ad_banner
ދޮންބެ ދައްތަ

އަސްމާ އަބޫބަކުރު

4 މޭ 2025

ދޮންބެ ދައްތަ

އެތައް ދުވަހަކު ވިއްސާރަވުމުގެ ސަބަބުން އިރަށް އޭގެ ވާޖިބު އަދާކުރުމުގެ ފުރުޞަތު ދުވަސްކޮޅަކަށް ގެއްލުނެވެ. ވިއްސާރަ އަލިވުމާއެކު އިރުގެ ހިނިތުންވުން ފެންނަން ފަށައިފިއެވެ. ގަދަ އަވިން އެންމެން ފިއްސަން ފެށުމާއެކު އިރު މަސައްކަތް ކުރާކަމުގެ އިހްސާސްކުރެވެއެވެ. އަދި އިރުގެ އޭގެ ވާޖިބު އަދާކުރާތީ އެ ކަމާ ދެކޮޅު ހަދާ މީހުން ވެސް މަދެއްނޫނެވެ. ޒީވާއަކީ ވެސް އޭގެ ހެތްކެކެވެ. އަވި ގަދަވެއްޖެ ނަމަ، ތަނަކަށް ދާން ފޫހިވެއެވެ. އިރުގެ ހޫނު ގަދަކަމުން ގެއިން ނިކުތުމަށް ދެކޮޅުހަދާނެއެވެ. 

ޒީވާގެ ދޮންރީތި މޫނަކީ ކޮންމެ ދުވަހަކު އެތައް ވައްތަރެއްގެ ފަރުވާއެއްދޭ މޫނެކެވެ. ކޮންމެ ރެއަކު ނިދުމުގެ ކުރީން މޫނުގައި ކޮންމެ ވެސް ވައްތަރެއްގެ އެއްޗެއް އުނގުޅާނެއެވެ. އެއް ފަހަރު މާމުއިގެ މާސްކުހަދައި އެ އުނގުޅައިގެން އޮތިއްޔާ އަނެއް ފަހަރު ކޮންމެވެސް އެހެން އެއްޗެއް އުނގުޅާނެއެވެ. ޢާދިލަށް ބައެއް ފަހަރު ޒީވާ ފެންނަނީ ކޮޓަރީގައި އޮންނަ ރީތި ހަންޑިއެއްގެ ގޮތުގައެވެ.

"ދޮންބެ ދައްތާ. މިރޭ ވެސް އެއްކަލަ މާސްކް އަޅައިގެން ތިއޮތީ. ދޮންބެ އަންނަ ގަޑި ވެސް ޖެހެނީ އެ." ޢާދިލްގެ ހުރި ހަމައެކަނި ކޮއްކޮ ޢާލިމާ އިނީ ޒީވާ ގާތުގައި އެ ކޮޓަރީގައެވެ. ޒީވާ ބުނާ ކޮންމެ ކަމެއް ކުރާން ޢާލިމާ ހުންނާނީ ތައްޔާރަށެވެ. ދޮންބެ ދައްތަގެ ފަރާތުން ޢާލިމާއަށް ކުދި ސެންޓުފުޅިއާއި މޭކަޕް ސާމާނު ލިބޭތީއެވެ.

"ދޮންބެ ވަރަށް ކޫލްވާނެ. އަންހެން ކުދީންގެ މޫނު ރީތި ކުރި ވަރަކުން އެ މީހުންގެ ފިރީން ދުރަށް ނުގޮސް ތިބޭނީ. ނޫންތަ ޢާލިމާ؟ އިހަށް ދުވަހު އަހަރެންގެ ފުރެންޑް ޝައިނީގެ ހަޒްބަންޑް އެ ކުރީ ދެވަނަ ކައިވެނި. ކީއްވެގެންކަން އެނގޭތަ؟" ޒީވާ އެނދުން ތެދުވެ ޢާލިމާއާ ހަތަރުކަޅި ހަމަކޮށްލިއެވެ.

"ނޭނގެ. ދޮންބެ ދައްތަ ބުނެބަލަ." ޢާލިމާ އެ ކަހަލަ ވާހަކަތަކަށް ވަރަށް ޝައުގުވެރިވެއެވެ. އަޑުއަހާ ހިތުން އިންދައި ބައެއް ފަހަރު ޒީވާގެ ވާހަކަ ބަދަލުވެއެވެ. އެހެންވެ، އަހައަހައިގެން ވެސް ވާހަކައެއް ފަށައިފި ނަމަ ޒީވާ ލައްވައި އެ ވާހަކައެއް ނިންމާނެއެވެ.

"އެއީ ޝައިނީ މޫނުގައި މާ ގިނައިން ބިހި ނަގާތީ ކަމުނުގޮސްގެން" ޢާލިމާ ޗޮކެއް ކަނޑައިލިއެވެ. ޒީވާ ދެލޯ ބޮޑުކޮށްލިއެވެ. ޒީވާ އެ ދައްކަނީ ތެދު ވާހަކަކަމަށް ޢާލިމާއަށް ބުނެދިނެވެ.

"މިއީ އަސުލު ވާހަކައޭ، އަދި އެ ނޫނަސް ކިތައް ފިރިހެނުން އަނބީން ވަރިކުރަނީ. ރީތިވެގެން ނުތިބޭތީ. ފިރިހެނުންނަށް ކަމުދާނީ އަންހެން ކުދީން ރީތިވެގެން ތިބި ވަރަކުން." ޒީވާ އެތައް ހާދިސާއެއް އެއް ޖުމްލައިން ޢާއިލާއަށް ބުނެދިނެވެ.

ފަތިސްވުމާ އެކު ޢާލިމާއަށް މަންމަ ގޮވާނެއެވެ. ފަތިސް ނަމާދަށް ތެދުވެ ނިދިޔަކަ ނުދޭނެއެވެ. އަންހެން ކުދީން ގޭތެރޭގެ މަސައްކަތްކުރާންވާނެކަމުގައި ޢާރިފާ ބުނެއެވެ. މިހާރު މަސައްކަތް ނުކޮށްފި ނަމަ، މާދަމާ ވެސް ފިރިމީހާގެ ގެއަށް ގޮސް މަސައްކަތެއް ނުކުރެވޭނެއެވެ. ޢާލިމާ ހިތްހަމަ ނުޖެހުނަސް އެ ވަގުތު އެއްޗެކޭ ނުބުނެއެވެ. އެހެންވިއަސް ހިތުން އެއްޗެހިކިޔަމުން ދިޔައީ ޒީވާއަށެވެ. ޢާލިމާ ލައްވައި މަންމަ މަސައްކަތްކުރާ އިރު، ޒީވާ ލައްވައި މަސައްކަތްނުކުރާ ގޮތެއް ޢާލިމާއަކަށް ނުވިސްނެއެވެ. މަންމަ ބުނިއްޔާ ބުނި މަސައްކަތެއް ކޮށްފައި އޮފީހަށް ދެވޭތޯ ޢާލިމާ ބަލައެވެ. އޮފީހުން ގެއަށް އަންނަ އިރު ކިތަންމެ ވަރުބަލިވެފައި ހުއްޓަސް ދޮންބެ އަތުވެއްޖިއްޔާ ކާންހަދާން ވެސް ޖެހޭނީ ޢާލިމާއަށެވެ. ދޮންބެ ދައްތަ އަބަދު ކޮޓަރީގައި އުޅޭނީ ސެލޫން ހުޅުވައިގެންނެވެ. އެ ސެލޫނުގައި ޚިދުމަތް ދޭނީ ވެސް ޚިދުމަތް ލިބިގަންނާނީ ވެސް ދޮންބެ ދައްތައެވެ.

"އޯއި މަންމާ. ޢާލިމާ ގެއަށް ވަންނަ އިރަށް މަންމަގެ ގޮވާ އަޑު އިވޭން ފެށިއެވެ. ދުވެފައި އަވަހަށް މައްޗަށް އަރަން ހަދައިގެން ނުވެއްޓުނީ ކިރިޔާއެވެ. މަންމަގެ ކޮޓަރިއާ ހަމައަށް ދެވުނު ،އިރު ޢާލިމާ ހުރީ މާނޭވާލެވިފައެވެ.

"މަންމާ. ކިހިނެއްވީތަ މާބާރަށް ތިޔަ ގޮވަނީ؟" އޭރު މަންމަ އޮތީ އެނދުމަތީގައި އޮށޯވެގެންނެވެ. ޢާލިމާއަކަށް މަންމަގެ ފައެއް ނުފެނެއެވެ. ފައި ދުޅަވެފައި އޮތް ތަން ފެނުނީ މަންމަ ދެއްކީމައެވެ.

"މިއަދު ހެނދުނު ޢާލިމާ އޮފީހަށް ދިޔަ ފަހުން ސިޑީން އަރަނިކޮށް ފައި އެޅުނު ގޮތަކުން މި އުޅެނީ ފައިގައި ރިއްސާވަރުން. ހިނގަން އުޅެއުޅެ ނުވެސް ހިނގުނު"

"ދޮންބެ ދައްތައަކަށް ނުގޮވަންތަ؟" ޢާލިމާ އެހެން ބުނުމުން މިއަދު ފުރަތަމަ ފަހަރަށް މަންމަ ހިތްހަމަ ނުޖެހުމުގެ ބަހެއް ބުންޏެވެ.

"ކިހާ އިރެއް ގޮވާތާ. ޒީވާއަށް އަޑެއް އިވުނުކަމަކަށް ނުވި. ބައްޕަ ވެސް ރަށުގައި ނެތީމަ ޑޮކްޓަރާ ހަމައަށް ވެސް ނުދެވިފައި މި އޮތީ" ޢާލިމާ މަންމަ ގޮވައިގެން ހޮސްޕިޓަލަށް ގޮސް ޑޮކްޓަރަށް ދެއްކިއެވެ. މާބޮޑު ކަމެއް ނުވިކަމުގައިވިއަސް މަސްގަނޑަށް ތަދުވެފައި ވާތީ ރެސްޓްކުރުމަށް ޑޮކްޓަރ ނަސޭހަތްތެރިވިއެވެ. ގެއަށް އާދެވުނު އިރު އިރުއޮއްސެން ކައިރި ވަނީއެވެ. އޭރު ޢާލިމާ ހުރީ ހައިވެގެން ގޮސް ހަލާކުވާވަރު ވެފައެވެ.

ޢާދިލް ގެއަށް އައުމާއެކު ޢާލިމާ އެ ވާހަކަ ބުންޏެވެ. ޢާދިލް ހީކުރީ ޒިވާއަށް އެނގޭކަމަށެވެ. ގޭގައި އެވަރުގެ ކަމެއް ހިނގައި ދިޔައިރު ޒީވާއަށް ނޭނގުނީތީ ޢާދިލް ހައިރާންވިއެވެ.

"މަންމަ ފައިކައްސާލި އިރު، އެންމެ ކުޑަމިނުން އަހަރެންގެ ފޯނަށް ގުޅައިލި ނަމަ" ޒީވާ މަންމަގެ ކޮޓަރީގައި ހުރެފައި ބުންޏެވެ.

"އެ ވަގުތު ފޯނެއް ވެސް ނުފެނުނޭ. ޒީވާއަށް ގޮވައިގޮވައި އަޑެއް ނީވުނު. ނަސީބެއް ޢާލިމާއަށް އާދެވުނުކަން. އެހެންނަމަ މި ފައި މިއަށް ވުރެ ބޮޑަށް ދުޅަވީސް." މަންމަ ގާތުގައި އިރުކޮޅަކު އިނދެފައި ޒީވާ ކޮޓަރިއަށް ދިޔައެވެ. މަންމަ ބަލިވުމާ އެކު، ޒީވާ ގާތުގައި ޢާދިލް އެދުނީ ގޭތެރޭގެ ކަންކަމުގައި މަންމަ ރަނގަޅު ވަންދެން ޒީވާ އުޅުމެވެ. އެ ކަމަށް ޒީވާ އެއްބަސްވިއެވެ.

އޭގެ ފަހުން ޢާލިމާއަށް ޒީވާ އެންގީ ބަދިގޭގެ ހުރިހާ ކަމަކާ ޒީވާ ޙަވާލުވި ވާހަކައެވެ. ޢާލިމާއަށް ޗުއްޓީއެވެ. އެ ދުވަސްކޮޅު ޢާލިމާ ގިނަ ވަގުތު ހޭދަކުރަނީ މަންމައަށް އެހީތެރިވުމުގައެވެ. ޒީވާ ގަޑީންގަޑިއަށް ކާން މަންމައަށް ކޮޓަރިއަށް ގެނެސްދެއެވެ. ކައްކައިފައި ހުންނަ ކާތަކެތީގެ ރަހަ ވެސް އެހާމެ މީރެވެ. މީގެ ކުރީން ޒީވާ ބަދިގެއަށް ގޮސް މަސައްކަތްނުކުރާ ގޮތެއް އެކަކަށް ވެސް ނޭނގެއެވެ.

ޢާލިމާ އެވާހަކަ ދެތިންފަހަރު ދެއްކިއެވެ. އޭގެފަހުން ދޮންބެ ދައްތަ ކައްކާ އެއްޗެހީގެ ރަހަމީރު ވާހަކަ ނޫން ވާހަކައެއް ނުދައްކައެވެ. އެތައް ފަހަރަކުން ތަޢުރީފްގެ ބަސްތައްއިއްވައެވެ. ޒީވާ އެ ވާހަކަތަކަށް ރއަޑުއަހާފައި އެއްޗެއް ނުބުނެއެވެ.

މަސް ނިމުމާއެކު ޢާދިލަށް ލިބުނީ ބޮޑު ބިލެކެވެ. ކާތަކެތި އެންމެ މީރު ރެސްޓޯރެންޓުން ކޮންމެ ދުވަހަކު އެގެއަށް ކާއެއްޗެހި ގެނައުމުގެ ބިލެވެ. ޢާދިލް އެކަމާ ޒީވާއާ ސުވާލުކުރިއެވެ.

"ޢާދިލް އެދުނީ މަންމަ ރަނގަޅު ވަންދެން ބަދިގެ ބެލެހެއްޓުން. އަހަރެން މި މަޑު އަތްތިލައިން ދުވަހަކު ވެސް ނުކައްކަން. މި ރީތި މޫނު ބަދިގޭގެ އަލިފާނުގެ ހޫނުން ދާހިތްލާކަށް ނޭދެން. މި ރީތި ހަށިގަނޑު އަބަދު ވެސް ހުންނަން ވާނީ ރީތިކޮށް."

"މި ބިލޯ" ޢާދިލަށް ތަންކޮޅެއް ބާރަށް ބުނެވުނެވެ.

"ތިޔައީ ޢާދިލްގެ ކަމެއް." އެންމެ ފަހުން ޢާދިލަށް ޖެހުނީ އެތައް ދުވަހެއް ވަންދެން އެއްކުރި ފައިސާ އިން ބިލް ދައްކާށެވެ. އެ ދުވަހަށްފަހު ޢާދިލްގެ ހިތްހަމަ ނުޖެހުން ޒީވާއަށް ފެންނަން ފެށިއެވެ. ޢާލިމާއަށް އެ ކަން އެނގުމާއެކު ދޮންބެ ދައްތަގެ މަކަރުވެރިކަމުގެ ވާހަކަ މަންމައަށް ކިޔައިދިނެވެ.

"އެތައް ފަހަރަކު ދޮންބެ ދައްތަ ގާތުގައި ކައްކާފައި ހުންނަ ތަކެތި ކެއްކި ގޮތް އަހައިލިއަސް އެ ދެން އަހާ ވަރުގެ އެއްޗެއް ނޫނޭ ބުނާނެ. ކެއްކުމަށް ވުރެ ކެއުން މުހިންމު ވާނޭ ބުނެ އެ ވާހަކަ އޮޅުވައިލަނީ. ދޮންބެއަށް ކިހާބޮޑު ލަނޑެއް އެ ދިނީ." ޢާލިމާ މަންމަ ގާތުގައި އިނދެގެން ޒީވާ ދައްކާ މޮޅު ވާހަކަތައް ކިޔައިދެމުން ގެންދިޔައެވެ.

ޢާދިލް ކޮފީއަށް ގޮސް ގޭތެރޭގައި ހިނގައި ދިޔަ ކަންތައްތައް ކިޔައިދިނީ އެންމެ ގާތް އެކުވެރިޔާ ޝާމީންއަށެވެ. އެ ވާހަކަތައް އިވުމުން ޝާމީން އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ޢާދިލް ރަހުމަތްތެރިޔާއަށް ޒީވާ އުޅުން ހުންނަ ގޮތުގެ ވާހަކައާއި އެހެން އުޅޭތީ ފޫހިވާ ވާހަކަ ކިޔައިދިނެވެ. ކިތަންމެ ރީއްޗަސް އޭގެން ބޭނުމެއް ނުހިފޭނަމަ އެ ރީތިކަމުގެ އެއްވެސް ފައިދާއެއް ނުކުރާނެ ކަމަށް ވެސް ޢާދިލް ބުންޏެވެ.

އޭގެ ދެމަހެއްހައި ދުވަސް ފަހުން ޢާދިލް ދެވަނަ ކައިވެންޏެއް ކުރިއެވެ. އެކަމާ ޒީވާ ވަރަށް ހަޅޭއްލެވިއެވެ. ޒީވާފަދަ އަންތބެއް ނުލިބޭނެ ކަމަށް ވެސް ޢާދިލާ ދިމާއަށް ބުންޏެވެ. ޒީވާގެ ވާހަކަ އަށް ޢާދިލް ދިނީ ފިނި ޖަވާބެކެވެ. ޒީވާ އުޅެން ބޭނުން ނުވާނަމަ އެގެއިން ނިކުތުމުގެ ފުރުޞަތު އޮތްކަމަށެވެ. ޒީވާގެ ރީތިކަން ގެއްލިދާނެތީ އުޅުނު ގޮތުން ޢާދިލްގެ ހިތުގައި ނަފްރަތު އުފެދެން ފެށިކަން ޒީވާ އަށް އެނގުމުން އެގެއިން ނިކުމެގެން ދާން ޒީވާ ނިންމިއެވެ.

ޒީވާ އަށް ކުރީން ހީވެފައި އޮތީ ރީތިން އަންހެނަކު ލިބުމުން ފިރިމީހާ އެހެން އަންހެނަކާ ދިމާއަށް ބަލައި ވެސް ނުލާނެ ކަމަށެވެ. އެކަމަށް ޓަކައި ޒީވާ ހާދަ ގިނަ ވަގުތެއް ހޭދަކުރިއެވެ. އަބަދު ރީތިވެގެން ކޮޓަރީގައި ސެލޫން ހެދިއަސް ވީކަމެއް ނެތެވެ. އަނބީންގެ އެންމެ ބޮޑު ބޭނުމަކީ ފިރީންނަށް ޚިދުމަތް ކުރުންކަން ޒީވާ އަށް ކުރީން އެނގުނު ނަމައެވެ. (ނިމުނީ)

ކޮމެންޓު