހެއްޔެވެ؟ މިއީ ވެސް ސުލްޙަހެއްޔެވެ؟ ނުވަތަ އިންސާފުހެއްޔެވެ؟ މަކަރުވެރިކަމާއި އަނިޔާވެރިކަމުގެ ތެރެއިން ދާއިމީ ޞުލްޙައެއް ގާއިމުކުރެވޭނީ ކިހިނެއްހެއްޔެވެ؟
އަނެއްކޮޅުން ޓުރަންޕު އެ ބުނާ 20 ނުކުތާގެ ސުލްހައިގެ ހުށަހެޅުމުގައި ހުރިހައި ޢިބާރާތެއް ކޮށްފައި ހުރީ އިސްރާއީލު އެދޭ ގޮތަށް ދުވަހަކު ވެސް ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމަށް ފުރުސަތު ބަންދުވާ ގޮތަށެވެ. އަދި ފަލަސްތީނުގެ މިނިވަންކަމަށް ޓަކައި ޢަމަލީ ގޮތުން ޖިހާދުކުރާ ޙަމާސްގެ ހުރިހައި ހަތިޔާރެއް ބަހައްޓައި ފަލަސްތީނުގެ އެއްވެސް ކަމެއްގެ އެއްވެސް ދައުރެއް ޙާމާސަށް ނޯންނަ ގޮތަށެވެ. އިސްރާއީލާއި އެމެރިކާގެ ބޭނުމަކީ ފަލަސްތީނަކީ ދަތްނެތް ސިންގާއެއްގެ ގޮތުގައި އަބަދުގެ އަބަދަށް ކޮށީގައި ބަންދުކުރުމެވެ. އެ ހުށަހެޅުމުގެ މި މާއްދާއަށް ޙަމާސުން އެއްބަސްވާނެކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވެއެވެ.
އާދޭހެވެ! އިސްރާއީލުން އެއްވެސް ހައްގަކާ ނުލައި ގަދަކަމުން ބަންދުކޮށް ޖަލަށްލައި ހަރުކަށިއަނިޔާ ދެމުން ގެންދިޔަ 2000 ފަލަސްތީނީން އިއްޔެ ދޫކޮށްލައި އޭގެ ތެރެއިން 154 މީހުން ދުވަހަކު ވެސް ފަލަސްތީނަށް ނުވަދެވޭ ގޮތަށް އަރުވައިލިއެވެ.
މި 2000 މީހުންގެ ބަދަލުގައި ހާމަސް އަސީރުކޮށްގެން އުޅުނު 20 މީހުންނާއި، ބަންކޮށްފައި ތިއްބައި އިސްރާއީލުން ބޮންއަޅައި މަރައިލި އިސްރާއީލު މީހުންގެ ހަށިތައް މިހާރުވަނީ އިސްރާއީލާ ޙަވާލުކޮށްފައެވެ.
އެޑްވޮކެސީ އޮގަނައިޒޭޝަންތަކާއި ޞިއްޙީ ދާއިރާގެ ޚިދުމަތްތެރީންގެ ކަންކަން ގާތުން ބަލައި މުރާގިބުކުރާ ޖަމްޢިއްޔާއަކުން ބުނާ ގޮތުގައި އިސްރާއީލުގެ ޖަލުތަކުން އިއްޔެ (ހޯމަދުވަހު) ދޫކޮށްލި މީހުންގެ ތެރޭގައި 55 ޞިއްޙީ ޚިދުމަތްތެރީން ވެސް ހިމެނެއެވެ. މި 55 ޚިދުމަތްތެރީންގެ ތެރޭގައި 24 ނަރުހުންނާއި ހަތް ޑޮކްޓަރުންނާއި ދެ ޕެރަމެޑިކްސް ހިމެނެއެވެ. މި ހުރިހައި ޚިދުމަތްތެރީންނަކީ ވެސް އެ މީހުން މަސައްކަތްކުރަމުން ދިޔަ ހޮސްޕިޓަލްތަކުގައި އިންސާނީ ޚިދުމަތުގައި ތިއްބައި ގަދަކަމުން ހިފައި ހައްޔަރުކޮށްގެން ޖަލަށް ގެންދިޔަ މީހުންނެވެ. އަދިވެސް ޞިއްޙީ ޚިދުމަތްތެރީންގެ 115 މީހުން އިސްރާއީލުގެ ޖަލުތަކުގައި އެބަ ތިއްބެވެ.
[ހެލްތުކެއަރ ވަރކަރސް ވޮޗް]ގެ އެއް މުއައްސިސް އަދި ޑިރެކްޓަރ ޑރ. މުއާތު އަލްސާރ ވިދާޅުވި ގޮތުގައި މަތީ ފެންވަރުގެ ތަޢުލީމާއި ތަމްރީނުލިބިގެން [އިންސާނިއްޔަތަށް ޚިދުމަތްކުރާ މި ފަދަ ޚިދުމަތްތެރީން ހައްޔަރުކުރުމަކީ ހަނގުރަމައިގެ ޖަރީމާއެކެވެ.] އަދި ފަލަސްޠީނީންނަށް ޞިއްޙީ ޚިދުމަތް އިންތިހާއަށް ބޭނުންވެފައިވާ ދަނޑިވަޅެއްގައި ގާނޫނާ ޚިލާފަށް މި ފަދަ ޚިދުމަތްތެރީން ހައްޔަރުކުރުމަކީ ފަލަސްޠީނުގެ ރައްޔިތުން މަރާން ރާވައިގެން ހިންގި ޖަރީމާގެ ބައެކެވެ.
ޑރ. އަލްސާ އިސްރާއީލަށް ގޮވައިލެއްވީ ޖަލުގައި އިސްރާއީލުން އަނިޔާކޮށް ޝަހީދުކޮށްލި މީހުންގެ ހަށިތަކާއެކު ދިރިތިބި ހުރިހައި ޚިދުމަތްތެރީން އެއްވެސް ޝަރުޠެއް ނެތި ހަމަ ވަގުތުން ދޫކޮށްލުމަށެވެ.
މި ކަންތައްގަނޑުގެ ވަށައިގެންވާ ކަންތައްތަކަށް ނަޒަރެއް ދޭ އިރު، ދާއިމީ ސުލްހައެއްގެ އެއްވެސް ކުލައެއް މި ކަންތައްތަކުން އެބަ ފެނޭހެއްޔެވެ؟ އެ ފަދަ ނިޔަތެއް އެމެރިކާއާއި އިސްރާއީލުގެ އޮތްކަމަށް ގަބޫލުކުރެވޭހެއްޔެވެ؟ ސުލްހައޭ ކިޔައިގެން ޓުރަންޕު އެ ދައްކަނީ އަމިއްލަ އެދުމާއި މަކަރުވެރިކަމުގެ އޮފުގަދަ ދަޅައެކެވެ. މި ގޮތަށް ޣައިރު މުސްލިމުން ހުށަހަޅާ އެއްބަސްވުމަކުން، ހަދާ ޑީލަކުން ދުވަހަކު ވެސް މެދުއިރުމައްޗަކަށް ދާއިމީ ހަމަޖެހުމެއް ނުލިބޭނެއެވެ. ހަރުފަ މަރައިނުލައި ހަރުފަ އޮޅުކުރުމަކީ އެ ސޮރު ވިހަނުލާނޭކަން ކިހިނެއް ގެރެންޓީވާނެކަމެއްހެއްޔެވެ؟ މެދު އިރުމައްޗަށް ދާއިމީ ހަމަޖެހުމެއް އަންނާނީ އެ ހަމަނުޖެހުންތަކުގެ އަސްލުކަމުގައިވާ [އުންސުރު] ނައްތައިލެވިގެންނެވެ. މުސްލިމު ހުރިހައި ގައުމުތައް އެކަތިގަނޑަކަށްވެ، އަނިޔާވެރި އިސްރާއީލު ގިއްގަޅުވައިލައި ބާރު ކަނޑުވައިލެވިގެންނެވެ. ނަމަވެސް މަސްރަހު ފެންނަ ގޮތުން މިއީ މިއިން ޒަމާނަކު ހާސިލުވާނޭ މަގުސަދެއް ނޫނެވެ. މެދުއިރުމަތީގެ ގިނަ ގައުމުތައް އޮތީ އިސްރާއީލާއި އެމެރިކާގެ މުށުތެރޭގައެވެ.
2023ވަނަ އަހަރު އޮކުޓޫބަރުން ފެށިގެން ޣައްޒާއަށް އިސްރާއީލުން ދެމުން ގެންދިޔަ އަނިޔާވެރި ޢުދުވާނުގައި މަދުވެގެން 67869 މީހުން ޝަހީދުކޮށްލައިފައިވެއެވެ. އަދި އެއް ލައްކަ ހަތްދިހަ ހާސް އެއް ސަތޭކައަށް ވުރެ ގިނަ ޢަދަދެއްގެ ބަޔަކު ވަނީ ވަރަށް ބޮޑަށް ޒަޚަމުކޮށްލައިފައެވެ. މި މުއްދަތުގައި އިސްރާއީލުން މަރުވީ 1139 މީހުންނެވެ.
ދެ ލަފުޒެއްގެ މާނަ:
މުރާގިބު ނ. (1) އަމަލީ ބައިވެރިވުމެއް ނެތި ކަމެއް ބަލާ ނުވަތަ މޮނިޓަރުކުރާ މީހާ ނުވަތަ ފަރާތް. (2) ވޯޓުލުމުގެ ހައިސިއްޔަތެއް ނެތި ކަމެއް ނުވަތަ ހަރަކާތެއްގައި ބައިވެރިވާ ފަރާތް. Observer
ޑީލު ނ. ދޭދޭ ފަރުދުންގެ މެދުގައި ނުވަތަ ދެ ފަރާތެއްގެ ދެމެދުގައި ހިންގޭ ނާޖާއިޒު މުޢާމަލާތު. މި މުޢާމަލާތުގައި ދެ ފަރާތުގެ ވެސް މަޞްލަޙަތުތަކެއް ހިމެނޭނެއެވެ. deal