ad_banner
މާތް ﷲ ބައްލަވައިވޮޑިނުގަންނަވާ ތިން މީހުން (1)

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

31 އޮކްޓޯބަރު 2025

ޤިޔާމަތް ދުވަހު ﷲ ބައްލަވައިވޮޑިގެންނުވާ ތިން މީހަކު ވެއެވެ.

އަދަބަކީ ތަފާތު އެއްޗެކެވެ. މައިތިރިއަކީ ގިންތިތަކެކެވެ. ވަޢުދާއި ވަޢީދު ވެސް ތަފާތުވާނެއެވެ. އުފާވެރި ޚަބަރާއި ބިރުވެރި ޚަބަރު ވެސް ހަމަ އެ ގޮތެވެ. ތިބާގެ ބައްޕަ ތިބާއަށް ފުރަގަސްދީ  ތިބާއާ ދުރަށް ޖެހިއްޖެ ނަމަ ތަނަވަސްވެގެންވާ ބިން ތިބާގެ ކުރިމަތީގައި ނުތަނަވަސްވެގެން ހިނގައިދާނެއެވެ.

ތިބާގެ މަންމަ ތިބާ ދެކެ ރުޅިއައިސް ވާހަކަނުދައްކައިފި ނަމަ ތިބާއަށް ދިރިއުޅެން ދަތިވެދާނެއެވެ.

ވީމާ ތިބާގެ ސާހިބުވަންތަ ރަސްކަލާނގެ ތިބާއަށް ފުރަގަސްދެއްވައިފި ނަމަ، ތިބާއަށް ވާނީ  ކިހިނެއްހެއްޔެވެ؟ ޚިޔާލަކަށް ވެސް ނުގެނެވޭނެއެވެ. އެ ކަން ކިހައި ބޮޑު މުޞީބަތަކަށްވާނެހެއްޔެވެ؟ 

ޖައްބާރުވަންތަ ސުބްޙާނަހޫ ވަ ތަޢާލާ މީހަކަށް ފުރަގަސްދެއްވައިފި ނަމަ އެ މީހާއަށް އަޅައިލެވޭނެ މީހަކު ހުންނާނެހެއްޔެވެ؟ އޭނާއަށް އެއްވެސް ހެޔޮ ކަމެއް ލިބޭނެހެއްޔެވެ؟ އެއްވެސް ޝައްކެއްނެތް ގޮތުގައި އެއީ އެ ފަދަ ދެވަނައެއް ނެތް ޢުޤޫބަތެކެވެ. އެއީ ބިރުވެރިކަން ބޮޑު ވަޢީދެކެވެ.

މާތްﷲ ރުއްސުންލެއްވި އަބޫޛައްރުގެފާނު އަރިހުން ރިވާވެގެން ވެއެވެ. ރަސޫލާ صلى الله عليه وسلم ޙަދީސްކުރެއްވިއެވެ. ((ثَلَاثَةٌ لَا يُكَلِّمُهُمُ اللهُ يَوْمَ الْقِيَامَةِ، وَلَا يَنْظُرُ إِلَيْهِمْ، وَلَا يُزَكِّيهِمْ، وَلَهُمْ عَذَابٌ أَلِيمٌ[1]-ޤިޔާމަތްދުވަހުން މާތްﷲ އެބަޔަކަށް ބަސްވަޙީނުކުރައްވާނެ އަދި އެ ބަޔަކަށް ބައްލަވައިވޮޑިނުގަންނަވާނެ އަދި އެބަޔަކު ފާފައިން ޠާހިރުނުކުރައްވާނެ ތިން ބަޔަކު ވެއެވެ. އަދި އެބައިމީހުންނަށް ވޭންދެނިވި ޢަޒާބު ހުއްޓެވެ.))

-            އެބައިމީހުންނަށް ﷲ ބަސްވަޙީނުކުރެއްވުމުގެ މާނައަކީ ރަޙްމަތުގެ ބަސްފުޅުގެ ވާހަކައެވެ. އެބައިމީހުންނަށް ފައިދާކުރަނިވި އުފާވަނިވި ބަސްފުޅަކުން ބަސް ވަޙީއެއްނުކުރައްވާނެތެވެ.

-            އެބައިމީހުންނަށް ބައްލަވައިވޮޑިނުގަތުމުގެ މާނައަކީ  އޯގާވެރިކަމުގެ ބެއްލެވުމަކުން އަދި  ރަޙްމަތުގެ ބެއްލެވުމަކުން ނުބައްލަވާނެއެވެ. އެބައިމީހުންނަށް ދެއްވާނީ ފުރަގަހެވެ.

-            އަރަހުށި ﷲ އެބައިމީހުން ޠާހިރުނުކުރައްވާނެ ކަމުގެ މާނައަކީ މާތް ﷲ އެބައިމީހުންގެ  ފާފަތައް ފުއްސަވައެއް ނުދެއްވާނެއެވެ. އެބައިމީހުންނަށް މާފެއްނުކުރައްވާނެއެވެ. އެބައިމީހުންނާ ބެހޭ ގޮތުން ތާރީފުގެ ބަސްފުޅެއް ވަޙީއެއްނުކުރައްވާނެއެވެ.

-            އެބައިމީހުންނަށް ވޭންދެނިވި ޢަޒާބު ހުރިކަމުގެ މާނައަކީ ޤިޔާމަތް ދުވަހުން އެބައިމީހުންގެ ހިތަށާއި ހަށިގަނޑަށް ގަދަފަދަ ޢަޒާބު ދެއްވާނެއެވެ.

އަބޫޛައްރުގެފާނު ވިދާޅުވެފައިވާ ގޮތުގައި ނަބިއްޔާ r މި ބަސްފުޅު ތިން ފަހަރު ފަށްކުރައްވައި ޙަދީސްކުރެއްވިއެވެ. އަބޫޛައްރުގެފާނު ދެންނެވިއެވެ. އެބައިމީހުން ނާކާމިޔާބުވެ ގެއްލެނިވެއްޖެއެވެ. އެއީ ކޮން ބަޔެއްތޯއެވެ؟ އެހިނދު ޙަދީސްކުރެއްވިއެވެ. ((الْمُسْبِلُ، وَالْمَنَّانُ، وَالْمُنَفِّقُ سِلْعَتَهُ بِالْحَلفِ الْكَاذِبِ [2]ފަސްބައި ދިގުކުރާމީހާއާއި ކަލަގޮވާމީހާއާއި ދޮގު ހުވާކޮށް މުދާ ވިއްކާ މީހާއެވެ.))

-         މި ތިން މީހުންގެ ތެރެއިން ފުރަތަމަ ގިންތިއަކީ ބޮޑާކަމާއި މުއްސަނދިކަން ދެއްކުމަށް ޓަކައި ފަސްބައި ދިގުކުރާ މީހާއެވެ. މި ބަސްފުޅުގެ ތަފުޞީލު ދެއްވަމުން ރަސޫލުﷲ r ޙަދީސްކުރެއްވިއެވެ. ((مَن جَرَّ ثَوْبَهُ مِنَ الخُيَلاءِ لَمْ يَنْظُرِ اللَّهُ إلَيْهِ يَومَ القِيامَةِ [3]- ބޮޑާކަމާއި ފޮނިކަމުގެ ގޮތުން އޭނާގެ ހެދުން ބިންމަތީ ދެމޭ ވަރަށް ދިގުކުރި މީހާއަށް ޤިޔާމަތްދުވަހުން ﷲ ބައްލަވައިވޮޑިނުގަންނަވާނެތެވެ.)) އެހިނދު އަބޫބަކްރުގެފާނު ދެންނެވިއެވެ. "އަޅުގަނޑުގެ ފޮށާގެ އެއްފަޅި އޮންނަނީ ބިންމަތީގައި ޖެހިފައެވެ. އެ ފަޅި މައްޗަށް އުފުއްލައިނުލާނަމައެވެ. ފަހެ ރަސޫލުﷲގެފާނު ޙަދީސްކުރެއްވިއެވެ. ((لستَ ممَّن يفعلُهُ خُيلاءَ [4]ބޮޑާކަމުގެ ގޮތުން އެ ކަން ކުރާ މީހެއް ކަމުގައި ކަލޭގެފާނު ވެވަޑައިނުގަންނަވަތެވެ.)) ހެދުމުގެ ތެރޭގައި ގަމީހާއި ފަޓުލޫނާއި ޖުއްބާ ފަދަ ފޭރާމުގެ އެންމެހައި ބާވަތްތައް ހިމެނޭނެއެވެ. ހުރިހައި ޢިލްމުވެރީން ވެސް އެއްބަސްވެވަޑައިގަންނަވާ ގޮތުގައި ތިމާގެ މުއްސަނދިކަމާއި ތަނަވަސްކަމާއި ބޮޑާކަން ދެއްކުމަށް ޓަކައި ހެދުމުގެ ފަސްބައި ދިގުކުރުން ޙަރާންވާނެއެވެ. އެހެން ނޫނީ އެއީ ޙަރާން ކަމެއްނޫނެވެ. އެއް ދުވަހަކު އިމާމު އަބޫޙަނީފާ ވަރަށް އަގުބޮޑު ރީތި ފޮށާކޮޅެއް ބިންމަތީ ދެމޭ ވަރަށް ދިގުކޮށް ބަހައްޓަވައިގެން އުޅުއްވަނިކޮށް މީހަކު ތިޔައީ ޙަރާންކަމެއް ނޫންތޯއޭ ދެންނެވުމުން އަބޫޙަނީފާ ވިދާޅުވިއެވެ. ((އެއީ ކަންދައްކާ ބޮޑާ މީހުންނަށް އޮތް ކަމެކެވެ. އަހުރެމެންނަކީ އެބައިމީހުންގެ ތެރޭގައި ހިމެނޭ ބަޔެއްނޫނެވެ.))[5]

މާތް ﷲ ރަޙްމަތްލެއްވި އިމާމު ޝާފިޢީގެފާނު ވިދާޅުވިއެވެ. ((ބޮޑާކަމާއި ކަންދެއްކުމުގެ ގޮތުން ފަސްބައި ދިގުކުރުމަކީ ނަމާދުގައި ވިޔަސް އަދި އެހެން ތަނެއްގައި ވިޔަސް ޙަރާންކަމެކެވެ.))[6]

-         މިއީ ފިރިހެނުންނަށް ޚާޢްޞަ ޙުކުމެކެވެ. އަންހެނުންގެ ހެދުމުގެ ފަސްބައި މުށެއްގެ މިންވަރަށް ދިގުކުރުން ވަނީ ހުއްދަކޮށްދެއްވައިފައެވެ.

ކަލަގޮވާ މީހާ

ޤިޔާމަތްދުވަހުން މާތްﷲ އޭނާއަށް ބައްލަވައިވޮޑިނުގަންނަވާނެ، އަދި އޭނާއަށް ބަސްވަޙީނުކުރައްވާނެ  އަދި އޭނާގެ ފާފަތައް ފުއްސަވައިނުދެއްވައި އޭނާއަށް ވޭންދެނިވި ޢަޒާބު ދެއްވާނެ ތިން މީހުންގެ ތެރެއިން ދެވަނަ މީހަކީ ކަލަގޮވާ މީހާއެވެ.

ކަލަގޮވާ މީހަކީ ކޮބައިހެއްޔެވެ؟ އެއީ އޭނާގެ އަހުލުންނަށާއި ގާތްތިމާގެ މީހުންނަށާއި ރަޙުމަތްތެރީން ފަދަ މީހުންނަށް ހެޔޮ ފޯރުވާ މީހާއެވެ. ޞަދަޤާތްދީ އެހީވެދޭ މީހާއެވެ. އެހެނަސް އޭނާގެ ކިބައިގައި މި ހެޔޮ ޢަމަލު ކިލަނބުކުރާ ސިފައެއް ވެއެވެ. އޭނާގެ މި އިޙްސާންތެރިކަން ހަލާކުކޮށްލައި ނުބައި ޚުލުޤެއް ވެއެވެ. އެއީ ކަލަގޮވުމެވެ. ދިވެހި ބަސްފޮތް ބުނާ ގޮތުގައި ކަލަގޮވުމަކީ ތިމާ އަނެކާއަށް ކޮށްދީފައި ހުންނަ ހެޔޮކަންތައްތަކުގެ ވާހަކަ  ހިތާނުވެގެން  އެ މީހާއާ ދިމާއަށް ދެއްކުމެވެ. އޭނާ  މި ވާހަކަތައް ހުރިހާ ތަނެއްގައި މުނާސަބަތަކާލައިގެން ވެސް އަދި ނުލައި ވެސް ދައްކާނެތެވެ. މި ގޮތަށް ވާހަކަދެއްކުމަކީ ކަނޑިއަކުން އޭނާ ޒަޚަމުކޮށްލުމަށް ވުރެ ނުބައި ކަމެކެވެ.

ޙަޤީޤަތަށް ބަލައި ނަމަ، އެއްޗެއް ދީފައި ކަލަގޮވުމަށް ވުރެ އެއްޗެއް ނުދިނުން މާ ރަނގަޅެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((قَوْلٌ مَعْرُوفٌ وَمَغْفِرَةٌ خَيْرٌ مِنْ صَدَقَةٍ يَتْبَعُهَا أَذًى[7] - އެ صدقاتއަކާ ގުޅިގެން އުނދަގުލެއްދޭ صدقاتއަކަށް ވުރެ ރަނގަޅު ހެޔޮ ބަހެއް ބުނުން، އަދި عفوކުރުން، ހެޔޮކަން މާބޮޑެވެ.))

ﷲ ތައަލާގެ އެހެން ބަސްފުޅެއްގައި ވެއެވެ. (( يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تُبْطِلُوا۟ صَدَقَٰتِكُم بِٱلْمَنِّ وَٱلْأَذَىٰ كَٱلَّذِى يُنفِقُ مَالَهُۥ رِئَآءَ ٱلنَّاسِ وَلَا يُؤْمِنُ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ ۖ فَمَثَلُهُۥ كَمَثَلِ صَفْوَانٍ عَلَيْهِ تُرَابٌ فَأَصَابَهُۥ وَابِلٌ فَتَرَكَهُۥ صَلْدًا ۖ لَّا يَقْدِرُونَ عَلَىٰ شَىْءٍ مِّمَّا كَسَبُوا۟ [8] - އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ކަލަކުގޮވުމުންނާއި، އުނދަގޫ ދިނުމުން ތިޔަބައިމީހުންގެ صدقاتތައް باطلނުކުރާ ހުށިކަމެވެ! މީހުންނަށް ދެއްކުމަށް ޓަކައި އެ މީހެއްގެ މުދާ ހޭދަކުރާ މީހެއްގެ مثال ފަދައިންނެވެ. اللَّهއަށާއި آخرة ދުވަހަށް އޭނާ إيمانއެއް ނުވެތެވެ. ފަހެ، އޭނާގެ مثال އީ، އެ ހިލަޔެއްގެ މަތީގައި ވެލިތަކެއް ހުށްޓައި އެ ހިލައިގެ މައްޗަށް ބޯ ވާރޭގަނޑެއް ވެހި، އޭގެ މަތީގައި އެއްވެސް އެއްޗެއް ނެތިގޮސްފައިވާ އޮމާން، ހިލަޔެއްގެ مثال އެވެ. އެއުރެން ކުޅަ މަސައްކަތުގެ ތެރެއިން އެއްވެސް އެއްޗެއްގެ މައްޗަށް އެއުރެންނަކަށް ކުޅަދާނަކަމެއް ލިބިގެނެއް ނުވެތެވެ. (އެބަހީ: އެއުރެން ކުޅަ عملއަށް آخرة ދުވަހުން އެއުރެންނަކަށް އެއްވެސް ثوابއެއް ނުލިބޭ ހުށްޓެވެ.))

(ނުނިމޭ)

 

މަރުޖާ:

[1]  - أخرجه مسلم (١٠٦)

[2]  - أخرجه مسلم (١٠٦)

[3]  -  أخرجه البخاري (٣٦٦٥) ومسلم (٢٠٨٥)

[4]  -  أخرجه أبو داود (٤٠٨٥) و البخاري (٣٦٦٥)  ومسلم (٢٠٨٥)

[5]  - ابن مفلح في الآداب الشرعية  (3/521)

[6]  - النووي في "المجموع" (3/177)

[7]  - البقرة: 263

[8]  - البقرة: 264

ކޮމެންޓު