ad_banner
ތާރީޚުން ނުރަނގަޅު މެސެޖު ދިނުން: ދުނިޔޭގައި މޮޅު ކަންކަންކުރެވެނީ ހަމައެކަނި ވަކި ބަޔަކަށްހެއްޔެވެ؟

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

4 އޮކްޓޯބަރު 2025

ގެމަނަފުށީ ކުޑަކުޑަ އައިޒަން އުފެއްދި ރޭސްކާރު (ފޮޓޯ: ޑރ. ޣަފޫރުގެ އެފުބީ ސަފުހާ)

ވަރަށް ގިނަ ފަހަރުފަހަރު ތާރީޚު އޮޅުވައިލެވިފައި އޮންނަ ތަން ފެނެއެވެ. ޚާއްސަކޮށް، ދުނިޔޭގައި މޮޅުކަންކަން ކުރެވެނީ ހަމައެކަނި ވަކި ބަޔަކަށްކަން ދައްކާން ތާރީޚުގެ ވާހަކަތައް ކިޔައި ދެވެއެވެ. (މިއީ މަޝްހޫރު ބަހުގެ ޢިލްމުވެރިޔާ ނޮއެމް ޗޮމްސީއަށް ނިސްބަތްކުރެވޭ ބަސްކޮޅެކެވެ.)

މި ފަދަ ގޮތެއްގައި މާޒީގެ ވާހަކަތައް ގެނައުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ އާންމު މީސްތަކުންގެ ގާތުގައި އެ މީހުންނަށް އެއްވެސް މޮޅު ކަމެއްކުރުމުގެ އެކަށޭނަކަން ލިބިފައި ނެތް ވާހަކަ ބުނުމެވެ. ގައުމު ބަދަލުކޮށްލުމުގެ ހެޔޮ ކަމެއްކުރުމަށް އެ މީހުން ނުކުޅެދިފައިވާކަން ބުނެދިނުމެވެ. އެހެންވީމާ އާންމުން ކުރާންޖެހެނީ ކޮންކަމެއްހެއްޔެވެ؟ މިހާރު ވެސް ކަން ހިނގާ ގޮތް ބަލައިގަނެގެން ތިބުމެވެ. އެ ގޮތް ބަދަލުކޮށްލާނެ 'މޮޅު' މީހާ ފަހުން އަންނާނެކަން ގަބޫލުކޮށްލައިގެން ވެސް ތިބުމެވެ. މިހެން ތިއްބައި މުޅި ތަނުގެ ޚައިރާތުތައް މަދު ބަޔެއްގެ މުށު ތެރެއަށް ލަމުންގެންދެއެވެ!

އާދޭހެވެ! މޮޅެތިކަންކަން ކުރެވޭނީ ވަކި ބަޔަކަށެވެ. ވެރިކަމުގެ ކޮއިލުގެ ތެރޭގައި ހިމެނޭ މީހުންނަށް އެކަންޏެވެ. މި ކަމަށް އިޝާރަތްކޮށް އަޅުގަނޑުމެންގެ ޅެންވެރިޔަކު ވިދާޅުވެފައި އޮވެއެވެ:

[މީ ނުބައި ރޯގާއެކޭ މުޅި ދީބުގައި އޮތް ފެތުރިފައި

          ހީނުވާ ފަދަ  ޒަޚަމްތައް އޭގެ  ސަބަބުން  އުފެދިފައި

ފެތުރެމުން ވާރުތަވަމުންދާ އެހެނި ހެން ބަލިތައް ފަދައިން

          މެތުރުމުން ވެސް ނެތި ލުޔެއް މިވަނީ ދަވާއެއް ނުލިބިފައި

އިހުތިރާމާ ގަދަރު ދެވުމޭ ހަމައެކަނި މޫނަށް ބަލައި

          ސިހުނަކަސް ބުނުމުން މިހެން، މީ އޮތް ގޮތޭ ކަންތައްވެފައި

ރީތި ނަމުގައި ފާޅުވާނީ ހޮވުނު ވަކި ވަކި ނަންތަކޭ

          ރީތި އަމަލުން ފުރުނުނަމަވެސް ދެވަނަބައިވީ ފަނޑުވެފައި

ކުރެވިދާ ފަދަ ކަންތައް މޮޅަސް، އޭގެ ފައިދާ މާ ބޮޑަސް

          ހުރުމަތެއް ނޯވޭ އެ ކަމަކަށް ހިތްތަކެއްގައި އުފެދިފައި

ލާބަޔާ މަންފާ ދެނިވި ބަސްތައް އަބަދު އިއްވިޔަސް

          ސާބަހެއް ނުލިބޭނެޔޭ އޭނާ ވުމުން  އެކަހެރި ވެފައި]

މި ޅެމުގެ ބައިތުތަކުން ދޭހަވާ މާނައިގެ ތެދުކަން ފެންނަ ކަމެއްގެ ވާހަކަ ލިޔެލާނަމެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ލިޔެވުނު، ކީރިތި ގުރުއާނުގެ އެންމެ ތަފުސީލު ތަރުޖަމާއާއި ތަފުސީރަކީ މަރުހޫމު މަލިންގޭ ހުސެންދީދީ ލިޔުއްވި ކީރިތި ގުރުއާނުގެ ތަރުޖަމާއާއި ތަފުސީރެވެ. އާދައިގެ ފޮތެއްގެ ސައިޒުގެ ސަތާރަ ޖިލްދުގެ މައްޗަށް އެކުލެވޭ ތަރުޖަމާއަކާއި ތަފުސީރެކެވެ. މި ފޮތް އޭނާ ލިޔުއްވައި ޝާއިއުކުރެއްވީ 1957ގައެވެ. ނަމަވެސް، މިއީ އޮތް ފޮތެއްކަން ވެސް އެނގި، ދިވެހިންގެ ތެރޭގައި މި ފޮތް އާންމުވީ 2000ގެ އަހަރުތަކުގެ ތެރޭގައި މި ފޮތް ނޮވެލްޓީއިން ޗާޕުކޮށްގެން ނެރުމުންނެވެ.

އާދޭހެވެ! ޅެން ބައިތުގައި ބުނެފައި އޮތް ފަދައިން 'އިހުތިރާމާއި ގަދަރު މޫނަށް ބަލައި' ދެވުމުގެ ނަތީޖާއެކެވެ. 'ލާބަޔާ މަންފާކުރުވަނިވި ބަސްތައް އަބަދު އިއްވިޔަސް، މީހާއަކީ އެކަހެރިކޮށްލެވި، އާދައިގެ މީހަކަށް ހަދައިލެވިފައި ވުމުން، އޭނާގެ މަސައްކަތުގެ އަގު ވަޒަންކޮށް އޭނާއަށް ކުޑަ ޝުކުރެއް ވެސް އަދާކުރާނޭ މީހަކު ނެތީއެވެ! އެހެންވެ، މަލިންގޭ މަރުހޫމު ހުސެންދީދީގެ ތަރުޖަމާއާއި ތަފުސީރުގެ މަސައްކަތަކީ ކިތަންމެ އަގުހުރި މަސައްކަތަކަށްވި ކަމުގައި ވިޔަސް، އަދި 'އޮކްސްފޯޑުގެ ގުރޭޖުއޭޓަކަށް އޭނަ ވެވަޑައިގެންފައި ނެތަސް'، އަދި އެއީ އެ ބާވަތުގެ އެންމެ ފުރަތަމަ މަސައްކަތްކަމުގައި ވިޔަސް، ރާއްޖޭގެ އެއްވެސް ސަރުކާރަކުން އެ ކަން ފާހަގަކޮށް، އަޅުގަނޑުގެ ނަޒަރުގައި އޭނާއަށް ހައްގު، އެއްވެސް ގައުމީ އިނާމެއް ނުދެވެއެވެ. މާތްﷲ މަލިން ހުސެންދީދީގެ ފާފަފުއްސަވައި، އޭނާގެ މި ހެޔޮ އަމަލަށް، އެންމެ ފުރިހަމަ ގޮތުގައި، ހެޔޮ ޖަޒާދެއްވައި އޭނާގެ އާޚިރަތް ބާއްޖަވެރިކުރައްވާށިއެވެ! ތިޔަ އެންމެ ހައި ބޭފުޅުން ވެސް އޭނާއަށް ހެޔޮ ދުއާކުރުމަށް އެދެމެވެ.

ދެން ވެސް ފެންނަނީ ހަމަ މި ކަހަލަ މަންޒަރުތަކެވެ. އަޅުގަނޑުމެންގެ ބައެއްގެ ނަޒަރުގައި، ކީރިތި ގުރުއާނުގެ އިބާރާތެއް ބޭނުންކުރާ ނަމަ، 'ނިއްދުން'، ކުދި އިލާހުންކަމުގައި ދެކޭ މީހުން ކިތަންމެ ކަނޑުކޮސް ވާހަކައެއް ދެއްކިޔަސް އެ ވެގެންދަނީ ހައްގު ތެދަށެވެ. މިސާލަކަށް، 'ބުރިޖެއް ނޭޅޭނޭ، އެ ބުރިޖު އަޅާނޭ މުހަންދިސުން ކޮބައިހޭ، ފައިސާ ކޮބައިހޭ'، ގޮވައި ހެދި ބައެއް ވެސް އުޅުނެވެ. ދެން، ބުރިޖުއެޅުމުން، ބުރިޖަށް ނާރާންކަމަށް، ހުޅެލެއިން މާލެއަށް ކަނޑު މަގުން އައި ބައިގަނޑެއް ވެސް ފެނުނެވެ. އަދި، ކޮރަޕްޝަނާއި ގަތުލުތަކުގެ ޝަރީއަތުގެ މައްސަލަތައް ހައްލުކުރުމާއި އަދި ޑުރަގުގެ ވަބާއިން ވެސް ދިވެހި މުޖުތަމައު ސަލާމަތްކުރުމުގެ ފުރުސަތު ލިބުމުން އެ ކަން ނުކޮށް، ދެން، ފަހުން އެ ކަން ކުރުމުގެ ވާހަކަ ދެއްކުމުން ވެސް، އެއީ 'ކޮއިލު ތެރޭ ބޮޑުންނަށް ބަލައި'، އެ ކަން ކުރެވޭނީ ހަމައެކަނި އެ ފަދައި ކޮއިލުތެރޭ މީހުންނަށްކަން ގަބޫލުކޮށްގެން އަމިއްލައަށް ނުކުޅެދިފައި އަހަރުމެން ތިބީމުއެވެ.

ނަމަވެސް، މި ގޮތް ބަދަލުކޮށްލާން ވެއްޖެއެވެ. ކޮންމެ މީހަކީ ވެސް، އެ މީހެއްގެ ސިކުނޑި ތަރައްގީކޮށް، ވިސްނުން ކުރިއެރުމުގެ ގާބިލުކަން ލިބިގެންވާ މީހެކެވެ. ކޮންމެ މީހަކަށް ވެސް އޮތީ އެ ކަން ކުރުމެވެ. ކިޔެވުމެވެ. ކިޔުމެވެ. ދެން، ހެޔޮ، މޮޅެތިކަންކަން ކުރުމުގެ ގާބިލުކަން ހަމަ ކޮންމެ މީހަކަށް ވެސް ލިބޭނެއެވެ. ކޮންމެހެން އެތެރެކޮއިލުގެ މީހަކަށް ވާކަށް ނުޖެހެއެވެ. އިހަށް ދުވަހު، ރޭސް ކާރެއް އަމިއްލައަށް އުފެއްދި ގެމަނަފުށީ ކުޑަ އައިޒަން އެ ސާބިތުކޮށްދިނީ މި ކަމެވެ!

ކޮމެންޓު