އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
23 އޭޕްރިލް 2025
(2025 އެޕުރީލު 16ވަނަ ދުވަހުގެ ޢަދަދާ ގުޅޭ)
"އަޅޭ ގުޅާބަލަ! ގުޅާފަ ބުނެބަލަ! މާދަމާއަކީ ފިހާރަ ބަންދު ދުވަހެކޭ. ހުރިހައި މުއައްޒިފުންނަށް ޗުއްޓީއޭ." މިއީ އަހަރުފުރުމުގެ މުނާސަބަތުގައި ދޭ ދެ ދުވަހޭ. އަނެއް ދުވަސް ވެސް ބަންދޭ."
"މާދަން ހޯމައެއްނު؟" ނީނާ، ދާއޫދަށް ދުވަސް ހަނދާންކޮށްދިނެވެ.
"ތިކަން އެނގެޔޭ. އެކަމަކު އަހަރެމެން ރަށަށް ދާނީ މާދަން ދޫކޮށްފައި އަނެއް ދުވަހު. މާދަންރޭ ދާނީ މާވަށު އެއަރޕޯޓް ގާރޑްން ހޮޓެލްއަށް." ދާއޫދު އޮޅުންފިލުވައިދިނެވެ. އަހަރެމެން ދެ މީހުން ކުރެ މީހަކު ނެތި ފިހާރަ ހުޅުވާކަށް ބޭނުމެއްނޫން."
"އަޅޭ މަ ގެނައީ އެންމެ ހެދުމެކޭ."
"ދެން މޫސާފުޅުބެއަށް ގުޅައިފައި އަވަހަށް އެ ވާހަކަ ބުނެބަލަ!" ދާއޫދު ތަންކޮޅެއް ސީރިއަސް ގޮތަކަށް ބުނެލިއެވެ. "ކީއްކުރާ ހެދުމެއް؟ މިރޭ މިތާ މެނެޖްމަންޓާ އަހަރެން ބައްދަލުކޮށްފައި ދެން ނޯންނާނެ އިތުރުކަމެއް. ދެންދާނީ ރޫމަކަށްނު. އަދި ރޫމަކަށް ނުވެސް ދަމެއްނު. ހެދުން އަޅުވައިލާނެ އަލަމާރި ހުންނާނެ ކޮޓަރީގައި ހެދުމަށް ރުލެއް އެރިޔަކަ ނުދޭނަން."
"ސާބަސް". ވަރެއްގެ ފިރިހެނެއް ދޯ މި ވެސް. "އަދިވެސް ހަމަ އަލާ ނުކެނޑެނީތަ؟"
"އަޅެ ބުނެބަލަ! ނީނާއަށް ވަރަށް މީރު އެއްޗެއް އެއް ފަހަރު ކެވުނީމާ ދެން ދުވަހަކު ވެސް އެ އެއްޗެއް ނުކާނަންތަ؟" ދާއޫދު މާނަފުން އެކަމަކު ލާނެއް ސުވާލެއް ކޮށްލިއެވެ. "މަށަށް ވާ ގޮތަކީ ވަރަށް މީރު މޭވައެއް ކެވުނީމާ ދެން ހަމަ އަބަދު ވެސް އެ ވައްތަރުގެ މޭވާއަށް ދަހިލަވަނީ."
ދާއޫދު އެ ބުނި ވާހަކައަށް ނީނާ އިތުރު އެއްޗެއް ނުބުނެ ހިނިތުންވެލީއެވެ.
ކޮންމެއަކަސް ދާއޫދުގެ އަމުރު ތަންފީޒުކުރުމުގެ ގޮތުން މޫސާފުޅުބެއަށް ގުޅައި މާދަމާއާއި އަނެއް ދުވަހަކީ މުވައްޒަފުންގެ ޗުއްޓީ ދެ ދުވަސްކަމުގައި ކަނޑައަޅައިފިއެވެ. އެ ކަން ހަމަޖެހުމާ އެކު، ނީނާ ކުރެން ހުއްދަ ހޯދައިގެން ދާއޫދު އަނެއް މޭޒު ދޮށަށް ގޮސް ސީނިއާރ މެނެޖްމެންޓާ ކުރާންވީ މަޝްވަރާއެއް ކޮށްލުމަށް ފަހު، ހައެއްކަ މިޓްގެ ތެރޭގައި އެނބުރި އަތުވެއްޖެއެވެ.
"ހިނގާ ދާން! މިހާރު އެއޮއް ދިހަގަޑިބައިވަނީ. ނިދިއަތުވެއްޖެއްނު"
"ހަމަ ނިދިއަތުވެއްޖެތަ؟"
"އެހެން ކަހަލަ ނިންޖެކޭ އަންނަނީ. ދެން ހިނގާ އަވަހަށް ދާން."!
ދާއޫދާ އެކު ދާއޫދުގެ ޚާއްޞަ ސަރަހައްދަށް ގޮސް އޭނާގެ ޚާއްޞަ ކޮޓަރިއަށް ވަދެވުމާ އެކު، ނީނާ ހުރީ ހަމަ އާޝޯޚުވެފައެވެ. އެއީ ފުރިހަމަ ގަނޑުވަރެކޭ ނީނާ ހިތަށް އެރިއެވެ. ކޮޓަރި ހުޅުވައިލުމާ އެކު، ވަދެވުނީ ސިޓިންގ ރޫމެއް ކަހަލަ ތަނަކަށެވެ. އެ ތާނގައި އަޅައިފައި އޮތް ދޫލައާއި ބަހައްޓައިފައި ހުރި ސޯފާސެޓާއި ކަފޭރާއާއި ސަތޭކަ އިންޗީގެ ޓީވީއާއި މިހެން ގޮސް ނީނާއަށް ލަންކާއިން ވެސް ފެނިފައި ނުވާ ފަދަ ފުރިހަމަ ޒީނަތަކުން ޒީނަތްވެފައިވާ މި ސިޓިންގ ރޫމުން ގޮސް ހުޅުވައިލި ކޮޓަރިއަކީ ވެސް އާދައިގެ ގެޔެއްގެ ހަތަރު ކޮޓަރިހައި ބޮޑު ސަރަހައްދެކެވެ. ނީނާ ފާޚާނާއަށް ވަދެލަންވެއްޖޭ ބުނެ، ދާއޫދު އިޝާރާތްކޮށްލި ދޮރު ހުޅުވައިލި އިރު، ސުބްޙާނައްﷲ އެވެ! ހެޔޮވަރެއްގެ ކުޑަކުޑަ ސުވިމިންޕޫލަކާ އެކު، ތައްޔަރުކޮށްފައިވާ ބޮޑު މާސިންގާ ސަރަހައްދެކެވެ.
ނީނާ ފާޚާނާއިން އައިސް، ބޮޑު ކިންގް ސައިޒް އެނދުގެ އެއް ފަރާތުގައި އޮށޯވެލި އިރަށް، ދާއޫދު ވެސް ގޮސް ފާހާނާއަށް ވަދެއްޖެއެވެ. ފާޚާނާއިން ނުކުމެގެން އައިސް، އަލަމާރީގައި އަޅުވައިފައި ހުރީ ކޮން ހެދުމެއްތޯ ބަލައިލުމަށް ފަހު، އަމިއްލައަށް ހީނލެވުނެވެ. ވަރަށް އުފަލުން ހިނިތުންވެ ހުރެ އައިސް އެނދުގެ ބެޑުކަވަރުގެ ދަށަށް ވަދެ ހަމަޖެހިލައިފިއެވެ.
ދާއޫދާއި ނީނާއަށް ލޮލުފިޔައެއް ޖެހުނީ ފަތިސްދަމަށް އެޅުނު ފަހުންކަމަށް ވާތީ، ހޭލެވުނީ ނުވައެއްވެސް ޖަހައި ދިޔަ ފަހުންނެވެ. ހެނދުނު ސައިގެ ބުފޭ އޮންނަނީ ހެނދުނު ހަތަކުން ދިހައަކަށްކަމަށް ވާތީ ދާއޫދު ބޭނުންވީ ދިހައެއްގެ ކުރީން ގޮސް ހެނދުނުގެ ނާސްތާކޮށްލާށެވެ! ބައެއް ފަތުރުވެރީންނާ ވެސް ދިމާވެލުމުގެ އެދުމުގައެވެ.
ސައިގެ ކަންތައް ނިންމައިލުމަށް ފަހު، ދާއޫދު ބޭނުންވީ މާވަށަށް ދާ ދަތުރު އަވަހަށް ފަށާށެވެ. އެއްގަމު މަގުން ދާ ނަމަ، ވަރަށް ދިގު ރާސްތާއެއް ކަޑައްތުކުރާން ޖެހޭނެއެވެ. އެއީ އަލުން އެނބުރި މުންޑޫކޮޅުން ގަންފޮނަދޫ ސިޓީތެރެއަށް އަރައިގެން ގާދޫ ބުރިޖް ހުރަސްކޮށް ހިތަދޫ ދެކުނުން މެންދޫތެރެއިން ކުނަހަންދޫ ފުއްޓަރު ފަރާތުން ގޮސް މާވަށާ ގުޅިފައިވާ ދިގު ކޯސްވޭއިން ދަތުރުކުރާ ހަލިމަގެވެ. ދެ ގަޑިއެއްހައި އިރުގެ މި ދަތުރުގެ ބަދަލުގައި ކަނޑުމަގުން ދާ ނަމަ، ފަންސާހަކަށް މިނިޓުން މާވަށަށް ދެވޭނެއެވެ. އެހެންވެ ދާއޫދުމެން ޚިޔާރުކުރީ ކަނޑުމަގެވެ. އޭރު ދާއޫދުގެ ޚާއްޞަ ލާންޗު އޮތީ ތައްޔާރަށެވެ. ލާންޗެކޭ ދެންނެވިޔަސް އެއީ ހަތަރު އިންޖީނުއަޅައިފައި ހުރި ކުޑަވަރެއްގެ ޔޮޓެކެވެ.
މާވަށަށް ކުރި ދަތުރެއް ނަމަވެސް ލާންޗު ދިޔައީ މާވަށު ބަނދަރަކަށް ނޫނެވެ. ސީދާ "އެއަރޕޯޓް ގާރޑްން ހޮޓަލަށެވެ." އެ ދިމާ ބޭރުގައި ތުނޑުކޮޅުގެ އެތެރޭ ބަނދަރުގައި "ޔޮޓު" ބަނދަރުކުރި އިރު ކުޑަ ލާންޗެއް ދާއޫދުގެ އިސްތިޤުބާލުގައި އައިސް އޮތެވެ.
މަރުޙަބާގެ ބުއިންތަކާ އެކު، ރަށަށް އެރުމަށް ފަހު ދާއޫދު ބޭނުންވީ މޫދުކޮޓަރިއަކަށް ދާށެވެ! އެއީ މޫދަށް އެރިލާން ބޭނުންވާތީއެވެ. ނީނާ ވެސް މޫދަށް އެރިލާހިތްވެއެވެ. ނަސީބު ދެރަކަމުން އިތުރު ހެދުމެއް ނުގެނެވުނީއެވެ.
"ނީނާ މޫދަށް އެރިލަންވީދޯ؟"
"ދާއޫދު އެރޭ!" ނީނާ ދެރަވެފައި ކަހަލަ ގޮތަކަށް ބުނެލިއެވެ. "އެނގޭނެނު ނީނާ ނުގެންނަކަން އެހެން ހެދުމެއް."
"އަޅޭ މޫދަށް އެރޭނީ ސްވިމިންގ ޝޫޓްގައޭ." ދާއޫދު އޮޅުންފިލުވައިދިނެވެ. "މާސްކާ ހުރިހައި ސާމާނެއް ހުންނާނެ މި ކޮޓަރީގައި."
"މި ތަން ވަރަށް ފުންވާނެތަ؟" ނީނާ އަދި މި ކަހަލަ ތަޖުރިބާއެއް ކޮށްފައި ނެތީމާ ކުޑަކޮށް ބިރުގަތެވެ. "މަށަކަށް ނޭނގޭނެ ފަތާކަށް ވެސް."
ނީނާ ދާއުދުގެ އެހީގައި ސުވިމިންގ ސޫޓްލައިގެން ނުކުތުމުން އޭނާގެ ހެދިހުރި ހަށިގަނޑުގެ ވަނާތަކުގެ ފުރިހަމަކަން ދެކޭ މީހުން ހައިރާންވާހައިވެއެވެ. އެއީ ޤުދުރަތުގެ ފުރިހަމަ މިސާލެކެވެ. ދާއޫދަށް އެ ފުރިހަމަ ފަރުމާ ފެނުނީ އަލަށް ނޫނަސް މިއަދު އެ ސޫރަ ފެނިލުމުން ވެސް ދާއޫދުގެ ހުރިހައި ޙިއްސެއްގައި ވިންދު ޖަހައިލިއެވެ. މާ ސަމާލުވެގެން ބަލަން ހުރުމުން ނީނާ ލާނެއް ސުވާލެއް ކޮށްލިއެވެ. "ނުފެންނަ އެއްޗެއް ފެނުނީތަ؟"
"ނޫން. ކިތަންމެ ވަރަކަށް ފެނުނަސް ރީތި ތަންތަނާއި އެއްޗިއްސަށް ބަލާހިތްވުމާއި މީރު އެއްޗިހި ކާހިތްވުމަކީ އިންސާނާގެ ޠަބީޢަތެއް ނޫންތަ؟" ދާއޫދު ޖެހިލުމެއް ނެތި ޖަވާބު ދިނެވެ. "ނީނާ ބަލާހިތެއް ނުވޭތަ؟"
"ނޫން!" ނީނާ މަޢުޟޫޢު އެހެންދިމާއަކަށް ފިރައިލުމަށް މަސައްކަތްކުރިއެވެ. "ނީނާ ވެސް މި ބަލަނީ މި ރީތި މަންޒަރު. މޫދުގެ މަންޒަރު. އެކަމަކު އަލަށް. މި ހައި ރީތި މޫދެއް އަހަރެމެން ރަށަކު ވެސް ނޯވޭ. މިއީ ހާދަ ރީތި ރަށެކޭ ދޯ؟"
"އަޞްލު ބުނަންތަ؟ މާވަށަކީ ކުރީން ރީތި ގޮނޑުދޮށެއް އޮތް ރަށެއްނޫން" ދާއޫދު ހަގީގަތެއް ހާމަކޮށްލިއެވެ. "މާވަށުގައި ތިބޭނީ ހަމައެކަނި ނީނާ ކަހަލަ ރީތި އަންހެންކުދީން."
"ދެން ދާއޫދު ދައްކާ ވާހަކަ. މީ މާވަށެއް ނޫންތަ؟"
"މީ މާވަށޭ ކިޔާނީ. އެކަމަކު އަސްލު ރަށާ މި ތަނާ މޭލެއްހައި ދުރުވާނެ. މިއީ އޭރު މާވަށުގެ އިރުމަތީ ފަރާތު މޫދުގައި އޮންނަ ވިލެއް. އެ މީހުން އޭރު މި ތަނަށް ކިޔަނީ ކުޑަ ވީ." މި ވިލުގެ އަރިމައްޗަށް ވާ ގޮތަށް ރަށުން ފެށިގެން ހިއްކީމާ މަށަށް މި ތަން ލިބުނީ. މި ތަން ހިއްކައިލީ އެމްޓީސީސީއަށް ކޮންޓްރެކްޓަށް ދީގެން. އެ މީހުން މަހާޖައްރާފު-2 ގެނެސްގެން މި ތަން ހިއްކައި ނިންމައިލީ ވިއްސަކަށް ދުވަހުގެ ތެރޭގައި. އާނ! ހަމަ ގައިމު ވެސް މަސް ދުވަސް ވެސް ނުވޭ ހިއްކައި ނިންމައިލި އިރު. މަށަށް މި ތަން ލިބިފައި މި އޮތީ ފުރަތަމަ 10 އަހަރަށް ހިލޭ. އޭގެ ފަހުން 99 އަހަރަށް ކުއްޔަށް."
"ކީއްވެ ހިލޭ ލިބުނީ؟"
"އެއީ އުތުރު ފަރާތު ފަޅުތެރެ ހިއްކައިދީ އެ ތާނގައި އެ އޮތް އެއަރޕޯޓް އަޅައިދިނުން ޝަރުޠުކޮށް، އަދި މި ތަން ވެސް ހިއްކައި ޞިނާޢީ މަސައްކަތްކުރުން ޝަރުޠުކޮށް މި ތަން ލިބުނީ."
"އޯހ! މި ރަށު އެއަރޕޯޓް ވެސް އެއީ ދާއޫދުގެތަ؟"
"ނޫން. އަހަރެން، ބިންހިއްކައި އެއަރޕޯޓްގެ ބޯޓުޖައްސާ ތަން ހަދައި، ގިމަތައާއި އަދި އެ ނޫން ވެސް ވަސީލަތްތައް ފުރިހަމަކޮށްފައި ސަރުކާރާ ހަވާލުކުރީ. އެ ހިސާބުން މަގޭ ޒިންމާ ނިމުނީ." ދާއޫދު ފޮނިކަނޑާ ފަދަ މޭރުމަކުން ވާހަކަ ދެއްކިޔަސް އޭނާ އެ ދައްކަނީ ހަގީގީ ވާހަކަތަކެކެވެ. "އަދި މި ރަށުގައި 1500 ހައުސިންގ ޔުނިޓް ވެސް ގާއިމުކޮށްދިނިން."
"ވަރަށް ރީތިދޯ އަސްލު މިހާރު މި ސަރަހައްދު؟" ނީނާ ހައިރާންކަން ފާޅުކުރިއެވެ. "ވަރަށް ލައިކްވެއްޖެ މި ރަށާ."
"ލައިކްވަންޏާ ދެން ހިނގާ މޫދަށް ފައިބަމާ!" ދާއޫދު ބޭނުންވީ އަވަހަށް މޫދަށް ދާށެވެ. "މިއަދު ބޭނުން އަރާމުކޮށްލާން. އަދި ދުވާލަކު އަރާމެއް ނުކުރެވޭ! މުޅިން ވެސް ރޭގަނޑު..."
"ތިޔަ ތަން ވަރަށް ފުންވާނެ ދޯ!" ނީނާއަށް ދާއޫދު ދެއްކި ވާހަކަ މޭރުން ވިޔަސް ހަމަ ގަސްތުގައި މައުޟޫޢު ބަދަލުކޮށްލީއެވެ. "ނުކެރޭނެކަން ނޭނގެ ފައިބާކަށް."
"މިއީ އިރުމަތީ ފަރާތު ސިޑިއެއްނު. މި ތަން ފުންވިޔަސް އުތުރުފަރާތު ސިޑީން ފޭބީމާ މާ ރަނގަޅަށް ވެސް އިސްކޮޅުޖެހޭނެ." ތަނުގެ މަޢުލޫމާތު ނީނާއަށް އޮޅުންފިލުވައިދިނެވެ. "އަދި އެހެންނޫނަސް މިއީ ހިކިދިޔަ ވީމާ އެހާ ފުނެއް ނުވާނެ."
"ބަނޑުހައެއް ނުވޭތަ؟" މި ތިބެވެނީ ސައިނުބޮއިކަން ނީނާއަށް އިޙުސާސްކުރެވިގެން އަހައިލިއެވެ. "ހެނދުނު ސައެއް ނުލިބޭނެތަ؟"
"އަޅޭ. މަ ހީކުރީ މުންޑޫކޮޅުން ކޮފީބޮއިގެން އައިސް މި ތަނުން ޖޫސް ބުއިމާ ނީނާ ވެސް ބަނޑުހައި ނުވާނެކަމަށް. ވަރަށް ސޮރީ، ބިޔުޓީ!"
"އިޓްސް އޯކޭ." ނީނާ ހަމަޖެހިލިއެވެ. "ދެން މެންދުރުކެއިމާ އޯކޭވާނެ."
"އެންމެ ރަނގަޅު." ދާއޫދު ބުނެލިއެވެ. "ހުންނާނެ ފުރުޓްސް އަދި ބައެއް ކަހަލަ ނަޓްސް. ހިނގާ ގޮތެއް ހަދައިލަމާ!"
މޫދަށް ފެއިބުމުގެ ކުރީން ދެމީހުން ވަރަށް މަޖާކޮށް ލުއި ކާނާގެ ބުރެއް ނިންމައިލައިފިއެވެ.
"މޫދަށް އެރުމުގެ ކުރީން ކެއުމުގެ މަތީން ނީނާ ހަނދާންކޮށްދިނީތީ ވަރަށް ރަނގަޅު." ދާއޫދު ބުނެލިއެވެ. "މޫދުން އަރާ އިރު، ތިބޭނީ ވަރަށް ބަނޑުހައިވެފައި. އެހެންވީމާ ރެސްޓޯރަންޓަކަށް ނުދެވޭނެ. ވީމާ ކާއެއްޗިއްސަށް އޯޑަރުކޮށްފައި އެރޭންވާނީ. ކިހައި އިރަކު ނީނާ ބޭނުމީ ކާން؟"
"ބާރަ ޖަހާއިރު."
"އެންމެ ރަނގަޅު." ދާއޫދު ބުނެލިއެވެ. "11:30އަށް ލަންޗަށް މި އޯޑަރުކުރަނީ!" މިހެން ބުނުމަށް ފަހު، ރެސްޓޯރެންޓަށް ގުޅައިގެން ބޭނުންވާ ތަކެތި ނަންސިފަ ހުސްކޮށް 11:30އަށް ރޫމަށް ގެންނާން އަންގައިފިއެވެ.
މޫދުގައި މާ ގިނަ އިރަކު ހޭދަނުކޮށް ދެ މީހުން މޫދުން އަރައި ފެންވަރައިލައިގެން ހަވީރުވަންދެން އަރާމުކޮށްލީއެވެ.
ހަވީރު ހަތަރުގަޑި ބައިވީހައި އިރު ތެދުވެ ނަލަހެދިގެން އެއަރޕޯޓާއި މާވަށުގެ މުހިންމު ތަންތަން ބަލައިލާން ބުރެއްޖަހައިލިއެވެ. މި ކުރު ޒިޔާރަތުގައި މާވަށުގައި ހުންނަ މަޝްހޫރު ރެސްޓޯރަންޓެއް ކަމަށްވާ "ރެސްޓޮރަންޓް ކެކްޓަސް"އާއި އުސް ފަސްގަނޑާއި ކަނޑޫފަލާއި ވެލާ ކަހަނބު އާލާކުރާ ސަރަހައްދު ވެސް ބަލައިލިއެވެ. ރެސްޓޮރަންޓް ކެކްޓަސް ގައި ނީނާއަށް އެންމެ ގަޔާވި އެއްޗަކީ އެ ރެސްޓޮރަންޓުން ނީނާއަށް ކާން ލިބުނު މަސްބަނަހެވެ.
"ވަރަށް މީރު ދޯ މި ބަނަސް" ނީނާއަށް މާ މީރު އެއްޗަކަށް ވެގެން ނީނާ ބުނެލިއެވެ."
"މީގެ ބަނަސްކޮޅެއް ގެންދާން ބޭނުންތަ؟" ދާއޫދު ސުވާލުކުރިއެވެ. "އޯޑަރުކޮށްލާންވީނު؟"
"ހުމމމމމމ! ވަރަށް ބޭނުން. ވަރަށް މީރު. އަދި ދުވަހަކު ވެސް މިހާ މީރު ހެދިކާއެއް ނީނާއެއް ނުކަން." ނީނާ ވަރަށް އަވަހަށް ޖަވާބު ދިނެވެ. "އަހާލަ ބަލަ! ލިބޭން ހުރިތޯ."
"އެކްސްކިޔުޒް މީ!" ދާއޫދު ވެއިޓަރަކަށް އިޝާރާތްކޮށްލިއެވެ."އައިސްބަލަ!"
"ޔެސް ސަރ!" ވެއިޓަރ ޖަވާބުދިނެވެ. "ވަޓް ކޭނައިޑު ފޮރ ޔޫ؟"
"މި ކަހަލަ ބަނަސްކޮޅެއް، ވިއްސަކަށް ބަނަސް، ޕެކްކޮށްލައިދީ ބަލަ!" ދާއޫދު އޯޑަރުކޮށްލިއެވެ.
ވެއިޓަރ އެއްވެސް އެއްޗެއް ނުބުނެ ކައުންޓަރު ކައިރިއަށް ދިއުމަށް ފަހު، އެނބުރި އައިސް ބުނެލިއެވެ. "ވެރީ ސޮރީ ސަރ! މިއަދަކު ނެތް އެހާ ވަރަކަށް މިހާރަކު. ތިއައީ ވަރަށް ޑިމާންޑް ބޮޑު އެއްޗަކަށްވާތީ ވަރަށް އަވަހަށް ހުސްވޭ. ދެން މާދަމާ ހަވީރަށް ލިބޭނީ."
"އޯކޭ. ނެވަރ މައިންޑް" ދާއޫދު ބުނެލިއެވެ. "އެހެން ފަހަރަކުން."
ވެއިޓަރު ދިޔުމުން ނީނާ ދާއޫދު ކައިރީ ބުނެލިއެވެ. ހިނގާ މެނޭޖަރާ ވާހަކަދައްކައިގެން ރެގިޔުލާރކޮށް އޯޑަރުކުރާން. ކަންމަތީ ފިހާރައަށް ކޮންމެ ދުވަހަކު ފަންސާސް ބަނަސް ފޮނުވާ ގޮތަށް.
ސައިބޮއި ނިމިގެން މެނޭޖަރާ ވާހަކަ ދައްކައިގެން ކޮންމެ ދުވަހަކު ސަތޭކަ ބަނަސް ކަންމަތީ ފިހާރައަށް ފޮނުވާ ގޮތަށް ހަމަޖައްސައިފިއެވެ. ފަންސާސް ބަނަސް މަދުވާނެ ކަމަށް ނީނާއަށް ފެނުނީއެވެ.
އެރޭ ނީނާއާއި ދާއޫދު ހޭދަކުރީ އެއްވެސް ތާކަށް ނުގޮސް ކޮޓަރީގައި 'އަރާމުކޮށްލާށެވެ.' ހެނދުނުހެނދުނާ ހޭލައިގެން މުންޑުވަށް ދާން އެ މީހުން ޚިލާލުކުރީ ދާއޫދުގެ ވިޓާރާ ވޭންގައެވެ. މާވަށުން މުންޑޫއަށް އެއްގަމު މަގުން ދާން ގާތްގަނޑަކަށް ދޮޅު ގަޑިއެއްހާ އިރު ހޭދަވިޔަސް އެ ދުވަހު ތަންކޮޅެއް ވައިބާރުވީމާ ކަނޑުމަގުން ދަތުރުކުރާން ޚިޔާލުނުކުރީއެވެ.
(12)
ދިރާސާތަކާ ބެހޭ ސިއްރު ކޮޓަރި
ވިޓާރާގައި މާވަށުން ފެށި ދަތުރުގެ ތެރޭގައި ދާއޫދު ވަރަށް މުހިންމު މައްސަލައަކާ ނީނާއާ މަޝްވަރާކުރިއެވެ. މިހާރު ނީނާގެ ޙިއްޞާ އޮންނަނީ ވެސް ހަމަ އެކަނި 'ކަންމަތީ ފިހާރަ'އިގެ ވިޔަފާރިއާއި އެ ވިޔަފާރިއާ ގުޅުން ހުރި މުޢާމަލާތްތަކުގައެވެ. ނަމަވެސް އެ ދަތުރުގައި ވަރަށް މުހިންމު ކަމެއް ދާއޫދު، ނީނާއަށް ހުށަހެޅިއެވެ.
[ހޭ ބިޔުޓީ! ވަރަށް މުހިންމު ވާހަކައެއް އެބަ އޮތް ދައްކައިލާން ވެފައި.] ދާއޫދު ވަރަށް ސީރިއަސްކަމާ އެކު، ނީނާއާ މުޚާޠަބުކޮށް ބުންޏެވެ. [އަސްލު މި ގަޑީގައި ދެން ވާހަކަދެއްކުން ނޫން އެހެން ކަމެއް ނޯންނާނެތީ ހަމަ ދަތުރުމަތީގައި މި ވާހަކަ ދައްކައިލާން މަޑުކޮށްލީ.]
]އަނެއްކާ ކޮން ވާހަކައެއް؟] ނީނާ ވެސް ހަމަ އެހައި ސީރިއަސް ކަމާ އެކު، އޮޅުންފިލުވާން ބޭނުންވިއެވެ. [އަދި ވެސް ނުދެއްކޭ ވާހަކަ އެބަހުރިތަ؟]
(ނުނިމޭ)