ހުސައިން ނައުޝާދު
27 ސެޕްޓެންބަރު 2025
ދިވެހިބަސް ކިޔަވައިދޭން ފުރަތަމަ ލިޔުނު ޓެކުސްޓު ފޮތް
ދިވެހީންނަކީ އެތައް ގޮތަކުން ނަސީބު ގަދަ ބަޔެކެވެ. އިސްލާމް ދީނުގެ ހިދާޔަތުގެ އަލިކަން އެންމެންނަށް ފޯރައިފައިވާތީއެވެ. މާ ބޮޑެތި މުއްސަނދީން ނެތަސް ކާނެބޯނެ އެއްޗެއް ނެތިގެން ބަނޑަށް ޖެހިފައިވާ އެކަކު ވެސް ނެތީތީއެވެ. ބޮޑެތި ބިންހެލުންތަކާއި ގަދަފަދަ ޠޫފާނުތަކުން މިހައި ތަނަށް ވެސް ދިވެހީން ސަލާމަތްކުރައްވައިފައިވާތީއެވެ. ފިނި ގަދަކަމުން ނުވަތަ ހޫނު ގަދަކަމަކުން ކެތްނުވެގެން މޫސުމީ ހެދުން ގަންނާން ނުޖެހޭތީއެވެ. އަދި މި ނޫނަސް އެތައް ހާސް ނިޢުމަތެކެވެ. މާތް ﷲއަށް ޙަމްދާއި ޝުކުރުހުއްޓެވެ.
ނަމަވެސް އަމިއްލަ އަކުރަކާ އެކު އަމިއްލަ ބަހެއް ލިބިފައި ވިޔަސް އެ ފަޚުރުވެރި ބަހުން ތަޢުލީމު ޙާޞިލުކުރުމުގެ ފުރުޞަތުން ދިވެހީން މަޙުރޫމުވެފައިވުމަކީ ވަރަށް ބޮޑު ބަދުނަސީބެކެވެ. އަދި އެއަށް ވުރެ ބޮޑު ބަދުނަސީބަކީ، އިނގިރޭސީންގެ ޙިމާޔަތުން އަޅުގަނޑުމެން މިނިވަންވެފައި ވިޔަސް އަޅުގަނޑުމެންގެ ސިކުނޑިތައް އެ މީހުން އަޅުވެތިކޮށްފައިވާކަމެވެ. އަދި މިއަށް ވުރެ ބޮޑު ހިތާމައަކީ މި ކަންކަން އަޅުގަނޑުމެންނަށް ނުވެސް ވިސްނޭކަމެވެ.
އަޅުގަނޑުމެންގެ ސިކުނޑިތައް އިނގިރޭސީންނަށް އަޅުވެތިވެފައިވާތީ އަޅުގަނޑުމެންގެ ބަހާ މެދު ސަމާލުކަމެއް ނުވެއެވެ. ވަކި ގިންތިއެއް ފާހަގަނުކޮށް ހަމަ އެންމެންނަށޭ ދަންނަވައިލުމުން މި ވާހަކަ ކުރުކޮށްލާނަމެވެ. ނަތީޖާއެއްގެ ގޮތުން އަމިއްލަ މާދަރީބަހަށް ކޮށި ޖީލެއް އުފަންވެއްޖެއެވެ. އެހެންކަމުން ދިވެހިބަހަށް ދަރިވަރުން ކޮށިވުމުގެ ޝަކުވާ މުޖުތަމަޢުން އިވެއެވެ. ދިވެހިބަހަށް ފާގަތިވާނޭ ވެއްޓެއް އެ ކުދީންނަށް ފަހިކޮށްދެވިފައި ނެތަސްވެހެވެ.
[ފަރަގު] ގުރޫޕަކީ މި ފަދަ ހުރިހައި ކަމަކަށް އިޖުތިމާޢީ [ފަރަގެއް] ގެނައުމަށް ޓަކައި ޙަރަކާތްތެރިވާ ބޮޑު ގުރޫޕެކެވެ. [ފަރަގު]ގެ އެކި ގޮފިތައް އެކި ކަންކަމަށް ޚާއްޞަކޮށްގެންނެވެ. [ފަރަގު] މީޑިއާއެވެ. [ފަރަގު] އޮންލައިނެވެ. [ފަރަގު] އެކެޑަމީއެވެ. [ފަރަގު] އެންޓަރޕްރައިޒަސް ވެސް މިހާރު ވަނީ ވުޖޫދަށް އައުމުގެ މަގުމަތީގައެވެ. [ފަރަގު] ގުރޫޕުން، ދަރިވަރުންގެ ދިވެހިބަހުގެ ފެންވަރާ މެދު ޚިޔާލުކޮށް އެ ކަމަށް [ފަރަގެއް] ގެނެވޭތޯ މަސައްކަތް ފެށި ޚަބަރަކީ އުފާވެރި ޚަބަރެކެވެ.
އެސްއެސްސީ އިމްތިޙާނަށް ދަރިވަރުން ތަމްރީނުކުރުމަށް ޓަކައި އަދި ދަރިވަރުންގެ ދިވެހިބަހުގެ ފެންވަރު ރަނގަޅުކުރުމަށް ޓަކައި [ފަރަގު އެކެޑަމީ]އިން އިސްނަގައިފިއެވެ. އަންނަ އޮކްޓޫބަރު މަހު ފުރަތަމަ ދުވަހުން ފެށިގެން މުޅި ރާއްޖެއަށް ހުޅުވައިލައިގެން އޮންލައިން ކިލާސްތަކެއް ހިންގަވާން މިހާރުވަނީ އިންތިޒާމުކޮށްފައެވެ. ޢިލްމީ ޤާބިލުކަމާއި ހުނަރާއި ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ކުޅަދާނަ މުދައްރިބުން މެދުވެރިކުރައްވައިގެންނެވެ. މިއީ ވެސް ބަހަށް ޓަކައި ކޮށްލެވޭ ކުޑަކުޑަ ޚިދުމަތަކަށް ވެދާނެއެވެ.
މިއީ އަމިއްލަ ބަޔެއްގެ އިސްނެގުމެކެވެ. އަޅުގަނޑު އެދެނީ އަޅުވެތިވެފައިވާ އަޅުގަނޑުމެންގެ ސިކުނޑިތައް މިނިވަންކުރުމަށް ޓަކައި ހުރިހައި ފަރާތަކުން ވެސް މަސައްކަތްތަކެއް ކުރުމެވެ. ސިޔާސަތު ކަނޑައަޅުއްވާ ފަރާތްތަކުންނެވެ. ސިޔާސަތު ތަންފީޒުކުރައްވާ ބޭފުޅުންނެވެ. އިސްކޫލުތަކުންނެވެ. ޔުނިވަރުސިޓީ/ކޮލެޖުތަކުންނެވެ. ބެލެނިވެރީންނެވެ. ކައުންސިލްތަކުންނެވެ. އެންމެންނެވެ. އެހެން ނޫންނަމަ، ދިވެހި ޤައުމިއްޔަތާއި މުޖުތަމަޢަށް ފޫނުބެއްދޭ ފަދަ ގެއްލުންތަކެއް ލިބުމަކީ ދުރު ކަމެއްނޫނެވެ.
ކީރިތިވަންތަ މާތް ﷲ އަޅުގަނޑުމެންނަށް ހެޔޮ ވިސްނުން ދެއްވާށިއެވެ! މުޖުތަމަޢުގެ ލާބައަށް ޓަކައި މަސައްކަތްކުރާ ހުރިހައި ފަރާތްތަކަށް ތައުފީޤާއި މަދަދުދެއްވާށިއެވެ! އާމީން!