ad_banner
ފްރާނޯ ސެލެކް - ދުނިޔޭގެ އެންމެ ބަދުނަސީބުވެރިޔާތަ ނޫނީ ....؟

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

31 އޯގަސްޓް 2025

ފްރާންކޯ އެލްކު: (އޭނާއާ ކުރިމަތިވި ބައެއް ހާދިސާ ސިފަކޮށްދޭ މަންޒަރުތަކާ އެކު.) ހަގީގަތުގައި މިއީ ދުނިޔެމަތީގައި ވަރަށް ނަސީބުގަދަ މީހެކެވެ.

ފުރާނޯ ސެލެކަކީ ކްރޮއޭޝިއާގެ މިޔުޒިކު ޓީޗަރެކެވެ. އުފަންވީ 1929ވަނަ އަހަރުއެވެ. ނިޔާވީ، އުމުރުން 87 އަހަރުގައި، 2016ގައެވެ. އޭނާ މަޝްހޫރުވެފައި އޮންނަނީ، އެތައް ފަހަރަކު، މަރު އެތިފަހަރުން ސަލާމަތްވި މީހާގެ ގޮތުގައެވެ. ދެން، މި މަރުވަނީއޭ ހީވުމުގެ އިހުސާސު އެތައް ފަހަރަކު ކުރެވުނު މީހެއްގެ ގޮތުގައެވެ.

އޭނާގެ ބަދު ނަސީބުގެ ދަތުރު، ނޫން ނަމަ، ބައެއް މީހުން ބުނާ ގޮތުން، ނަސީބު ރަނގަޅުކަން އެނގުމުގެ ދަތުރު ފެށުނީ 1962ގައި އޭނާގެ އުމުރުން 32 އެއް ހައި އަހަރުގައެވެ. އުޚުދޫދެއްގެ ތެރެއިން، (ފުން ވާދީއެއްގެ ތެރެއިން)، އޭނާ ދަތުރުކުރަމުން ދިޔަ ރޭލު، އެ ރޭލުގެ ދަގަނޑު މަތީން ކައްސައިލައި، އެއް ފަރާތުގައި އޮތް ކޯރެއްގެ ތެރެއަށް ވެއްޓުނެވެ. ކޯރުގެ އައްސޭރިފަށުގައި ހުރި މީހަކު ފުރާނޯ ކޯރުގެ ފެންގަނޑުން ނަގައި ސަލާމަތްކުރިއެވެ. ނަމަވެސް، ރޭލުގައި ދަތުރުކުރި އެހެން މީހުންގެ ނަސީބު އެ ހައި ރަނގަޅެއް ނޫނެވެ. ކޯރުގެ އެންމެ އަޑިއަށް ރޭލު ވެއްޓި، ރޭލުގައި ދަތުރުކުރި ސަތާރަ މީހުން މަރުވިއެވެ. ކުރިމަތީން މަރު ފެނިފައި ހެން، ފުރާނޯ ސެލްކު ސަލާމަތްވިއެވެ.

ޖެހިގެން އައި އަހަރު، (އާދެ، 1963 ގައި،) ފްރާނޯ ދަތުރުކުރި މަތިންދާބޯޓެއްގައި މައްސަލައެއް ޖެހި، ބޯޓުގެ ދޮރެއް ހުޅުވޭ ގޮތްވިއެވެ. އަދި، އެ ދޮރު ކައިރީގެ ގޮނޑިއެއްގައި އިން ފްރާނޯ ބޯޓުން ވެއްޓުނެވެ. ނަމަވެސް، ފުރާނޯގެ ނަސީބު ރަނގަޅުކަމުން އޭނާ ވެއްޓި ގޮސް ޖެހުނީ ހުއިގަނޑެއްގެ ތެރެއަށެވެ. އެހެންވެ، އޭނާ ސަލާމަތްވީއެވެ. ދެން، އެ ބޯޓު ވެއްޓި، ބޯޓުގައި ދަތުރުކުރި އަނެއް 19 މީހުން މަރުވީއެވެ. ބައެއް މީހުން ފާހަގަކުރާ ގޮތުގައި، އެ ދުވަސްވަރު، ކްރޮއޭޝިއާގައި، މަތިންދާބޯޓެއްގައި މައްސަލައެއް ޖެހި، ބޯޓެއް ވެއްޓުނު ހާދިސާއެއްގެ ރެކޯޑެއް ފެންނާކަށް ނެތެވެ! ކޮންމެއަކަސް، މި ވާހަކައަކީ ވެސް، ހިނގިކަމަށް، ފުރާނޯ ކިޔައިދީފައި އޮންނަ ވާހަކައެކެވެ.

އޭގެ ތިން އަހަރު ފަހުން، (އާދެ، 1966 ގައި)، ފްރާނޯ ދަތުރުކުރަމުން ދިޔަ ބަހެއް، މަގުމަތީން ކައްސައިލައިގެން ގޮސް، ކޯރަކަށް ވެއްޓުނެވެ. އަދި، ބަހުގައި ދަތުރުކުރި ހަތަރު މީހުން ގެނބިގެން މަރުވިއެވެ. ނަސީބުގަދަ ފްރާނޯއަށް ފަތައިފައި ސަލާމަތުގެ އައްސޭރިއަށް ދެވުނެވެ.

ދެން، 1970 ގައި، ފޮރާނޯ، އޭނާގެ ކާރުގައި ދަތުރުކުރަމުން ދަނިކޮށް ކާރުގެ އިންޖީނުގައި މައްސަލައެއް ޖެހި، ކާރުގައި ހުޅުރޯވިއެވެ. ފުރާނޯގެ ނަސީބު ރަނގަޅުކަމުން، ކާރުގެ އިންޖީނު ގޮވުމުގެ ކުޑަ އިރުކޮޅެއް ކުރީން، ފްރާނޯއަށް ކާރުން ނިކުމެވި، ސަލާމަތްވިއެވެ.

އަދިވެސް، 1973ގައި އޭނާގެ ކާރަށް ދިމާވި އެހެން ހާދިސާއެއްގައި، އެ ކާރުގެ ތެޔޮ ޓޭންކުން ތެޔޮ ބޭރުވެ، ދޮންވެފައިވާ އިންޖީނުގެ މައްޗަށް ތެޔޮއެޅި، ކާރުގައި ހުޅުހިފާން ދިމާވިއެވެ. ފްރާނޯގެ ނަސީބު ރަނގަޅުކަމުން، އޭނާގެ އިސްތަށިގަނޑު އެނދުން ފިޔަވައި މާ ބޮޑު ގެއްލުމެއް ނުލިބި، އޭނާ ސަލާމަތްވިއެވެ.

މީގެ އިތުރަށް، 1995ގައި ވެސް އެހެން އެކްސިޑެންޓެއް ދިމާވިއެވެ. ދުއްވައިފައި ދިޔަ ބަހަކުން އޭނާގެ ގައިގައި ޖެހުނެވެ. ނަމަވެސް، މާ ބޮޑު ގެއްލުމެއް ނުލިބި އޭނާ ސަލާމަތްވިއެވެ. ދެން، 1996 ގައި، އޭނާ ދުއްވާން އިން ކާރާ ދިމާއަށް އައި ޔޫ.އެން.ގެ ބަހަކުން ނައްޓައިލާން އުޅޭން ހަދައިގެން، މަގުގެ އެއްފަރާތުގައި އަޅައިފައި ހުރި ސަލާމަތީ ދަގަނޑު ފުޅަށްގަނޑުގައި ކާރު ޖެހުނެވެ. އަދި، އެ ކަމުގެ ސަބަބުން ރޭލު ވެއްޓި، ކާރު ވިއްސައިގެން ދިޔައެވެ. ނަމަވެސް، ފްރާނޯ އިނީ ކާރުގެ ކަމަރުނާޅައެވެ. އެހެންވެ، ރޭލު ދަގަނޑުގައި ކާރު ޖެހުނު ވަގުތު ދޮރު ހުޅުވި، ފްރާނޯ ވިއްސައިގެން ގޮސް، ގަހެއްގެ ގޮފިގަނޑެއްގައި ހިފި، އޭނާ ސަލާމަތްވިއެވެ.

އާދޭހެވެ! މި ބަޔާންކުރެވުނީ، ފްރާނޯ ސެލެކްއާ ދިމާވި، ނުރައްކާތެރި ހާދިސާތަކެވެ. މިއިން ކޮންމެ ހާދިސާއަކީ ވެސް ހަމަ މަރުގެ އެތިފަހަރެކެވެ. ފްރާނޯގެ ބަދުނަސީބުގެ ސަބަބުން މި ނުރައްކާތެރި ހާދިސާތަކާ އޭނާ ކުރިމަތިލާން ޖެހުނެވެ. އެހެން ވިޔަސް، އޭނާގެ ނަސީބު ރަނގަޅުކަމުން އެ ހުރިހައި ހާދިސާއަކުން ވެސް، މަރުނުވެ، އޭނާ ސަލާމަތްވިއެވެ.

ދެންތޯއެވެ؟ 2003ގައި އޭނާގެ އަތުގައި ނަސީބު ހިފިއެވެ. ނަސީބު ނަމްބަރެއް އޭނާއާ ދިމާވެ، އުމުރުން 73 އަހަރުގައި، މިލިޔަނަކަށް ވުރެ ގިނަ ޑޮލަރު އޭނާއަށް ލިބުނެވެ. ދެން، ދެ ގެއާއި އަދި ބޯޓެއް ވެސް އޭނާ ގަތެވެ. މީގެ އިތުރަށް، ފަސްވަނަ ކައިވެންޏެއް ވެސް އޭނާ ކުރިއެވެ.

ފްރާނޯގެ ކުރިމަތީގައި ނަސީބު ހިނިތުން ވެލުމަށް ފަހު، ދެން، ބަދު ނަސީބު އެހެން ހާދިސާއެއް އޭނާއާ ދިމައެއް ނުވެއެވެ. އެހެންވެގެން ވެސް ކަންނޭނގެއެވެ. 2010ގައި، އޭނާ އަތުގައި ބާކީ ހުރި ހުރިހައި ފައިސާއެއް އޭނާގެ ގާތްތިމާގެ މީހުންނަށް އޭނާ ބަހައިލިއެވެ. އަދި، އެއަށް ފަހު، ވަރަށް އާދައިގެ ދިރިއުޅުމެއް އުޅެ، 2016ގައި، ފްރާނޯ ސެލެކް، މި ފަނާވަނިވި ދުނިޔެއަށް، އަލްވަދާއު ކިއެވެ!

ކޮމެންޓު