ad_banner
"އުޑުން ހިލަ ފޭބި ހިނދު." - އެ މީހުންގެ މުޅި އަވަށް ފަނާވި ރޭ އަފުޣާނު މީހުން ހަނދާނެއް ނުނެތޭނެއެވެ.

އަބާ މުޙަންމަދު

10 އޮކްޓޯބަރު 2025

މުޅިއަވަށް ފަނާވީއެވެ.

އެއީ އޮގަސްޓު މަހެއްގެ ފަހުކޮޅުގެ އާދީއްތަ ދުވަހެއްގެ ރޭގަނޑެވެ. ޢުމުރުން 55 އަހަރުގެ ދަނޑުވެރިޔާ، ޙަޔާތު ޚާން، ދަންދީލާ އަވަށުގައި ހުންނަ އޭނާގެ އަމިއްލަ ގެއަށް އައީ އަވަށްޓެރިއެއްގެ ކާވެނީގެ ޙަފުލާގައި ބައިވެރިވުމަށް ފަހުގައެވެ. އެއީ ފަރުބަދައާ ވީ ފަރާތުގައި ހިލައިން ބިނާކޮށްފައިވާ ނުވަ ގޭގެ ތެރެއިން އެއް ގެޔެވެ.

އަފްޣާނިސްތާނުގެ ކުނާރު ޕްރޮވިންސްގެ ފަރުބަދަތަކުގެ ފުނުގައި ރުއް ދަނޑުތަކާއި އުސް ބިމުގެ ފަހަތުގައި ފޮރުވިފައިވާ އަދި ގިނަ ބަޔަކަށް ފާހަގަވެސްކުރެވިފައިނުވާ އޯރަކް ދަންދީލާ އަވަށުން ފެންނަނީ އެކި ބާވަތްބާވަތުގެ ކުދި ދަނޑުބިންތަކެކެވެ. އެ ތަންތަނުގައި އެ ރަށުގެ މީހުން ޒުވާރިއާއި އެކި ބާވަތްބާވަތުގެ ތޮޅިއާއި ވޯލްނަޓާއި އެޕްރިކޮޓް އިންދައި ހައްދައެވެ. ދަނޑުތަކުގެ ތެރެއިން އާރެއް ކަނޑައިފައިވާ އިރު ފަރުބަދަމަތީން ފައިބައިގެން އަންނަ ސާފު އަލި ބިއްލޫރި ފަދަ މި އާރުގެ ތެރެއަށް ކުޑަކުދިން އެރި އުފާކޮށް އުޅެއެވެ.

މި އަވަށަށް ނިސްބަތްވާ އެންމެން ދިރިއުޅެނީ އެއް ޢާއިލާއެއް ފަދައި ނުހަނު އެކުވެރިކަމާއި އަމާންކަމާ އެކީގައެވެ. އެހެންކަމުން ގުދުރަތީ މިރީތި ވާދީގައި އޮންނަ މި އަވަށް އެ މީހުން ސިފަކުރަނީ [ސުވަރުގޭގެ ކުޑަކުޑަ ބިންކޮޅެއް]ފަދައިންނެވެ. 

މި އަވަށަށް އައިސް ގޮސް ވާން އޮންނަ ހަމައެކަނި މަގަކީ ފަރުބަދައިގެ ވަށައިގެން ހަރުފައެއްހެން ހަދައިފައި އޮންނަ ތާރުވެސްނާޅާ ހަނި މަގެކެވެ. އެހެންނަމަވެސް މި އަވަށުގެ ރައްޔިތުން ދިރިއުޅެނީ އުފާވެރި ފުދުންތެރި ދިރިއުޅުމެކެވެ. ދިރިއުޅުން ވޭތުކުރަނީ އަމާންކަމާއި އުފާ ފާގަތިކަމުގައެވެ. އަވަށުގެ ގިނަ ޒުވާނުން ޤައުމުގެ އެކި ސިޓީތަކަށާއި އަވައްޓެރި ޕާކިސްތާނަށް ގޮސް ވަޒީފާ އަދާކޮށްގެން މައިންބަފައިންނަށް އެކަށީގެންވާ މިންވަރަށް ފައިސާ ފޮނުވައިހަދާތީ އެއްވެސް ދަތިކަމެއް ނެތެވެ.

މި ގޮތުގެ މަތީން ޙަޔާތުގެ (މީހަކަށް ކިޔާ ނަމެއް) ޢުމުރުން 27 އަހަރުގެ ފިރިހެން ދަރިފުޅު ޢަބްދުލްޙައްޤު ވެސް ވަނީ މާދަމާ ހެނދުނު ވަޒީފާއަށް ދާން ފުރާން ހަމަޖެހިފައެވެ. ނަމަވެސް ރަށުން ބޭރުގައި ދިރިއުޅުމަކީ ހިތްދަތިކަމެއްކަން ޙަޔާތަށް ވަނީ ތަޖުރިބާކުރެވިފައެވެ. މީގެ ހައެއްކަ އަހަރު ކުރީން ޠާލިބާނުންނާއި އައިސިސްއާ ދެމެދު ހަނގުރާމަ ފެށި ދިރިއުޅުން ނުރައްކާވާން ފެށުމުން ޙަޔާތު އޭނާގެ އަންހެނުންނާއި ދަރިފުޅު ގޮވައިގެން ޕާކިސްތާނުގެ ލާހޯރަށް ބަދަލުވިއެވެ.

މި މަޑުމައިރި ބަސްމަދު ބައްޕައަށް ލާހޯރުގެ މަގުމަތީގައި ކާބޯތަކެތި ވިއްކައިގެން ރަނގަޅު އާމްދަނީއެއް ވެސް ލިބެމުން ދިޔައެވެ.

ނަމަވެސް ލިޔެކިޔުމެއް ނެތި ހިޖުރަކޮށްގެން އުޅޭ މީހުންނާއި ރެފިޔުޖީން ހޯދުމުގެ މަސައްކަތް ޕާކިސްތާނު ސަރުކާރުން ހޯދައި ފޮނުވައިލާން (ޑީޕޯޓުކުރާން) ފެށި ޚަބަރު ލިބުމާއެކު ޙަޔާތު ގަސްތުކުރީ ސަރުކާރުން ޑީޕޯޓުކޮށްލުމުގެ ކުރީން އެނބުރި ރަށަށްދާށެވެ. އެއީ މީގެ ތިން އަހަރު ކުރިއެވެ. މިހާރު އޭނާ އެނބުރި އުޅެނީ ރަށަށް އައިހެވެ. އެ އަވަށުގައި އޭނާގެ އަންހެނުންނާއި ހަ ފިރިހެން ދަރީންނާއި ހަތަރު އަންހެނުންނާ އެކު ދިރި އުޅެމުން ގެންދިޔައީ އުފާވެރިކަމާ އެކުގައެވެ.

[އަބުދުލްހަގް ބޭނުންވީ މުސާރަ ލިބޭ ވަޒީފާއެއް ހޯދައިގެން ކޮންމެވެސް ވަރަކަށް ފައިސާ ހޯދުމަށް ޓަކައި ރަށުން ފުރައިގެން ދާށެވެ.] ހަޔާތުގެ ހަނދާންތައް އާކޮށްލިއެވެ. [އެކަމަކު އަހަރެން ދަނޑުވެރިއެއްގެ ގޮތުގައި ހުރެގެން މާތްالله އޭނާއަށް ކާނާއާއި ބޭނުންވާ ހުރިހާ އެއްޗެއް ދެއްވާނެ ކަމަށް ބުނެ އޭނާ ނުގޮސް އަވަށުގައި މަޑުކުރާން ނަސޭހަތްތެރިވުމުން ބަސް ގަބޫލުކޮށް ނުގޮސް މަޑުކުރިއެވެ.]

އެރޭ، އަބްދުލްހައްޤާއި އޭނާގެ އާއިލާގެ އިތުރު 15 މެންބަރަކާއެކު ޙަޔާތު ދިރިއުޅޭ ހަތް ކޮޓަރީގެ ގެއަށް އައިސް ކޮޓަރިއަށް ވަދެ ނިދާން ޖައްސައިލިއެވެ.

ހަޔާތު ނިދާން ވަން އިރު އެ އަވަށުގެ އެހެން މީހަކު އޭނާގެ ގޭގެ ބޭރުގައި އިށީނދެގެން އިނެވެ.

ގުލައިލައި ފޯނުން ވާހަކަ ދައްކަމުން ދިޔައީ ޕާކިސްތާނުގައި ވޮޗަރެއްގެ ވަޒީފާ އަދާކުރަމުން ދިޔަ އޭނާގެ ފިރިމީހާ ޚާން ޒާދާއާއެވެ. 10 ދުވަހުގެ ތެރޭގައި، އޭނާ އެނބުރި ޗުއްޓީއަކަށް އަންނާނެކަމުގެ އުފާވެރި ޚަބަރު ވަނީ އެ ރޭ އިރާކޮޅު ވަނީ ހިއްސާކޮށްފައެވެ. އެހެންކަމުން ގުލައިލައިގެ އުފާވެރިކަމުގެ ޙައްދެއް ނެތެވެ.

ގުލައިލައި ފިރިމީހާއަށް ކިޔައިދެމުން ދިޔައީ އެ ދެމަފިރިންގެ ހަ ކުދީން ބަރަބޮލާއި ތޮޅި ބޭނުންކޮށްގެން ހަދައިފައިވާ ރޭގަނޑުގެ ކެއުން ކައިގެން ނިދާން ތިބިކަމުގެ އުފާވެރި ޚަބަރެވެ. ޢުމުރުގެ ފަހު 20ގެ އަހަރުތައް ގުނަމުންދާ މި ދެމަފިރީން ރާވަމުން ގެންދިޔައީ ފިރިމީހާ އަވަށަށް އެނބުރިއައުމަށް ޓަކައި ތައްޔާރުވާނެ ގޮތުގެ ރޭވުންތަކާއި އަވަށުގައި ހޭދަކުރާނެ އުފާވެރި ދުވަސްތަކުގެ ތަދުބީރެވެ.

ޙަޔާތުގެ ގެއާ ދިމާއިން ގުލައިލައިގެ ގެ ހުންނަނީ އާރުގެ އަނެއް ފަރާތުގައެވެ. ފަރުބަދައާ ދިމާއަށް ބަލަހައްޓައިގެން ޖައްސައިލައިގެން އިށީނދެގެން އިނީ، ފަރުބަދަ މަތީން ފެންނަ ބޮޑެތި އަޅިކުލައިގެ ހިލަތައް އުސްކޮށް ފެންނަ ދިމާގައެވެ. ތިންބުރިއަށް ހަދައިފައި ހުންނަ އެ ގެއަކީ އެ އާއިލާގައި ފަޚުރެކެވެ. ފިރިމީހާގެ ބައްޕަ  ނުހަނު ލޯތްބާއި އޯގާވެރިކަމާ އެކު ޚާއްޞަ ސަމާލުކަންދީގެން ހަދާފައިވާ ގެއެކެވެ.

[ގެ ބިނާކުރުމަށް ބޭނުންވި ކޮންމެ ހިލަކޮޅަކާއި ލަކުޑިކޮޅެއް އެ ވާދީގެ ތެރެއިން ހޯދައި އެއްކުރީ އޭނާގެ އަމިއްލަ އަތުންނެވެ.] އޭނާ އޮޅުންފިލުވައިދިނެވެ.

ގޭގެ އެތެރޭގެ ފާރުތައް ހުދުކުރުމަށް ޓަކައި އުވަ ބޭނުންކޮށް ކުޑަ ދޮރުތަކުގައި ރަތް ދަވާލު ލައިފައި ހުރި މި ގެޔަކީ އެ ޢާއިލާގެ ފަޚުރެކެވެ. އެއްވެސް ކުއްޖަކަށް ފާރެއްގައި ކޫރުމެއް އެޅޭ ކަހަލަ ކަމެއް ކުރެވުނަސް އަދި ގެޔަށް ގެއްލުމެއް ލިބޭ ކަހަލަ ކަމެއް ކުރެވުނަސް އަހަރެންގެ މައިދައިދަ ކުދީންނަށް ހަނދާންކޮށްދެނީ އެ ގެ ބިނާކުރާން އެ ކުދީންގެ ކާފަ ކިހައި މަސައްކަތެއްކުރިކަމެވެ. އެހެންކަމުން ހުރިހައި ކުދީން ވެސް ގެ އޭގެ ގޮތުގައި ރައްކާތެރިކޮށް ބަލަހައްޓާން ޚާއްޞަ ސަމާލުކަމެއް ދެއެވެ.

އިތުރަށް އެ ގެ ސިފަކުރަމުން އޭނާ ބުނީ އެއީ [މަލެއް ފަދަ ރީތި ގެޔެކެވެ.]

ހަޔާތުގެ ލޯމެރުނުތާ މާގިނަ އިރެއް ނުވެ އޭނާއަށް ހޭލެވުނީ ބިންގަނޑު ކެކިގަތް] ކަހަލަ އިޙުސާސެއް ކުރެވިގެންނެވެ.

[އެއީ ހިލައާއި ހިރަފުހުގެ ގަދަފަދަ ކަޅު ތޫފާނެކެވެ.] ފަރުބަދަމަތީން ބޮޑެތި ހިލަތައް ފައިބަނީއެވެ.

އޭނާގެ ދަރިންނަށް ޓަކައި އޭނާއަށް ހަޅޭއްލަވައިގަނެވުނެވެ.

ކަރަންޓު ކެނޑިއްޖެއެވެ. [ފޯނުގެ ޓޯޗުން އަލިކުރާން ވެގެން ފޯނު ހޯދަހޯދައި ފޯނެއް ނުފެނުނެވެ.] ބޭރަށް ނުކުތް ވަގުތު އަހަރެންގެ މޫނުގައި ޖެހުނީ ހިރަފުހުގެ އަނދިރި ވިލާގަނޑެކެވެ.

އެއީ ކުނިބުނީގެ ތެރޭގައި ޢަބްދުލްހައްގު މަރުވެފައި އޮއްވައި ފެނުނު ވަގުތެވެ.

އަފްޣާނިސްތާނަށް ހަ މެގްނިޓިއުޑްގެ ބިންހެލުމެއް އައިސް ގާތްގަނޑަކަށް 2،200 މީހުން މަރުވެ 5،000އަށް ވުރެ ގިނަ ގެދޮރު ހަލާކުވެފައިވާ އިރު އޭގެ ތެރެއިން ގިނައީ ކުނާރު އަވަށުގައި ހުރި ގެދޮރުކަމަށް އަފްޣާނިސްތާނުގެ ކަމާބެހޭ ފަރާތްތަކުން ފަހުން ހާމަކޮށްފައިވެއެވެ.

ބިންހެލެމުން ދިޔަ ވަގުތު ފަރުބަދަމަތީން ބޮޑެތި ހިލަތައް އޯރަކް ދަންދީލާއަށް ވެރި، ހުރިހާ އެއްޗެއް ހަލާކުވެގެން ދިޔައެވެ. ބިންހެލުން ހުއްޓި ބިންގަނޑު ހަމަޖެހުނު އިރު ސަލާމަތުން ބާކީ ހުރީ ކުޑަދޮރެއް ހުރި އެންމެ ފާރަކާއި ރަށުގެ ބޭރުގައި ހުރި ވަރަށް ބޮޑަށް ހަލާކުވެފައިވާ ގެއެކެވެ.

[އަހަރެންގެ ދަރިފުޅު ބޭރަށް ނެރެ، އަދި އެހެން މީހުން ސަލާމަތްކުރަން މަސައްކަތް ކުރަމުން ގެންދިޔައީމެވެ.] ހަޔާތު ކިޔައިދިނެވެ.

އަހަރުގެ ކުރީކޮޅު، އަބްދުލްހައްގު ކައިވެނި ކުރަން އެދުނު ނަމަވެސް ފުރަތަމަ އޭނާ އެ ކަމާ ދެކޮޅު ހެދި ގޮތް ހަނދާނަށް ގެނައެވެ.

އޭނާ ބުނީ [ފުރަތަމަ ޖެހޭނީ އިގްތިސާދީ ހާލަތު ރަނގަޅު ކުރާށެވެ.] އަހަރެން ވިސްނައިދިނީ [އަހަރެމެންގެ ހާލަތު ރަނގަޅުކަމަށާއި އާއިލާއެއްގެ ގޮތުގައި އެންމެން އެކުގައި އުޅެންޏާ ދިރިއުޅުން އަބަދުވެސް ރަނގަޅުވާނެ ކަމަށެވެ. އެންމެ ފަހުން އޭނާ ގޮތްދޫކޮށްފައި ކައިވެނިކުރީ މީގެ ދެ މަސް ކުރިންނެވެ.]

އެރޭ ހަޔާތަށް ގެއްލުނީ އޭނާގެ އާއިލާގެ ހަތަރު މެންބަރުންކަމަށްވާ އަބްދުލްހައްގާއި އޭނާގެ އަންހެނުންނާއި އޭނާގެ ދޮށީ ދަރިފުޅު، 30 އަހަރުގެ ޒައިއުލްހައްޤާއި އޭނާގެ ދެ އަހަރުގެ ކާފަދަރިފުޅު އަފްސާއެވެ.

ވޯލްނަޓް ގަހެއްގެ ދަށުގައި ހިލަގަނޑެއްގެ މަތީގައި އިށީނދެގެން އިން ހަޔާތު ރޯން ފެށިއެވެ. ހަމައެކަނި ދޫނީގެ ގޮވުންތަކާއި ތިރިއަށް ފައިބަމުން އަންނަ ފެންގަނޑުގެ އަޑުން މުޅި ޖައްވު ގުގުމައިފައިވާ އެ ވާދީގެ މައްޗަށް ހަމަހިމޭންކަމެއް ވެރިފައިވާ އިރު، އޭނާ ބޮލުގައި ދެއަތުން ހިފަހައްޓައިގެން އިނެވެ.

[އަހަރެންގެ އެއް ކާފަދަރިފުޅު ސަލާމަތް ކުރެވުނެވެ. އަދި އެނބުރި އަހަރެން ގެއާ ދިމާއަށް ދުއްވައިގަނެވުނު އިރު، "ބޮޑުބޭބޭ، ބޮޑުބޭބޭ އަހަރެން ސަލާމަތް ކޮށްދީބަލަ!" ގޮވަމުން ގެންދިޔއަ އަޑު އަހަންނަށް އިވުނެވެ. އަހަރެންގެ ކާފަދަރިފުޅު ޒުބައިރުގެ އަޑު ދެނެގަނެވުނު ނަމަވެސް ހޯދަހޯދައި އޭނާއެއް ނުފެނުނެވެ.] ލޮލުން ކަރުނަތައް ފޮހެލަމުން ހަޔާތު ބުންޏެވެ.

[އަހަންނަށް އޭނާ ފެނުނީ ހެނދުނުގެ ވަގުތެއްގައެވެ. އޭނާ އޮތީ ކުޑަދޮރެއްގެ ދަށުގައި ހުރި ގާތަކުގެ ތެރޭގައި ތާށިވެފައެވެ.]

ހަޔާތަށް އޭނާގެ ކާފަދަރިފުޅު ދަމައިގަނެވުނު ނަމަވެސް އޭނާ އޮތީ ވަރަށް ބޮޑަށް ޒަޚަމުވެފައެވެ. އެންމެ ފަހުން ރެސްކިއު ޓީމަކުން އޭނާ ގެންދިޔައީ ގާތްގަނޑަކަށް 200 ކިލޯމީޓަރު (125 މޭލު) ދުރުގައި އޮންނަ ވެރިރަށް ކާބުލްގެ އެމަޖެންސީ ހޮސްޕިޓަލަކަށެވެ.

[އެ މީހުން އޭނާގެ އެއް ފައި ވަނީ ކަނޑައިލާފައެވެ. އޭނާގެ އުމުރުން އެންމެ ހަ އަހަރެވެ.] ހިތް ފަޅައިގެންދާ ފަދަ މި ކަންކަން ހަނދާންނައްތައިނުލެވޭނެކަމަށް ވެސް އޭނާ ބުންޏެވެ.

ހިލަތަކުގެ ދަށުގައި ތާށިވެފައި އޮތް ގުލައިލައިއަށް ފެންނަމުން ދިޔައީ އޭނާގެ ގެ އަދިވެސް ކޮޅަށް ހުރިތަނެވެ. އޭނާގެ 14 އަހަރުގެ ދަރިފުޅު ޒަފަރު ޚާނަށް ގޮވައިލިއެވެ.

[ދެން ފަރުބަދަމަތީން ބޮޑެތި ހިލަތައް ފުރޮޅިގެން އައި ބޮޑެތި ހިލަތަކުން ގޮސް އަހަރެމެންގެ ގެ މުޅީން ފުނޑުފުނޑުކޮށްލިއެވެ.]

ގުލައިލައިގެ އާއިލާގެ 14 މެންބަރުން ގެއްލިފައިވާ އިރު، އޭގެ ތެރޭގައި އޭނާގެ ހަ ދަރީންކަމަށްވާ ޒަފަރު ޚާނާއި، 10 އަހަރުގެ ހަލީމާއާއި، އަށް އަހަރުގެ ޚަދީޖާއާއި، ހަ އަހަރުގެ އައްބާސާއި، ހަތަރު އަހަރުގެ ހާޖަރާއި އަދި އެންމެ ދެ އަހަރުގެ ޒައިނަބު ހިމެނެއެވެ.

[އަހަރެންގެ ކޮއްކޮގެ އަންހެނުންނާއި އޭނާގެ ފަސް ދަރީން — ހަތަރު ފިރިހެން ކުދިންނާއި އެއް އަންހެން ކުއްޖަކު – ގެއްލުނީއެވެ. އަދި ކައިވެނިނުކުރާ އެއް ކޮއްކޮ ވެސް އަހަރެންގެ ކާފައާ އެކު މަރުވީއެވެ.]

ގުލައިލައިއާއި އޭނާގެ ކާފައާއި ކޮއްކޮ ވެސް ދިރިތިއްބައި ސަލާމަތްވީއެވެ.

ފުރަތަމަ ވީ ތަދު ވެސް އިހުސާސްނުކުރެވި އޮވެ، [ހިލަތަކުގެ ދަށުން ނުކުންނާން ވަރަށް މަސައްކަތް ކުރި] ގޮތް އޭނާ ސިފަކުރިއެވެ. އޭނާގެ ޅިޔަން ކޮއްކޮ އޭނާ އެ ތަނުން ދަމައިގަނެގެން ދަނޑު ބިމަށް ގެންދިޔަ އިރު އޭނާ ގެންދިޔައީ ވޭނުގައި ހަޅޭއްލަވަމުންނެވެ. [އެ ވޭނާއި ތަދު ލުއިކޮށްދިނުމަށް އޭނާއަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް]ކަމަށް އެ ދުވަހު އޭނާއަށް އެޅި ވޭނާއި ތަދާ ބެހޭ ގޮތުން ވާހަކަދައްކަމުން އޭނާ ބުންޏެވެ.

ބިންހެލުމަށް ފަހު، ހެނދުނު 10 ޖަހާ އެހާކަންހާއިރު، އެ އަވަށުގެ މީހުންނަށް ފެނުނީ އުޑުމަތިން ލައްޖެހި ހެލިކޮޕްޓަރުތަކެކެވެ. ތިރީގައި ތިބި އެ މީހުންގެ ކުޑަކުޑަ އަވަށް ނުފެނިދާނެތީ ސަލާމަތުން އަވަށުގައި ދިރިތިބި ރަށުގެ މީހުން ވައިގެ ތެރެއަށް އެ މީހުން ފޭރާމުން ހަނާއަޅަމުން ގެންދިޔައެވެ.

[އަހަރެމެންގެ އަވަށުގެ ޙާލަތު އޮތް ގޮތުން އެމީހުންނަށް އަހަރެމެން ތިބި ތަނަށް ހެލިކޮޕްޓަރު ޖެއްސޭ ގޮތެއް ނުވިއެވެ. އެހެންވީމާ ރެސްކިއު ޓީމަށް ޖެހުނީ ހެލިކޮޕްޓަރު ޖެއްސޭނެ ތަނަކަށް އަހަރެމެން ގެންދާށެވެ.] ގުލައިލައި ބުންޏެވެ.

އެ މީހުން ވަނީ ބޮލާއި މޫނުން ލޭ ސާފުކޮށް، ޒަޚަމްތަކުގައި ބޭސް އެޅުމަށްފަހު އެތަނުން ބޭރަށް ނެރެފައެވެ.

ޚާން ޒާދާއަށް އެ ޚަބަރު ލިބުމުން އަވަސްވެގަތީ ވީހައި ވެސް އަވަހަކަށް އެނބުރި ރަށަށްދާށެވެ. އެނބުރި އައިސް އޭނާ އިޝާރާތްކުރީ ފަރުބަދައާ ވީ ފަރާތާ ދިމާއަށެވެ. [އެއީ އަހަރެންގެ ގެ ހުރި ތަނެވެ. އެ ހެރަ ހިލަތަކުގެ ތެރެއިން ގެޔެއްގެ އަސަރު ފެނެއެއްނޫންހެއްޔެވެ. އެއީ އެއީ، އަހަރެންގެ ގެ ހުރި ތަނެވެ.] ޚާން ޒާދާ ކުޑައިރު ބައްޕަގެ ބުރަ މަސައްކަތުން ބިނާކުރި ގެއާ ބެހޭ ގޮތުން އޭނާ ބުންޏެވެ.

ގުލައިލައި ބުނީ އެނބުރި އަވަށަށް ދާކަށް އޭނާ ބޭނުންނުވާކަމަށާއި ފިރިމީހާއަށް އެ މީހުން ދިރިއުޅޭނެ އެހެން ތަނެއް ހޯދައިދެވޭނެކަމަށް އުންމީދު ކުރާ ކަމަށެވެ. [އަހަރެމެންގެ ދިރިއުޅުމުގެ ބާކީ އޮތް ބައި ވަނީ ހިލަތަކުގެ ދަށުގައި ވަޅުލެވިފައެވެ.] އޭނާ ބުންޏެވެ.

އެމީހުންގެ ކުޑަކުޑަ އަވަށަށް ވަންނައިރު އެއް ޒަމާނެއްގައި ފުރަތަމަ ގެތަކުގެ ގޮތުގައި ހުރި ހިލަތަކުގެ ތަނބުތަކާ މަދު މީޓަރުތަކެއްގެ ދުރުގައި ވިޔެފައިވާ ސަގާފީ އެނދެއްގައި ތިން މީހަކު އިށީނދެގެން ތިއްބެވެ.

އޭގެ ތެރެއިން އެކަކީ ހަޔާތުގެ އެއްބަނޑު އެއްބަފާ ކޮއްކޮ މަހުބޫބެވެ.

[ބިންހެލުން އައިއިރު އަހަރެންގެ ކައިރީގައި ނިދައިފައި އޮތީ އަހަރެންގެ 13 އަހަރުގެ ދަރިފުޅު ނަސީބުﷲއެވެ. އަހަރެން ހޭލައިގެން އެނދުން ތެދުވެ، ޓޯޗު ހޯދާން ފެށީމެވެ. ދެން ކުއްލިއަކަށް ފަރުބަދަމަތީން ބޭފި ހިލަތަކުން ޖެހި މުޅި ކޮޓަރި ފުނޑުފުނޑުވީއެވެ.] އުމުރުން 36 އަހަރުގެ މީހަކު ކިޔައިދިނެވެ.

[[އެއީ] ޤިޔާމަތް ދުވަހަށް ވުރެ ބިރުވެރި ދުވަހެކެވެ.]

[ގެދޮރު ވަނީ ތިރާވެ ފުނޑުފުނޑުވެފައެވެ. ފަރުބަދައިން ފައިބައިގެން އައި ހިލަތަކުން މުޅި ގެ ފުނޑުފުނޑުވެ ސުންނާފަތިވެގެން ދިޔަ އިރު އެއްވެސް އެއްޗެއް އަހަރެމެންނަކަށް ނުފެނުނެވެ. އަހަރެމެންނަށް އެކަކަށް އަނެކަކު ވެސް ނުފެނުނެވެ.]

އެންމެންނަށް އަނިޔާވެފައިވާކަމަށް އޭނާ ބުންޏެވެ. ބައެއް މީހުންގެ ގުނަވަންތައް ބިނދި ހުޅުހުޅުން ނެއްޓި ބޯފަޅައިގެން ގޮސް މި ފަދަ ބޮޑެތި ޒަޚަމުތައް އެންމެންނަށް ވެސް ވަނީ ލިބިފައެވެ.

[އަނދިރީގައި އަދިވެސް ސަލާމަތުން ދިރިތިބި ކުދިންކޮޅު ގޮވައިގެން ދިޔައީ ތިރީގައިވާ ދަނޑުބިންތަކަށެވެ. އެއީ ހިލައިން ރައްކާތެރި ތަނެކެވެ.]

އެރޭ އޭނާއަށް 250އަށް ވުރެ ގިނަ ބިންހެލުން ފާހަގަކުރެވިފައިވާ ކަމަށް އޭނާ ބުންޏެވެ: [ބިންހެލުން އައިތާ ހަފުތާތަކެއް ފަހުން ވެސް ވާދީއަށް ކުދި ލޮޅުންތައް އައެވެ. އެއީ ބިންހެލުމަށް ފަހު އަންނަ ގުޑުންތަކެވެ.]

އިރުއަރައި އަލިވުމުން ކުނިބުންޏާއި ހިލަތަކުގެ ތެރެއިން އޭނާގެ ލޯބިވާ ޢާއިލާގެ މެންބަރުން ހޯދުމަށްޓަކައި ކޮނެ ހާވާން މަސައްކަތް ކުރިއެވެ. [އެކަމަކު މަސައްކަތް ކުރާކަށް އަހަރެންގެ ޒަމީރު ބޭނުމެއް ނުވިއެވެ.] އޭނާ ބުންޏެވެ.

[އަހަންނަށް އަހަރެންގެ ދަރިފުޅުގެ ފައި ފެނުނު ނަމަވެސް އޭނާގެ ހަށިގަނޑުގެ ބާކީ ބައި ވަނީ ބޮޑެތި ހިލަތަކާއި ކުދި ހިލަތަކުގެ ދަށުގައި ތާށިވެފައެވެ.]

އޭނާގެ 10 އަހަރުގެ އަންހެން ދަރިފުޅު އައިޝާ ވެސް ވަނީ މަރުވެފައެވެ.

[އެއީ އަހަރެންގެ މުޅި ހަޔާތުގައި އައި އެންމެ ބަދުނަސީބު ވަގުތެވެ.] އޭނާ ބުންޏެވެ.

މަރުވެފައިވާ މީހުންގެ ހަށިތައް ހޯދުމަށް ރަށުގެ ރައްޔިތުންނާއި ދަރުމަވެރީން ދެ ދުވަސް ހޭދަކުރިއެވެ.

މުޅި ރަށް ފަނާވެއްޖެކަމަށް ބުނެ ހަޔާތުގެ ބޭބެ ރަހުމަތު ގުލްއަށް މެސެޖުކުރުމުން ގާތްގަނޑަކަށް 300 ކިލޯމީޓަރު (185 މޭލު) ދުރުގައި އޮންނަ ޕަރްވާން ޕްރޮވިންސްގައި ހުންނަ އޭނާގެ ގެއިން ވަގުތުން ދަތުރުފެށިއެވެ.

އެންމެ ފަހުން އޯރަކް ދަންދީލާއާ ހަމައަށް އޭނާއަށް އާދެވުމުން ރަށުގައި ދިރިތިބި މީހުން އެދުނީ މަހުބޫބުގެ މަރުވެފައިވާ ދަރިފުޅު ރަޖާގަނޑެއްގައި އޮޅައިލުމަށެވެ. އެއީ އޭނާއަށް މާބޮޑަށް އަސަރުކޮށްފާނެތީއެވެ.

[މަހްބޫބު އަހަރެންގެ ގާތުގައި ދަރިފުޅުގެ މޫނު ދައްކާން އެދުނު ނަމަވެސް އަހަންނަކަށް އެކަމެއް ނުކުރެވުނެވެ.] މަޙުބޫބު ގާތުގައި އިށީނދެގެން އިނދެ، ތިރީގައި ވާދީގައި ހުރި ދަނޑުބިންތަކަށް ބަލަމުން ރަހުމަތު ގުލް ކިޔައިދިނެވެ.

ކައިރީގައި ހުރި ހަޔާތު ތެދުވެ ހިނގައިގަންނާން ފެށިއެވެ.

[މާތްالله އަހަރެންނަށް ދެއްވި ދަރީންކޮޅު އަހަރެންގެ އަތުން ގެންދެވުމުން މިހާރު އަހަންނަށް ހީވަނީ އަހަންނަށް މުޅި މި ދުނިޔެ ވެސް ގެއްލިފައިވާހެންނެވެ.] އޭނާ ބުންޏެވެ.

އޯރަކް ދަންދީލާގައި ކުޑަ ޒުވާރި ދަނޑެއް ވަނީ ގަބުރުސްތާނަކަށް ވެފައެވެ. [މިއީ އަހަރެމެންގެ ލޯބިވާ މީހުން ވަޅުލި ތަނެވެ.] ހަޔާތު ބުނެލިއެވެ. ގަބުރުތައް ފާހަގަކޮށްފައިވަނީ ހިލަތަކުންނެވެ.

އަބްދުލްހައްޤަށް އެ ރަށުގައި މަޑުކުރުމަށް އިލްތިމާސްކުރި ގޮތް އޭނާގެ ހަނދާނުގައި އެބަހުއްޓެވެ. [އޭގެ އަނެއް ދުވަހު ހުރިހައި ކަމެއް ނެތި ގޮސް، އޭނާގެ ފުރާނަ ވެސް ގެއްލުނީއެވެ.] ހަޔާތު ހިތާމަވެރިކަން ފާޅުކޮށްލަމުން ބުނެލިއެވެ.

މިހާރު ހަޔާތު ގަބޫލުކުރާ ގޮތުގައި [މި އަވަށުގައި ދިރިއުޅެން ބޭނުންވާ ހަމަ އެއްވެސް ކަމެއް ނެތެވެ.]

[އަހަރެން މިތާ ދިރިއުޅެމުން ގެންދާނީ ކިހިނެއްހެއްޔެވެ؟] އެއް ދުވަސްވަރެއްގައި އޭނާގެ ހުރި ދިމާގައި ހުރި ހިލަފުނިތަކާއި ކުނިތަކަށް އިޝާރާތް ކުރަމުން އޭނާ ބުނެލިއެވެ.

[އެ ހިލަތައް އަންނަނީ މަތީންނެވެ. މި އަވަށުގައި އެއްވެސް މީހަކު އުޅޭނީ ކިހިނެއްހެއްޔެވެ؟]

[އިރާދަކުރެއްވިއްޔާ އަހަރެމެން އެހެން ތަނެއްގައި ވަޒަންވެރިވާނަމެވެ. އަދި މާތްاللهގެ ރަޙްމަތް ހޯދާނަމެވެ. އެކަލާނގެ ރަޙުމަތް އަހަރެމެންނަށް ނެތް ނަމަ އަހަރެމެންގެ ފުރާނަ ސަލާމަތްކޮށެއްނުދެއްވީހެވެ. އަހަރެމެންވެސް މަރުވީހެވެ.] އޭނާގެ އުންމީދާއި ޢަޒުމު އާކޮށްލިއެވެ.

ކޮމެންޓު