ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް
25 އޮކްޓޯބަރު 2025
ޔޫއެސްއެސްއާރު ބައިބައިކޮށްލައި ކުޑަކޮށްލި ހާދިސާއިން ޢިބްރަތް ހާސިލުކުރަމާތޯއެވެ!
1991ގައި ސޮވިއެޓް ޔުނިއަން ވެއްޓި، އުވުމާ ގުޅިގެން، ސޮވިއެޓް ޔުނިއަންގެ ދުވަސްވަރު އެމެރިކާއަށް ޖާސޫސުކޮށްދިން މީހެއްގެ ޚިދުމަތް ފާހަގަކޮށް، އެމެރިކާއިން އޭނާއަށް އިނާމެއް ދެވުނު ވާހަކަ ދެއްކެވެއެވެ. އެ މީހަކީ މަދަނީ ޚިދުމަތްތައް ފޯރުކޮށްދިން ސަރުކާރުގެ އިދާރާގެ އިސް މުވައްޒަފެކެވެ. މި ވާހަކައިގައި ބުނާ ގޮތުން، ސޮވިއެޓް ޔުނިއަން ވެއްޓި އުވި ގޮސް އޭގެ މަގާމުގައި ރަޝިއާ އުފަންވެ ދިޔަ ފަހުން، ސޯވިއެޓް ޔުނިއަންގެ ދުވަސްވަރު، އެ ޔުނިއަންގެ ޖާސޫސީ އިދާރާގެ އިސްވެރިޔަކު، ކުރީން މި ދެންނެވި ޖާސޫސު ކުރެން އެހިއެވެ. [އެމެރިކާއަށް ޖާސޫސުކޮށްދޭކަމުގެ ޝައްކު އިނބައާ މެދު އުފެދި އިނބަގެ ހަރަކާތްތައް ބެލެހެއްޓުމުގެ މަސައްކަތް އަހަންނާ ހަވާލުކުރެވުނެވެ. އެމެރިކާގެ އެއްވެސް އިދާރާއަކާ ނޫނީ އެއްވެސް މީހަކާ އިނބަ ގުޅައި ވާހަކަދެއްކި ތަނެއް، ނުވަތަ އެ ފަދަ ފަރާތަކަށް ލިޔުމެއް ފޮނުވިކަމެއް އެނގިފައެއްނެތެވެ. އެހެންކަމަށްވާ އިރު، އެމެރިކާއަށް އިނބަ ފޯރުކޮށްދިން ޚިދުމަތަކީ ކޮބައިހެއްޔެވެ؟]
ދެން، އެ ޖާސޫސު ބުންޏެވެ: [އަހަރެން ކުރިހާ ވެސް ކަމަކީ މިއެވެ. މުހިންމު، ބޮޑެތި މަގާމުތަކަށް ކުފޫ ހަމަ ނުވާ މީހުން އައްޔަނުކުރުމެވެ. އަދި، ގައުމުގައި އުފެދުނު މޮޅު ގާބިލު މީހުން ބާކީކޮށްލައި، ގައުމު ދޫކޮށް، ހިޖުރަކުރުމަށް އެ މީހުންނަށް ހިއްވަރުދިނުމެވެ. މި ކަމުގެ ނަތީޖާއަކަށްވީ މުހިންމު މަގާމުތަކަށް ގާބިލު ނޫން މީހުން މަތިކުރެވުމެވެ. ނޫނީ އެއްވެސް ހަކަތައެއް ނެތް މުސްކުޅިން އެ ފަދަ މަގާމުތަކުގައި ބޭއިތިއްބުމެވެ. މި ކަމުގެ ނަތީޖާއަކަށްވީ ފިކުރީ ގޮތުން ސޯވިއެޓް ޔުނިއަން ބަނގުރޫޓުވުމެވެ. އަދި، އެމެރިކާއާ ވާދަކުރުމުގެ ގާބިލުކަން ނެތުމެވެ.]
މިހެންވެ، ދުނިޔޭގެ ބައެއް ޔުނިވަރސިޓީތަކުގައި ޕޯސްޓު ގުރޭޖުއޭޓުގެ ދަރިވަރުންނަށް ދެވޭ މެސެޖެއް އޮވެއެވެ: [ގައުމެއް ހަލާކުކޮށްލައި ފުނޑުފުނޑުކޮށްލާން ނިޔުކްލިޔަރ ބޮމާއި ދުރު ރާސްތާ މިސައިލްތަކެއް ބޭނުމެއްނުވެއެވެ. އެ ތަނުގެ ޒުވާނުންނަކީ ޒިހުނިއްޔަތާއި ފިކުރުކުރުމާ ދުރު ބަޔަކަށް ހަދައިލާށެވެ!] މި ފަދަ މެސެޖެއް އެ ކުދިންނަށް ދިނުމުގެ ބޭނުމަކީ ޒިހުނިއްޔަތާއި ފިކުރުކުރުމުގެ މުހިންމުކަން ބުނެދިނުމެވެ.
އާދޭހެވެ! ކޮޕީކޮށް، މަކަރު ހަދައިގެން ޑޮކްޓަރީކަމުގެ ފާސްނަގާ މީހާގެ އަތްމަތީގައި ބަލިމީހާ މަރުވެއެވެ. ކޮޕީކޮށް މަކަރުހަދައިގެން އިންޖިނޭރުކަމުގެ ފާސްނަގާ މީހާ އަޅާ ގެތަކާއި ފާލަންތައް ވެއްޓެއެވެ. ކޮޕީކޮށް މަކަރުހަދައިގެން ދީނީ ފާސްތައްނަގާ މީހުންގެ އަތްމަތީގައި ދީނުގެ އަގުތައް ގެއްލެއެވެ. ކޮޕީކޮށް މަކަރުހަދައިގެން ފާސް ހޯދާ ޤާޟީންގެ އަތްމަތީގައި އަދުލުވެރިކަން ގެއްލެއެވެ. ކޮޕީކޮށް މަކަރުހަދައިގެން ދަސްވެނިވާ މުދައްރިސުންގެ އަތްމަތީގައި ތައުލީމީ ނިޒާމު ހަލާކުވެއެވެ. ގައުމަށް ވަލާއެއް ނެތް، ތެދުވެރިކަމާއި އިޚުލާސްތެރިކަން ނެތް ސިޔާސީ މީހުންނާ ގައުމުގެ ލަގަން ހަވާލުކުރުމުން މުޅި ގައުމު ފުނޑުފުނޑުވެ ގައުމުގެ މިނިވަންކަން ގެއްލިދެއެވެ.
ރާއްޖެއިން ވެސް މި ފަދަ މަންޒަރުތައް ފެނެއެވެ. އާންމު ރައްޔިތުންގެ ކިބައިގައި ސިޔާސީ ރަނގަޅު ހޭލުންތެރިކަމެއް ނެތިސް، ގިނަ ޕާޓީތަކުގެ ޑިމޮކުރަސީ ތައާރަފުކުރެވުމުން ކަންތައްވީ ކިހިނެއްހެއްޔެވެ؟ ވޯޓު ގަތުމަށް ވުނަކޮށް، ވެރިކަމާއި މަޖުލީހުގެ ގޮނޑިއާ ހަމައަށް ގައުމަށް ވަލާއެއް ނެތް ސިޔާސީ ވެރިން ވާސިލުވަނީއެވެ. އެއަށް ފަހު، ދެން ފެށެނީ ގައުމުގެ ޚަޒާނާއަކީ، އެ މީހުންގެ މެޓާ ޖާޑިއަކަށް ހަދައިލައިގެން އެއިން ކެވޭ ވަރަކަށް މެޓާ ކެއުމެވެ. އެކަށީގެންވާ ވަރާ ގާތަށް ވެސް ހޭލުންތެރިކަމެއް ނެތި، އަދި، ކަމާ ބެހޭ ރަނގަޅު ގަވާއިދުތަކާއި ގާނޫނުތައް ވެސް ރަނގަޅަށް އެކުލަވައި ނުލެވި، ކުންފުނިތައް ޕްރައިވަޓައިޒްކުރުމުން، ރައްޔިތުންގެ ކުންފުނިތައް ވެސް ވީ އެ ތަންތަން ހިންގާން ތިބޭ ބަޔެއްގެ އަމިއްލަ ތަރިކަ މުދަލެއް ފަދަ އެއްޗަކަށެވެ. ބޭނުން ބަޔަކަށް ވަޒީފާތައް ބަހައިލައި، އެ ތަންތަނަށް ލިބޭ އާމްދަނީ ހިތުހުރި ގޮތަކަށް ބޭނުންކުރުމުގެ މަގުފަހިވެދިޔައީއެވެ. ހަމަ އެހެންމެ، ރަނގަޅު ހޭލުންތެރިކަމެއް ނެތި، އަދި، އެ ކަމާ ބެހޭ ރަނގަޅު ގާނޫނުތަކާއި ގަވާއިދުތައް އެކުލަވައިނުލައި ލާމަރުކަޒީ އުސޫލެއް ތައާރަފުކުރެވުމުން، އަތޮޅުތަކުގައި ކުދިކުދި ސަރުކާރުތަކެއް އުފެދި، އެތާ ތިބޭ ބަޔަކު ބޭނުން ގޮތަކަށް ތަނުގެ ފައިސާ ޚަރަދުކޮށްލެވޭނޭ މަގު ފަހިވިއެވެ.
މި ސިލްސިލާގެ އެންމެ ފަހުގެ ބޮޅަކީ ޖަމާއީ ސިފައެއްގައި ބޭރު މީހުންނަށް ރައްޔިތުކަން ދިނުމުގެ ވާހަކައެވެ. ތަނުގެ މީހުންގެ ދިރިއުޅުމުގެ ކަންކަން ފަސޭހަކޮށްދިނުން އެއްކިބާކޮށްފައި، އެ ފަދަ ކަމެއްކުރުމުން ނަތީޖާ ނިކުންނާނީ ކިހިނެއްހެއްޔެވެ؟ ތަނުގެ މީހުންނަށް އުޅޭނޭ ގެދޮރު ނެތިފައިވަނިކޮށް، ފަންސާސްހާސް މީހުން ގެނެސް ރައްޔިތުކަން ދީފައި އެ މީހުން ބައިތިއްބާނީ ކޮންތާކުހެއްޔެވެ؟ އެ މީހުންނަށް ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތައް – އާމްދަނީ ހޯދުން، ތައުލީމީ ސިއްހީ ޚިދުމަތް ފަދަ ޚިދުމަތްތައް – ތަނުގެ މުވާތިނުންނަށް އެންމެ އެކަށީގެންވާ ގޮތުގައި ފޯރުކޮށްނުދީ، ފޯރުކޮށްދެވިދާނެހެއްޔެވެ؟ ހިޖުރަކުރާ މީހުންގެ ވަލާއު އޮންނާނީ ކޮން ތަނަކަށްހެއްޔެވެ؟ ރާއްޖެއަށްހެއްޔެވެ؟ ނޫނީ އެ މީހުންގެ އަސްލު ގައުމުތަކަށްހެއްޔެވެ؟ ތަނުގެ މީހުންނަށް ގެދޮރު ނުލިބިފައި ތިއްބައި އެ ގެންނަ ބަޔަކަށް ތަންތަން އަޅައިފައި ދޭންވީހެއްޔެވެ؟ ތަނަށް އެއްވެސް ވަލާއެއް ނެތް މީހަކު މި ފަދަ ވާހަކަދައްކަފާނެއެވެ. ނަމަވެސް، ކަނު ސިފައެއްގައި އެ ވާހަކަތައް ގަބޫލުކުރާ ރައްޔިތަކު ތަނުގައި ތިބެއްޖެ ނަމަ، ދެން، ނަތީޖާ ނިކުންނާނީ ކިހިނެއްހެއްޔެވެ؟ މަތީގައި ތައާރަފުކުރެވުނު ކަންކަމުން ރަނގަޅު ނަތީޖާއެއް ނުފެނުނު ފަދައިން މި ކަމުން ނިކުންނާނީ ކޮން ރަނގަޅު ނަތީޖާއެއްހެއްޔެވެ؟ އެހެންވެ، މިއީ އެންމެ ވިސްނައި ފިކުރުކުރަންވީ ކަންކަމެވެ.
ސޮވިއެޓް ޔުނިއަން ވެއްޓޭން ދިމާވި އެއް ސަބަބު މަތީން ހަނދާންކޮށްލުން މުހިންމެވެ. ނާގާބިލު މީހުން ގާބިލު މީހުންކަމުގައި ބެލުން ދޫކޮށްލާންޖެހެއެވެ. ގައުމަށް ވަލާއެއް، ތެދުވެރިކަމާއި އިޚުލާސްތެރިކަމެއް ނެތް ފަޅި ސިކުނޑީގެ ސިޔާސީ ވެރީންނަށް، ވާހަކަދެއްކުމުގެ ފުރުސަތު ވެސް ނުދޭންވީއެވެ. އެ މީހުން ގޮވާ މޮޔަ ވާހަކަތައް އިޝްތިހާރުނުކުރާންވީއެވެ. ނޫން ނަމަ، ސޮވިއެޓު ޔުނިޔަން ނިމުނު ފަދައިން، އަހަރުމެންގެ ސިޔާދަތާއި މިނިވަންކަން ވެސް ގެއްލި އަހަރުމެންގެ ޖަމާއީ ހަޔާތް ނިމުމަކަށް އަތުވެދާނެއެވެ. އާދޭހެވެ! ދައުލަތެއް ވައްޓައިލެވެނީ ކަނޑި ބަޑީގެ ހަނގުރާމައަކުން އެކަންޏެއް ނޫނެވެ. ނާގާބިލު، އަދި ގައުމަށް ވަލާއެއް ނެތް މީހުންނާ މަތީ މަގާމުތައް ހަވާލުކުރެވިގެންނެވެ.