އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
7 މޭ 2025
(2025 އެޕްރީލު 30ވަނަ ދުވަހުގެ ނޫހާ ގުޅޭ)
[ނީނާ! ދެން އެހާ އަވަހަށް ނުކުންނާން އުޅޭނެ ކަމެއް ނެތް. ތިހިރީ އަހަރެންގެ ސުވަރުގޭގައި.] ދާއޫދު ވާހަކަދައްކަމުން ގެންދިޔައެވެ. [ނަސީބެއް އަމިއްލަޔަށް މަގޭ ނަރަކައަށް ނުވަންކަން. އެ ތަނަށް ވަން ނަމަ، ނުއެއް ނުކުމެވުނީސް.]
ނީނާގެ އިޚުތިޔާރެއް ނެތް ކަހަލައެވެ. އަނގައަކުން ނުބުނެއެވެ. ދާއޫދުގެ މޫނާ ދިމާއަށް ކަޅިވެސް ޖަހައިނުލައި ނަޒަރު ހުއްޓައިލައިގެން އެބަހުއްޓެވެ. އެއްވެސް ބާރެއް ނެތް ކަހަލައެވެ. ކުއްލިއަކަށް ނީނާ އަރިއަޅައިލައިފިއެވެ. ދާއޫދު ކުއްލިއަކަށް އޭނާ އުފުއްލައިލައިގެން ގެންގޮސް އެ ރީތި އެނދުގައި ބާއްވައިލައިފިއެވެ. އަދި މޫނުމަތީގައި ފާޑެއްގެ ރުމާލަކުން ފޮހެލުމާ އެކު، ނީނާ ހޭއަރައިގެން ހަޅޭއްލަވައިގަތެވެ.
[ދާއޫދު ދޫކުރޭ! ޕްލީސް ދޫކުރޭ!]
[ނޫން. ނީނާ!] ދާއޫދު އިޢުތިރާޒުކުރިއެވެ. [ސުވަރުގެޔަށް ވަދެފައި ސުވަރުގޭގެ އުފާތައް ނުލިބި ނުއެއް ނުކުމެވޭނެއެއްނު.]
[ނޫން. ޕްލީޒް ޕްލީސް! އަހަރެން ދޫކުރޭ! އެހެން ނޫނީ ހަޅޭއް ލަވައިގަންނާނަން.]
[ހައްހައްހައް! މި ތާގައި އޮވެ ހަޅޭއް ލެވުމަކީ ބޭކާރު ކަމެއް. މިއީ ސައުންޑް ޕްރޫފް ކޮޓަރިއެއް.] ދާއޫދު ލާނެތް ފާޑަކަށް ހީނގަތެވެ. [އަހަރެން ބޭނުން ކޮންމެ ކަމެއް ކޮށްދޭން ނީނާ އިހައްދުވަހު ކޯޓުގައި ސޮއިކުރި ހަނދާނެއް ނެތްތަ؟"
[އެކަމު އެއީ ގާނޫނާ ޚިލާފުނުވާ ކޮންމެ ކަމެއް ކުރާން؟] ނީނާ ބިރު ނުގަންނަކަމަށް ހަދައިގެން ދާއޫދާ ބަހުސް ފެށިއެވެ. އެކަމަކު އޭރު ވެސް މޭގަނޑު ތެޅެނީ ރޯމަހެއް ތެޅޭހެންނެވެ. [ތިޔަ އުޅެނީ ގާނޫނާ ޚިލާފުކަމެއް ކުރާން.]
[އޭގައި އޮތްތަ ވަކި ތަނެއްގެ ގާނޫނެއްގެ ވާހަކަ]. ދާއޫދު ނީނާއަށް ހަނދާންކޮށްދިނެވެ. [މިއީ އަހަރެންގެ ގާނޫނު. މި ތަނަށް ވަދެއްޖެ ކޮންމެ އަންހެނަކު ޖެހޭނީ އަހަރެން ބޭނުން ކޮންމެ ކަމެއް ކޮށްދޭން. އެހެން ނޫނީ މި ތަނަކުން ނުނިކުމެވޭނެ. ވަންނާން ޖެހޭނީ މަގޭ ނަރަކައަށް. އެ ތަނަށް ވަދެއްޖެ މީހަކަށް އެނބުރިއެއް ނުނިކުމެވޭނެ.]
[އަޅޭ ދާއޫދު ޕްލީޒް ދޫކުރޭ! ދާއޫދަށް ކޮށްނުކޮށްދޭ ކަމެއް އެބަ އޮތްތަ؟] ނީނާ ސުވާލުކުރިއެވެ. [ލޯބީން، އުފަލުން، ރުހިގެން ހުރިހައި ކަމެއް ކޮށްދިނިން. ދެން ކީއްވެ ނުރުހުމުގައި މަޖުބޫރުން ކަންތައްކުރުވާން ތިޔަ އުޅެނީ؟]
[ކީއްވެތަ ކުރީން ވެސް ކޮށްދިން ކަމެއް ނުކޮށްދޭން ތިޔަ އުޅެނީ؟] ދާއޫދު ވެސް ސުވާލުކޮށްލިއެވެ. [މާގިނަ ބަހުސްކުރާނެ ކަމެއް ނެތް ބުނާ ގޮތަށް ޢަމަލު ނުކުރާ ނަމަ.......]
[ދާއުދު ބޭނުން ކަމެއް ކޮށްދީފިއްޔާ ގެޔަށް ދާން ދޫކުރާނަންތަ؟] ދާއޫދުގެ ޖުމުލަ ފުރިހަ ނުކުރަނީސް ނީނާ ސުވާލުކުރިއެވެ.
ނީނާއަކަށް އިތުރު އިޚުތިޔާރެއް ނެތެވެ. އޭނާގެ ފުރާނަ ސަލާމަތްކުރާން ބޭނުމެވެ. ދިރި ހުރެ، "ނަރަކައަށް" ވަންނާން ރުހޭނީ ކާކުހެއްޔެވެ؟ އަހަރެމެން އެންމެން ވެސް ހެޔޮ ޢަމަލުތައް ކޮށް މި އުޅެނީ ހަގީގީ ނަރަކައިން ސަލާމަތްވާށެވެ! ހަގީގީ ސުވަރުގެއަށް ދިޔުމަށް ޓަކައި ހެޔޮ ޢަމަލު ކުރެވޭނީ ވެސް ދުނިޔޭގައި ހުރެގެންތާއެވެ! އެހެންކަމުން އެންމެ ފަހުން ނީނާ ހަތިޔާރު ބެހެއްޓީއެވެ.
. . . . . . .
ގަޑިއެއް ހައި އިރު ފަހުން ނީނާ އެ ކޮޓަރީން ނުކުންނާން ހުއްދަދިނުމަށް ފަހު، ނީނާއަށް ވުރެ އަވަހަށް ނުކުމެ، ކޮޓަރީގެ ބޭރުގައި ދާއޫދު ހުއްޓިއްޖެއެވެ. ނީނާ ނުކުތުމާ އެކު، ނީނާގެ އަތުގައި ހިފައިފައި ބުނެފިއެވެ. [އަހަރެން ބޭނުން އިތުރު ކަމެއް އަދި އެބަ އޮތް.]
[ކޮންކަމެއް؟ ދެން ނޯންނާނެ އެއްވެސް ކަމެއް.] ނީނާ ބުނެލިއެވެ. [އަހަރެން ދާން ދޫކުރޭ! ހެޔޮ އެއްވެސް މުދަލެއް ނުދިނަސް.]
[ނީނާ! އަހަރެން ނީނާ ވަރަށް ބޭނުން. އައިލަވްޔޫ! އައި ވަންނާ މެރީޔޫ ސޫން.]
[ނޫން.] ނީނާ ހަޅޭއްލަވައިގަތުމާ އެކު، ދާއޫދުގެ ގައިގައި ޖެހިގަތުމަށް ފަހު، ދުވެފައި ގެއިން ބޭރަށް ނުކުމެވިއްޖެއެވެ. ނީނާ ފެނުނު ކޮންމެ މީހަކަށް އޭނާ އެ ދަނީ ނުރައްކަލެއް ނުވަތަ ބިރެއް ފެނިގެންކަން ދޭހަވާނެއެވެ. މި ތަން ފެނުނީ، ނީނާ ކުރީން ރައްޓެހިވެގެން އުޅުނު އަލޫފަށެވެ. އޭނާ ދިޔައީ ސައިކަލުގައި ގަންފޮނަދޫ ސިޓީއަށްދާށެވެ! އަލޫފު ނީނާއާ ގުޅުން ކެޑިފައި ވިޔަސް އަދިވެސް އަލޫފު ނީނާ ދެކެ ނުހަނު ލޯބިވެއެވެ. އެހެންވެ މި މަންޒަރު ފެނިގެން، ނީނާގެ ނުރުހުމުގައި ދާއޫދު އޭނާއާ "ބެހުނީ"ކަން ވިސްނިގެން އަށްޑިހަ ފަހަކަށް ރުޅިއަތުވެއްޖެއެވެ. ދާއޫދާ ދިމާކޮށްލާން ސައިކަލު އަނބުރައިލުމަށް ފަހު އައިސް ކަންމަތީ ފިހާރައިގެ ދޮރުމައްޗަށް ސައިކަލު މަޑުކޮށް ސައިކަލު ބެހެއްޓުމަށް ފަހު، ގެޔަށް ވަންނާން ދިމާކޮށްލި ވަގުތު ދާއޫދު ނުކުންނަ ތަން ފެނިއްޖެއެވެ.
[އެ މިހިރަ ދާއޫދުބޭ! ކަލޭ ކީއްކުރީ ނީނާއަށް...............] ރުޅި ގަދަވެގެން އަލޫފަކަށް ޖުމުލަ ފުރިހަމައެއް ވެސް ނުކުރެވުނެވެ.
ދާއޫދު ހަމަ އެކައްޗެއް ވެސް ނުބުނެއެވެ.
[ހޭއަރުވައިލާނަން.] އަލޫފު މިހެން ބުނެފައި ދުރަށް ޖެހިލުމަށް ފަހު، މަގުތީން އަތަށް ހެޔޮވަރުގެ ގާބުރިއެއް ނަގައި ދާއޫދާ ދިމާއަށް ހޫރައިލިއެވެ. އެ ގާބުރި އެނބުރި ގޮސް ޖެހުނީ އަލޫފުގެ ބޮލުގައެވެ. ދާއޫދުގެ ލޮލުން ދިޔައީ ތަރިބުރައިގެންނެވެ. ބޮލުގައި އަތް ކާއްތައިލިއިރު ލޭ އާދެއެވެ. ނަމަވެސް ދާއޫދާ ދިމާކޮށްނުލައި ދާކަށް އޭނާއެއް ނުވިސްނިއެވެ.
ދާއޫދު، ގޭ ދޮރުމަތީގައި ހުއްޓިގެން ހުއްޓެވެ. ދާއޫދާ ދިމާއަށް އަލޫފު ދުއްވައިގަންނާން މަސައްކަތްކުރިއެވެ. ނަމަވެސް ކުރިޔަށް އެންމެ ފިޔަވަޅެއް ވެސް ނޭޅުނެވެ. އައިކޮޅަށް އެނބުރި ދެވެއެވެ. ދެވަނަ ފަހަރު ދާއޫދާ ދިމާއަށް ދުއްވައިގަންނާން އުޅެއުޅެ ވެސް އެ ކަމެއް ނުވިއެވެ. އަލޫފު ވަރަށް ބިރުގަނެއްޖެއެވެ. އަވަސްއަވަހަށް ސައިކަލަށް އަރައި ދުއްވައިލައިފިއެވެ. އެ ދިޔަ ބާރުމިނުގައި ދިޔަ ގޮތަށް ގޯޅިއަޅާން އުޅުމުގެ ތެރޭގައި ގޮސް ހޮޅިދަނޑިއެއްގައި ޖެހި މުޑިއަރައިފިއެވެ. މާ ދުރަށް ވިއްސައިގެން ދިޔަ ބާރު މިނުގައި އެކޮޅުކޮޅުން ގޮސް ހަރު ބިމުގައި، ތާރުއަޅާއިފައި އޮތް މަގުގެ ތާރުގަނޑުމަތީގައި، ޖެހުނުލެއް ބާރުކަމުން އަލޫފުގެ ކަރު ބިންދައިގެން ގޮސް ވަގުތުން މަރުވެއްޖެއެވެ. މި މަންޒަރު ފެނުނީ، މިއަދު ނީނާ ގެޔަށް ދިޔުން ލަސްވެގެން މީ ގޮތެއް ބަލާން އައި މޫސާފުޅުބެއަށެވެ. މޫސާފުޅުބެއާ އެކު މާވަށު އިދްރީސް ތައްޚާނާއި އޭނާގެ ފިރިހެން ދަރިފުޅު، ޙުސައިން ނިޝާން ވެސް އައެވެ. އެއީ ކަންމަތީ ފިހާރައިން ތަށިމުއްޓާއި މުށި ޖަހާ ސިމެންތިއާއި ބައެއް ހާޑްވެއަރ ސާމާނު ގަންނާން އައިސް އުޅޭ، ނީނާމެންގެ ޢާއިލާޔާ ރައްޓެހި ބަޔެކެވެ. އެ މީހުން ތިބެނީ ވެސް ނީނާގެ ބައްޕަގެ ރައްޓެހިކަމުގައި އެ ގޭގައެވެ. މިއަދު ނީނާގެ ޚަބަރެއް ނުވެގެން ވިޔަފާރި ނުކުރެވިގެން މާދަމާ ރަށަށް ދާން މުންޑޫގައި މަޑުކޮށްގެން ތިބީއެވެ.
ނީނާ ގެޔަށް ދިޔައިރު ހުރީ ހުންއައިސް ރަތްވެފައެވެ. ކޮޓަރިއަށް ވަދެ ފެންވަރައިލައިގެން އޮށޯވެއްޖެއެވެ. ނީނާ ވަރަށް ބޮޑަށް ހުންއައިސްފައި ހުރިކަން ނީނާގެ މަންމަމެންނަށް ފާހަގަކުރެވިގެން ސިއްޙީ މަރުކަޒަށް ގެންދާން މަސައްކަތްކުރަން ފަށައިފިއެވެ. ނީނާ އެ ކަމާ އިޢުތިރާޒުކުރުމުން ކުއްޖަކު ފޮނުވައިގެން ޕެނަޑޯލް ގެނެސް ކާންދީފިއެވެ.
ނީނާއަށް ހޭލެވުނީ މެންދަމު ދޭއްޖެހި އިރު ކޮޓަރީގައި ބޮކި ދިއްލައި އަލިކޮށްލެވުނީމައެވެ. ނީނާއަށް ފެނުނީ ގަބޫލުކުރާން ދަތި މަންޒަރެކެވެ. ނީނާގެ ކުރިމަތީގައި އެހެރީ ދާއޫދެވެ.
[ނީނާ!] ދާއޫދު ނީނާއަށް ވަރަށް ލޯބިން ގޮވައިލުމަށް ފަހު، ނީނާގެ މޫނާ ދިމާއަށް ތިރިވެލިއެވެ. [ނީނާއާ ކާވެނިކުރާން ބޭނުން.]
[ނޫން ދާއޫދު!] ނީނާ ހަޅޭއް ލަވައިގަތުމާއެކު ހޭނެތިއްޖެއެވެ.
ނީނާ ވަރަށް ބާރަށް ހަޅޭއް ލަވައިގަތް އަޑަށް ގޭ އެންމެން ހޭލައިގެން ނީނާގެ ކޮޓަރިއާ ދިމާއަށް އައި އިރު، ކޮޓަރި ހުރީ ދިއްލައި އަލިކޮށްފައެވެ.
"ނީނާ، ދަރިފުޅާ! ކިހިނެއް ވީ؟ ނީނާ! ހުޅުވަބަލަ! ހޭލަބަލަ!"
ކޮޓަރީން ޚަބަރެއް ނުވިއެވެ. ގޭ އެންމެންވެގެން ގޮވައިގޮވައި ވެސް ޚަބަރެއް ނުވުމުން ގޯހެއް ހިނގައިފިކަން ވިސްނިގެން ތަޅު ހަލާކުކޮށްލާން މަސައްކަތް ފަށައިފިއެވެ. އިދްރީސް ތައްޚާނުގެ ދަރިފުޅު ނިޝާނަކީ ތަޅު އެއްޗިހި ހުޅުވުމުގެ ތަޖުރިބާކާރެއްކަމުން ތަޅު ހަލާކުނުކޮށް ވެސް ހުޅުވިދާނެ ކަމަށް ބުންޏެވެ.
[ތަޅަށް ވަންނަ ވަރުގެ ތަޅުދަނޑިއެއް އޮތިއްޔާ ގެނެސްބަލަ! ކޮންމެ ތަޅަކަސް ހުޅުވިދާނެ] ނިޝާން ބުނެލިއެވެ. [ތަޅު ހަލާކުކުރާނެ ކަމެއް ނެތް.]
ނިޝާންގެ އަތަށް އެ ގޭގެ ހުރިހައި ތަޅުދަނޑިތައް ގެނެސް ދިނުމުން ފަހަރަކު ތަޅުތަނޑިއެއް ވަދޭތޯ ބަލަމުން ވަންނަ ވަރުގެ ތަޅުދަނޑިއަކާ ދިމާވެއްޖެއެވެ. ތަޅުދަނޑީގެ އެކި ހިސާބަށް ވައްދަމުން ހަލުވަމުން ގޮސް ހުޅުވައިލައިފިއެވެ.
ކޮޓަރިއަށް ވަންއިރު، ނީނާ އޮތީ ނިދައިފައެވެ. ގޮވައިގޮވައި ހެޔެއް ނުލިއެވެ. އިދްރީސްތައްޚާނު ބަލައިފައި ބުނެފިއެވެ. [މިމަންޖެ މިއޮތީ ހޭނެތިފައި.]
އެންމެން އަޑުން އަޑުނަގައި ލޯން ފަށައިފިއެވެ. ނީނާގެ މަންމަ ނީނާގެ ގައިގައި އޮޅުލައިގަތެވެ.
[ރޯނެކަމެއް ނެތް އެކަކު ވެސް.] އިދްރީސްވެ އިރުޝާދު ދިނެވެ. [ރުއިމަކުން ކުރާނެ ފައިދާއެއް ނޯންނާނެ! ފެންތައްޓެއް ގެނެސްދީބަލަ!]
އިދްރީސްބެ އަތަށް ފެންތައްޓެއް ދީފިއެވެ. ނީނާގެ މޫނާ ދިމާގައި ފެންތަށި ހިފައިގެން ކޮއްޅަން ހުރެ އިދްރީސްބެ ތުންތަޅުވާން ފަށައިފިއެވެ. ފަނަރަވަރަކަށް މިނިޓް ކިޔެވުމަށް ފަހު، އެއްޗެއް ކިޔަވައި އަތްގޮށްޓަށް ފެންފޮދެއް އަޅައިފައި ވަރަށް ބާރަށް ނީނާގެ މޫނުގައި އެ ފެންފޮދުން ޖަހައިފިއެވެ. އަދި މުޅި މޫނާއި ބޮލުގައި ފެން އުނގުޅައިލުމަށް ފަހު، ނީނާއަށް އިދްރީސްބެ ގޮވައިލައިފިއެވެ.
"ނީނާ.........! ނީނާ މަންޖޭ..... ލޯހުޅުވަބަލަ!"
ނީނާ ކުއްލިއަކަށް ލޯ ހުޅުވައިލައިފިއެވެ! އަދި ބިރުވެރި ފާޑަކަށް މީހުންނާ ދިމާއަށް ބަލައިލައިފައި "ނޫން ނޫން"އޭ ގޮވައިލައިފައި އެނދު ބިއްދޮށަށް ޖެހެމުންޖެހެމުން ހަޅޭއްލަވައިގަތުމާ އެކު، އަނެއްކާ ހޭނެތިއްޖެއެވެ.
(ނުނިމޭ)