އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
24 އޭޕްރިލް 2025
އަޅުގަނޑުގެ ލިޔަމުން މި ގެންދާ [ކޮލަމް ހަމަ] މި ސިލްސިލާގެ ބޭނުމަކީ ނޫހުގައި ލިޔުއްވާ ޒުވާން ހުނަރުވެރި މުރާލި ލިޔުންތެރީން ގަވާއިދަށް އަހުލުވެރިކުރުވުންކަމަށް ވާތީ، ކުށް ޢިބާރާތް ނަކަލުކުރީ ކޮން ނޫހަކުންކަމެއް އަޅުގަނޑު ބަޔާނެއްނުކުރަމެވެ. އެހެނީ އަޅުގަނޑުގެ ހަގީގީ ބޭނުމަކީ، ނޫސްތަކުން ފާހަގަކުރެވޭ ކުށް ޢިބާރާތް ލިޔެ، އެ ޢިބާރާތުގެ ރަނގަޅު ގޮތް، ސަބަބާ އެކު، ބަޔާންކުރުމެވެ.
މިއަދުގެ މަގާލުގައި ބަލައިލާނީ ނޫހެއްގައި އޮތް އެންމެ ޖުމުލައެއްގެ މައްޗަށެވެ. އަޅުގަނޑުގެ މި ލިޔުމާ މެދު، ފަހި ނަޒަރަކުން ވިސްނައިވަޑައިގެން ލިޔުންތައް އިޞްލާޙުކުރައްވާން ހުރިހައި ބޭފުޅުން ވެސް މަސައްކަތްޕުޅުކުރެއްވުމަކީ އަޅުގަނޑުގެ އިޚުލާޞްތެރި އުންމީދާއި މަގުސަދާއި ނިޔަތެވެ.
މިއަދު އަޅުގަނޑު ނަކަލުކޮށްލީ ނޫހަކުން ފެނިފައިވާ އެންމެ ޖުމުލައެކެވެ. އެއީ [މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދަތުރުފަތުރު ކުރުން ހުއްޓާލަން ވަނީ އަންގައިފައެވެ.] މި ޖުމުލައެވެ.
މި ޖުމުލައިން އަޅުގަނޑު ދެތިން ކުށެއް ފާހަގަކޮށްލާނަމެވެ. ފުރަތަމަ ކުށަކީ މި ޖުމުލައިގައި މި އޮތް "މާލެ" އެވެ. މި ދެންނެވީ ބައެއް ބޭފުޅުންނަށް ގަބޫލުފުޅުކުރައްވާން ދަތިފުޅު ވާހަކައެއް ނަމަވެސް މި ޖުމުލައިގައި މި އޮތް "މާލެ" މި ލަފުޒުގެ ފަހު އަކުރުގައި ޖަހާންޖެހޭނީ އެބެފިއްޔެއް ނޫނެވެ. އެކަމަކު އޭބޭފިއްޔެވެ. ސަބަބަކީ އެ ޖުމުލައިގައި އެ އޮތް މާލެއަކީ "ސަރަހައްދު" މި ލަފުޒުގެ ނަންއިތުރެކެވެ. އެ ސަރަހައްދު ނިސްބަތްވަނީ މާލެއަށްކަން ދޭހަކުރުމަށް ޓަކައި އެ ޖުމުލައިގައި އެ އޮތް "މާލެ" މި ނަމުގެ ފަހަތަށް ނިސްބަސްކުރުމުގެ "ގ" އިތުރުކުރެވެއެވެ. ނަމަވެސް އެބެފިއްޔަށް ނިމޭ މި ފަދަ ލަފުޒުގެ ފަހަތަށް މި ގޮތަށް އިތުރުކުރެވޭ "ނިސްބަތްކުރުމުގެ، ނުވަތަ މިލްކުވެރިކަން ދޭހަކޮށްދިނުމުގެ ގާފު"ގެ ފިލި، ކުރީ ލަފުޒުގެ ފަހު އަކުރަށް ބަދަލުކުރުމާ އެކު، މި ގާފު ވަންހަނާވެއެވެ. އޭރުން "މާލެ+ގެ" ބަދަލުވާނީ "މާލޭ"އަށެވެ. އެހެންކަމުން މި ފަދަ ތަންތަން ލިޔެކިޔައި އުޅޭން ރަނގަޅު ހަމަ ގޮތްގޮތަކީ:
· މާލޭ ސަރަހައްދު (އަސްލަކީ: މާލެ+ގެ ސަރަހައްދު)
· މާލޭ މަސްމާރުކޭޓު (އަޞްލަކީ މާލެ+ގެ މަސްމާރުކޭޓު)
· ބަދިގޭ ސާމާނު (އަޞްލަކީ: ބަދިގެ+ގެ ސާމާނު)
· މިގޭ އެންމެން (އަޞްލަކީ: މި ގެ+ގެ އެންމެން)
މި ވާހަކަ މި ހެން ދަންނަވައިލީމާ މި ވާހަކަ ގަބޫލުފުޅުކުރައްވާން ވަރަށް ގިނަ ބޭފުޅުންނަށް އުނދަގޫފުޅު ވެސް ވެދާނެއެވެ. ސަބަބަކީ، "މާލެ ސަރަހައްދު"، "ބަދިގެ ސާމާނު" ފަދަ ގޮތް ގޮތަށް ލިޔެ އިޝްތިހާރުކޮށް ހަދާތީ، މީހުންގެ ކަންފަތްތަކަށް މި ކުށް އިވިއިވި، ލޮލަށް ފެނިފެނި، ހޭނިފައިވާތީ، ކުރީން ދެންނެވި ބޭބޭފުޅުންނަށް ވެސް އެއީ ކުށް ގޮތެއްކަމަށް ފާހަގަނުކުރެއްވުމެވެ. ނަމަވެސް "ބަދިގެ ސާމާނު"، "މާލެ ސަރަހައްދު" "މާލެ މާރުކޭޓު" މިއީ ލިޔެކިޔައި އުޅޭން ހަމަ ގޮތްގޮތެއް ނޫނެވެ. ލިޔެކިޔައި ހަދާންޖެހޭނީ "ބަދިގޭ ސާމާނު"، "މާލޭ މާރުކޭޓު"، މާލޭ ސަރަހައްދު" މި ފަދަ ގޮތްގޮތަށެވެ. މި ބަދަލު އަންނާންޖެހެނީ ކީއްވެގެންކަން އިސްވެ ދަންނަވައިލެވިއްޖެއެވެ.
"މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދަތުރުފަތުރު ކުރުން ހުއްޓާލަން ވަނީ އަންގައިފައެވެ." މި ޖުމުލައިގައި އިޞްލާޙުކޮށްލާންޖެހޭ ދެވަނަ ކުށަކީ "ދަތުރުފަތުރު" މި ނަމުގެ ފަހަތަށް "ކުރުން" މި އުނިކަން އިތުރުކޮށްގެން އުފައްދައިފައިވާ ކަމުގެނަމުގެ ފަހުބައި ދުރުނުކޮށް ކައިރިކޮށްލުމެވެ. ސަބަބަކީ ލަފުޒުދުރުކުރުމުގެ ގަވާއިދަށް ބަލާ އިރު، ނަމުގެ ފަހަތަށް ކުރުން، ލުން، ވުން ފަދަ އެކަތައް (އުނިކަން) އިތުރުކޮށްގެން ލަފުޒެއް އުފެއްދުމުން އެ ލަފުޒުގެ އެކި ބައިބައި ދުރެއްނުކުރެވޭނެއެވެ. މިސާލަކަށް: ވުޟޫކުރުން، ޒަކާތްދިނުން، ރޯދަހިފުން، ހިއްސާވުން، ފެންވެރުން، . . . މި ފަދަ ލަފުޒުތަކެވެ.
ތިންވަނަ އަދި ހަތަރުވަނަ ކުށަކީ، "ހުއްޓާލަން" މި ލަފުޒެވެ. އެ ލަފުޒު އޮންނާންޖެހޭނީ "ހުއްޓައިލާން" މި ގޮތަށެވެ. ޓަވިޔަނީގައި އައިބައިފިލި ޖަހައި، ލާމުގައި އާބާފިލި ޖަހައިގެންނެވެ. ސަބަބު މި ދަންނަވަނީއެވެ.
"ހުއްޓާލަން" މި ކަމުގެ މަޞްދަރަކީ (ނުވަތަ "ކަމުގެނަމަކީ") "ހުއްޓައިލުން"އެވެ. "ހުއްޓާލުން"އެއް ނޫނެވެ. ނިމިނިމުނުކަމަކަށް ބަދަލުކުރާ ނަމަ، އޮންނާނީ "ހުއްޓައިލި" މި ގޮތަށެވެ. "ހުއްޓާލި"އެއް ނޫނެވެ. "ހުއްޓައިލުން" މި މަޞްދަރުން ނިމުނުކަމެއް އުފައްދައިފި ނަމަ އޮންނާނީ "ހުއްޓައިލައިފި" މި ގޮތަށެވެ. ނިމުނުކަން އުފެއްދުމަށް ޓަކައި އިތުރުކުރާ "ފި" މި އަކުރުގެ ކުރީގައި އޮންނަ އަކުރުގައި (އެބެފިލި، އޮބޮފިލި ޖެހޭ މަދު ޙާލަތްތައް ފިޔަވައި) ޖަހާންޖެހޭނީ އައިބައިފިއްޔެވެ. އާބާފިއްޔެއް ނޫނެވެ. ވީމާ، "ހުއްޓައިލި" މި ނިމިނިމުނުކަމާއި "ހުއްޓައިލައިފި" މި ނިމުނުކަން، އަމުރުގެ ޙާލަތަށް ނުވަތަ ފަހުން ކުރާން ގަސްތުކުރާ ނުވަތަ އުންމީދުކުރާ ކަމަކަށް ބަދަލުކުރިއަސް ޓަވިޔަނީގައި އޮތް އައިބައިފިތްޔަށް ބަދަލެއް ނާންނާނެއެވެ. ޖެހިޖެހިގެން ދެ އައިބައިފިލި އައުމަކީ، ކުރީން ވަކި ހަމައަކުން، ވަކި ގަވާއިދަކުން، ޖަހައިފައި އޮތް އައިބައިފިއްޔެއް، އެހެން ފިތްޔަކަށް ބަދަލުކުރާންޖެހޭ ހަމައެއް ނޫނެވެ.
އަނެއް ބަދަލަކީ ޖުމުލައިގައި އޮތް "ހުއްޓާލަން" މި ލަފުޒުގައި އޮތް "ލ"ގައި އެ އޮތް އަބަފިލީގެ ބަދަލުގައި އޮންނާންޖެހޭނީ އާބާފިތްޔެވެ. ހަގީގަތުގައި އެ ލާމުގައި އަބަފިލިޖެހޭނީ އެ ލަފުޒު، ވާކަމުގެ ޙާލަތުގައި ފުރަތަމަ މީހާގެ ނަޒަރުން ބަޔާންކުރާ ނަމައެވެ. ނަމަވެސް އެ ކަން ކުރުމަށް ޓަކައި ބުނާ ބުނުންތަކުގައި، (ލަފުޒުގެ ސުން ޒަމާނުގައި) އެ އަކުރުގައި އޮންނާނީ، ނުވަތަ ހަމަ ގައިމު ވެސް އޮންނާން ވާނީ، ދެމޭފިއްޔެވެ. ބައެއް މިސާލު ދަންނަވައިލާނަމެވެ.
· އަހަރެން ކޮންމެ ދުވަހަކު ހިނގަން. އަހަރެން ކޮންމެ ދުވަހަކު ހިނގާން ދަން.
· އެ ގެއަށް އަހަރެން ދަން. މި ދަނީ ވެސް އެ ގެއަށް ދާން.
· އަހަރެން އަބަދު ވެސް މެންދުރު ކަން. މިއަދު މެންދުރު ކާން ދަމުން ތިޔަ ގެޔަށް ވަދެލާނަން.
· އަހަރެން ކޮންމެ އަހަރަކު ވެސް ރޯދައަށް މަސައްކަތް ހުއްޓައިލަން . މި ފަހަރު ރޯދައަށް މަސައްކަތް ހުއްޓައިލާން މި ގަސްތު ކުރަނީ ފަހު ދިހައަށް އެކަނި.
· ތިޔަ މަގުން ވެސް އަހަރެން ދުއްވަން. އަހަރެން ކާރު ދުއްވާން ދާ އިރު، އެ ގޭ ދޮރުމަތީން ވެސް ދަން.
· އަހަރެން އަބަދު ވެސް މޫދަށް އެރެން. މިއަދަކު މޫދަށް އެރޭން ދާ ހިތެއް ނުވޭ.
· އަހަރެން ޓީޓީ ކުޅެން. އަހަރެން ޓީޓީ ކުޅޭން ދަނީ ރޭގަނޑު
"މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދަތުރުފަތުރު ކުރުން ހުއްޓާލަން ވަނީ އަންގައިފައެވެ." މި ޖުމުލައިން ދެތިން ކުށެއް ފާހަގަކުރުމަށް ފަހު، ޖުމުލަ ނިންމައިލުމުގައި "އަންގައިފައެވެ." މި ގޮތަށް ލިޔެފައި އޮތީ އައިބައިފިލީގެ ރަނގަޅު ހަމައިންކަން ވެސް އުފަލާއެކު ފާހަގަކުރަމެވެ. އެހެންވީ އިރު، "ހުއްޓައިލާން" ރަނގަޅަށް ލިޔެފައި ނެތީ ކީއްވެބާއޭ ވެސް ހިތަށް އެރިއެވެ. ނަމަވެސް ރަނގަޅު ބަޔަށް ތަޢުރީފުކޮށް ޝުކުރުވެރިކަމާ އެކު، އުފާކުރަން ވެސް މެއެވެ.
ކޮންމެއަކަސް އިސްވެ ދެންނެވުނު މިސާލުތަކާއި ހަމަތަކަށް ބައްލަވައި ފިކުރުފުޅު ހިންގެވުމަށް ފަހު، އެ ޖުމުލަ (ދެން ލިޔުއްވާ ނަމަ) އަންނަނިވި ގޮތަށް އިޞްލާހުކޮށްލެއްވުން އެދެމެވެ. [މާލޭ ސަރަހައްދުގައި އެއްގަމު އުޅަނދު ދަތުރުފަތުރުކުރުން ހުއްޓައިލާން ވަނީ އަންގައިފައެވެ.]
ބަހުގެ ހަމަތަކަށް ބަލާ އިރު، [ހަމަ] ގޮތްކަމުގައި މިއަދު އަޅުގަނޑު މި ފާހަގަކުރި ޢިބާރާތް އޮންނާން ޖެހޭނެ ރަނގަޅު ގޮތް އިސްވެ މި ދަންނަވައިލީއެވެ.
އަޅުގަނޑުގެ އިޚުލާޞްތެރި އެދުމަކީ އުންމީދަކީ ބަހުގެ ގަވާއިދާ މެދު ވިސްނުންފުޅު ހިންގަވައި ދިރާސާކުރައްވައި ރަނގަޅު ގޮތް ޚިޔާރުކުރެއްވުމެވެ. އަދި އަޅުގަނޑުގެ މި ލިޔުމާ މެދު ފަހި ނަޒަރަކުން ވިސްނައިވަޑައިގެން، ތިޔަ ބޭފުޅުން ލިޔުއްވާ ލިޔުއްވުންތަކުގައި މި ކުށްތައް ތަކުރާރުނުރައްވައި ވޭތޯ ވިސްނުންފުޅުބެހެއްޓެވުމެވެ.
[ޚިދުމަތްކުރުން ބަހަށް މީ، ދެ އަޚެއްގެ ވާޖިބެއް ނޫން،
އެދުނަސް ދެ މީހަކަށް މީ ކުރެވޭ ވަރުގެ ކަމެއް ނޫން]