ad_banner
އިންސާފު (5)

އަސްމާ އަބޫބަކުރު

12 އޮކްޓޯބަރު 2025

އިންސާފު

(2025 ސެޕްޓެންބަރު 28ގެ ޢަދަދާ ގުޅޭ)

ނިކަމެތީންނަކަށް އެ ވަރުގެ ފީއެއް ދައްކައިގެން ކިޔެވޭ ގޮތަށް ނެތަސް މީގެ ކުރީން ވެސް އެ ފަންޑު އޮތެވެ. އެކަމަކު އެއްވެސް ޕްރިންސިޕަލަކު އެ ފަންޑުން ޚަރަދެއްނުކުރެއެވެ. މިހާރުގެ ޕްރިންސިޕަލް އެ ކަންކަމަށް ވިސްނައި ކުރެވެން އޮތް އެންމެ ރަނގަޅު ގޮތަށް ކަންކުރެއެވެ. ސްކޫލް ކުރިއެރުވުމަށް ގިނަ ކަންތައްތަކެއް ކުރެވެމުންދެއެވެ.

އައިޝާއަށް ސްކޫލަށް ވުރެ މައްސަލަތައް ގިނައީ ގޭގައެވެ. އެ ގޭގައި ހިނގަމުންދާ އެތައް ކަމެއް އައިޝާގެ ލޮލަށް ފެނުނަސް ހުންނާންޖެހެނީ ނުފެންނަކަމަށް ހަދައިގެންނެވެ. އަދި އޭނާއާ ދެކޮޅަށް އެ ގޭތެރޭގައި ހިނގާ ކޮންމެ ކަމަކަށް ހުންނާންޖެހެނީ ހަނގުރާމައަށް ތައްޔާރު ވެގެންނެވެ. އެ ގެއަށް އައި ދުވަހުން ފެށިގެން ފިނި ހަނގުރާމަކުރެވެމުން ދާތާ ދުވަސްކޮޅެއް ވެއްޖެއެވެ. އައިޝާއަށް މީރާ އުޅޭ ގޮތުން ގިނަ ކަންކަމުގައި ޝައްކުތަކެއްވެއެވެ.

ރޭގަނޑުގެ ވަގުތެވެ. މީރާ ހުރީ ކޮޓަރީގެ ކުޑަދޮރު ހުޅުވައިގެން ފޯނުން ވާހަކަ ދައްކާށެވެ. އައިޝާގެ ކޮޓަރި ކުޑަދޮރު ހުޅުވައިލެވުނީ އެ ދޮރުގައި ވަޔަށް އެއްޗެއް ތެޅޭހެން ހީވާތީ ބަލައިލާންވެގެންނެވެ. އެ ވަގުތު އައިޝާއަށް އިވޭން ފެށީ މީރާގެ އަޑެވެ.

"ނާއިފް ދައްކާ ވާހަކަ. އަހަރެން ރީއްޗެއް ނޫންތަ؟ އާން. ބުނެފިއްޔާ ބުނި ތާކަށް ދެވިދާނެ." އެ އިވުނު އަޑުން ނާއިފް ކިޔާ މީހަކާ އެ ދައްކަނީ ރަޙުމަތްތެރިކަމުގެ ވާހަކަ ނޫންކަން ދޭހަވެއެވެ. ފޯނު ބާއްވަމުން މީރާ ގަޑިކިޔައި އެ ގަޑިއަށް ދާނެކަމަށް ބުނި އަޑު ވެސް އިވުނެވެ.

ޖަމީލާ ގޭތެރެއިން ފެންނާން ނެތުމުން އައިޝާއަށް ބަލައިލެވުނީ މޭޒުމަތީ ބެހެއްޓި ބޭސްތައް ހުރިތޯއެވެ. އެ ބޭސްތައް ވެސް ނެގި ގޮތަށް ހުއްޓައި ފެނުމުން މިއަދު މާޒިންގެ މަންމަ ކޮޓަރީން ނުނިކުންނަކަން އެނގުނެވެ. މާޒިންގެ މަންމަ ގިނަ ވަގުތު ހޭދަކުރާނީ ގޭތެރޭގައެވެ. މިއަދު މީރާ ވެސް ފެންނާކަށް ނެތެވެ. އައިޝާ ގޮސް ކޮޓަރިއަށް ވަން އިރު މާޒިން އެނދުގައި އޮށޯވެލައިގެން ފޯނާ ކުޅެން އޮތެވެ. އައިޝާ ފެނުމުން ބަނޑުހައި ކަމުގެ އިހްސާސް މާޒިނަށްކުރެވުނެވެ.

"އައިޝާ އަންނަންދެން ނުކައި މިހުރީ ވަރަށް ހައިވެއްޖެ. ހިނގާ އަވަހަށް ކާން ދަމާ." މާޒިން އެހެން ބުނުމުން އައިޝާ މާޒިންއާ ދިމާއަށް ފަރުވާތެރިކަމާއެކު ބަލައިލިއެވެ.

"ބައްޕަ ރަށުން ބޭރުގައި އުޅޭ އިރު މާޒިން ބަލައިލީންތަ މަންމަގެ ޙާލު. މިއަދު މަންމަ ކޮޓަރީން ނުވެސް ނިކުމޭކަން ނޭނގެ. އަހަރެން އިސްކޫލަށް ދިޔައީ ބޭސް ނަގައިދީފައި. އަދިވެސް އެ ހުރީ ސިޓިންގ ރޫމްގެ މޭޒުމަތީގައި. މީރާ ނެތް ފެންނާކަށް ވެސް. ހިނގައިބަލަ ދާން މަންމަގެ ގާތަށް" މާޒިން ގޮސް މަންމަގެ ކޮޓަރިއަށް ވަނުމުން އައިޝާ ވެސް އެ ކޮޓަރިއަށް ވަންނާން އުޅުނެވެ. އެކަމަކު ޖަމީލާ އެ ކަމަށް ހުރަސްއެޅިއެވެ. އޭރު ވެސް ޖަމީލާ އޮތީ އޮށޯވެގެންނެވެ. މޫނުމަތި ބަލައިލުމުން ހުންއައިސްގެން ތެދުވާން ނުކެރިގެން އޮތްކަން އެނގެއެވެ.

"މާޒިން. އެބަ އަންނަން ކުރުނބާ ފެންތަށްޓެއް ހިފައިގެން." އައިޝާ ދިޔައީ ބަދިގެ ފަރާތަށެވެ. އޭރު ކާކޮޓަރީގެ ތެރޭގައި ބޭރު މީހާ ހުއްޓާ އައިޝާއަށް ފެނުނެވެ.

"ފާރޫގު ބާއީ. ކުރުނބާ އެބަ ހުރިތަ؟" އައިޝާ އެހެން އެހުމުން އެމީހާ ގޮސް ކުރުނބާ ގެނެސްދިނެވެ.

"ތިޔަ ކުރުނބާ ހަދައިފައި ފެންތަށްޓެއް ދީބަލަ." މާގިނަ އިރުތަކެއް ނުވެ، އެ މީހާ ކުރުނބާ ފެންތަށި ދީފިއެވެ.

"ދައްތާ މެޑަމް މިއަދު ނާންނަނީ ސައިބޯން ވެސް. މީރާ މެޑަމް ބުނީ އަޅައިނުލާށޭ." ފާރޫޤު އެހެން ބުނުމުން އައިޝާ ހައިރާންވިއެވެ. މަންމައާ މެދު މީރާ ކަންތައް ކުރި ގޮތުންނެވެ. އެ ފެންތަށި ހިފައިގެން ގޮސް މާޒިން އަތަށް ދިނުމުން މާޒިން މަންމައަށް ދިއްކޮށްލުމުން ތެދުވެ ފެންތަށި ބޯންފެށިއެވެ. އެ ވަގުތު އައިޝާ ގޮސް މަންމަ ކާންޖެހޭ ބޭސްތައް ގެނެސް މާޒިން އަތަށް ދިނެވެ. ކޮންމެ ދުވަހަކު އެ ބޭސް ކާންޖެހޭނެކަމަށް މާޒިން ބުނުމުން ޖަމީލާ އެއްޗެއް ނުބުނެ ބޭސް ކައިފިއެވެ. 

ޑޮކްޓަރަށް ދައްކާން ދާން މާޒިން މަންމަ ގާތުގައި ބުނުމުން އެ ކަމަކަށް އެއް ބަހެއް ނުވިއެވެ.

"މި ދެން މާ ބޮޑުކަމެއް ވެސް ނޫން. ދެ ދުވަހެއްގެ ތެރޭގައި ރަނގަޅު ވެދާނެ. އެވަގުތު އައިޝާ ކުޑަރުމާލެއް ތެންމައިގެން ގެނެސް މާޒިންއާ ޙަވާލުކުރިއެވެ. މަންމަގެ ނިތްކުރިމަތީ ބާއްވާން ބުނުމުން އެއްޗެކޭ ނުބުނެ މި ފަހަރު ޖަމީލާ އޮށޯވެއްޖެއެވެ. މާޒިން މަންމަ ގާތުގައި އިނުމުން ޖަމީލާ އޮތީ ހިތްހަމަޖެހިފައެވެ.

"ދަރިފުޅު ކައިފިންތަ؟" ޖަމީލާ އެހިއެވެ.

"ނޫނޭ. ކާންދާން އުޅެނިކޮށް އެނގުނީ މަންމަ މިއަދު ނުނިކުންނަކަން. އެހެންވެ އަވަހަށް މަންމަ ގާތަށް މިއައީ."

" ކާކު ބުނީ." ޖަމީލާ ކަންބޮޑުވެގެން އެހެން އެހީ މީރާއަށް އޭނާ ބަލިކަން ނޭނގޭނެތީއެވެ. މީރާ މިއަދު އަދި ޖަމީލާގެ ލޮލަކަށް ނުފެނެއެވެ. މީނާވީ ސްކޫލުގައެވެ.

"އައިޝާ. ކޮންމެ ދުވަހަކު މަންމައަށް ނަގައިދޭ ބޭސްތައް ނުކައި ހުރުމުން އައިޝާއަށް އެނގިއްޖެ މަންމައަށް ކަމެއް ވެއްޖެކަން." މާޒިން ވާހަކަ ދެއްކުމުން ޖަމީލާއަށް ލިބުނީ އިތުރު ހައިރާންކަމެކެވެ. ޖަމީލާ ހީކޮށްގެން ހުންނަނީ ކޮންމެ ދުވަހަކު ބޭސް ނަގައިދެނީ މީރާކަމަށެވެ.

"ދަރިފުޅުދޭ އަވަހަށް ކާން. ކައިގެން އަންނައްޗޭ." މަންމަ އެހެން ބުނުމުން މާޒިން ކާން ދާންވެގެން ކޮޓަރީން ނިކުތެވެ. އެވަގުތު މީރާ އައިސް ގެއަށް ވަންނަނީއެވެ. މީރާގެ ފަހަތުން ނަޒުވާ އައިސް ވަނެވެ.

"ނަޒުވާ. ކޮންދަތުރެއް. ހާދަ ދުވަހެއްކޮށްފައި ތިއައީ." މާޒިން އެހެން ބުނުމުން ނަޒުވާ ހޭން ފަށަފައި ބުނެލިއެވެ.

"ބޮޑުދައިތަ ނުފެންނަތާ ގިނަދުވަސްވީމަ ދެކިލަން މިއައީ. މީރާ ވެސް ކިޔާނެ ގުޅާ އިރަށް އަންނާށޭ. އެހެންވެ އަންނަ ހިތްވީ. މިގެއަށް އައިމާ ރެސްޓެއް ވެސްލިބޭނީ. ރަށުގައި އަބަދު އުޅޭން ޖެހޭނީ ބަދިގޭގައި." ނަޒުވާ ފައްޗަކަށް ވާހަކަގަނޑު އަމުނައިލިއެވެ.

ހަވީރު ހަތަރެއްޖަހައިފިއެވެ. ޖަމީލާއަށް ބޭސްދީ، ފެން އުނގުޅުމުން ހުން މަޑުވެލައިފިއެވެ. މި ވަގުތު އޮތީ ނިދިފައެވެ. މާޒިން ބޭނުންވީ ބައްޕައަށް ގުޅާށެވެ. އެކަމަކު ޢައިޝާ އެ ކަން މަނާކުރިއެވެ. ބައްޕަ ބޭރުގައި އުޅެނިކޮށް މަންމަ ބަލިކަން އެންގުން ރަނގަޅެއްނުވާނެކަމަށް ބުނެއެވެ. މަންމަ ރަނގަޅުވީމާ ގުޅާން ބުނެފައި އައިޝާ ދިޔައީ ގޭތެރޭގެ ކަންކަން ބަލައިލުމަށެވެ.

މީރާ އައިސް ކޮޓަރިއަށް ވަންގޮތަށް ނަޒުވާއާ އެކު ވާހަކަދެއްކުމުގައި އެތައް އިރެއް ވަންދެން އިނެވެ. މީނާ އައިސް މީރާގެ ކޮޓަރިއަށް ވަނުމުން ފިލާވަޅު ދަސްކުރަންދާށޭ ބުނެ ފޮނުވައިލިއެވެ. އެ ވަގުތު މީނާ ގޮސް މަންމަގެ ކޮޓަރިއަށް ވަނެވެ.

"މަންމާ. މިއަދު ބޭރަށް ވެސް ނުނިކުންނަ ދުވަހެއްތަ؟ ދޮންތަ އެބައުޅޭ ނަޒުވައްތަ ގޮވައިގެން އައިސް." އޭރު ޖަމީލާ އިނީ އެނދުގައި އިށީނދެގެންނެވެ. މީރާއާ މެދު ވިސްނުމުގައެވެ. ޖަމީލާ ބަލިވުމުން ވެސް އަޅައިނުލައި މީރާ އެ އުޅެނީ ކިހިނެއްވެގެންކަމެއް ނޭނގެއެވެ. ޖަމީލާއަށް މިއަދު އެނގުނީ އައިޝާ ރަނގަޅުކަމާއި ކިޔަމަންތެރިކަމެވެ.

ގޮތްދޫނުކުރުމަކީ ބައެއް މީހުންގެ ކަށީގައި ހިފައިފައި ހުންނަ ކަމެކެވެ. އޭގެ ތެރެއިން އެކަކީ ޖަމީލާއެވެ. ޖަމީލާއަށް އައިޝާ ކަމުނުދާނެކަމަށް ކިޔައިދިނީ ވެސް މީރާއެވެ. އެއަށް ފަހު މީރާ ހުންނަނީ ޖަމީލާގެ ފަހަތުގައެވެ. އައިޝާގެ ގޯސް ވާހަކަދެއްކުމުގައެވެ. އަބަދު އެހެން ކިޔައިކިޔައި ޖަމީލާއަށް މާނަނެގިފައި ވަނީ އިވޭ އަޑެއްގެ މައްޗަށް ބިނާކޮށެވެ. ހަގީގަތް ބެލުނު ނަމަ އައިޝާގެ ގޯސްކަމަކަށް ވުރެ ފެންނާނީ ހުސް ރަނގަޅު ކަންކަމެވެ. މިހާރު ޖަމީލާ އެ ހުންނަނީ ބުނެވުނު ބަހުގައި ހިފެހެއްޓުމުގެ ގޮތުންނެވެ.

ދޭތެރެއަކުން ރަމީޒު އައިސް އައިޝާއާ ދިމާކުރެއެވެ. އެހެންނަމަވެސް ރަމީޒާ ދިމާއަށް އެއްވެސް އެއްޗެއް ނުބުނެ ވޭތޯ އައިޝާ ބަލައެވެ. އެ ކަން ސިއްރުކުރިކަމުގައި ވިއަސް އައިޝާގެ މަންމައަށް އެވާހަކަތައް ކިޔައިދެއެވެ. ދުވާލަކު އެއް ފަހަރު މަންމަ އަށް އައިޝާ ގުޅައެވެ. ވާހަކައިގެ ތެރެއިން ހިތަށް ހަމަޖެހުމެއް ލިބެނީ އައިޝާ މަންމަ ގާތުގައި އެ ކަހަލަ ވާހަކަތައް ހިއްސާކުރުމުންނެވެ. މާޒިން ގާތުގައި ނުދައްކަނީ އެ ޢާއިލާގެ މަސްލަހަތަށް ޓަކައިކަމުގައި އައިޝާ ބުންޏެވެ.

މާޒިން ތަމްރީނަށް ރާއްޖެއިން ބޭރަށް ހިނގައްޖެއެވެ. މަސް ދުވަހަށް އެ ދަތުރުގައި މާޒިން ދާކަށް ބޭނުމެއް ނުވެއެވެ. ނަމަވެސް އައިޝާ ދެކޭ ގޮތުގައި ކުރިމަގު ބައްޓަންކުރުމަށް އަބަދުވެސް ތަޢުލީމާއި ތަމްރީނު ބޭނުންވާނެއެވެ. މާޒިނަށް އެ ދަތުރު ނުގޮސް ވާނެ އެއްވެސް ގޮތެއް ނޯންނާނެއެވެ. އެއީ އައިޝާ ހަމަޖެއްސި ދަތުރެއް ނޫނެވެ. މާޒިން ބޭނުންވެގެން މާކުރިން އެޕްލައިކުރި ތަމްރީނެކެވެ. މުވައްޒަފުންގެ އެފަދަ ކުރިއެރުންތަކަށް ޕްރިންސިޕަލްގެ ހައިސިއްޔަތުން އައިޝާ މަރުޙަބާކިއެވެ.

މާޒިން ފުރައިގެން ދިއުމާ އެކު މީރާގެ ޕްލޭނަށް ޢަމަލުކުރާން ފެށުނެވެ. އައިޝާއަށް ޖެއްސުންކުރުމުގެ ގޮތުން އެތައް ކަމެއް ކުރިއެވެ. އައިޝާ އަނގައިން ނުބުނެ ހުންނަނީ މާބޮޑުކަމަކަށް ނުވާތީއެވެ. އަބަދު އަނގައިން ނުބުނެ އެހެން ހުއްޓައި ފަހުން އަންނަ ތޫފާން މާވަރުގަދަ ވާނެކަމުގައި އައިޝާގެ ހިތް ބުނަމުން ދިޔައެވެ. އެ ކަމަށް ވިސްނައި އައިޝާ ކޮޓަރީގައި ކެމެރާއެއް ހަރުކުރިއެވެ. އައިޝާ ގޭގައި ނޫޅޭ ވަގުތު މީރާ ކޮށްފާނެ ކަމަކަށް ޓަކައެވެ.

ކެމެރާއިން ފުރަތަމަ ދެ ދުވަހު އެއްވެސް ކަމެއް ހިނގިކަމަކަށް ނުފެނެއެވެ. އެހެންނަމަވެސް ތިންވަނަ ދުވަހު މީރާއާއި ނަޒުވާ އެ ކޮޓަރިއަށް ވަން ތަން ކެމެރާއަށް އަރައިފައި ހުއްޓެވެ. (ނުނިމޭ)

ކޮމެންޓު