ޙަސަން ލުޠުފީ، ރަންފަސް، ސ. ހިތަދޫ
18 އޮކްޓޯބަރު 2025
ރަސޫލު الله ﷺ އަށް މަދަޙާ ހަދައިގެން މަދަޙަ ކީ ހިނދޫ ޅެންވެރިއެއްގެ ނިމުން....
ދިއްލޫ ރާމަކީ، ރަސޫލާ ﷺގެ ޝަރަފުގައި ތަޢުރީފާއި ސަނާގެ މަދަޙަތައް ލިޔުނު، އަދި ކިޔައި އުޅުނު ހިންދޫ ޝާޢިރެކެވެ. މުސްލިމުންނާއި ހިންދޫއިންނާއި ދެބައިމީހުން ވެސް އޭނާގެ ލިޔުންތައް ކިޔައި އުޅުނެވެ.
ދިއްލޫ ރާމްގެ ހިތުގައި ރަސޫލު الله ﷺއާ މެދު އުފެދިފައިވާ ލޯތްބާއި ވަފާތެރިކަން، އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވާން ފެށުމުން، ހިންދޫން އޭނާއާ ދިމާއަށް ބުންޏެވެ. ]ކަލޭގެ މައްސަލައަކީ ކޮބައިހެއްޔެވެ؟ ކަލޭ ހިންދޫން ބަދުނާމުކޮށްފިއެވެ. ކަލޭ ތިޔައީ ހިންދޫއެކެވެ. އެކަމަކު ވެސް، ކަލޭ، މުޙައްމަދަށް ތަޢުރީފުގެ މަދަޙަތައް ކިޔައި، އަދި އޭނާއަށް ތަޢުރީފުގެ ޅެންތައް ހަދަނީއެވެ.] ޖަވާބުގައި، އޭނާ ބުންޏެވެ. [އަހުރެން ލޯތްބަށް މަޖުބޫރުވެފައި ވާތީ، އަހުރެން ހުއްޓުވާން ނުހަދާށެވެ!] އަދި، އޭނާގެ ހިތުގައިވާ ލޯބި ބަޔާންކޮށް ވަރަށް ރީތި ޅެން ބައިތުތަކެއް ލިޔުނެވެ. [މުސްލިމަކަށް ވުމަކީ މުޙައްމަދު ﷺ ދެކެ ލޯބިވުމަށް ޝަރުޠެއް ނޫނެވެ. ކައުސަރީ ދިއްލޫ ރާމަކީ ވެސް މުޙައްމަދު ﷺ ހޯދާން އުޅޭ މީހަކީމެވެ.]
ޢުމުރުގެ ފަހުކޮޅު ދިއްލޫ ރާމް ވަރަށް ބޮޑަށް ބަލިވެ، ބަލި އެނދުގައި އޮންނާންޖެހުނެވެ. އޭނާގެ ސިއްޙީ ޙާލަތު ދަށްވުމުގެ ޚަބަރު، މުޅި އިންޑިއާގައި ނޫސްތަކާއި މަޖައްލާތައް މެދުވެރިކޮށް ފެތުރުނެވެ. އޭނާގެ ޙަޔާތުގެ އެންމެފަހު ވަގުތުކޮޅު، މަރުގެ ދާނުގައި ލޯބިވާ މީހުން ވަށައިގެން ތިއްބައި، ދޮރާ ދިމާއަށް ބަލަހައްޓައިގެން އޮތް ކަމަށް ބުނެވެއެވެ. އަދި ކުޑައިރުކޮޅަކުން ދެއަތް ޖޯޑުކޮށް މައްޗަށް ނަގައިގެން ތެދުވެ، އޭނާއާ އެކު ތިބި މީހުންނަށް ކޮއްޅަށް ތެދުވުމަށް އެދުނެވެ. އެމީހުން ހައިރާންވެ، ކަންބޮޑުވެފައިވާ ޙާލު، ސުވާލު ކުރިއެވެ. [ކިހިނެއްވީ ހެއްޔެވެ؟] ދިއްލޫ ރާމު، ރޮމުން ޖަވާބުގައި ބުންޏެވެ. [އަހުރެންގެ މުޅި ޢުމުރު އެބޭކަލަކަށް ތަޢުރީފުކުރަމުގައި ހޭދަކުރި ބޭކަލަކު ވަޑައިގެންފިއެވެ! ފާޠުމަތުގެފާނުގެ ބަރަކާތްތެރި ބައްޕާފުޅު މިތާނގައި އެބަ ހުންނެވިއެވެ! އެކަމަކު، އަދިވެސް އަހުރެން އެކަލޭގެފާނުގެ ދީން ގަބޫލެއްނުކުރަމެވެ. އަހުރެންގެ ލޮބުވެތި ނަބިއްޔާ ﷺއަކީ ކިހައި ދީލަތި ބޭކަލެއްހެއްޔެވެ؟]
އެއަށްފަހު، ދިއްލޫ ރާމަށް ގަދައަށް ރޮވޭން ފެށުމުން މާތް ރަސޫލާ ﷺ ޙަދީޘްފުޅު ކުރެއްވި ކަމަށް ބުނެވެއެވެ. [ދިއްލޫ ރާމެވެ. ކަލޭގެ އަޖަލު ހަމަވާން ގާތްވަނީއެވެ. عزرائيل ވަޑައިގެން އެބަ ހުންނެވިއެވެ. ކަލޭ ފަދައިން، އަހުރެންނަށް ތަޢުރީފާއި، މަދަޙަ، ސަނާ ކިޔައި އުޅުނު މީހަކު، ނަރަކައަށް ދާކަށް ތިމަންކަލޭގެފާނެއް އެދިވަޑައެއްނުގަންނަވަމެވެ. ތިމަންކަލޭގެފާނު އެދިވަޑައިގަންނަވަނީ ތިމަންކަލޭގެފާނާ އެކު، ކަލޭ ސުވަރުގެއަށް ދިއުމަށެވެ.] ދެން ދިއްލޫރާމަށް ދެ ޝަހާދަތްލައިދެއްވިއެވެ.
އެވަގުތު ދިއްލޫ ރާމް ޝަހާދަތް ކިޔުމަށްފަހު ދެންނެވިއެވެ. [އަޅުގަނޑުގެ ސާހިބާއެވެ! ކަލޭގެފާނު، އަޅުގަނޑަށް ޝަހާދަތުގެ ދެކަލިމަ ދަސްކޮށްދެއްވައިފީމުއެވެ. އަދި ކަލޭގެފާނު އެދިވަޑައިގަންނަވާ މުސްލިމް ނަމެއް، އަޅުގަނޑަށް ދެއްވާށެވެ! މަރުގެ މަލާއިކަތާ عزرائيل عليه السلام އަޅުގަނޑުގެ ގާތަށް ވަޑައިގެންފިކަމުގެ އިހުސާސް، އަޅުގަނޑަށް އެބަކުރެވެއެވެ.]
އެހިނދު، ނަބިއްޔާ ﷺ، ދިއްލޫ ރާމުގެ ނަން، ކައުޘަރު ޢަލީ ކައުޘަރީއަށް ބަދަލުކުރެއްވެވިއެވެ. އޭގެ މާ ގިނައިރުތަކެއް ނުވެ، އޭނާގެ ނަފުސު މި ފަނާވެދަނިވި ދުނިޔެ ދޫކޮށް އާޚިރަތުގެ ދާއިމީ ގޮވައްޗަށް ދަތުރުކޮށްފިއެވެ. (މަޢުލޫމާތު: ކަސޫރީގެ ފޮތުން..)
_____________________________________
އެޑިޓަރުގެ ނޯޓު: މި ވާހަކައަކީ ހަގީގީ ވާހަކައެއްކަމަށް ވިޔަސް ނުވަތަ ނާހަގީގީ ވާހަކައެއްކަމަށް ވިޔަސް، މި ވާހަކައިން ލިބޭ ޢިބުރަތަކީ ކައުސާހިބާ ﷺ ދެކެ ހިތުގެ އަޑީން ލޯބިވެއްޖެ މީހަކަށް މާތް ﷲ ކޮންމެވެސް ގޮތަކުން ބާއްޖަވެރިކަންދެއްވާނެކަންކަމަށްވާތީ މި ވާހަކަ ޝާއިޢުކޮށްލީއެވެ.