ad_banner
އަލްއަޤުޞާ މިސްކިތްކޮޅުގެ މިންބަރުކޮޅު

ޙަސަން ލުޠުފީ، ރަންފަސް، ސ. ހިތަދޫ

22 އޮކްޓޯބަރު 2025

މަސްޖިދުލްއަޤުޞާގެ މިމްބަރުކޮޅު

ވޯލްނަޓް ގަހުގެ ލަކުޑީން ތައްޔާރުކޮށްފައިވާ އަލް އަޤުޞާ މިސްކިތްކޮޅުގެ މިންބަރުކޮޅަކީ، ސުލްޠާން ނޫރައްދީން ޒަންގީ رحمه الله ވަރަށް ޝައުޤުވެރިކަމާ އެކު، އަލްއަޤުޞާ މިސްކިތްކޮޅުގައި ބެހެއްޓެވުމަށް ތައްޔާރުކުރެއްވި މިންބަރުކޮޅެކެވެ. ނަމަވެސް، ޤުދުސް ފަތަޙަވުމުގެ ކުރީން، ނޫރައްދީން ޒަންގީ އަވަހާރަކޮށްލެވުނީއެވެ. އެއަށް ފަހު، އެ މިންބަރުކޮޅު ހުރީ، އެ މަސައްކަތްކުރި މާވަޑިއާގެ ބެލުމުގެ ދަށުގައެވެ.

އޭގެ، 20 އަހަރު ފަހުން ޞަލާޙުއްދީން އައްޔޫބީ رحمه الله ޤުދުސް ފަތަޙަކުރައްވައި، 1187ވަނަ އަހަރު، އަލްއަޤުޞާ މިސްކިތްކޮޅުގައި، އެ މިންބަރުކޮޅު ބެހެއްޓެވިއެވެ.

ނޫރައްދީން ޒަންގީ رحمه الله އަކީ، ސަލާޙުއްދީނުލް އައްޔޫބީ رحمه الله ގެ ކުރީން ޝާމުކަރައިގައި ރަސްކަންކުރެއްވި ބޭފުޅެކެވެ. ނޫރައްދީނު ޒަންގީ رحمه الله އަވަހާރަވުމުގެ ކުރީން ތިން މިންބަރުކޮޅެއް ހެއްދެވިކަމަށް ބުނެވެއެވެ. ޤުދުސް މިނިވަންކުރެއްވުމަށްފަހު، އެ ތަނުން އެއް މިންބަރުކޮޅު އަލްއަޤުޞާ މިސްކިތްކޮޅުގައި، އަދި އަނެއް މިންބަރުކޮޅު ފަލަސްޠީނުގެ އަލްޚަލީލުގައި ހުންނަ މަސްޖިދު އިބްރާހީމީގައި ބެހެއްޓެވުނެވެ. އަދި ތިންވަނަ މިންބަރުކޮޅު ބެހެއްޓެވީ ޝާމްކަރައިގެ ދިމިޝްޤުގެ އުމަވީ މިސްކިތްކޮޅުގައެވެ.

އަލްމަސްޖިދުލްއަޤުޞާގެ މިމްބަރުކޮޅު (ފޮޓޯ: އިސްލާމިކް ލޭންޑް މާކުސް)

އެކަމަކު، އަޤުޞާ މިސްކިތްކޮޅުގެ މިންބަރުކޮޅު ބެހެއްޓެވިތާ 782 އަހަރު ފަހުން، 21 އޮގަސްޓް 1969 ގައި އޮސްޓްރޭލިއާގެ ނަސްރާނީ ހަރުކަށި ފިކުރުގެ އިރުހާބީއެއް ކަމަށްވާ މައިކަލް ޑެނިސް ރޯހަން، އަލްއަޤްޞާ މިސްކިތްކޮޅުގައި ހިންގި އަލިފާނުގެ ހާދިސާއެއްގައި ޞަލާޙުއްދީނުލް އައްޔޫބީ ބެހެއްޓެވި މިންބަރުކޮޅު އަނދައި ހުލިވީއެވެ. އަދި އެ މިންބަރުކޮޅު އަންދައިލިތާ ގާތްގަނޑަކަށް ސާޅީސް އަހަރު ފަހުން، އެ މިންބަރުކޮޅުގެ ނަކަލާ އެއްގޮތަށް އައު މިންބަރުކޮޅެއް ހެއްދެވުމަށްފަހު ބެހެއްޓެވީ 01 ފެބުރުއަރީ 2007 ގައެވެ.

އުރުދުންގެ ރަސްގެފާނު އަބްދު الله (ދެވަނަ) ހަދިޔާކުރެއްވި، އައު މިންބަރުކޮޅުގެ އަގަކީ 1.5 މިލިއަން ޑޮލަރުކަމަށާއި، އެ މަސައްކަތް ނިންމައިލެވުނީ ހަތަރު އަހަރު ދުވަހުން ކަމަށް ވެސް، އެ މަސައްކަތް ކުރެއްވުމުގައި އިސްކޮށް ހުންނެވި ޖޯޑަންގެ ބަލްގާ އެޕްލައިޑް ސައިންސަސް ޔުނިވަރސިޓީގެ ޑެޕިއުޓީ ޑީން ލުއައްޔު ދައްބޫރު ވިދާޅުވިއެވެ. އަލްއަޤުޞާ މިސްކިތްކޮޅާއި، އެ މިސްކިތްކޮޅުގެ ސަރަޙައްދަކީ މުސްލިމުންނަށް ތިންވަނައަށް އެންމެ މާތް މުޤައްދަސް ތަނަށް ވާއިރު، ޤުއްބަތުއްޞަޚުރާ ނުވަތަ ޑޯމް އޮފް ދަ ރޮކް ވެސް ހުންނަނީ އެ ތަނުގައެވެ.

ކޮމެންޓު