ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް
23 އޮކްޓޯބަރު 2025
އިބްލީސް
[މިހާރު މިއޮތީ މީލާދީ ސަނަތުން އެކާވީސްވަނަ ގަރުނަށް އެޅިފައެވެ. މި ލިޔުން އަހަރެން، އިބިލީސް، މި ލިޔަނީ ކަމަކާ ދެރަވެ ހިތާމަކުރާތީއެއް ނޫނެވެ. ނަމަވެސް، ކަލޭމެން އާދަމުގެ ދަރިން، ކޮންމެ ފަދަ ނުބައިކަމެއް ކޮށްފައި އަހަރެންގެ ބޮލުގައި އަޅުވާން އުޅޭތީއެވެ.]
[އޭ މަށީން އުފެއްދިފައިވާ ކާއިނުންނޭވެ! އޭ އާދަމުގެ ދަރިންނޭވެ! އިހުގައި އަހަރެން، އިބިލީސް، ކަލޭމެންގެ ކަންފަތްބުޑުގައި ވަސްވާސްދޭން ޖެހުނެވެ. ނަމަވެސް، މި ޒަމާނުގައި ކަލޭމެން ލައްވައި ނުބައި ނުލަފާ ކަންތައްކުރުވާކަށް ކަލޭމެންނަކަށް އަހަރެންގެ ވަސްވާހެއް ބޭނުމެއްނުވެއެވެ. އިހުގައި ކަލޭމެންގެ ގާތަށް އަހަރެން، ޝައިތާނާ ދާން ޖެހެއެވެ. ނަމަވެސް، މިހާރު އަހަރެން، ޝައިތާނާ، ކައިރިއަށް އަންނަނީ ކަލޭމެންނެވެ. ހުރިހާ ނުބައިކަމެއް ކުރުމުގެ ވަސީލަތްތައް ކަލޭމެންގެ އަތްމަތީ މިހާރު އެބަ އޮތެވެ. މޮބައިލު ފޯނާއި އެއާ ގުޅިފައި އޮންނަ އެކަންޓުތަކެވެ. އެއިން ބަލާން ބޭނުން އެއްޗެއް ބެލެއެވެ. ޖުއާ ކުޅެވެއެވެ. ފާހިޝް އަމަލުތަކަށް މަގުފަހިކޮށްދެއެވެ. ދެން، މި ހުރިހައި ކަމެއް ކޮށްފައި، އަހަންނަށް އެ ކަންކަން ފޫޅުކެނޑުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟
"ކަލޭމެން، މަށީގެ އަހުލުވެރީން، އާދަމުގެ ދަރީން، އުޅޭ ބައެއް ރާއްޖެތަކަށް ބަލައިލަބަލާށެވެ! ކަލޭމެން މާތްﷲއަށް އީމާންވަމޭ ކިޔާ މީހުން، ކަލޭމެންގެ އެއްބަޔަކު ކަތިލައި މަރައިލެވޭ އިރު، ދިރިއުޅުމުގެ ހުރިހާ މަގުތަކެއް ބަންދުކޮށްލެވޭ އިރު، ކަލޭމެންގެ އަމިއްލަ ނަފްސު ދިފާއުކުރުމުގެ އެދުމެއް އޮތްކަމަކަށް ކަލޭމެން ނުދެކެމުއެވެ. ނަމަވެސް، ކަލޭމެން އެއް ބަޔަކު އަނެއްބައި މީހުން ގަތުލުކުރުމަށް އަވަސްވެ ގަނެއެވެ! ކީއްވެހެއްޔެވެ؟ ކަލޭމެންގެ ގަބަލީ ފިކުރުގެ ސަބަބުންނެވެ. ކަލޭމެންގެ އަމިއްލަ ނަފްސާއި ކަލޭމެންގެ ގަބީލާގެ މަސްލަހަތު ރައްކާތެރިކުރެވޭނީ އެ ފަދައިން އަމަލުކޮށްގެންކަމަށް ހީވާތީއެވެ. ހަގީގަތަކީ އެއީ ނޫންކަމަށްވާ އިރު ވެސް މެއެވެ.]
[ދެން، ކަލޭމެންގެ މުޖުތަމައުގައި ހިނގާ ކަންކަމަށް ބަލައިލަބަލާށެވެ. ކިލޯ ކިލޯއިން މަސްތުވާ ތަކެތި އެތެރެކޮށް، އެ ޖަރީމާ ހިންގާ މީހުން އަތުލައިގަނެވި، ކޯޓަށް މައްސަލަ ހުށަހެޅުމުން ވަނީ ކިހިނެއްހެއްޔެވެ؟ ކަމާ ބެހޭ ކަރުދާސްތައް އޮންނާން ޖެހޭނީ ފެހިކުލައިގައޭ މައްސަލަ ތިޔަ ހުށަހެޅީ ރަތްކުލައިގެ ފައިލަކަށް ކަރުދާސްތައް ލައިގެންނޭ، ނޫނީ އެ ކަރުދާސްތައް ހުށަހަޅާ އިރު މިވެނި އަދަދަކަށް ފައިސާ ގެންނަންވާނޭ ކިޔައި، މި ފަދަ ތާކުންތާކު ނުޖެހޭ ބަހަނާދައްކައި އަސްލު މައްސަލަ މައްސަލައަކަށް ނުހަދައި އޮއްބައިލެވެއެވެ.]
[ދެން ވެސް، މި ފަދަ މައްސަލަތަކުގައި މީހުން ބެދުމުން، އެ މީހުންނަކީ މުޖުތަމައުގައި ކޮންމެ ވެސް ކަހަލަ މަޝްހޫރުކަމެއް ލިބިފައިވާ މީހުންނަށްވާތީ، އެ މީހުން ނަފްސާނީ މީހުންނަށް ހަދައި އެ މީހުން ދޫކޮށްލުމަށް ބާރުއެޅޭ ފަދަ އަމަލުތައް ހިންގައިލައެވެ! ގަދަރުވެރީން ކުށުން އެއްކިބާކޮށްފައި ނިކަމެތީންނަށް ފުރިހަމައަށް އަދަބުދެވެއެވެ. މިއީ އަހަރެން، އިބިލީސް، ވަސްވާސްދީގެން ކުރާ ކަންކަންހެއްޔެވެ؟ އަހަރެންގެ ބޮލުގައި މި ފަދަ އަމަލުތައް އެޅުވޭނީ ކިހިނަކުންހެއްޔެވެ؟]
[އަދިވެސް މި ކަހަލަ އެތައް ވާހަކައެކެވެ. ބޮޑެތި ވައްކަންތައް ކުރުމުން ވެސް މައްސަލަތައް ނިމެނީ ހަމަ މި ފަދައިންނެވެ. އެ ފަދަ ވައްކަންތަކަށް ނިމުން އަންނަނީ ދީލަތި މާފަކުންނެވެ. ބޮޑެތި ކޮންޓޭނަރުތައް 'ޖީބަށް ލައިގެން' ގެންދެވޭ ކަހަލައެވެ. ހެކިތަކުގެ އަލީގައި، މި ފަދަ އަމަލުތައް ހިންގިކަމަށް މީސްމީހުންގެ މައްޗަށް ތުހުމަތު ކުރެވުމުން، އެ މީހުންގެ ދިފާއުގައި އެހެން މީހުން ނިކުމެއެވެ. ދެން، އެވީ އެ މީހުން ވެސް ހުދުކާފޫރަށް ހަދައި، މަލާއިކަތުންނަށް ވުރެ ވެސް މައުސޫމު ބަޔަކަށް ހަދައި އެމީހުން ދޫކޮށްލަންވީއެވެ.]
[މިއީ އަހަރެން، އިބިލީސް ކޮން ވަސްވާހެއް ދީގެން ކުރާކަމެއްހެއްޔެވެ؟ މިއީ ކަލޭމެން ޝައިތާނުންނަށްވެ، އަހަރެންގެ އައުވާނުންނަށް ވެފައި ތިބިކަމުގެ އަލިގަދަ ހެއްކެކެވެ. ކަލޭމެން، މަށީގެ އަހުލުވެރީން، އާދަމުގެ ދަރީން، އަމިއްލައަށް ކަލޭމެންގެ ޝަރުއީ ނިޒާމު، ކަލޭމެންނަށް މާލީ ފައިދާތަކެއް ކުރާތީ ނުކުޅެދޭ ނިޒާމަކަށް ހަދައިލީ އަހަރެން، އިބިލީސް ކޮންކޮން ވަސްވާސްތަކެއް ދީގެންހެއްޔެވެ؟ ކަލޭމެންގެ ކަމުވޮށިގެންވާ މީހުން، ނުވަތަ ފައިސާވެރީން، ނުވަތަ ގަދަރުވެރީން، ނުވަތަ ބޮޑެތިބޮޑެތި މަގާމުތަކުގައި ތިބެ [އޮޅިގެން] މުއްސަނދިވާ މީހުން، މި ފަދަ މީހުންގެ އެއްވެސް ކުށެއް ނެތްކަމަށް ބުނެ މުޖުތަމައުގެ ބަޔަކު ގޮވައިލަނީ އަހަރެން، އިބިލީސް، ކޮން ވަސްވާހެއް ދީގެންހެއްޔެވެ؟ ޚުދު ކަލޭމެން، އާދަމުގެ ދަރީން އެ މީހުން ކުރެން އަހައިބަލާށެވެ! އެ މީހުން މުޖުރިމުން ދިފާއުކުރަނީ އެއްވެސް އިރެއްގައި އަހަރެން އިބިލީސް ވަސްވާސްދީގެންތޯ އެ މީހުން ކުރެން އަހައިބަލާށެވެ!
[ކޮންމެ އަކަސް، އަހަރެން، އިބިލީހަށް، އެނގެނީ ކަލޭމެން މަގުފުރައްދާކަށް އިބިލީހަކަށް ނޫނީ ޝައިތާނަކަށް ބޭނުން ނުޖެހޭ ކަމެވެ. މަތީގައި ބަޔާންކުރެވުނު ކަންކަމަށް ބަލައިލުމުން، ކަލޭމެންނަށް އިބިލީހާ އަދި ޝައިތޯނުންގެ ދައުރު އެންމެ ފުރިހަމައަށް ކުރުމުގެ ގާބިލުކަން ލިބިފައި އޮތްކަން އެނގޭނެއެވެ!]