އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
2 އޮކްޓޯބަރު 2025
އެކްސިޑެންޓުވި ސައިކަލު
އިންސާނުންނަކީ ވަރަށް އަމިއްލަ އެދުން ބޮޑު ބަޔެކެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އިންސާނުންނަށް ދެއްވައިފައިވާ ގިނަގުނަ ނިޢުމަތްތަކުގެ މަތީން ހަނދާންކުރަނީ މަދު މީހެކެވެ. ގިނަ މީހުންނަށްވާ ގޮތަކީ އަބަދު ވެސް ޝަކުވާކުރެވެނީއެވެ. ހަގީގަތަށް ވިސްނައިފި ނަމަ، އަޅުގަނޑުމެންނަށް ދެއްވައިފައިވާ ނިޢުމަތްތައް ގުނައި ޢަދަދެއް ނުކުރެވޭނެއެވެ. ނަމަވެސް އިންސާނުންގެ ގިނަ މީހުންގެ ޙާލަކީ އަބަދުވެސް ނުލިބޭ އެއްޗިއްސާ މެދު ޝަކުވާކުރުމެވެ. ތިމާއަށް ލިބިފައިވާ ނިޢުމަތްތަކުގެ މަތީން ހަނދާންކޮށް ޝުކުރުވެރިވުމަކީ ވަރަށް މަދުން ނޫނީ ނުކުރެވޭ ކަމެކެވެ. މި ކަމުގައި އަޅުގަނޑު ވެސް އިސްތިސްނާއެއް ނުކުރަމެވެ. ނަމަވެސް އަޅުގަނޑާ ދާދި ފަހުން ވެސް ކުރިމަތިވި ވަރަށް ގިނަ ހާދިސާތަކަކުން އަޅުގަނޑަށް ވަނީ ﷲގެ ރަޙުމަތް ވަރަށް ބޮޑަށް ފާހަގަކުރެވިފައެވެ. މި މަގާލު ލިޔެލާން އަޅުގަނޑު ހިތަށް އެރީ މި ކަންކަން މިއަދު ހިތްމައްޗަށް އައުމުންނެވެ.
ދާދި ފަހުން، މި ދިޔަ ޑިސެންބަރު މަހު ޢުމްރާއަކަށް ގޮސް އުޅެނިކޮށް ޖިއްދާ އެއަރޕޯޓު ކައިރިއަށް އަޅުގަނޑު ވަރަށް ބާރަށް ވެއްޓުނެވެ. ނަސީބަކުން އެއްވެސް ތަނެއް ނުބިނދެއެވެ. އެއްވެސް ތާކު ބޮލެއް ވެސް ނުޖެއެވެ. އެ ފަހަރު ވެއްޓި ޖެހުނީ ކަނާތްފަރާތް ދަށަށްވާ ގޮތަށެވެ. އެހެންކަމުން މަސްގަނޑަށް ހިސާބަކަށް އަނިޔާވުން ފިޔަވައި އިތުރުކަމެއް ނުވެއެވެ. މާތް ﷲއަށް ޙަމްދާއި ޝުކުރުހުއްޓެވެ.
މީގެ ދެތިންމަސްކުރީން އަމީނީ މަގު ކަފިހިހުރަހަކުން މަގު ހުރަސްކުރަނިކޮށް ވަރަށް ބާރަށް ދުއްވައިފައި އައި ސައިކަލަކުން އަޅުގަނޑުގެ ގައިގައި ޖެހި ވިއްސަކަށް ފޫޓަށް އަޅުގަނޑު ވިއްސައިގެންދިޔައެވެ. ލޮލުގައި ހުރި އައިނާއި އަތުގައި އޮތް ފޯނުވެސް ވިއްސައިގެން ދިޔައެވެ. އެ ފަހަރު ޖެހުނީ ދެ ކަކުލާއި ދެ އަތްތިލައެވެ. މިއީ މަރުގެ އެތިފަހަރެކެވެ. މި ފަދަ ހާދިސާއެއްގައި ދާދި ފަހުން ހައްދުންމަތީ ކައްދޫން މީހަކު ވަނީ މަރުވެފައެވެ. އަޅުގަނޑުގެ ދެ އަތްތިލައާއި ދެ ކަކޫ މަށައިގެން ދިޔުން ނޫން އިތުރު ގެއްލުމެއް ނުލިވެއެވެ. މަގުމަތީ އަތްފުނާ އަޅައިގެން ފަހުން އައިނާއި ފޯނު ހޯދި އިރު އެއިން އެއްޗަކަށް ވެސް ގެއްލުމެއް ލިބިފައެއް ނެތެވެ. މާތް ﷲގެ ރަޙުމަތުގެ ބޮޑުކަމާއެވެ. އެ ކަލާނގެއަށް ހާސް ފަށުން ޙަމްދާއި ޝުކުރުކުރަމެވެ.
މިއަދު އިސްލާމީ މަރުކަޒުގެ ސިޑި ކައިރިއަށް ވަރަށް ބާރަށް އަޅުގަނޑު ވެއްޓުނެވެ. މިއަދު ޖެހުނީ ވާތްފަރާތް އަރިއަށެވެ. މަސްގަނޑު ހަރުވެ ނޫފައިގެންފައި ހުރުން ނޫން އިތުރު ގެއްލުމެއް ނުލިބެއެވެ. ކައްޓަކަށް ގެއްލުމެއް ނުލިބެއެވެ. އެއްވެސް ތާކު ބޮލެއް ނުޖެހެވެ. އަނެއްކާ ވެސް މާތް ﷲއަށް ކޮޅު ނެތްކޮޅަށް ޙަމްދާއި ޝުކުރުކުރަމެވެ.
މީގެ އަހަރުތަކެއްގެ ކުރީން ހައްދުންމަތީ ބޮޑުމަގު ނަހަދަނީސް ޖީއެން 250 (ސައިކަލެއް)ގައި ވަރަށް ބާރަށް ދުއްވައިފައި ދަނިކޮށް ކުޑަ ފަސްފުންޏަކަށް އަރައި ސައިކަލު އަތުން ދޫވެ، ތިރީހަކަށް ފޫޓު ދުރަށް އަޅުގަނޑު ގޮސް މަގު އަރިމަތީގައި އެކޮޅުކޮޅުން ބޯޖެހި ކަނފަތާ ހަމައަށް އަޑިއަށް ދިޔައެވެ. އަޅުގަނޑު ޖެހުނު ގޮތުންނާއި ސައިކަލު ވިއްސައިގެން ދިޔަ ގޮތުން އަޅުގަނޑު މަރުވީކަމަށް ވެސް އަޑު ފެތުރުނެވެ. ނަމަވެސް ފަހަތުގައި އިންނެވި (އޭރު ބީއެމްއެލް ފޮނަދޫ ގޮފީގެ މެނޭޖަރު) އިބްރާހީމް ޢަލީގެ މުޅި ބުރަކަށި މަށައިގެން ދިޔަ އިރު، އަޅުގަނޑުގެ ބޮލަށް އެނބުރުން އެރުން ފިޔަވައި އިތުރު އެއްވެސް ގެއްލުމެއް ނުލިބެއެވެ. ކޮން ފަދަ ބޮޑު ރަޙުމަތެއްތޯއެވެ!
މިއިން ކޮންމެ ޙާދިސާއެއް ވެސް ހިނގައިފައިވާނީ ހަގީގަތުގައި އަޅުގަނޑުގެ އިހުމާލުންތާއެވެ. މާތް ﷲ ދެއްވައިފައިވާ ނިޢުމަތްތަކުގެ ބޭނުން ހިފައިގެން ތަންތަނަށް ގޮސް އުޅެނިކޮށްތާއެވެ. މިއިން ކޮންމެ ހާދިސާއަކީ ވެސް ބޮޑެތި ގެއްލުންތަކެއް ލިބި ނުވަތަ ފުރާނަދިޔުން ފަދަ ކަމެއް ހިނގުން އެކަށިގެންވާ ފަދަ ހާދިސާތަކެކެވެ. ނަމަވެސް ﷲގެ ރަޙުމަތުން އަޅުގަނޑު އެބަ ސަލާމަތްވެއެވެ. އެ ކަލާނގެ އޯގާވަންތަކަމާއި ދީލަތިކަމުގެ ބޮޑުކަމާއެވެ! އެ ކަލާނގެއަށް ހާސްފަށުން ޝުކުރު އަދާކުރަމެވެ.
މިއީ އަޅުގަނޑަށް ދިމާވި އެންމެ ދެތިން ހާދިސާއަކުން އަޅުގަނޑު ސަލާމަތްކުރެއްވުމުގައި ﷲގެ އޯގާވަންތަކަން އަޅުގަނޑަށް މިންވަރުކުރެއްވި ކުޑަކުޑަ ދެތިން ހާދިސާއެކެވެ. އަޅުގަނޑުމެންނަށް އެ ކަލާނގެ ދެއްވައިފައިވާ ނިޢުމަތްތަކުގެ މަތީން ހަނދާންކޮށްލައިފި ނަމަ، އަޅުގަނޑުމެން އެ ނިޢުމަތްތައް ވިޔަކުރާނީ ކިހިނެއްތޯއެވެ؟ އެތައް ބަޔަކު އުނުއޮރިޔާން ނިވައިކޮށްލާނޭ ފަދައެއް ނެތިގެން އުޅޭ އިރު އަޅުގަނޑުމެން ބޭނުން ވައްތަރެއްގެ ހެދުމެއް ލައިގެން މި ތިބަ އުޅެނީއެވެ. ދުނިޔޭގެ ބައެއް ހިސާބުތަކުގައި ކާނެބޯނެ އެއްޗެއް ނުލިބިގެން ބަނޑަށް މަރުވަމުންދާ އިރު، ﷲގެ ރަޙުމަތުން އަޅުގަނޑުމެން މި ތިބެނީ ބަނޑުފުރާނަ މުއްތިކޮށްގެންނެވެ. އެއް ބަޔަކު ބައެއް ޙިއްސުތަކުން މަޙުރޫމުވެފައިވާ އިރު، އަޅުގަނޑުމެންގެ ގިނަ މީހުންގެ ހުރިހައި ޙިއްސެއް ހުރީ ސަލާމަތުންނެވެ. ކަންފަތަށް އަޑުއިވެއެވެ. ލޮލަށް ފެނެއެވެ. އިޙުސާސްވެއެވެ. ވާހަކަދެއްކެއެވެ. ރަހަލައެވެ. ވަސްދުވައެވެ. ހިނގައިބިނގައިވެ އުޅެވެއެވެ. ހަށިގަނޑަށް އަންނަ ކުޑަކުޑަ ބަދަލަކުން މިއިން ނިޢުމަތެއް ގެއްލި ދިޔުމުގެ ފުރޞަތު ވަރަށް ބޮޑެވެ. ނަމަވެސް މި ކަންކަން ހަނދާންކޮށް ޝުކުރުވެރިވެވޭތޯ ހަނދާންކޮށްލަމާތޯއެވެ!
އަދި މި ވަރަކުން ވެސް ނިމުނީކީ ނޫނެވެ. އަޅުގަނޑުމެން ކޮންމެވެސް ގޮތަކުން މި އުޅެނީ ބޯހިޔާވަހިކަން ހޯދައިގެންނެވެ. ގޭގައި ޓީވީއާއި އައިސްއަލަމާރިއާއި ދޮންނަ މެޝިނާއި ފާޚާނާ ހުރެއެވެ. ފަސޭހަކަމާ އެކު ރަށަށް ލަފައިފުރާން ބަނދަރު އޮތީ ހެދިފައެވެ. މި ފަދަ ހުރިހައި ނިޢުމަތްތަކެއް ހަނދާންކޮށް ﷲއަށް ޝުކުރުވެރިވެވެނީ އަޅުގަނޑުމެންގެ ތެރެއިން ކިތަށް މީހުންނަށްބާވައެވެ. އަބަދު ވެސް ނުވެ ހުންނަ ކަންކަން ނުލިބިވާ ނިޢުމަތްތައް ހިތްމައްޗަށް ގެނެސް ޝަކުވާކުރުމުގެ އާދައަކީ އަޅުގަނޑުމެންގެ ގިނަ މީހުންގެ ކަށީގައި ހިފައިފައިވާ ނުރަނގަޅު އާދައެކެވެ. ނަމަވެސް ދުނިޔޭގައި މަގުމަތީގައި ނިދައިގެން އުޅެނީ ކިތައް ހާސް މީހުންކަން ދުނިޔޭގެ ގައުމުތަކަށް ޒިޔާރްތަކޮށްލުމުން ފެނިވަޑައިގަންނަވާނެއެވެ.
އަޅުގަނޑަށް ދާދި ފަހަކުން މި ދިމާވި ދެތިން ހާދިސާގެ ސަބަބުން އަޅުގަނޑުގެ ރޫޙު ހޭލައްވައިލައިފިއެވެ. ﷲގެ ނިޢުމަތްތަކުގެ ޙައްދެއް ޙިސާބެއް ނެތްކަމާއި އެކަލާނގެ ރަޙުމަތާއި އޯގާވަންތަކަމުގެ ބޮޑުކަން ސިކުނޑިއަށް ވިސްނައިދީފިއެވެ. މި ކަމަށް ޓަކައި އެކަލާނގެއަށް ޙަމްދާއި ޝުކުރު ފަށްފަށްކުރަމެވެ.
މާތް ﷲ ވަޙީކުރައްވައިފައިވާ މަތިވެރި އެހެން ބަސްފުޅެއް ވެސް މި ވަގުތު ހަނދާނަށް އަތުވެއްޖެއެވެ. އެކަލާނގެ ވަޙީކުރައްވައިފައިވެއެވެ. ﴿وَإِذْ تَأَذَّنَ رَبُّكُمْ لَئِن شَكَرْتُمْ لَأَزِيدَنَّكُمْ ۖ وَلَئِن كَفَرْتُمْ إِنَّ عَذَابِي لَشَدِيدٌ﴾ (سورة إبراهيم :7) (އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ އެންގެވި ހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުން ޝުކުރުކޮށްފި ނަމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އިތުރުކޮށްދެއްވާހުށީމެވެ. އަދި ތިޔަބައިމީހުން (ޝުކުރުނުކޮށް) ކާފިރުވެއްޖެ ނަމަ، (ދަންނާށެވެ!) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޢަޒާބު ގަދަފަދަވެގެންވާކަން ކަށަވަރެވެ.)
ފަހުން މި ދަންނަވައިލި އާޔަތުން އެނގޭ ގޮތުގައި ﷲގެ ނިޢުމަތްތަކަށް ޝުކުރުވެރިނުވުމަކީ އެ ކަލާނގެއަށް އުރެދުންކަން ކަށަވަރެވެ. އެހެންކަމުން އެއް ގޮތަކަށް ވެސް ޝަކުވާނުކޮށް ޝުކުރުވެރިމާ އަޅުންގެ ތެރެއިން ވުމަށް ޢަޒުމުކަނޑައަޅައިފީމެވެ. އަދި އެ ފަދަ އަޅެއްގެ ގޮތުގައި ދެމިހުރުމުގެ ތައުފީޤުދެއްވުން އެދި ދުޢާ ވެސްކުރަމެވެ.
އަޅުގަނޑު އުންމީދު ކުރަނީ [ފަރަގު] ވިދާޅުވާ ހުރިހައި ބޭފުޅުން ވެސް އަޅުގަނޑުގެ މި ވާހަކަކޮޅުން ޢިބްރަތް ޙާޞިލުކުރައްވައި ﷲގެ އިތުރު ނިޢުމަތްތަކަށް އުންމީދުކޮށް، އެ ކަލާނގެއަށް ޝުކުރުވެރިވާ މީހުންގެ ތެރޭގައި ހިމެނޭތޯ ގަދައަޅައި މަސައްކަތްޕުޅުކުރެއްވުމެވެ.
ކީރިތިވަންތަ މާތް ﷲ ތިޔަ ބޭފުޅުންނަށާއިއަޅުގަނޑަށް ހެޔޮ ތައުފީޤުދެއްވާށިއެވެ! އަޅުގަނޑުމެންނަކީ ހެޔޮ ބަސް އަހާ، ހެޔޮ ބަސް ގަބޫލުކުރާ ބަޔެއްކަމުގައި ލައްވާށިއެވެ! އަދި ޝަކުވާނުކޮށް ޝުކުރުވެރިވާ މީހުންގެ ތެރެއިން އަޅުގަނޑުމެން އެންމެން ލައްވާށިއެވެ! އަޅުގަނޑުމެންނަށް ނިޢުމަތްތައް އިތުރުކޮށްދެއްވާށިއެވެ! އާމީން!