އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
30 އޭޕްރިލް 2025
(2025 އެޕްރީލު 23ގެ ނޫހާ ގުޅޭ)
"ހޭ ބިޔުޓީ! ވަރަށް މުހިންމު ވާހަކައެއް އެބަ އޮތް ދައްކައިލާން ވެފައި." ދާއޫދު ވަރަށް ސީރިއަސްކަމާއެކު ނީނާއަށް ބުންޏެވެ." އަސްލު މި ގަޑީގައި ދެން ވާހަކަދެއްކުން ނޫން އެހެން ކަމެއް ނޯންނާނެތީ ހަމަ ދަތުރުމަތީގައި މި ވާހަކަދައްކައިލާން މަޑުކޮށްލީ."
"އަނެއްކާ ކޮން ވާހަކައެއް؟" ނީނާ ވެސް ހަމަ އެހައި ސީރިއަސް ކަމާއެކު އޮޅުންފިލުވާން ބޭނުންވިއެވެ. "އަދި ވެސް ނުދެއްކޭ ވާހަކަ އެބަ ހުރިތަ؟"
"ބައިވަރު ވާހަކަ ހުންނާނެދޯ ނުދެއްކޭ." ދާއޫދު ޖަވާބުދިނެވެ. "އިންސާނެއްގެ ޚިޔާލަށް އަންނަ ޖުމުލަތަކަކީ ދުވަހަކު ވެސް ހުސްވުމެއް ނެތް އެއްޗެއް. އެއް ބަސްކޮށާރެއް ބޭނުންކޮށްގެން އަބަދު ވެސް އާ ޖުމުލަތައް އުފަންވާނޭ ވާހަކަ ބަސްވާރުން ބުނެފައި ހުރޭނު؟"
"ދެން ބުނެބަލަ! މާ ފަލްސަފީ ވާހަކަ ނުދައްކައި." ދާއޫދު ދައްކާން އެ އުޅެނީ ކޮން ވާހަކައެއްތޯ އޮޅުން ފިލުވާން ނީނާ ވަރަށް ބޮޑަށް ބޭނުންވިއެވެ.
"ނީނާއަށް މިހާރު ވަރަށް ބޮޑަށް އިތުބާރުކުރެވިއްޖެ. އަދި ނީނާ މަސައްކަތް ކޮށްދެނީ ދާއޫދު ވަރަށް ހިތްހަމަޖެހޭ ގޮތަށް." ދާއޫދު ވާހަކަ ފެށިއެވެ. "ވަކި ކަމެއް ނޫން. ހުރިހައި ކަމެއްގައި ވެސް. އައޭމް ސޯ ޕްރައުޑް ޓު ހޭވް ޔޫ!"
"ތޭންކިޔޫ!" ނީނާ ހިނތުންވެލިއެވެ. "އެއީތަ ބުނާން ތިއުޅޭ ވާހަކައަކީ؟"
"ނޫން. އަޑުއަހާ! މި ސަބަބަށްޓަކައި އަހަރެންގެ ހުރިހައި މުދަލެއްގެ ފަންސާސް އިންސައްތަ ހިއްސާ ނީނާއަށް ދޭން ނިންމައިފިން." ދާއޫދު ބުނި އެއްޗަކުން ނީނާ އިނީ ބުނާނެ އެއްޗެއް ވެސް ނޭނގިފައެވެ. "އަދި މިއަދު ރަށަށް ދާ މަގުމަތީގައި މިކަމުގެ އެގްރީމެންޓްގައި ސޮއިކުރެވޭނެ."
ނީނާވީ އުފަލާއި ލިބުނު ޙައިރާންކަމެއްގެ ސަބަބުން އިނީ ބަސްހުއްޓިފައެވެ. މި ދަތުރަކީ ދާއޫދުގެ އަގުބޮޑު ރައުސްމާލުގެ ބައެއް ތަންތަން ނީނާއަށް ދައްކައިލާން ކުރި ދަތުރެއްކަން ވެސް ނީނާއަށް ވިސްނިއްޖެއެވެ. އަދި އޭނާއަކީ ވަރަށް ބޮޑު މުއްސަންޖެއްކަމުގެ އިޙުސާސްވެސް ކުރެވޭން ފަށައިފިއެވެ. ނީނާ ފިކުރުތަކެއްގެ ތެރެއަށް ގެއްލިފައި ބަސްހުއްޓިފައި އިންދައި އެ ހިމޭންކަން ކަނޑުވައިލީ ވެސް ދާއޫދެވެ.
"އެކަމަކު ޝަރުޠަކާއެކު." ދާއޫދު އަނެއްކާ ވެސް ނީނާގެ ހިތް ތަޅުވައިލަނީކީ ނޫންބާވައެވެ. "އެ ވާހަކަ ވެސް އެގްރީމެންޓްގައި ލިޔެފައިވާނެ."
"ކޮބާ ޝަރުޠަކީ؟" ނީނާ ސާފުކުރާން ބޭނުންވިއެވެ. "އަނެއްކާ ކޮންފަދަ ޝަރުޠެއްބާ! ހިޔެއް ނުވޭ އިތުރަށް ފުރިހަމަކުރާން ޖެހޭ ޝަރުޠެއް ދެން އޮންނާނެހެނެއް."
"ހަމަ އެންމެ ޝަރުޠެއް؟" ދާއޫދުގެ ވާހަކަ ކުރިޔަށް ގެންދާ ވަރަކަށް ނީނާގެ ހިތް ތެޅެއެވެ. "އެއީ ޤާނޫނުގައި މަނާ ނޫން ކޮންމެ ކަމަކަށް ދާއޫދު އެދުނަސް އެ ކަމާ ދެކޮޅުނަހަދައި ނީނާއަށް ކުޅަދާނަވީ ކޮންމެ ކަމެއް ކޮށްދިނުން. އެއްބަސްތަ؟"
ނީނާ އެއްވެސް އެއްޗެއް ނުބުނެ ވިސްނާން އިރުކޮޅަކު އިނުމަށް ފަހު ދާއޫދާ ސުވާލުކޮށްލިއެވެ. "ދާއޫދު ބުނި އެއްވެސް ކަމެއް ކޮށްނުދީ އެބަ އޮތްތަ؟" ނީނާ ލާނެއް ފާޑަކަށް ހިނިތުންވެލިއެވެ. "އަދި ގާނޫނު ހުއްދަތޯ ނޫންތޯއެއް ވެސް ނުބަލަމެއްނު."
"ސޭ ޔެސް އޯރ ނޯ!" ދާއޫދުގެ ހަރުކަށި އަމުރު އައެވެ. "ގަމުގައި ހުންނަ ހައިކޯޓްގެ ހައްދުންމަތީ ގޮފީގައި މިއަދު ހެނދުނު 8:30އަށް، އެގްރީމެންޓްގައި ސޮއިކުރުމުގެ ރަސްމިއްޔާތު އޮންނާނީ އިންތިޒާމުވެފައި."
"ސިމްޕްލީ ޔެސް." ނީނާ ޖަވާބު ދިނެވެ. "ދެން ވަކި އިތުރު ކަމަކު އެދޭން އޮންނާނެ ހެނެއް ހިޔެއްނުވޭ."
ކޮންމެއަކަސް ހަމަޖެހިފައިވާ ގޮތުގެ މަތީން ގަމުގައި ހުންނަ ހައިކޯޓުގެ ސަރަހައްދީ ގޮތްޕަށް ގޮސް އެގްރީމެންޓުގައި ސޮއިކޮށް ކޯޓުގައި އެގްރީމެންޓް ރަޖިސްޓަރީކޮށްފިއެވެ. އެގްރީމެންޓްގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ސޮއިކުރުމުގެ ކަންތައް ނިންމުމަށްފަހު ސީދާ ދިޔައީ މުންޑޫއަށެވެ. އެގްރީމެންޓްގެ ރަސްމިއްޔާތުގައި ސޮއިކުރުމާ އެކު، ދާއޫދުގެ މޫނުމަތީން މާ ބޮޑަށް އުފާވެރިކަން ފާޅުވާ ސަބަބެއް ނީނާއަކަށް ނުވިސްނެއެވެ. ނީނާގެ ކިބައިން ދާއޫދަށް އިތުރަށް ލިބޭނެ ޚިދުމަތެއް، ލިބޭނެ އެއްޗެއް އޮންނާނެކަމަކަށް ނީނާ ގަބޫލެއްނުކުރެއެވެ. ނީނާ މަސައްކަތްކުރަނީ ނުހަނު އިޚުލާޞްތެރިކަމާ އެކު، ކަމަށް ކަމޭ ހީކޮށްގެންނެވެ. ހުރިހައި ކަމެއް ކުރަނީ ވެސް ނުހަނު އޯގާތެރިކަމާއި ކުޅަދާނަކަމާއި ލޯތްބާ އެކުގައެވެ. އަދި ނީނާ ކުރާ އެއްވެސް ކަމަކާ މިހައި ތަނަށް ދާއޫދު ހިތްހަމަނުޖެހިފައެއް ވެސް ނެތެވެ. އެހެންވީމާ ދާއޫދު އެ ކަނޑައެޅި ޝަރުޠަކީ ނީނާގެ ނަޒަރުގައި ބޭކާރު ޝަރުޠެކެވެ. އެ ޝަރުގެ ސަބަބުން ދާއޫދަށް ލިބޭނެ އިތުރު އެއްޗެއް، އިތުރު ފައިދާއެއް، އަދި ނީނާއަށް ލިބޭނެ އެއްވެސް ގެއްލުމެއް ފައިދާއެއް އޮވެދާނެކަމަކަށް ނީނާ ގަބޫލެއްނުކުރެއެވެ.
...........................................
ޖެހިގެން އައި ދުވަހު ހެނދުނު 9 ޖެހިއިރު ނީނާ އިނީ ކަންމަތީ ފިހާރައިގެ ޝޯރ ރޫމްގައެވެ. ނީނާއަށް ކުއްލިއަކަށް ފެނުނީ މާ ހެނދުނަކާ ދާއޫދު ރީތިވެގެން އޭނާގެ ޚާއްޞަ ވިޓާރާ ވޭންގައި އިސްދުވާ ވީ ކޮޅަށް ދަތުރުކުރި ތަނެވެ. ދާއޫދު އެ ދިޔަ ގޮތުން ދާއޫދު އަވަހަކަށް ނާންނާނެކަން ނީނާއަށް ވިސްނުނެވެ. އެހެންވެ މިއީ ނީނާގެ ހިތުގައި އޮތް ސުވާލެއްގެ ޖަވާބު ހޯދުމުގެ ފަހި ފުރުސަތެއްކަމަށް ހީކުރިއެވެ. މި ކަމުގެ ޝައުޤުގައި ދިރާސާތަކާ ބެހޭ ސިއްރު ކޮޓަރި ކައިރިއަށް ގޮސް، އެ ތަން ހުޅުވޭތޯ ތަޅުދަނޑިއެއް ޖަހައިގެން އަނބުރައިލިއެވެ. މުޅި ތަޅުދަނޑިފަތި ހުސްވި އިރު ވެސް، އެ ތަޅަށް ހެޔޮވަރުގެ ތަޅުދަނޑިއަކާ ދިމައެއް ނުވިއެވެ. އެންމެ ފަހުން މާޔޫސްވެގެން ހުރެ ކޮޓަރީގެ ތަޅުގެ އަތްގަނޑުގައި ހިފައި އަނބުރައިލައިފިއެވެ. ދޮރު ހުރީ ތަޅުނުލައެވެ. ނީނާ ގާތަށް ހިނިވެސް އައެވެ. އަދި މި ކުރެވުނު ބޭކާރު މަސައްކަތެއްގެ ސަބަބުން އަމިއްލަ ނަފުސު ދެކެ ރުޅިވެސް އާދެވުނެވެ.
މަޑުމަޑުން ދޮރު ހުޅުވައިލުމަށް ފަހު އެތެރެއަށް ވަދެއްޖެއެވެ. ދޮރުގެ ކައިރީގައި ހުރި ސުވިޗަށް ފިތައިލިއެވެ. ވަރަށް ފަނޑު އަލިކަމެއް ހުރި މޫންލައިޓް ބޮތްކެއް ދިއްލިއްޖެއެވެ. ފަސް ވޯޓްގެ އާދައިގެ ބޮތްކެއްގެ އަލިކަމެކެވެ. ދޮރާ ދެ ފޫޓެއްގެ ދުރުމިނުގައި ވަނީ ކަޅު ފޮތިގަނޑެއް ދަމައިފައެވެ. ފަރުދާއެކެވެ. މެދުން ދެ ފަރާތަށް ކަހައިލެވޭ ގޮތަށް ހުރި ފަރުދާއެކެވެ. ނީނާ ކުޑަކޮށް ޖެހިލުންވެ ހުރެ ފަރުދާ ކަހައިލައިފިއެވެ. ނަމަވެސް އަވަހަކަށް ދާއޫދު ނާންނާނެކަން އެނގޭތީ، މާ އަވަސްކުރާކަށް ވެސް ނޫޅެއެވެ. ހައިރާންކަމާ އެކު، ކޮޓަރީގެ އެކި ދިމަދިމާއަށް ނަޒަރުހިންގައިލައިފިއެވެ. ކޮޓަރިތެރޭގައި އެއްވެސް ތަރުތީބެއް ނެތި، އެކި އެއްޗިހި އެކި ދިމަދިމާގައި ހުއްޓެވެ. އާދައިގެ ކުޑަ މޭޒަކާއި ޕުލާސްޓިކު ދެ ގޮނޑިއާއި ކުޑަ އަލަމާރިގަނޑެއް ދިމާއަށް ހުއްޓެވެ. ނަމަވެސް މި ހަޑި ކޮޓަރިގަނޑުގައި ވަރަށް ރީތި ބޮޑު ޑަބަލްބެޑެއް ހުރީތީ ނީނާ ހައިރާންވެސްވެއްޖެއެވެ. އަދި އަންހެނަކު ވެސް ދިރި ނޫޅޭ އެގޭގެ އެހާ ސިއްރު ކޮޓަރިއަކުން، އަންހެނުން، ދޭތެރެ ދުރުކުރާން ބޭނުންކުރާ ހުރިހައި ސާމާނަކާއި ބޭހެއް ހުރީތީ، މާ ބޮޑަށް ހައިރާންވެއްޖެއެވެ. ދެ ތިން ސޫޓްކޭހެއް ބިންވަތީގައި ހުއްޓައި ފެނުމުން އެއިން އެއްޗެއްގެ އެތެރެ ބަލައިލާ ހިތްވެއްޖެއެވެ. އެ ތަނުން ފޮއްޓެއް ހުޅުވައިލުމުން ނީނާއަށް ލިބުނު ހައިރާންކަން އަދި މާ ބޮޑަށް އިތުރުވިއެވެ. އެ ފޮށީގައި ހުރީ ކުޑަކުދީން ކުޅޭން ގެންގުޅޭ ކަހަލަ ކުޅޭކުޅޭ މަތީންދާބޯޓާއި ކާރު ފަދަ ތަކެއްޗެވެ. މި ތަކެތި ވެސް ހުރީ ކޮންމެވެސް ބައެއް އެއިން ނައްޓައިލައި ހަލާކުކޮށްލައިފައެވެ. ނުވަތަ ހަލާކުވެފައެވެ. އަދި ރާއްޖޭގެ މަޝްހޫރު ބައެއް މީހުންގެ ބޮޑެތި ފޮޓޯތަކެއް ހުރި އިރު، އެ ވެސް ހުރީ ވަޅިކޮށްޕައި ހަލާކުކޮށްލެވިފައެވެ. މި ފޮޓޯތަކުން ފެންނަ ގިނަ މީހުންނަކީ އެންމެން ވެސް ދަންނަ، މަޝްހޫރު މީހުންކަމުގައި ވިޔަސް އޭގެ ގިނަ މީހުން މިހާރު ދުނިޔެއަކު ނެތެވެ.
ނީނާ ހައިރާންވެގެން އިރުކޮޅަކު އިނެވެ. މި ގޭގައި ކުޑަކުއްޖަކު އުޅުނުބާއެވެ! އަންހެނަކު އުޅުނުބާވައެވެ! ދާއޫދު މި ކޮޓަރި އެހާ ބޮޑަށް ސިއްރުކޮށްގެން އެ އުޅެނީ ކީއްވެ ކޮންކަމަކާހެއްޔެވެ؟ މި ފަދަ ޚިޔާލުތަކެއްގައި އިރުކޮޅަކު ހިމޭނުން އިނުމަށް ފަހު، ފޮށީގައި އިތުރު އެއްޗެއް އޮތްތޯ ބަލައިލިއެވެ. ރަހަފޮދެއް ފަދަ ތޫނު ޚަންޖަރެއްފަދައިން ދެމިޔަލީ ވަޅިއެއް އެ ފޮށީ ތެރޭގައި އޮތެވެ. ނީނާގެ ހިތަށް ބިރުވެރިކަން ވަދެގެން ވަރަށް އަވަހަށް އެ ފޮށި ލައްޕައިލައިފައި ނުކުންނާން ހިތަށްއެރިއެވެ. ނަމަވެސް މި ފަދަ އެހެން ފުރުޞަތެއް ނުލިބޭނެތީ، ދާއޫދު ނެތީސް އަދިވެސް ދާއޫދުގެ ހަގީގަތް އެނގޭތޯ އިތުރު ޝޫޓްކޭހެއް ހުޅުވައިލައިފިއެވެ. ނީނާ ދިޔައީ ތަރިބުރައިގެންނެވެ. އެއްވެސް ތަރުތީބެއްނެތި އެ ފޮށީގައި ފުރައި ހުރީ ފައިސާގެ ނޫޓުތަކެވެ. އެއްވެސް މީހަކަށް އޭގެ އަދަދު ވެސް އެނގޭނެޔެކޭ ހިޔެއް ނުވެއެވެ. ހަމަ އެކަނި ދިވެހި ފައިސާއެއްނޫނެވެ. އެމެރިކާ ޑޮލަރާއި އިނގިރޭސި ޕައުންޑެވެ. ސްވިޑިޝް ކްރޯނެވެ. އިޓަލީގެ ލީރާއެވެ. މެލޭޝިއާގެ ރިންގިޓެވެ. ޗައިނާގެ ޔުއާނެވެ. ޖަޕާނުގެ ޔެނެވެ. ސިންގަޕޫރު ޑޮލަރެވެ. މިހެންގޮސް ނީނާ އަޑު ވެސް ނާހާ އެތައް ޤައުމެއްގެ އެތައް ފައިސާއެކެވެ. ނީނާ ހިތަށް އެރިއެވެ. ޒަމާނީ އެތައް ގިނަ ވިޔަފާރިއެއް ހިންގާ މީހަކު، އަދި އެއްވެސް މީހަކު ގޭގައި ފައިސާ ނުގެންގުޅޭ މި ޒަމާނުގައި، މި ގޮތަށް އެއްވެސް އަގެއް ނެތް ގޮތުގައި ފައިސާތަކެއް ފޮއްޓަކަށް އުކައިލައިފައި ބަހައްޓައިފައި މިހިރީ ކީއްވެބާވައެވެ؟
ފައިސާ ފޮށި ލައްޕައިލުމަށް ފަހު، ތަންކޮޅެއް ފާރާ ކައިރީގައި ހުރި ފޮއްޓެއް ހުޅުވައިލާން ގަސްތުކޮށްގެން ފާރާ ކައިރިއަށް ޖެހިލި އިރު އެތާ ބިތުން ދެ ސުވިޗެއް ފެނިގެން އިތުރު އަލިކަމެއް ލިބޭތޯ ބޮތްކެއް ދިއްލޭތޯ ދެ ސުވިޗް ޖައްސައިފިއެވެ. ނީނާ ދިޔައީ ސިއްސައިގެންނެވެ. އަލިގަދަ ބޮތްކެއް ދިއްލުމާ އެކު ކުރިމަތީން ހުރި ފާރުން އެ ހުޅުވުނީ އެހެން ދޮރެކެވެ. އެ ދިމާއަށް ބަލައިލި އިރު އެ ދޮރުން ހުރީ އަޑިޔަށް ފައިބާ ކަހަލަ ސިޑިއެކެވެ. ނަމަވެސް ހިތަށް ވަން ބިރުވެރިކަމެއްގެ ސަބަބުން ސިޑީން އަޑިއަށް ފައިބާކަށް ނުކެރުނެވެ. އެ ތަނުގެ ނުރައްކާތެރިކަން ނުވިސްނޭތީއެވެ.
މިއީ ބޭރު ބަޔަކު ގެނެސްގެން މުޅި ގޯތި ބަންދުކޮށްގެން މި ދިޔަ އަހަރު ދާއޫދު ހެދި، ބިންގަރާހެއްކަން ނީނާއަށް ވިސްނިއްޖެއެވެ. އަދި ރަށުގެ އެއްވެސް މީހަކަށް ވަދެވޭ، އަދި ވަދެ އުޅޭ ތަނަކަށް ނުވާތީ، މި ތާގެ ޚަބަރު، ހަމަ އެކަކަށް ވެސް ނޭނގޭނެއެވެ. މަސައްކަތު ގެނައި މީހުން ވެސް އަންނަ ތަނެއް، ދާ ތަނެއް، ކާތަނެއް އެނގޭ މީހަކު މި ރަށަކު ނޫޅެއެވެ. އޭރު އަދި މިހާރު ވެސް މުންޑޫ މީހުން ހީކުރަނީ އެ މީހުން ކައްކައި ކައިބޮއި ހެދީ މި ތާ އެތެރޭގައި ކަމަށެވެ. ނަމަވެސް އެ ފަދަ ކަމެއް ނުހިނގާކަން ނީނާއަށް އެނގެއެވެ. ނީނާ ހީކުރަނީ ފަތިހުފަތިހާ ކާތަކެތި ހިފައިގެން އައިސްފައި މަސައްކަތް ނިންމުމަށް ފަހު، މަސައްކަތު މީހުން އެނބުރި ގަންފޮނަދޫ ސިޓީއަށް ދާކަމަށެވެ. އަދިވެސް އެ ކަމުގެ ހަގީގަތެއް ނީނާއަކަށް ނޭނގެއެވެ. ނީނާ އެ ކަން ބަލާކަށް ނުވެސް އުޅެއެވެ.
ކޮންމެއަކަސް ނީނާއަށް ކޮޓަރީން މި ފެނުނު ކަންތަކާ ހުރެ، ހިތަށް ބިރުވެރިކަން ވަދެއްޖެއެވެ. ދާއޫދަކީ ކޮން ފަދަ މީހެއްހެއްޔެވެ؟ ކޮން މީހެއްބާވައެވެ؟ ކޮން ތާކުން އައި ކާކުބާވައެވެ؟ ނުރައްކާތެރި މީހެއްބާވައެވެ؟ އިންސާނެއްބާވައެވެ؟ އަހަރެންގެ މުޅި ނަފުސު އެ މީހަކަށް މި ހަދިޔާކުރެވުނީ މި ފަދަ ނުބައި ނުލަފާ ޢަމަލުތަކެއް ހިންގާ އާދަމުގެ ދަރިއަކަށްހެއްޔެވެ؟ އަދި އޭނާއަކީ................
މި ފަދަ ތަފާތު ޚިޔާލުތައް ނީނާގެ ހިތުގައި ބިރުވެރިކަމާ އެކު ދައުރުވާން ފަށައިފިއެވެ. އަދި އެ ކޮޓަރީގައި ދެން އެންމެ ހިނދުކޮޅަކު ވެސް މަޑުކުރުމަކަށް ނީނާގެ ޒަމީރު ތަނެއް ނުދިނެވެ. އަދި އެ ނުރައްކާތެރި ތާނގައި އެންމެ ހިނދުކޮޅަކަށް ވެސް ނުހުރެ، ދާއޫދު ނާންނަނީސް އަވަހަށް ނުކުންނާން ގަސްތުކޮށްފިއެވެ. އެ ވަގުތު ބޭރުން މީހެއްގެ ފިޔަވަޅުގެ އަޑު އިވުމުން ނީނާ ފިހާރައިގައި ނެތީމާ ހޯދާންވެގެން މޫސާފުޅުބޭ އުޅެނީކަމަށް ހީކޮށް އަވަހަށް ބޮކި ނިއްވައިލުމަށްފަހު ދޮރުހުޅުވައިލިއެވެ. ނީނާއަށް ހީވީ ފައިތިލަ ދަށުން ބިންގަނޑު ދެމިގަތް ހެންނެވެ. ހިތް ނެގިނެގިފައި ޖެހޭން ފަށައިފިއެވެ. ދޮރުގެ ދެފަރާތުގައި ދެއަތްއަޅައިގެން ފާޑަކަށް ހެވިފައި އެހެރީ ދާއޫދެވެ. ފެންނަ ފެނުމަށް ނުހަނު ރީތި، ހިތްގައިމު އިންސާނެކެވެ.
ނީނާއަކަށް ހަދާނެ ނަހަދާނެ ގޮތެއް ނޭނގުނެވެ. ބިރުން މުޅި މީހާ ތުރުތުރުއަޅާން ފަށައިފިއެވެ.
[ނީނާ! ކޯއްޗެއް ފެނުނީ މި ތަނުން؟] ދާއޫދު ވަރަށް ހަމަޖެހިލައިގެން ހުރެ، ސުވާލުކުރިއެވެ. [ފައިސާ ހުރިތަ]؟
އެ ސުވާލަށް ޖަވާބެއް ނުދީ ނުކުމެވޭތޯ ނީނާ މަސައްކަތްކުރިއެވެ. ނީނާއަށް ޙަރަކާތެއް ނުކުރެވުނެވެ.
[ނީނާ! ދެން އެހާ އަވަހަށް ނުކުންނާން އުޅޭނެ ކަމެއް ނެތް. ތިހިރީ އަހަރެންގެ ސުވަރުގޭގައި.] ދާއޫދު ވާހަކަދައްކަމުން ގެންދިޔައެވެ. [ނަސީބެއް، އަމިއްލަޔަށް މަގޭ ނަރަކައަށް ނުވަންކަން. އެ ތަނަށް ވަން ނަމަ، ނުއެއް ނުކުމެވުނީސް.]
ނީނާގެ އިޚުތިޔާރެއް ނެތް ކަހަލައެވެ. އަނގައަކުން ނުބުނެއެވެ. (ނުނިމޭ)