ad_banner
"މާވަށު ކައުންސިލާ ޙަވާލުކޮށްފި ނަމަ، މާލޭގައި ފެންބޮޑުވުމުގެ މައްސަލަ ޙައްލުކޮށްދޭނަމެވެ." – މާވަށު ކައުންސިލުގެ ރައީސް

ޝާއިޢުކުރީ: އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

14 ޖަނަވަރީ 2025

ކާނު ހޮޅި ވަޅުލުމުގެ މަސައްކަތުގެ ތެރެއިން

ފަރަގު މީޑިއާ

"ހައްދުންމަތީ މާވަށް – ހިތްގައިމު ރަށެއް" މި މައުޟޫޢުގައި 2023ވަނަ އަހަރު ނޮވެންބަރު މަހު 25ގައި މި ނޫހުގައި ލިޔުމެއް ޝާއިޢުކޮށްފައިވާނެއެވެ. އެ ލިޔުން އަދިވެސް މި ނޫހުގެ "އެންމެ މަގުބޫލު"، އަށް ލިޔުމުގެ ތެރޭގައި ހިމެނެއެވެ. މާވަށް ހިތްގައިމު ރަށަކަށްވީ ކީއްވެގެންކަން އެ ލިޔުމުގައި ވަރަށް ރަނގަޅަށް ބަޔާންކޮށްފައިވާނެއެވެ. ރަށުގެ ސިފައާއި ގަސްގަހާގެއްސާއި ސަގާފަތާއި މީހުންގެ އާދަކާދައާއި މަސައްކަތްތެރިކަމާއި، ހުނަރުވެރިކަމާއި މެހުމާނުދާރީއާއި މި ހުރިހައި ކަމެއް، އެ ރަށް ހިތްގައިމު ރަށަކަށް ވުމުގައި މުހިންމު ދައުރެއް އަދާކުރެއެވެ. މާވަށަކީ ރަށުގެ ބިން ބޭނުންކުރާނޭ ގޮތުގެ ތަދުބީރު (ލޭންޑް ޔޫޒް ޕްލޭން) ލ. އަތޮޅުގައި އަމިއްލައަށް އެކުލަވައިލައްވައި ސަރުކާރަށް ހުށަހަޅުއްވައިގެން ފާސްކުރެއްވި ހަމައެކަނި ރަށެވެ. އެހެން ރަށްރަށުގެ ކައުންސިލްތަކުން މި ކަމަށް އެތައް ބައިވަރު ފައިސާއެއް ހޭދަކުރިއެވެ. ނަމަވެސް މާވަށުން މި ކަން ކުރީ ދައުލަތުން ނުވަތަ ކައުންސިލުން އެއްވެސް ފައިސާއެއް ޚަރަދު ނުކުރައްވައެވެ. އެހެންކަމުން މާވަށު މީހުންގެ، ޚާއްޞަކޮށް ކައުންސިލްގެ މުވައްޒަފުންގެ ޤާބިލުކަން މި ކަމުން އެކަނި ވެސް ދޭހަވާނެއެވެ.

މި މަހު ތިންވަނަ ދުވަހު ރާއްޖެއަށް އާދަޔާ ޚިލާފަށް ވާރޭވެހި އޭގެ ފަހުން ކުރަމުން މި އަންނަ ވިއްސާރައިގައި ވެސް މާވަށުން މި ވަނީ އެ ރަށު މީހުންގެ ހުނަރުވެރިކަން ސާބިތުކޮށްދީފައެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން އެ ދުވަހު އެންމެ ގިނައިން ވާރޭ ވެހުނު ރަށްތަކުގެ ތެރޭގައި މާވަށް ހިމެނެއެވެ. ކައުންސިލްގެ ރައީސް ވިދާޅުވި ގޮތުގައި އެ ދުވަހު 107 މިލިމީޓަރުގެ ވާރޭ، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެ ރަށަށް ވެހުނެވެ. ނަމަވެސް އެ ރަށުގައި ފެންބޮޑުވެގެން، މީހަކަށް ނުވަތަ މީހެއްގެ މުދަލަކަށް ގެއްލުމެއް ލިބިފައެއް ނެތެވެ. އެއީ ދުރާލައި މާވަށު ކައުންސިލުން އަޅުއްވައިފައިވާ ފިޔަވަޅުތަކުގެ ސަބަބުންނެވެ.

މި ކަމާ ގުޅިގެން، މާވަށު ކައުންސިލުން އަޅުއްވައިފައިވާ ފިޔަވަޅުތަކާ ގުޅޭ މަޢުލޫމާތު ހޯދައިލުމަށް ޓަކައި "ފަރަގު މީޑިއާ"އިން މާވަށު ކައުންސިލްގެ ރައީސް އަލްފާޟިލް އަޙުމަދު މޫސާއާ ގުޅައިލީމެވެ. ވަރަށް ޖޯޝާ އެކު، އެ ވާހަކައިގެ ތަފުޞީލުތައް އޭނާ ވިދާޅުވެދެއްވިއެވެ. އޭނާ ވިދާޅުވީ ރަށުގައި ފެންބޮޑުވީމާ، އެއްވެސް ކަމެއް ނުކޮށް އަތްއުރައިލައިގެން ތިބެ، ހުރިހައި ކަމެއް ސަރުކާރު ބޮލަށް ޖަހައިފައި ތިބުމަކީ ޒިންމާދާރުކަމެއް ނޫންކަމަށެވެ. އޭނާ ވިދާޅުވީ ރަށެއްގައި ފެންބޮޑުވުމުން ކުރަނީ ކީއްތޯ މީހަކު ކުރެން އަހައިލައިފި ނަމަ، އެންމެ އަވަހަށް ވެސް ބުނާނީ "ކޯރުކަނޑަނީ"ކަމަށެވެ. އެހެންކަމަށްވާ ނަމަ، ދާއިމީ ގޮތެއްގައި ޒަމާނީ ފެންވަރެއްގައި ކުރީން ކޯރުތަކެއް ކަނޑައިފައި ތައްޔާރީ ޙާލަތުގައި ހުރެއްޖެ ނަމަ، ފެން ބޮޑެއް ނުވާނެކަން މި ވާހަކައިން އެނގޭކަމަށް އޭނާ ވިދާޅުވިއެވެ. އެހެންވީމާ، ރަށު ކައުންސިލުން ކުރި ކަމަކީ ރަށުގެ އެންމެ ބޮޑަށް ފެން ބޮޑުވާ 11 ސަރަހައްދަކުން ފެންހިންދާނެ ކާނުތަކެއް ތައްޔާރުކުރެއްވީކަމަށެވެ. އެ ކާނުތަކުން މޫދަށް ގުޅާން ހަ އިންޗީގެ ހޮޅި ލިބޭތޯ ކުރި މަސައްކަތް ކާމިޔާބު ނުވިޔަސް ރާއްޖެއިން ލިބޭން ހުރި ހަތަރު އިންޗީގެ ހޮޅި ގުޅައިގެން އެ ކާނުތައް ތައްޔާރުކުރެއްވީކަމަށެވެ. ފެން ހިނދުމުން ކާނުތައް ބަންދުކުރެވޭނެއެވެ. އަނެއްކާ ވެސް ވާރޭވެހޭނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރައްވާ ވަގުތުތަކާ ދިމާކޮށް ކާނުތައް ހުޅުވާން ތައްޔާރުގައި ތިބެނީ ކަމަށެވެ.

ކާނު ހޮޅި ވަޅުލުމުގެ މަސައްކަތުގެ ތެރެއިން

އަޙުމަދު މޫސާ ވިދާޅުވި ގޮތުގައި މި ކަމަކީ ސީދާ ޢާންމު ރައްޔިތުންނާ ގުޅިފައިވާ ކަމެއްކަމަށްވާތީ މި ކަމަށް ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު ތަރުޙީބެއް ލިބިވަޑައިގަނެއެވެ. އެހެންކަމުން ކާނުތައް ތައްޔާރުކުރުމުން އެ ކާނުތައް ރައްޔިތުން ބަލަހައްޓައިދެއްވައެވެ. މި ކަމަށް ޓަކައި ރައްޔިތުންނަށް އޭނާ ޝުކުރުއަދާކުރެއްވިއެވެ. ކައުންސިލުގެ ރައީސް ވިދާޅުވީ 11 ކާނު ހުޅުވައި ލެއްޕުމަކީ އެކަމަށް ވެސް ކުރެވިދާނެ ކަމަކަށް ވާތީ، މިއީ ކައުންސިލުގެ އެންމެ މެންބަރަކަށް ވެސް ނުވަތަ ޚުދު ކައުންސިލުގެ ރައީސަށް ވެސް ކޮށްލެއްވިދާނެ ކަމެކެވެ. މި ފަދަ އިތުރު ދެ ކާނެއް ރަށުގެ ދެ ސަރަހައްދެއްގައި ގާއިމުކުރައްވާން ވިސްނަވާކަމަށް ވެސް އަޙުމަދު މޫސާ ވިދާޅުވިއެވެ.

އިތުރު ތަފުޞީލުދެއްވަމުން މާވަށު ކައުންސިލުގެ ރައީސް ވިދާޅުވީ، ކަނޑުގެ ލޮނުގަނޑަށް ވުރެ ރަށުގެ ފަސްގަނޑު އުސް ނަމަ، (ކޮންމެ ރަށެއްގައި ވެސް ރަށުގެ ފަސްގަނޑު ކަނޑުގެ ލޮނުގަނޑަށް ވުރެ އުސްވާނެތާއެވެ!) މިއީ މާ ބޮޑު ޚަރަދަކާ ނުލައި ކޮންމެ ކައުންސިލަކަށް ވެސް ކުރެވިދާނެ ކަމެއްކަމަށެވެ. ކޮންމެހެން ގުންބާއެކޭ ސަރުކާރެކޭ ކިޔާކަށް ނުޖެހޭކަމަށެވެ. މި ފަދަ ކަމަކަށް ގުންބާއެއް ނުވަތަ ޕަންޕެއް ވެސް ބޭނުންނުވާކަމަށް އޭނާ ވިދާޅުވިއެވެ.

ދިޔަވަރު ބޮޑުވާ މޫސުމުގައި އެ ކާނުތަކުން ރަށުތެރެއަށް ލޮނު ނުވަންނާނެތޯ ދެންނެވުމުން ވިދާޅުވީ، ރާޅުއަރައިގެން ނުވަތަ ވާރޭވެހިގެން ފެންގަނޑު ހިންދާން ޖެހޭ ޙާލަތެއްގައި ނޫނީ އެ ކާނުތައް ހުންނާނީ ރަނގަޅަށް ބަނދުކުރެވިފައިކަމަށާއި އެހެންކަމުން އެ ކާނުތަކުން ލޮނު ވެއްދުމުގެ އެއްވެސް ހިރާހެއް ނޯންނާނެކަމަށެވެ.

އިތުރު ތަފުސީލު ދެއްވަމުން އަޙުމަދު މޫސާ ވިދާޅުވީ ހުރިހައި ވަސީލަތްތަކެއް ހުރި، މާލޭގައި ސިޓީ ކައުންސިލެއް އޮވެ، މި ފަދަ ކަންކަން ނުވެ ހުންނާތީ ޙައިރާންފުޅުވާކަމަށާއި މާވަށު ކައުންސިލާ އެ މަސައްކަތް ޙަވާލުކުރައްވައިފި ނަމަ، މާލޭގައި ފެން ނިހިނދޭ މައްސަލަ ދާދި ފަސޭހައިން ޙައްލުކޮށްދެއްވާނެކަމަށެވެ.

ފެން ހިނދާން ތައްޔާރުކުރި ކާނުގެ ހޮޅި ވަޅުލުމުގެ މަސައްކަތުގެ ތެރެއިން

2024 ޖަނަވަރީ ތިންވަނަ ދުވަހު މި ނޫހުގައި "ފެންބޮޑުވުމަކީ މައްސަލައެއް ނޫނެވެ." މި މައުޟޫޢުގައި ލިޔުމެއް ޝާއިޢުކުރުމުން ބައެއް ބޭފުޅުން ހިތްޕުޅު ހަމަނުޖެހުނުކަން އެނގުނެވެ. އެއީ އޮޅިގެން ދެންނެވި ވާހަކައެއް ނޫނެވެ. ވާރޭ ވެހޭ ނަމަ، އެ ވަގުތު ފެން ވެސް ބޮޑުވާނެތާއެވެ. ހަގީގަތުގައި ވެސް މައްސަލައަކަށް ވާނީ، ވާރޭ ހުއްޓައި އެތައް އިރެއް ވާއިރު ވެސް މަގުތަކުން ފެންގަނޑު ނުހިނދޭ ނަމަތާއެވެ! ފެން ބޮޑުވެގެން ރައްޔިތުންގެ މުދަލަށް ގެއްލުންވާ ނަމަތާއެވެ! މާވަށު ކައުންސިލުން އެ ސާބިތުކޮށްދެއްވީ އެ ކަމެވެ. ފެންގަނޑު ބޮޑުވެގެން ރައްޔިތުންގެ މުދަލަށް ގެއްލުވިޔަ ނުދެއްވުމަށް ޓަކައި ހަރުދަނާ ފިޔަވަޅުތަކެއް ދުރާލައި އެޅުއްވީއެވެ.

"ފެންބޮޑުވުމަކީ މައްސަލައެއް ނޫނެވެ." މި މައުޟޫޢަށް ކުރީން ލިޔުނު އިސްވެ ދެންނެވި ލިޔުން ނިންމައިލަމުން ސަރުކާރަށް އަޅުގަނޑުމެން އިލްތިމާސެއް ކޮށްފައިވާނެއެވެ. އެ ދުވަހު ލިޔުނީމެވެ.

"ސަރުކާރުން ކުރެއްވޭނެ އަދި ކުރައްވާން ޖެހޭ ކަމެއްކަމަށް އަޅުގަނޑުމެން ގަބޫލުކުރާ ކަމެއް އެބަ އޮތެވެ. މޫސުން ނިމުތުކުރުމަށް ފަހު، އާދަޔާ ޚިލާފަށް ބޯކޮށް ވާރޭވެހޭނެކަން ދުރާލައި އިޢުލާނުކުރެއްވުމެވެ. ކަނޑު ގަދަވާނެކަމަށް ލަފާކުރައްވައި ސިފައިންނާއި ފުލުހުންނާއި މޫސުމާ ބެހޭ އޮފީހުން ރައްޔިތުން ސަމާލުވާން އަންގަވާ ފަދައިން ފެން ބޮޑުވާނެކަމަށް ލާފާކޮށް އެ އިންޒާރު ވެސް ދެއްވާނެ ނަމަ، އަޅުގަނޑުމެންނަށް ދުރާލައި ފިޔަވަޅު އެޅިދާނެއެވެ. މި ހާރު ވެސް މޫސުމާ ބެހޭ އޮފީހުން އެ ކަން ކުރައްވައެވެ. ނަމަވެސް ބޯކޮށް ވާރޭ ވެހޭނެޔޭ ވިދާޅުވުމުގެ ބަދަލުގައި ގިނަ އިރު ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެން ބޮޑުވުމުގެ ފުރުޞަތު އޮތް ވާހަކަ ވެސް އިޢުލާނުކުރެއްވުން ރަނގަޅެވެ. މި ކަމަށް ޓަކައި ދުރާއިންޒާރު ދެއްވާން ވީއެވެ. އެ ފަދަ ނިޒާމެއް ވެސް ގާއިމުކުރައްވާންވީއެވެ. ސަރުކާރުން މި ނުކުތާއަށް ސަމާލުކަން ދެއްވާނެކަމަށް އުންމީދުކުރަމެވެ."

މި ކަން ސަރުކާރުން ވަރަށް ރަނގަޅަށް އެބަ ކުރައްވައެވެ. މޫސުމާ ބެހޭ އޮފީހަށް ޝުކުރުދަންނަވަމެވެ. މިހާރު، ވަގުތު އޮއްވައި ދުރާލައި، ފެންބޮޑުވާނެ ވާހަކައާއި އުދައަރާނެ ވާހަކަ އިޢުލާނުކުރައްވައި ރައްޔިތުން އެ ކަމަށް ސަމާލުވެ ރައްކާތެރި ފިޔަވަޅުއަޅާން އިލްތިމާސްކުރައްވައެވެ. ވީމާ ފެންބޮޑުވުމުގެ ސަބަބުން ރައްޔިތުންނަށް ލިބިދާނެ ގެއްލުމުގެ ހިރާސް ކުޑަކުރުމަށް ޓަކައި، މާވަށު ކައުންސިލު ނަމޫނާއަކަށް ބައްލަވައިގެން ހުރިހައި ކައުންސިލަކުން ވެސް އެކަށީގެންވާ ފިޔަވަޅުތަކެއް ދުރާލައި އެޅުއްވުމަކީ މުހިންމުކަމެއްކަމަށް ދެކެމެވެ.

__________________________________

ބައެއް ލަފުޒުގެ މާނަ:

ހިރާސް   ނ.  (1) ނޭދެވޭ ކަމެއް ކުރިމަތިވުމުގެ ފުރުސަތު. (2) ގެއްލުމެއް ލިބިދާނޭ ފަދަ ނުވަތަ ނުރައްކަލަކާ ކުރިމަތިލާން ޖެހިދާނޭ ފަދަ ކަމެއް. (3) ނުރައްކަލަކަށް ހުޅުވިދާނޭ ފަދަ ޙާލަތެއް. (4) ރިސްކު.

ނިމުތު   ނ.   (1) ކުރާ ލަފާ ނުވަތަ އަންދާޒާ. (2) ވާން ހުންނަ ކަންކަން.

ކޮމެންޓު
ކޮމެންޓުތައް
ވައްޑޭ
17 ޖަނަވަރީ 2025 06:45
ސަހާދެއް. މަ ލަދުން މަރުވެއްޖެ. ޑރ. މުއިއްޒުއާއި މޭޔަރު އާޒިމު ކީއްތަ މި ކުރަނީ؟ ތިޔަ މާވަށު ކައުންސިލާ މާލޭ ސިޓީގެ ކަންތައް ހިންގާން އަޅެ 1 މަސްދުވަހަށް ޙަވާލުކޮށްބަލަ! އެ މީހުން އެހެން އެ ބުނަނީ ތަޖުރިބާކޮށްފަ ތަޖުރިބާގެ އަލީގަ. މާވަށު ކައުންސިލަށް ތަހުނިޔާ. ތިޔައީ ގާބިލު ކައުންސިލެއް. ޚާއްޞަކޮށް ރައީސް ތީ ވަރަުގަދަ ފަހުލަވާނެއް.
މުޢާޒު
14 ޖަނަވަރީ 2025 23:45
މާވަށު ކައުންސިލް މާލެއަށް ގެނެސްގެން ވެސް މި ކަން ކުރާން އެބަ ޖެހެއެވެ. އެ މީހުން އެ ވާހަކަ ބުނީ ތަޖުރިބާކޮށްފައެވެ. ތަޖުރިބާގެ އަލީގައެވެ.
ޢަބްދުﷲ
14 ޖަނަވަރީ 2025 16:19
ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރަން ނޭނގިގެން ގިނަ މީހުންނެއް ނޫޅެއެވެ. މައްސަލައަކީ ސަރުކާރު ހިންގާ މީހުން ބޭނުންވަނީ އެކަން ވަރަށް ބޮޑު ކަމަކަށް ހަދައި، ކަރަންޓުން ހައްލުކުރާށެވެ. މިއީ ވަރަށް ބަސްމަގު ރަނގަޅު މަޒުމޫނެކެވެ. ބަލާ: https://www.hassanhameed.com/science/protecting-islands-from-floods/
ޒިޔާ
14 ޖަނަވަރީ 2025 11:51
މާލޭސިޓީ ކައުންސިލް ނޫނީ ސަރުކާރަކަށް ވެސް މާލޭގައި ތެދަށް ނުވަތަ ގުރެވިޓީއަށް ހޮޅިއެއްއަޅާލަން އެނގޭ މީހަކު ނެތް. ޢުޅެނީ ހައްތާވެސް ޕަމްޕުލައިގެން ފެންހިންދަން އެނގޭ މީހުން. މާލެވަށައިގެން މޫދު އޮންނައިރު މޫދާ އެހާ ކައިރީގައި އައިޖީއެމްއެޗް ކައިރީގައި ފެންހެދޭންޖެހޭ ސަބަބެއް ނުވިސްނޭ.