ad_banner
މުޢާމަލާތާއި ރީތި އަޚުލާޤާކީ މުސްލިމުން އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭ ދެ ދާއިރާއެވެ.

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

30 އޮކްޓޯބަރު 2025

ޓުރެފިކު ބައްތިތަކެއް.

މާތް ﷲ އިންސީންނާއި ޖިންނީން ހައްދަވައިފައިވަނީ ހަމައެކަނި މާތް ﷲއަށް އަޅުކަންކުރުމަށް ޓަކައިކަމަށް ކީރިތި ޤުރުއާނުގައި އޮތުމުން ބައެއް މީހުން ހަމަ އެކަނި އެ އާޔަތަށް އެކަނި ބަލައިގެން އެ އާޔަތުގެ މާނަ ހަނިކޮށް ވިސްނައިގެން ދީނުގެ އެންމެ މުހިންމު ބަޔަކީ [ޢިބާދާތު]ކަމަށް ދެކެއެވެ. މާތް ﷲ ވަޙީކުރައްވައިފައިވަނީ ﴿وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ﴾ (ތިމަންރަސްކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ، ތިމަންރަސްކަލާނގެ ޖިންނީންނާއި، އިންސީން ނަހައްދަވަމެވެ.) (الذاريات:56)

މި އާޔަތުގައި އަންގަވައިފައިވަނީ ހަމައެކަނި މިސްކިތުގައި ތިބެ ނަމާދުކޮށްލަކޮށްލައި ތިބޭ ވާހަކައެއް ނޫނެވެ. ހަގީގަތުގައި އަޅުކަމަކީ އިސްލާމް ދީނުގެ ހުރިހައި ރުކުންތައް އަދާކުރުމާ އެކު، އެ ކަލާނގެއަށް ކިޔަމަންތެރިކަން އަދާކުރުމެވެ. އަމުރުކުރައްވައިފައިވާ ގޮތަށް އުޅުމެވެ. ނަހީކުރައްވައިފައިވާ އެންމެހައި ކަންކަމުން ދުރުވެގެންވުމެވެ. މި ކަން މި މަގަށް ކުރުމުގައި އިސްލާމް ދީނުގެ އެންމެ ބޮޑު ބައެއްކަމަށް މި ވަނީ މުޢާމަލާތާއި އަޚުލާޤެވެ. އެހެނީ އިންސާނާ ދުނިޔެ އާރާސްތުކޮށް ހެޔޮ ގޮތުގައި ދިރިއުޅެ، އުޚުރަމީ ޙަޔާތަށް ދާންކުރާ މަސައްކަތުގައި އެންމެ ގިނައިން ކުރާންޖެހޭ ކަމަކީ މުޢާމަލާތެވެ. އިޖުތިމާޢީ ގުޅުންތަކެވެ. މި ކަމަށް ޓަކައި އަދަބު އިޙުތިރާމާއި ސުލޫކާއި ރީތި އަޚުލާޤު ބޭނުންވެއެވެ. [މީސްތަކުންގެ މެދުގައި ރިވެތި ޚުލްޤުން އަޚުލާޤު ބަހައްޓާން] ކައު ރަސޫލާ އަންގަވައިފައި ވަނީ މިހެންވެގެންނެވެ. އަދި އެ ކަލޭގެފާނު ފޮނުއްވުނީ [(މީސްތަކުންގެ މެދުގައި) އަޚުލާޤު ފުރިހަމަކުރެއްވުމަށް ޓަކައޭ] ވެސް ޙަދީޘްކުރައްވައިފައިވެއެވެ.

މި ކަންކަމުން އެނގެނީ އިސްލާމް ދީން ފޮނުއްވައިފައިވަނީ އިންސާނުންގެ މަޞްލަޙަތަށް ޓަކައިކަމެވެ. އެ މަޞްލަޙަތަކީ ﷲ ކަނޑައަޅުއްވައިފައިވާ މަޞްލަޙަތެކެވެ. މުޅި އިސްލާމްދީން ނުވަތަ އިސްލާމީ ޝަރީޢާ ބާވައިލެވުނީ އިންސާނުންނަށް ޓަކައި ފަސް މަގުޞަދެއް ޙާޞިލުކޮށްދެއްވުމަށް ޓަކައެވެ. މި ދުނިޔޭގައި އިންސާނާ ބާއްޖަވެކަމާ އެކު ދިރިއުޅެ، ބާއްޖަވެރި އުޚުރަވީ ޙަޔާތެއް ލިބޭނެ މަގު މި މަޞްލަޙަތުތަކުގެ ތެރޭގައި ވެއެވެ. މި އިމުން ބޭރުނުވެ ދިރިއުޅޭ ނަމަ، އޭނާ އެ ހުންނަނީ އިސްވެ ދެންނެވުނު އާޔަތުގައި އަންގަވައިފައި އެ ވާ އަޅުކަންކުރުމުގެ އިމުގެ ތެރޭގައެވެ.

އިސްލާމީ ޝަރީޢާގެ މަގުސަދުތަކަކީ ކޮބައިތޯއެވެ؟ މި ކަމާ ބެހޭ ގޮތުން ޑޮކްޓަރ ޢަބްދުލްމަޖީދު ޢަބްދުލްބާރީ (ރަޙިމަހުﷲ) ލިޔުއްވައިފައިވެއެވެ.  [އިސްލާމީ ޝަރީޢާގެ މަޤްޞަދަކީ ދެ ދުނިޔޭގެ ބާއްޖަވެރިކަން އިންސާނާއަށް ހޯދައިދިނުމެވެ. އެހެންކަމުން މި ޝަރީޢާ އައިސްފައި ވަނީ އިންސާނާގެ މަޞްލަޙަތު ރައްކާތެރިކޮށްދިނުމަށެވެ. ދުނިޔެމަތީގައި އިންސާނާއަށް ހިތްހަމަޖެހުމާއި ފައިދާއާއި ލާބަހުރި އެންމެހައި ކަންކަމަށް މަގުފަހިކޮށްދިނުމާ އެކު، ގެއްލުން ހުރި އެންމެހައި ކަންތައްތަކުން އިންސާނާ ސަލާމަތްކޮށްދިނުމަށެވެ.] މި އަސާސްގެ މައްޗަށް ރިޢާޔަތްކޮށް އެއްޗެއް ދަންނަވާނަމަ މުޅި އިސްލާމީ ޝަރީޢާގެ މައިގަނޑު މަޤްޞަދަކީ އިންސާނީ މަޞްލަޙަތުތައް ޙިމާޔަތްކުރުންކަން އެއްވެސް އޮޅުމެއް ނެތި ހާމަވެއެވެ. އެ މަޞްލަޙަތާ ޚިލާފު ނުވެ ދިރިއުޅޭ ނަމަ، އޭނާ އެ ހުންނަނީ ﷲއަށް އަޅުކަންކުރުންމަތީގައެވެ. މި މަގުން ދިރިއުޅުން ކުރިއަށް ގެންދާ މީހާ، ނަމާދުކުރާނެއެވެ. ޒަކާތްދޭނެއެވެ. ރޯދަހިފާނެއެވެ. ކުޅަދާނަކަން ލިބިއްޖެ ނަމަ ޛައްޖުވާނެއެވެ. މީހަކަށް ގެއްލުމެއް ނުދޭނެއެވެ. މީހުންނަށް ހެޔޮކޮށް ހިތާނެއެވެ. ހެޔޮ ކަންތަކަށް އަމުރުކޮށް ހެޔޮކަންތައް ކުރުމުގައި ދެމިހުންނާނެއެވެ. ނުބައި ކަންކަން ނަހީ ކުރުމާއެކު، އެ ފަދަ ކަންކަމުން ދުރުވެގެން ހުންނާނެއެވެ. އޭނާ ވައްކަމެއް ނުކުރާނެއެވެ. ޒިނޭއެއް ނުކުރާނެއެވެ. ދޮގެއް ނަހަދާނެއެވެ. ކުރުކޮށް ދަންނަވާ ނަމަ، އިންސާނާއަށް އެންމެ މަޞްލަޙަތު ކުރި މަގުގައި އޭނާ ދެމިހުންނާނެއެވެ.

އެހެންކަމުން މަޞްލަޙަތަކީ ކޮބައިކަން ދެނެގަތުމަކީ ކޮންމެހެން ކުރާންޖެހޭނެ ކަމެކެވެ. މަޞްލަޙަތަކީ އެންމެ ސާދާކޮށް ދަންނަވާ ނަމަ އެއީ އެންމެ ލާބަހުރި ގޮތެވެ. ނުވަތަ ފައިދާހުރި ގޮތެވެ. ނުވަތަ ބޭނުންވާ ގޮތެވެ. ޝައުޤުހުރި ގޮތެވެ. އިނގިރޭސިބަހުން މި ލަފުޒުގެ މާނައާ އެންމެ ކައިރި ލަފުޒުތަކަކީ interest (ޝައުޤު) ނުވަތަ benefit (ފައިދާ) ނުވަތަ peace  (އަމާންކަމާއި ޞުލްޙަ)އެވެ. މިއިން ކޮންމެ މާނައަކީ ވެސް ސިޔާގަށް (ކޮންޓެކްސްޓަށް) ބަލައިގެން ކުރެވޭނެ މާނައެކެވެ. މުޅި އިސްލާމީ ޝަރީޢާ ބާވައިލެއްވީ ހިތްތަކުގެ ބަލިތަކަށް ތެދުމަގެއްކަމުގައްޔާއި މުއުމިނުންނަށް ތެދުމަގާއި ރަޙުމަތެއްކަމުގައެވެ. )يَا أَيُّهَا النَّاسُ قَدْ جَاءتْكُم مَّوْعِظَةٌ مِّن رَّبِّكُمْ وَشِفَاء لِّمَا فِي الصُّدُورِ وَهُدًى وَرَحْمَةٌ لِّلْمُؤْمِنِينَ.(  (سورة يونس: 57) އެހެންކަމުން އިސްލާމީ ޝަރީޢާ ބިނާވެފައިވަނީ އިންސާނީ މަޞްލަޙަތުގެ މައްޗަށްކަމާ މެދަކު އެއްވެސް ޝައްކެއް ނެތެވެ.

[މަޞްލަޙަތު] މި ލަފުޒުގެ މާނައެއްކަމަށް ދިވެހިބަހުގެ ރަދީފުގައި އޮންނަނީ [ބަޔެއްގެ ތެރޭގައި އޮންނަ ރީތި އޮމާން ޞުލްޙަވެރި ގޮތް]ކަމަށެވެ. ޢަރަބި-އިނގިރޭސި ޑިކްޝަނަރީތަކުގައި މި ލަފުޒު މާނަކޮށްފައި ހުންނަނީ ކުރީން ވެސް ދެނެނެވި ފަދައިން ފައިދާ ހުރި ގޮތްކަމުގައެވެ. އެންމެ ލާބަހުރި ގޮތް ކަމުގައެވެ. ނުވަތަ އެންމެ ބޭނުންވާ ގޮތް ކަމުގައެވެ.  الإمام ابن القيم ވިދާޅުވެފައިވާ ގޮތުގައި މަޞްލަޙަތަކީ ހިތްހަމަޖެހުމާއި ލައްޛަތެވެ. އަދި ނިޢުމަތާއި އުފާވެރިކަމެވެ. އަދި އެ ފަދަ ކަންކަމަށް މަގުފަހިކޮށްދޭ (އެންމެހައި) ކަންކަމެވެ. އާދޭހެވެ! [المصلحة هى اللذّة والنّعيم وما يقضى إليه] އެވެ. އެއްވެސް ޝައްކެއް ނެތް ގޮތުގައި ނިޢުމަތާއި އުފާވެރިކަމާއި ހިތްހަމަޖެހުން ލިބޭނީ ދެދުނިޔޭގެ ބާއްޖަވެރިކަން ލިބިގެންނެވެ. ހަމައެކަނި ދުނިޔޭގެ ވަގުތީ އުފާ ލިބުނަސް އެއީ (ޙަޤީޤީ) ހިތްހަމަޖެހުމެއްކަމަކަށް ނުވާނެއެވެ. އެހެންކަމުން ޙަޤީޤީ މަޞްލަޙަތަކީ ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަމެވެ. މަޞްލަޙަތުގެ މުރާދަކީ ދީނާއި ދުނިޔޭގެ މަޞްލަޙަތެވެ.

އިސްލާމީ ޝަރީޢަތުގައި ކަނޑައެޅޭ ކޮންމެ މަޞްލަޙަތެއް ވާންޖެހޭނީ އިސްލާމީ ޝަރީޢަތާ ފުށުނާރާ، އަދި އިސްލާމް ދީނުގެ އަޞްލުތަކުގެ އަލީގައި ކަނޑައެޅޭ މަޞްލަޙަތަކަށެވެ. މި ގޮތުގެ މަތީން އިސްލާމީ ޝަރީޢަތުގައި މަޞްލަޙަތުތައް ތިން ބަޔަކަށް ބަހައިލެވެ އެވެ. އެއީ:-

·     المصلحة المعتبرة (ނުވަތަ މުޢުތަބަރު މަޞްލަޙަތު): މިއީ ޝަރީޢަތުގެ ހަމަތަކުން ބަލާ އިރު، މަޞަލަޙަތު ހުރި ކަމެއްކަން ޝަރީޢަތުގެ ދަލީލުތަކުން ސާބިތުވާ ކަންކަމެވެ. މި ކަމުގައި އިސްލާމީ ޝަރީޢާގެ މައިގަނޑު ފަސް މަގުސަދުކަމުގައިވާ ދީން ޙިމާޔަތްކުރުމާއި، ނަފުސު(ފުރާނަ) ޙިމާޔަތްކުރުމާއި ބުއްދި ޙިމާޔަތްކުރުމާއި ނަސްލު ޙިމާޔަތްކުރުމާއި މުދާ ޙިމާޔަތްކުރުމުގެ މަޞްލަޙަތު (ގެ ތެރެއިން ކޮންމެވެސް މަޞަލަޙަތެއް) ހިމެނިފައިވާން ޖެހޭނެއެވެ. މިސާލަކަށް: ޒަކާތްދިނުން، ޒިނޭކުރާ މީހާ ރަޖަމުކުރުން، ވިޔަފާރިކުރުން،

·     المصلحة المَفسدة (ނުވަތަ ބާޠިލު މަޞްލަޙަތު): މި ބައިގައި ހިމެނެނީ އިންސާނީ މަޞްލަޙަތަށް ފައިދާ ހުރިކަމެއް ނޫންކަމަށް ޝަރުޢީ ދަލީލުތަކުން ސާބިތުވާ ކަންކަމެވެ. މިސާލަކަށް: ފައިދާ ހޯދުމަށް ޓަކައި ރިބާކެއުން ޖިންސީ އަރާމު ހޯދުމަށް ޓަކައި ޒިނޭކުރުން، ވައްކަންކުރުން  ފަދަ. . .

·     المصلحة المرسلة: މިއީ ކަނޑައެޅިގެން މުޢުތަބަރު ކަމެއްކަން ނުވަތަ ފާސިދުކަމެއްކަން ޝަރީޢަތުގައި ކަނޑައެޅިފައި ނުވާ އަދި މީސްތަކުންގެ އިޖުތިހާދަށް ދޫކޮށްލެވިފައިވާ ބައެވެ. މަޞްލަހަތުލްމުރުސަލާގެ ގޮތުގައި ކަނޑައެޅޭނީ ޝަރީޢަތުން ސާބިތުވާ ޤަޠުޢީ ޙުކުމަކާ ޚިލާފު ނުވާ ކަންކަމެވެ. އަދި މި ފަދަ ކަމަކީ ދައުލަތާއި ރައްޔިތުންނަށް ލާބަހުރިކަމަށް ވާންޖެހޭނެއެވެ. ހަމަ އެ ފަދައިން އެ ކަމަކީ ސަލާމަތް ބުއްދިއަށް ޤަބޫލުކުރެވޭކަމަކަށް ވާން ޖެހޭނެއެވެ. މި ދެންނެވީ (ދަށު ރޮނގު ދަމައިފައި އެ ވަނީ) މަޞްލަޙަތުލްމުރުސަލާގެ ތިން ޝަރުޠެވެ. މިސާލަކަށް: ޓްރެފިކް ލައިޓް ހަރުކުރުން، ކީރިތި ޤުރުއާން އެއް ފޮތަކަށް ޖަމާކުރުން، އަޑުގަދަކުރާ އިން ބަންގި ގޮވުން،

މަޤާޞިދުއްޝަރީޢާގެ މައިގަނޑު މަގުސަދަކީ އިންސާނީ މަޞްލަޙަތު ޙިމާޔަތްކުރުންކަމަށްވާ އިރު މި މަޞްލަޙަތުތައް ޙިމާޔަތްކުރެވޭނީ އޭނާގެ ޢަޤީދާ ޙިމާޔަތްކުރެވިގެންކަމާ މެދަކު ޝައްކެއް ނެތެވެ. އެހެނީ ﷲ ސުބްޙާނަހޫ ވަތަޢާލާ އިންސާނާ ދުނިޔެއަށް ފޮނުއްވައިފައިވަނީ އިސްވެ ބަޔާންކުރެވިފައިވާ ފަދައިން މާތް ﷲއަށް އަޅުކަންކުރުމަށް ޓަކައެވެ. އަޅުކަން ކުރެވޭނީ އިންސާނާގެ ޢަޤީދާ ޙިމާޔަތްކުރެވިގެންނެވެ. އެހެންކަމުން ޢަޤީދާ ޙިމާޔަތްކުރުމަށް ޓަކައި ފަސް މަޞްލަޙަތެއް ޙިމާޔަތް ކުރެވެންޖެހެއެވެ. މި ފަސް މަޞްލަޙަތު ވެސް ހިމެނެނީ ޢަޤީދާ ރައްކާތެރިކޮށް ޙިމާޔަތްކުރުމުގެ މައިގަނޑު މަގުސަދުގެ ތެރޭގައެވެ.  އިސްލާމީ ޝަރީޢާގެ މަގުސަދުތައް ނުވަތަ އެހެން ގޮތަކަށް ދަންނަވާނަމަ އިންސާނީ މަޞްލަޙަތުތައް ތިން ދަރަޖައަކަށް ބެހިގެންވެ އެވެ. އެއީ:

·     ޟަރޫރިއްޔާތު (ނުވަތަ ޟަރޫރީ ބޭނުންތައް): އެންމެ މަތީ ދަރަޖަ

·     ޙާޖިޔާތު (ނުވަތަ އަސާސީ މުހުތާދުތައް): ދެވަނަ ދަރަޖަ

·     ތަޙުސީނާތު (ނުވަތަ ފުރިހަމަކުރުމަށް ބޭނުންވާ ލަގްޒަރީ ކަންތައްތައް): ތިންވަނަ ދަރަޖަ

އިންސާނީ މަޞަލަޙަތުތައް ތިން ދަރަޖައަކަށް ބެހިގެންވާ އިރު، އަޅުގަނޑުމެން ކުރާ ޢަމަލުތަކުގައި އިސްކަން ދޭންޖެހޭނީ މި ތަރުތީބުންކަން އެބަ އެނގެއެވެ. މިސާލަކަށް ބަނޑުފުރާނަ މުއްތިކުރުމަށް ޓަކައި ތަކެތި ހޯދާން ހުންނަ ފައިސާކޮޅު ޚަރަދުކޮށްގެން މޯބައިލު ފޯނެއް ގަތުމަކީ މި އުޞޫލާ ޚިލާފު ކަމެކެވެ. އެ ކަން ހުއްދައެއް ނުވާނެއެވެ.

ކުރީން ވެސް ދެންނެވި ފަދައިން އިސްލާމީ ޝަރީޢާގެ އެންމެ މައިގަނޑު މަގުސަދަކީ ޢަޤީދާގެ މަޞްލަޙަތު ޙިމާޔަތްކުރުމެވެ. އެހެނީ އެހެން ހުރިހައި ކަމެއް ވެސް ވަނީ މި މަގުސަދާ ގުޅި ލައިމެހިފައެވެ. ފުރާނަޔާއި މުދަލާއި ބުއްދިއާއި ދަރިފަސްކޮޅާއި އަބުރު ރައްކާތެރިކޮށްގެން ނޫނީ އިންސާނާ ދުނިޔެއަށް ފޮނުއްވި މަގުސަދު ޙާޞިލެއްނުކުރެވޭނެއެވެ. މި މަތިވެރި މަޞްލަޙަތުތައް ޙިމާޔަތްކުރުމުގެ ތިން ދަރަޖަ ވަނީ އެއް ދަރަޖަ، އަނެއް ދަރަޖައާ ގުޅި ލައިމެހިފައެވެ.  ވީމާ އިސްލާމީ ވެރިކަމެއްގައި އިސްލާމީ ޢަޤީދާ ޙިމާޔާތްކުރާން އެންމެ ބޮޑު އިސްކަމެއްނުދޭ ނަމަ، އެ ވެރިކަން ވާނީ އަނިޔާވެރިކަމަކަށެވެ. ފަސާދައަކަށެވެ. އިސްލާމީ ޤައުމުތަކުގައި އިސްލާމް ދީނަށް އިސްކަންދެނީ އެހެންވެގެންނެވެ.

އިސްލާމީ ޝަރީޢާގެ މަގުސަދުތައް ވަނީ އެއް ކަމެއް އަނެއް ކަމަކާ ގުޅި ލައިމެހިފައެވެ. އެހެނީ އިސްލާމީ ޝަރީޢާގެ މައިގަނޑު މަގުސަދަކީ ޢަޤީދާ ޙިމާޔަތްކުރުންކަމަށް ވެފައި މި މަގުސަދު ޙާޞިލުކުރުމަށް ޓަކައި ފުރާނައާއި މުދަލާއި ބުއްދިއާއި ނަސަބާއި ޢަބުރު ރައްކާތެރިކުރުމަކީ ލާޒިމުކަމެއްކަން އެއީ އާދައިގެ ސިކުނޑީއަކުން ވިސްނައިލިޔަސް ހަމަ ކޮންމެ މީހަކަށްވެސް ދާދި ފަސޭހައިން އެނގޭނެ ކަމެކެވެ. ބައެއް ޢިލްމުވެރީން ވިދާޅުވާ ގޮތުގައި މިއީ ޟަރޫރިއްޔާތުގެ ދަރަޖަ އެވެ. އެހެންކަމުން މި ފަސް މަގުސަދު ޙާޞިލުކުރެވޭނެ ހުރިހައި މަގުތަކެއް އިސްލާމީ ޝަރީޢަތުގައި ވަނީ ވަރަށް ސާފުކޮށް ދައްކަވައިފައެވެ.

އިސްލާމްދީނަކީ ލޭއޮހޮރުވުމާ ދުރު، އަދި އަމާންކަމާއި ހިތްހަމަޖެހުމުގެ ދީނެކެވެ. މި ދީނުގައި އެއްވެސް ފުރާނައެއް (ނުޙައްޤުން) ދުއްވައިލުމަކީ އެންމެހައި މީސްތަކުން ޤަތުލުކުރުމާ އެއްފަދަ ކަމެއްކަން އަންގަވައި ﷲ ވަޙީކުރައްވައިފައިވެއެވެ. )من قتل نفساً بغير نفس أو فساد في الأرض فكأنّما قتل النّاس جميعاً ومن أحياها فكأنّما أحيا النّاس جميعاً.( (المائدة 32) މާނައީ: [ނަފުސެއް މަރައިގެން، ނުވަތަ ބިމުގައި ފަސާދައެއް އުފައްދައިގެން ނޫންގޮތަކަށް، ނަފުސެއް މަރައިފި މީހަކު، އެންމެހާ މީސްތަކުން މެރިފަދަ އެވެ. އަދި އެ ނަފްސު ދިރުވައިފި މީހާ (އެބަހީ: ނުމަރައި ދުނިޔޭގައި ބަހައްޓައިފިމީހާ) އެންމެހާ މީސްތަކުން ދިރުވިފަދައެވެ.] )وَلَكُمْ فِي الْقِصَاصِ حَيَاةٌ يَاْ أُولِيْ الأَلْبَابِ لَعَلَّكُمْ تَتَّقُونَ.( (سورة البقرة:179) މާނައީ: [އަދި ޤިޞާޞްހިފުމުގައި ތިޔަބައިމީހުންނަށް (ވަރަށްބޮޑު) ދިރުމެއްވެއެވެ. އޭ ބުއްދީގެ އަހުލުވެރީންނޭވެ! (އެއީ) ތިޔަބައިމީހުން ތަޤުވާވެރިވުމަށްޓަކައެވެ.]  މިއީ މީސްތަކުންގެ ނަފުސާއި ފުރާނައިގެ މަޞްލަޙަތަށް ޓަކައި އިސްލާމް ދީނުގައި އަޅުއްވައިފައިވާ ފިޔަވަޅުތަކުގެ ތެރެއިން ވަރަށް ކުޑަކުޑަ މިންވަރެކެވެ. ކީރިތި ޤުރުއާނުގައި މިފަދަ އެތައްއެތައް އަމުރުފުޅުތަކާއި އިރުޝާދުތައް ވަނީ ބާވައިލައްވައިފައެވެ.

މީސްތަކުންގެ މަޞްލަޙަތުތައް ހިމާޔަތްކޮށްދެއްވުމުގެ ގޮތުން ކީރިތި ރަސޫލާ ޙަދީޘްކުރައްވައިފައިވެއެވެ. [إن دمـا ئكم وأموالكم وأعراضكم حـرام عـليكم] މާނައަކީ: "ހަމަކަށަވަރުން ތިޔަބައިމީހުންގެ ލެޔާއި ތިޔަބައިމީހުންގެ މުދަލާއި ތިޔަބައިމީހުންގެ އަބުރު ވަނީ ތިޔަބައިމީހުންގެ އެއްބަޔަކު އަނެއް ބަޔެއްގެ މައްޗަށް ޙަރާމްކުރައްވައިފައެވެ." މި ޙަދީޘްފުޅުގައި މީސްތަކުންގެ ވަރަށް ގިނަ މަޞްލަޙަތުތައް ވަނީ ޙިމާޔަތްކުރައްވައިފައެވެ. މި މައުޟޫޢުގައި މި ޙަދީޘް އަޅުގަނޑު މި ނަކަލުކޮށްލީ ނަފުސާއި ފުރާނައިގެ ޙިމާޔަތަށް ރަސޫލާގެ ސުންނަތުގައި އިސްކަން ދެއްވައިފައިވާ މިންވަރު ހާމަކޮށްލުމަށް ޓަކައެވެ. އެހެނީ މި ޙަދީޘްގައި އެންމެ ފުރަތަމަ ވެސް ބަޔާންކުރައްވައިފައިވަނީ ލޭ އޮހޮރުވުން (މީހަކުމެރުން) ޙަރާމްކުރައްވައިފައެވެ.

އިސްވެ ބަޔާންކުރެވުނު ދަލީލުތަކަށް އެކަނި ބަލައިލިޔަސް އިސްލާމީ ޝަރީޢާގެ މަ ދަކީ މީސްތަކުންގެ މަޞްލަޙަތު ޙިމާޔަތްކުރުންކަން އެއްވެސް އޮޅުމެއް ނެތި ހާމަވެއެވެ. މި މަޞްލަޙަތުތައް ކަނޑައެޅޭނީ ޝަރީޢަތުގެ ހަމަތަކުގެ މަތީންނެވެ. އިސްލާމީ ޝަރީޢާގައި މީސްތަކުންގެ މަޞްލަޙަތު ހުރިކަމެއްކަމަށް ސާބިތުވާ ކޮންމެ ކަމަކީ މުޢުތަބިރު މަޞްލަޙަތެކެވެ. މީސްތަކުންނާއި މުޖުތަމަޢަށް ގެއްލުންހުރި ކަމެއްކަމަށް ޝަރީޢަތުން ސާބިތުވާ ކޮންމެ ކަމަކީ ފާސިދު ނުވަތަ ބާޠިލު މަޞްލަޙަތެކެވެ. މި ދެބައިގައި ނުހިމެނޭ، (މީސްތަކުންނަށް ދޫކޮށްލެވިފައިވާ) ކަންކަން ހިމެނެނީ މަޞްލަޙަތުލްމުރުސިލާގެ ތެރޭގައެވެ. ނަމަވެސް މަޞްލަޙަތުލް މުޢުތަބިރާގެ ގޮތުގައި ކަނޑައެޅޭ ކޮންމެ ކަމެއް ވާންޖެހޭނީ ޝަރީޢަތާ ފުށުނާރާ، އަދި ދައުލަތާއި ރައްޔިތުންނަށް ލާބަހުރި އަދި ސަލާމަތް ސިކުނޑިތަކަށް ޤަބޫލުކުރެވޭ ކަންތަކެވެ.

އެހެންކަމުން އެނގި ސާބިތުވަނީ، އިސްލާމީ ޝަރީޢާގެ މަޤުޞަދުތައް ޙާޞިލުކުރުމުގެ ގޮތުން ﷲއަށް ޓަކައި ކުރެވޭ ކޮންމެ ކަމެއް ވެސް ހިމެނޭނީ އަޅުކަމުގެ ތެރޭގައިކަމެވެ. އަޅުކަންކުރުމަށް ޓަކައި ނޫނީ ޖިންސީންނާއި އިންސީން ނަހައްދަވަމޭ މާތް ﷲ އެ އަންގަވަނީ އެެހެންވެގެންނެވެ.

 

ކޮމެންޓު