ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް
28 އޮކްޓޯބަރު 2025
ހެންރީ ޑާބިން - އާދަޔާ ޚިލާފު ނާޒިރެއް
ވާހަކަ ފެށުމުގެ ކުރީން ފާހަގަކޮށްލާން ބޭނުންވަނީ މިއީ ޚިޔާލީ ވާހަކައެއްނޫންކަމެވެ. މިއީ އެމެރިކާގެ ސައުތު ކެރޮލީނާ ސުޓޭޓުގެ ތިންވަނައަށް އެންމެ ބޮޑު ރަށްކަމުގައިވާ ނޯތު ޗާލްސްޓަންގެ އިސްކޫލެއްގެ ނާޒިރަކާ ބެހޭ ވާހަކައެކެވެ.
އާދޭހެވެ! ހެންރީ ޑާބީއަކީ 'ނޯތު ޗާލްސްޓަން ހައި ސްކޫލް'ގެ ނާޒިރެވެ. އޭނާގެ އިސްކޫލުގައި ކިޔަވަމުންދާ ކުދީންނަކީ އިގުތިސާދީ ހަރުގަނޑުގެ އެންމެ ތިރީ ހަރުފަތްތަކުގެ އާއިލާތަކަށް ނިސްބަތްވާ ކުދީންނެވެ. އެހެންވެ، ވަރަށް ގިނަގުނަ ދަތިތަކާ އެ ކުދީން ކުރިމަތިލާންޖެހެއެވެ. އިސްކޫލަށް ދާން ބޭނުންވާ ތަކެއްޗެވެ. ކާބޯތަކެތި ގަވާއިދުން ނުލިބުމާއި، ބައެއް ކުދީންނަށް އެ ކުދީން އުޅޭނެ ތަނެއް ނެތުމުގެ ދަތިކަން ވެސް ބަރުދާސްތުކުރާން ޖެހިފައިވެއެވެ. ނާޒިރު ހެންރީ ޑާބީ އޭނާގެ އިސްކޫލުގައި ކިޔަވާ ކުދީންގެ ހާލު އަހުވާލު ބަލާން ބައެއް ފަހަރު އެ ކުދީންގެ ގޭގެއަށް ވެސް ޒިޔާރަތްކުރެއެވެ. އެހެންވެ، އެ ކުދީން ތަހައްމުލުކުރަމުންދާ ދަތިތައް ވަރަށް ގާތުން އޭނާއަށް ފެނިވަޑައިގަތެވެ.
އޭނާގެ ލޯފުޅުން ދެކެވަޑައިގަތް މި ދަތިތަކަށް ކޮންމެވެސް ވަރެއްގެ ލުޔެއް، އެ ކުދީންނަށް ހޯއްދަވައިދެއްވުމުގެ ގޮތުން ކޮންމެވެސް ކަމެއް ކުރައްވާން ނާޒިރު ޑާބީ ނިންމެވިއެވެ. އެ ގޮތުން އޭނާ ގަސްދުކުރެއްވީ އިތުރު ވަޒީފާއެއް ހޯއްދެވުމަށެވެ. އަދި، ސުޕަރމާކެޓެއްގައި ހަފުތާއަކު ތިން ދުވަހު ރޭނގަޑު ދިހައަކުން ފެށިގެން އަނެއް ދުވަހުގެ ހެނދުނު ހަތެއް ޖަހަންދެން މަސައްކަތްކުރެއްވިއެވެ. ސުޕަމާކެޓުގެ މުދާ ހަރުތަކަށް މުދާ އަރުވައި ތަރުތީބުކުރުމުގެ މަސައްކަތެވެ. ސުޕަމާކޭޓުން ލިބިވަޑައިގަންނަވާ މުސާރަ މުޅީން އޭނާ ހޭދަކުރައްވަނީ އޭނާގެ އިސްކޫލު ކުދީންނަށް އެހީތެރިކަން ފޯރުކޮށްދެއްވާށެވެ. ސުޕަމާކެޓުގެ މަސައްކަތް ހެދުނު ނިމުމުން، ނާޒިރުކަމުގެ ވަޒީފާ އަދާކުރެއްވުމަށް ޓަކައި އޭނާގެ އިސްކޫލަށް ވަޑައިގަނެއެވެ.
މި ފަދައިން ދެ ވަޒީފާ އަދާކުރެއްވުމުގެ ކަންތައް އޭނާ ބޭއްވެވީ ސިއްރުކޮށްފައެވެ. ނަމަވެސް، އޭނާގެ އިސްކޫލުގެ ކުއްޖަކަށް އޭނާ ސުޕަމާކެޓުގައި މަސައްކަތްކުރައްވާކަން އެނގި، އަދި، ދުވަސްގަނޑަކަށް ފަހު މި ކަން އާންމުންނަށް ވެސް އެނގުނެވެ. މީގެ އިތުރަށް، އޭނާ މަސައްކަތް ކުރައްވާ ސުޕަމާކެޓުގެ ވެރީންނަށް ވެސް، ނާޒިރުގެ ހަގީގަތް އެނގުނެވެ. އޭނާއަކީ އިސްކޫލެއްގެ ނާޒިރެއްކަމާއި އޭނާ ސުޕަމާކެޓުގައި މަސައްކަތް ކުރައްވަނީ އޭނާގެ އިސްކޫލު ކުދީންނަށް އެހީވެދެއްވުމުގެ ގޮތުންކަން އެނގުނެވެ. އަދި، ނާޒީރު ޑާބީގެ މި ވާހަކަ، މި އަހަރު ކުރީ ކޮޅު، ޗާލްސްޓަންގެ ބައެއް ނޫސްތަކުގައި ޝާއިއުކުރެވި، އާންމުވެގެން ދިޔައެވެ.
ދެން، ނާޒިރު ޑާބީގެ އަމިއްލަ ވަގުތުތަށް ގުރުބާންކުރައްވައި، އިސްކޫލު ކުދީންނަށް ޓަކައި ކުރެއްވި ލާނަފްސީ އަމަލުގެ އަގު ވަޒަންކުރާން އޭނާ މަސައްކަތްކުރައްވާ ސުޕުމާކެޓުގެ ފަރާތުން ނިންމިއެވެ. އެ ސުޕަމާކެޓުގެ ފަރާތުން އެ ކަމަށްޓަކައި ޚާއްސަ ހަފުލާއެއް ބާއްވައި ނާޒިރު ޑާބީއަށް ޝުކުރު އަދާކޮށް، އިސްކޫލު ކުދީންނަށް އިތުރަށް އެހީ ފޯރުކޮށްދިނުމަށް ޓަކައި ފަންސާސް ހާސް ޑޮލަރުގެ ޗެކެއް ވެސް ހަދިޔާކުރިއެވެ. އަދި މި ކަން ވެގެން ދިޔައީ އާންމުންގެ އެންމެން އެ އިސްކޫލަށް އެހީވުމަށް ޓަކައި ދެ ލައްކައެއްހާ ޑޮލަރު ހަދިޔާކުރާން މެދުވެރިވީ ކަމަކަށެވެ.
މީގެ އިތުރަށް، ސައުތު ކެރޮލީނާ ސްޓޭޓުގެ ގަވަރުނަރު ވެސް ނާޒިރު ޑާބީގެ އަގުހުރި ލާނަފްސީ، އިޚުލާސްތެރި ޚިދުމަތް ފާހަގަކުރައްވައި މަދަނީ ޝަރަފުގެ އައްޑަނަ ނާޒިރު ޑާބީއަށް އެރުވިއެވެ. އެ ހަފުލާގައި، ނާޒިރު ޑާބީއަށް އިޝާރަތްކުރައްވަމުން ގަވަރުނަރު މެކްމާސްޓަރު ވިދާޅުވިއެވެ. [މިއީ ވަރަށް ވެސް ބޮޑަށް ފާހަގަކޮށްލެވޭ އިންސާނެކެވެ.] ދެން، ނާޒިރު ޑާބީގެ އަގުހުރި ޚިދުމަތްތައް ފާހަގަކުރެއްވިއެވެ. މަދްރަސީ އަދި ޖާމިއީ މަރުހަލާތަކުގައި ކިޔަވައިދެއްވުމެވެ. ކުދީންގެ ތައުލީމީ ފެންވަރު މަތިކޮށް، ކުރީން އިޝާރަތްކުރި ފަދަ ކަންކަން ކުދީންނަށް ކޮށްދެއްވައި، އެހީވެދެއްވުމެވެ. އަދިވެސް ގަވަރުނަރު ވިދާޅުވިއެވެ. [ނާޒިރު ޑާބީ ވަނީ އެތައްއެތައް ބަޔަކަށް އެހީވެދެއްވައި، އެތައްއެތައް ބަޔެއްގެ ހަޔާތަށް ހެޔޮ ގޮތުގައި އަސަރުކުރުވައިފައެވެ. އަހަރުމެންގެ ތެރެއިން ކޮންމެ މީހަކަށް ނާޒިރު ޑާބީ ކުރެއްވި ހުރިހައި ކަމެއް ނުކުރެވި ހިނގައިދާނެއެވެ. އަދި، އޭނާ އެހީވެ އަސަރުކުރުވިހާ ގިނަ މީހުންނަށް އެހީވެ އަސަރުކުރުވާ ގޮތް މެދުވެރިނުކުރެވި ހިނގައިދާނެއެވެ. ނަމަވެސް، އަހަރުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކަށް ވެސް، ކޮންމެ ވެސް މީހަކަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްލެވިދާނެއެވެ.]
މި ވާހަކައިން ދެތިން ކަމެއް ފާހަގަކޮށްލެވިދާނެއެވެ. އެންމެ ފުރަތަމަ ޑާބީ ނާޒިރުގެ ތަވާޟުއު ވެރިކަމެވެ. އާދޭހެވެ! އޭނާގެ ހިތްޕުޅު ތިރިކަމެވެ. ނާޒިރެއްގެ ވަޒީފާ އަދާކުރައްވަމުން ސުޕަމާކެޓެއްގައި އާދައިގެ މަސައްކަތު މީހެއްގެ ވަޒީފާ އަދާކުރައްވާކަށް އޭނާ ޖެހިލުންވެވަޑައިނުގަތްކަމެވެ. އޭނާގެ އިޚުލާސްތެރިކަމެވެ. ދެވަނަ ވަޒީފާއެއް އަދާކުރައްވައި، އެ ވަޒީފާއިން ލިބިވަދައިގަތް މުސާރަ މުޅީން އޭނާގެ އިސްކޫލުގެ މުހުތާދުވެރި ކުދީންނަށް ހަދިޔާކުރުމެވެ. އާދޭހެވެ! ހިތްތިރިވުމާއި އިޚުލާސްތެރިކަމުގެ ސިފައަކީ ހާސިލުކުރާން ބޭނުންވާ ކަންކަމާ ހަމައަށް އިންސާނާ ގެންގޮސްދޭނޭ މުހިންމު ދެ ސިފައެވެ. އަދި، ނާޒީރު ޑާބީގެ މައްސަލައިގައި، މި ދެ ސިފަ ހިމެނިގެން ދިޔައީ ގުދުރަތުން އޭނާއަށް މަދަދު ލިބުމުގެ މަގުފަހިވެގެން ދިޔަ ދެ ސިފައަކަށެވެ. އޭނާގެ މަސައްކަތުގެ ވާހަކަ އާންމުވެ، އެންމެނަށް އެ ކަން އެނގުމުން، އެންމެން ވެސް އޭނާއަށް އެހީވުމަށް ނިކުތެވެ.
މުހުތާދުވެރި ކުދީންނަށް އެހީވެދިނުމުގެ ގޮތުން އޭނާ މަސައްކަތްކުރާން އޭނާއަށް ހިތްވަރު ދިނީ ކޮން ކަމެއްތޯ އޭނާއާ ސުއާލުކުރެވުމުން ޖަވާބުގައި އޭނާ ވިދާޅުވީ، އެއީ އޭނާގެ ޅައިރުގެ ހަޔާތުގެ ތަޖުރިބާއެވެ. އޭނާގެ އިސްކޫލުގެ ބައެއް ކުދީންގެ ދަތި ހަޔާތް އޭނާގެ ހަނދާނަށް ގެނެސްދިނީ އޭނާގެ ކުޑައިރުގެ ހަޔާތުގެ ސަފުހާތަކެވެ. އޭނާގެ ވަރަށް ޅަފަތުގައި އޭނާގެ ބައްޕަ ނިޔާވުމުން، ހަމައެކަނި މަންމައެއްގެ މަސައްކަތުން އުޅޭން ޖެހުމެވެ. އަދި، ކާއެއްޗެއްސާއި އަންނައުނު ހޯދުމުގެ ދަތިކަން ތަހައްމަލުކުރާންޖެހުމެވެ. އެހެންވެ، އޭނާގެ އަގުވަޒަންކުރުމުގެ ގޮތުން ބޭއްވުނު އެއް ހަފުލާގައި ވެސް މި ކަން ފާހަގަކޮށް ކުދީންނާ މުޚާތަބުކޮށް އޭނާ ހަނދާކޮށްދެވި ކަމަކީ މިއެވެ. އެކަކު އަނެކަކަށް، ވެވުނު ވަރަކުން އެހީވުމަށެވެ. އާދޭހެވެ! ނާޒިރު ޑާބީގެ ވާހަކައިގެ އެންމެ މުހިންމު މެސެޖަކީ މިއީކަމަށް ބެލެވިދާނެއެވެ. ކޮންމެ މީހަކު ވެސް، އެ މީހަކަށް ވީވަރަކުން މުހުތާދުވެރީންނަށް އެހީވެދެވޭތޯ މަސައްކަތްކުރުމެވެ. މި ފަދައިން ކަންތައްކޮށް، އެކަކު އަނެކަކަށް އަޅައިލެވި، އަތާއި އަތް ގުޅުވައިލެވިއްޖެ ނަމަ، އެތައް ލޮލަކުން ފައިބާ ކަރުނަތައް ފޮހެވި، މުޖުތަމައުގައި ނަފުރަތުކުރުމާއި ހަސަދަލުން ނެތި، ލޯތްބާއި ކަމޭހިތުން ފެތުރިގެންދެއެވެ.