ad_banner
ޓުރަންޕުގެ ހިތް ފެޅިއްޖެ! ވައިޓު ހައުސް ގުޑުވައިލައިފި!

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

12 އޮކްޓޯބަރު 2025

ސުލްހައިގެ އިނާމަށް ދަހިވެތިވެފައިވާ ޓުަންޕު (ކ)އާއި މި އިނާމު ލިބުނު މާރިއާ ކޮރީނާ މަޗާޑޯ (ވ)

ތަނެއް ފަނާކޮށްލުމަށް ފަހުން ދުނިޔޭގެ ފާޑު ކިޔުންތައް ބޮޑުވެ ފިއްތުންތަކާ ހުރެ އަނިޔާވެރިކަން ވަގުތީ ގޮތުން ހުއްޓައިލުމަކީ ޞުލްޙައަށްވާނެހެއްޔެވެ؟ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕު ދެވަނަ ދައުރަކަށް އިންތިޚާބުވުމުގެ ކެންޕޭނުގެ އެންމެ މުހިންމު ވަޢުދަކީ ރައީސްކަން ލިބިވަޑައިގަންނަވާތާ 24 ގަޑި އިރުގެ ތެރޭގައި ޣައްޒާ [ހަނގުރާމަ]އާއި ޔޫކްރޭނު ހަނގުރާމަ ހުއްޓުވާނެކަމަށެވެ.

ނަމަވެސް ރައީސްކަމުގެ ހުވައިކުރުމަށް ފަހު، ޓްރަންޕު މަސައްކަތްކުރީ އިސްރާއީލުން ޣައްޒާއަށް ދެމެން ގެންދިޔަ އަނިޔާވެރި ޢުދުވާނަށް ހުރިހައި ގޮތަކުން މަދަދުވެރިވުމަށެވެ. ރޫސީންނަށް ދެއްކީ ބިރެވެ. އީރާނާއި އެހެން ގައުމުތަކާ ދެކޮޅަށް އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ކުރީ ވަރުގަދައެވެ. އދ.ގައި އެ ޖަމްޢިއްޔާގެ ސަލާމަތީ މަޖިލީހުގައި ސުލްޙައަށް ޓަކައި ނެގި ހުރިހައި ވޯޓެއް އެމެރިކާއަށް ލިބިފައިވާ ނުޙައްގު ވީޓޯގެ ބާރު ބޭނުންކޮށްގެން ކޮށްލީ ނާކާމިޔާބެވެ. އިސްރާއީލަށް ހަތިޔާރާއި ފައިސާ ދީގެން އީރާނާއި ޔަމަނަށް ޙަމަލާދީ ސުލްޙަވެރިކަން ނަގައިލިއެވެ. ނަމަވެސް މި ހުރިހައި ކަމެއްކުރުމަށް ފަހު، ޚާއްޞަކޮށް ޣައްޒާ ހަނަފަސް ސަހަރާއަކަށް ބަދަލުކޮށްލުމަށް ފަހު، އެ ތަނަށް ދިން ޢުދުވާނުގެ ޙަމަލާތައް ވަގުތީ ގޮތުން ހުއްޓައިލައި ފަލަސްޠީނު ރައްޔިތުންގެ ޙައްގުތައް ނިގުޅައިގަނެވޭނޭ ފަދަ އެއްބަސްވުމެއް އެކުލަވައިލުމަށް ފަހު ޓުރަންޕު އުންމީދުކުރީ އަދި ބޭނުންވީ، އަދިކިއެއްތަ، ބާރު އަޅަމުން ގެންދިޔައީ [ދުނިޔޭގެ ޞުލްޙައިގެ އިނާމު] ހޯދާށެވެ. ނަމަވެސް އިނާމު ކޮމިޓީއަށް އެ ކަން ގަބޫލެއް ނުކުރެވުނެވެ. ޓުރަންޕު އެ އިނާމަށް ސަލާންޖަހައި އާދޭސްކުރުމުން ޓުރަންޕަށް ބުނީ ނޫނެކޭއެވެ.

މި ދިޔަ ހުކުރު ދުވަހު، ވެނެޒުއޭލާގެ އިދިކޮޅު ލީޑަރު އަދި ޑިމޮކްރެސީގެ އެކްޓިވިސްޓް މާރިއާ ކޮރީނާ މަޗާޑޯއަށް މި ޝަރަފުވެރި އިނާމު ދިނުމުން ޓުރަންޕްގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. [ވެނެޒުއޭލާގެ ރައްޔިތުންނަށް ޓަކައި ޑިމޮކްރެސީގެ ޙައްގުތައް ކުރިއަރުވާން ވަރުބަލިކަމެއް ނެތި މަސައްކަތްކުރިކަމަށް ޓަކައި] މަޗާޑޯއަށް މި އިނާމު ދޭން ނިންމުމުން ވައިޓްހައުސްއަކަށް އެ ކަން ތަޙައްމަލެއް ނުކުރެވުމެވެ.

ޓުރަންޕުގެ ފަރާތުން ތުހުމަތުކުރި ގޮތުގައި [ނޯލެލް ކޮމިޓީއިން ސުލްޙައިގެން މައްޗަށް އިސްކުރީ ސިޔާސިއްޔަތެވެ.]

ޓުރަންޕު ވަނީ ނޯބެލް ސުލްޙައިގެ އިނާމަށް އޭނާ ދަހިވެތިވެފައިވާކަން ހާމަވާ ގޮތަށް ކިތަންމެ ފަހަރަކު ވާހަކަދައްކައިފައެވެ. ދުނިޔޭގައި ހިނގަމުން ދިޔަ އެތައް ހަމަނުޖެހުމެއް އޭނާ ހުއްޓުވިކަމަށް އޭނާ ދަޢުވާކުރެއެވެ. މިއީ އެކި މަންސަތަކުގައި ޓުރަންމު ފާޅުކޮށްފައިވާ އެދެމެކެވެ. އެންމެ ފަހުން މި ހުސްވި ސެޕްޓެންބަރު މަހު އޮތް އދ.ގެ ޢާންމު މަޖިލީހުގައި ތަގުރީރުކުރަމުން ވެސް މި ވާހަކަދެއްކިއެވެ.

ނަމަވެސް މި އިނާމު ލިބުނީ ވަޗާޑޯއަށެވެ. ވައިޓު ހައުސްގެ އިސް އޮފިޝަލަކު ސީބީއެސް (ބީބީސީގެ އެމެރިކާގެ ބައިވެރިޔާ)އަށް ދިން ބަސްދީގަތުމެއްގައި ވަނީ ޓުރަންޕު މަޗާޑޯއަށް ފޯނުކޮށް ތަހުނިޔާކީކަމަށް ބުނެފައެވެ. އަދި އޭނާއަށް އެ އިނާމު ހައްގުކަމަށް ވެސް ބުނެފައެވެ.

[ނޯބެލް ކޮމިޓީއިން ވަނީ ސުލްޙައިގެ މައްޗަށް ސިޔާސިއްޔަތު އިސްކޮށްފައިވާކަން ސާބިތުކޮށްދީފައެވެ.] ވައިޓު ހައުސްގެ މުއާސަލާތީ ޑިރެކްޓަރު ސްޓީވަން ޗެއުންގ، ހުކުރު ދުވަހު ހެނދުނު ދިން ބަޔާނެއްގައި ބުނެފައި ވެއެވެ. [ފުރާނަތައް ސަލާމަތްކުރުމާއި، ހަނގުރާމަތައް ހުއްޓުވުމާއި، ސުލްހަ ގާއިމުކުރުމުގެ މަސައްކަތް ޓުރަންޕު ކުރަމުން ގެންދާނެއެވެ.] އޭނާ އިތުރަށް ބުނެފައިވެއެވެ.

އެކުސްގައި ޗެއުން ލިޔުނު މެސެޖެއްގައި ބުނެފައިވަނީ [އޭނާގެ (ޓްރަންޕްގެ) އިންސާނިއްޔަތުކަމުގެ ހިތެއް އޮވެއެވެ. ފުރިހަމަ ބާރާއި ނިޔަތާ އެކު، ފަރުބަދަތައް ގުޑުވައިދެވޭނެ އެހެން އެކަކު ވެސް ޓުރަންޕު ނޫނީ ނެތެވެ.]

ޣައްޒާއަށް ދެމުން ދިޔަ ޢުދުވާނުތައް، އެ ތަން ފަނާކޮށްލުމަށް ފަހު ދުނިޔޭގެ ސިޔާސީ އަދި އަސްކަރީ އިޖުތިމާޢި ފިއްތުންތަކާ ހުރެ ނަމަވެސް ހުއްޓައިލައި [ސުލްޙައިގެ] އެއްބަސްވުމެއް އެކުލަވައިލުމުގައި ޓުރަންޕު އިސް ދައުރެއް އަދާކުރިއެވެ. މި އެއްބަސްވުން، ނޯބެލް ސުލްހައިގެ އިނާމު ލިބޭ މީހުންގެ ލިސްޓު ނިހާއީކުރުމުގެ ދެ ދުވަސް ކުރީން ކޮންމެ ގޮތަކުން ނަމަވެސް [ސުލްހައިގެ އެއްބަސްވުމެއް] އެކުލަވައިލާން ޓުރަންޕު ބޭނުންވީ ސުލްހައިގެ އިނާމަށް އޭނާ ދަހިވެތިވެފައިވާލެއް ބޮޑުކަމުންނެވެ. ނަމަވެސް އެއީ ސުލްޙަ ގާއިމުކުރީކަމަށް ޓުރަންޕު ގަބޫލުކުރިޔަސް ދުނިޔެ އެ ކަމެއް ގަބޫލެއް ނުކުރެއެވެ. އަދި ޚާއްޞަކޮށް ނޯބެލް ކޮމިޓީއަކަށް ޓުރަންޕަކީ ސުލްހައަށް ޓަކައި މަސައްކަތްކުރާ މީހެއްކަމަށް ގަބޫލެއް ނުކުރެވުނެވެ.

ނަމަވެސް ޣައްޒާގެ ޢުދުވާނު ހުއްޓައިލިކަން އިޢުލާނުކުރުމާ ވިދިގެން ޓުރަންޕު ގޮވައިލިއެވެ. [މުޞްލިޙުންނަށް ބަރަކާތްހުއްޓެވެ.] ވައިޓު ހައުސްގެ އޮފިޝަލުން ޓުރަންޕުގެ އެދުމުގެ މަތީން ޓުރަންޕަށް ކިޔަނީ ވެސް [ސުލްހައިގެ ރައީސް]އެވެ.

ޑޮނަލްޑް ޓުރަންޕު މި އިނާމަށް ދަހިވެތިވެފައިވާ މިންވަރަކީ އެންމެންނަށް އެނގޭ ކަމެކެވެ. އެމެރިކާއާ ޑިޕްލޮމެޓިކް ގުޅުން ބާއްވާން ބޭނުންވާ އެތައް ގައުމެއް މެދުވެރިކޮށް ވެސް ޓުރަންޕުގެ ނަން ވަނީ މި އިނާމަށް އެދި ހުށަހަޅައިފައެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ހިމެނޭހެން ބައެއް ގައުމުތަކުގެ ވެރީން ވަނީ ޓުރަންޕަށް މި ޝަރަފުވެރި އިނާމު ހައްގުކަމަށް ވަކާލާތުކޮށްފައެވެ.

މި އިނާމާ ގުޅިގެން ވިދާޅުވާނެ އެއްޗެއް އެބަ އޮތްތޯ ރޫސީ ރައީސަށް ރިޕޯޓާރަކު ދެންނެވުމުން ވިދާޅުވެފައިވަނީ [ވަރަށް މުއައްގަދު ހަމަނުޖެހުންތައް ހައްލުކުރުމަށް ޓަކައި ޓުރަންޕު ގިނަގުނަ މަސައްކަތްތަކެއް ކުރަމުންއެބަ ގެންދާ]ކަމަށެވެ. ޕުޓިންގެ މި ކޮމެންޓާ ވިދިގެން ޓުރަންޕު އޭނާގެ "ޓުރުތު ސޯޝަލް"ގައި ޕުޓިންނަށް ޝުކުރު އަދާކޮށް ވީޑިއޯ މެސެޖެއްގައި ބުނެފައި ވެއެވެ. [ރައީސް ޕުޓިނަށް ޝުކުރިއްޔާއެވެ!] ދެން ބުނެފައިވަނީ [އެކަމަކު މި އިނާމުގެ ގަދަރާއި އަގު ވެއްޓިއްޖެ]ކަމަށެވެ.

މި ފަހަރު މި އިނާމު ލިބުނު މަޗާޑޯ ވެސް ޓުރަންޕަށް މި އިނާމު ލިބޭން ތާއީދުކުރެއެވެ. އޭނާއަށް އިނާމު ލިބުމުން މީސްމީޑިއާގެ އޮޅިއެއްގައި ލިޔުނު މެސެޖެއްގައި ބުނެފައިވަނީ ތިމަންނަ [މި އިނާމު ތަޚުޞީސް މި ކުރަނީ ވެނެޒުއޭލާގެ ލޮބުވެތި ރައްޔިތުންނަށާއި، ތިމަންނާގެ މަސައްކަތަށް ތާއީދުކުރިކަމަށް ޓަކައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓުރަންޕަށެވެ.]

ކޮންމެއަކަސް މި އިނާމު ހޯދުމަށް ޓަކައި ވައިޓުހައުސްގެ ހުރިހައި އޮފިޝަލުންނާއި އެމެރިކާގެ ބަސްއަހާ ގައުމުތަކުގެ ވެރީން އެ ވަރަށް [ލޮބީ]ކުރަމުން ދަނިކޮށް ޓުރަންޕަށް މި އިނާމު ނުލިބުނީތީ ދެރަވާ މީހުންނަށް ވުރެ، މި ކަމާ އުފާވާ މީހުން ގިނަވާނެކަމަށް ލަފާކުރެވެ. މި ކަމާ ގުޅިގެ ދީނީ ޢީލްމުވެރިއަކު ވިދާޅުވިއެވެ. [މި ފަހަރު މި އިނާމެއް މާތްﷲ މި ޝައިޠާނާއަކަށް ނުދެއްވި]އެވެ.

ކޮންމެއަކަސް ޓުރަންޕަކީ އެނާ ބޭނުން ކޮންމެ ކަމެއް ވާންޖެހޭނެކަމަށް ގަބޫލުކުރާ ވަރަށް އަމިއްލަ އެދުން ބޮޑު ނުބައި ނުލަފާ ފަސާދަވެރި މީހެކެވެ. އޭނާ ޢަމަލުކުރަމުން ގެންދަނީ އޭނާއަކީ ދުނިޔޭގެ ރަސްގެފާނުކަމަށް ހެދިގެންނެވެ. ނަމަވެސް މިއީ ދުނިޔެ ފަސާދަކުރަ މީހުންގެ ތެރެއިން ހިމެނޭ އެންމެ ނުބައިވެގެންވާ އެއް އިންސާނާއެވެ.

ކޮމެންޓު