ad_banner
ކޮންނަ ބޯޓު މާވަށަށް ދިޔުމުން ކީ އާދަޔާ ޚިލާފު މަރުޙަބާ!

އަބާ މުޙަންމަދު

20 ސެޕްޓެންބަރު 2025

ފަޅުކޮނެ ބިންހިއްކާ ސާމާނު މާވަށަށް ގެންދިޔުން (ފޮޓޯ: މާވަށު ކައުންސިލު އެފްޕީ ސަފުހާ)

ކޮޅުމަޑުލު ގުރައިދޫގެ ބިން ހިއްކުމުގެ މަޝަރޫޢު ނިންމައިލުމަށް ފަހު، ކޮންނަ ބޯޓު ދާން ހަމަޖެހިފައި އޮތީ ހައްދުންމަތީ މާވަށު ގޮނޑުދޮށް ޙިމާޔަތްކުރުމާއި ބިން ހިއްކުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތްފެށުމަށް ޓަކައި މާވަށަށެވެ. ނަމަވެސް މި ކަން މާވަށުގެ ގިނަ ރައްޔިތުން އޭރަކު ގަބޫލެއް ނުކުރެއެވެ. މާޒީގައި ކަން ހިނގައިފައިވާ ގޮތުންނެވެ. (އެ ވާހަކައިގެ ތަފުސީލަކަށް ދާކަށް ނެތީމެވެ.)

ނަމަވެސް އެ ކަން އެ ގޮތަށް ސަރުކާރުން ރާއްވަވައިފައި އޮތުމުން ގުރައިދޫގެ މަސައްކަތް ނިންމައިލެއްވުމަށް ފަހު، ކޮންނަ ބޯޓާއި އަދި އެ ކަމަށް ބޭނުންވާ އެހެން ސާމާނު މާވަށަށް ގެންދާން ދަތުރު ފެށުމުގެ ކުރީން މި މަސައްކަތުގައި އިސްކޮށް އުޅުއްވާ ބައެއް ވެރީން، މާވަށާ ބެހޭ ގޮތުން ގުރައިދޫ ކައުންސިލުގެ ރައީސާ ސުވާލުކުރެއްވިކަމަށްވެއެވެ. މާވަށަކީ ކޮން ކަހަލަ ރަށެއްތޯއާއި އެ ރަށުން ލިބޭނީ ކޮން ކަހަލަ އެހީތެރިކަމަކާއި ތާއީދެއްތޯ އޮޅުންފިލުއްވާން ބޭނުންފުޅުވިއެވެ. މާވަށަކީ ވަރަށް ރަނގަޅު ރައްޔިތަކު ދިރިއުޅޭ އަދި މީހުންނަށް ވަރަށް ހެޔޮ ބަޔަކު ތިބި ރަށެއްކަމަށް ގުރައިދޫ ކައުންސިލުގެ ރައީސް މަޢުލޫމާތު ދެއްވިކަމަށް ވެއެވެ.

ކޮންމެއަކަސް ބިން ހިއްކުމަށް ބޭނުންވާ ސާމާނު މާވަށަށް ގެންދާން ތައްޔާރުވާ ޚަބަރު ވައިރޯޅިއެއްހައި ހަލުވިކޮށް ފެތުރި، މާވަށުގެ މަސްއޫލުވެރީންގެ ކަންފަތްޕުޅާ ހަމައަށް ފޯރި ހިސާބުން އެ ރަށު މީހުންނަށް ކުރީ އާދަޔާ ޚިލާފު އަސަރެކެވެ. އެ ކަން އުފަލާ އެކު ގަބޫލުކުރި ބަޔަކާއި އެ ކަމާ މެދު ޝައްކުގެ ނަޒަރަކުން ދުށް ބަޔަކު ވެސް އުޅުނެވެ.

ކޮންނަ ބޯޓު މާވަށަށް ދިޔުމަށް ޓަކައި ގުރައިދޫން ނައްޓައިލި ހިސާބުން މަރުޙަބާ ކިޔާން އެ ރަށުން ތައްޔާރުވިއެވެ. ނަމަވެސް ކޮންނަ ބޯޓު މާވަށް ކަނޑު ފަހަނަޅައި ދެކުނަށް މިޞްރާބު ޖެހުމާ އެކު، އެ ބޯޓަށް އިންތިޒާރުކޮށްގެން ތިބި މާވަށުގެ ރައްޔިތުން މާޔޫސްވިއެވެ. މާވަށު ކައުންސިލުގެ ރައީސް ވެސް ހީފުޅުކުރެއްވީ [ނުފޫޒުގަދަ] ކޮންމެވެސް [ބޭފުޅެއްގެ] ނުފޫޒުން އެ ބޯޓުގެ މިސްރާބު އެހެން ދިމާއަކަށް ފިރައިލީކަމަށެވެ.

ކަން ދިމާވީ އެހެންނެއް ނޫނެވެ. މާވަށް ކަނޑަކީ ގުދުގުދުލައިފައި އޮންނަ ހަނި ކަނޑުއޮޅިއެއްކަމަށް ވާތީ، އެ ކަނޑުން ވަދެގެން ދިޔުމަކީ ރައްކާތެރި ކަމެއްކަމަށް ބޯޓުގެ ކައްޕިއަށް ގަބޫލުނުކުރެއްވުނީއެވެ. އެހެންކަމުން ބޯޓު މާވަށް ކަނޑުއޮޅި ހުރަސްކޮށް ދެކުނަށް ދަތުރުކުރީ ހިތަދޫކަނޑުން ވަދެގެން މާވަށަށް ދާށެވެ.

މާވަށު ކައުންސިލުގެ ރައީސް އަޙުމަދު މޫސާ (މެދުގައި ހުދު ގަމީހެއްގައި)އާއި ރަށުގެ އިސް ބައެއް ރައްޔިތުން ކޮންނަ ބޯޓަށް މަރުޙަބާ ވިދާޅުވާން ބަނދަރަށް ވަޑައިގަންނަވަނީ!!

ކޮންމެއަކަސް މާވަށަށް ކޮންނަ ބޯޓު ހިނގައްޖެއެވެ. މިއީ އެތައް ޒަމާނެއް ވަންދެން މާވަށު ރައްޔިތުން އުންމީދުކުރި ކަމަކަށްވާތީ، މާވަށުން އެ ޓީމަށް ކިޔައިފައިވަނީ ވަރަށް ހޫނު މަރުޙަބާއެކެވެ. ރައްޔިތުން އެކަންޏެއް ނޫނެވެ. މާވަށުގައި ހުރި ހުރިހައި މުއައްސަސާއެއް ގުޅިގެން ކީ ވަރުގަދަ މަރުޙަބާއެކެވެ. ކޮންނަ ބޯޓު މާވަށަށް ދިޔުން ފާހަގަކުރުމަށް ޓަކައި، އެންމެން ހަމައެކަނި ދުލުން މަރުޙަބާއެއް ކިޔައިލީކީއެއް ނޫނެވެ. އެ ކަމުގެ އުފަލުގައި ވަރުގަދަ ޖާފަތެއް ވެސް ދިނީއެވެ. ކުދިބޮޑު އެންމެން އެ ކަމުގައި ޝާމިލުވާ ގޮތަށެވެ. މާވަށަކީ ތިލަ ފަޅު ވަރަށް ބޮޑު، އެހެން ނަމަވެސް މިހާރު ބިން ހުސްވާން ވަރަށް ކައިރި ވެފައިވާ، އަދި ރަށްގިރުމުގެ މައްސަލަ ބޮޑުވެ، ގޮނޑުދޮށް ޙިމާޔަތްކުރާން ޖެހިފައިވާ ރަށެކެވެ. 2200ވަރަކަށް މީހުންގެ އާބާދީއެއް އޮންނަ މާވަށަށް، ގޮނޑުދޮށް ޙިމާޔަތްކުރުމާއި ބިން ބޮޑުކުރުމުގެ މަޝްރޫޢަކީ އިޖުތިމާޢީ ގޮތުންނާއި އިގުތިސާދީ ގޮތުން ވެސް އަދި ތިމާވެށީގެ ގޮތުން ވެސް ބަޔާންކުރާން ނޭނގޭ ފަދަ ގިނަ ފައިދާތަކެއް ލިބޭނެ ދެ މަޝްރޫޢެވެ. އެހެންކަމުން މި ކަމަށް ވަރަށް ޚާއްޞަ ސަމާލުކަމެއް މިހާރު ސަރުކާރުން ދެއްވާކަމަށް ވެސް މަޢުލޫމާތު ލިބިފައިވެއެވެ.

ކޮންނަ ބޯޓަށް މި ވަގުތު ކުދިކުދި މަރާމާތުތަކެއް ބޭނުންވެފައި ވިޔަސް އެ ބޯޓު އޮތީ މަސައްކަތްކުރެވޭ ފަދަ ރަނަގަޅު ޙާލަތުގައެވެ. އެހެންކަމުން މަދުވެގެން ހެކްޓަރެއްގައި ބިން ހިއްކުމަށް ފަހުގައި ނޫނީ އެއްވެސް މަރާމާތެއް ނުކުރާން ބިން ހިއްކާ ޓީމުން ވަނީ ނިންމައިފައެވެ. އަދި ކުރާންޖެހިއްޖެ މަރާމާތެއް ވެސް ކުރާނީ ތަޖުރިބާކާރު މާހިރުން މާލެއިން މާވަށަށް ގެންގޮސްގެން މާވަށުގައި ބޯޓު ބާއްވައިގެންނެވެ.

ކޮންނާން ބޭނުންކުރާ ހޮޅިތައް ރާވައިލުމާ އެކު، ވަރަށް ހަލުވިކޮށް މަސައްކަތް ފަށައިގަންނާން ވަނީ ނިންމަވައިފައެވެ.

2200 މީހުންގެ އާބަދީއެއް އޮންނަ ހައްދުންމަތީ މާވަށަކީ އެ އަތޮޅު ހުޅަނގު ދުނީގައި، މީހުން އުޅޭ އެހެން ރަށްރަށާ އެ ކަހެރިކޮށް އޮންނަ ރަށެކެވެ. މި ރަށް އޮންނަނީ ހުޅަނގުދެކުނު ދުނީގެ އެންމެ ހުޅަނގުއުތުރު ކޮޅުގައެވެ.

މާވަށް އޮންނަ ދުނީގައި މާވަށުގެ އުތުރުން އޮންނަނީ މާވަށް ކަނޑެވެ. ވަރަށް ހަނި އަދި ގުދުކޮށް އޮންނަ ކަނޑުއޮޅިއެކެވެ. ކަނޑު އޮޅީގެ އިރުއުތުރުން މާވަށާ ވަރަށް ކައިރީގައި ވަރަށް ރީތި ފަޅުރަށްތަކެއް އެބަ ހުއްޓެވެ. ގުރައިދުއާއި ކަށިދުއާއި ހަންހުށި މިއީ ފާހަގަކޮށްލެވޭ ފަދަ ރީތި ރަށްތަކެކެވެ. މާވަށް އޮންނަ ދުނީގެ ދެކުނަށް ވީ ފަޅީގައި ވަރަށް ގިނަ ފަޅުރަށްތައް އެބަ ހުއްޓެވެ. މި ދުނީގައި މާވަށް އޮންނަ ކޮޅު ނޫން އަނެއް ކޮޅުގައި (އެ ފަޅުގައި އެންމެ ދުރުގައި) އޮންނަނީ ހިތަދުވެވެ. ހިތަދުވާއި މާވަށާ ދެމެދުގެ ދުރުމިނަކީ 10.5 ނޯޓިކަލް މޭލެވެ. ހިތަދޫގެ ހުޅަގުން އޮންނަ، މީހުން އުޅޭ ރަށަކީ ކުނަހަންދޫ ކިޔާ ރަށެކެއެވެ. ކުނަހަންދުވާއި މާވަށާ ދެމެދުގެ ދުރުމިނަކީ 10 ނޯޓިކަލް މޭލެވެ. އެއީ ވެސް ހަމަ އެ ފަޅުގައި (އެ ދުނީގައި) އޮންނަ ރަށެކެވެ. މާވަށް އޮންނަ ސަރަހައްދަކީ ފަޅު ވެސް ވަރަށް ފުޅާ ސަރަހައްދެކެވެ. މި ސަރަހައްދުގައި އެކަނި ވެސް އެތައް ލައްކަ ބަޔަކަށް ދިރިއުޅެވޭ ވަރުގެ ބިން ވަރަށް ފަސޭހަކަމާއެކު ހިއްކައިލެވިދާނެއެވެ. އެ ފަޅު އެހާ ވެސް ތިލައެވެ. ބޮޑެވެ.

އާދޭހެވެ! މާވަށް އޮތީ އުތުރު ޢަރުޟުން ގާތްގަނޑަކަށް '53 .01ºއާއި '50. 01ººއާއި އިރުމަތީ ޠޫލުން ގާތްގަނޑަކަށް '15. 73º އާއި '13. 73º އާ ދެމެދުގައެވެ. ރަށުގެ ވަށައިގެން ވަރަށް ބޮޑު ތިލަ ފަޅު އޮންނަ މި ރަށުގެ ދިގުމިނަކީ ގާތްގަނޑަކަށް 1000 މީޓަރެވެ. ފުޅާ މިނަކީ 800 މީޓަރެވެ.

މާވަށާ އެންމެ ކައިރީގައި އޮންނަ، މީހުން އުޅޭ ރަށަކީ މާމެންދޫއެވެ. މި ދެ ރަށުގެ ދުރުމިނަކީ 9.5 ނޯޓިކަލް މޭލެވެ. މާވަށާ އެންމެ ދުރު ރަށަކީ އިސްދޫއެވެ. އިސްދުވާއި މާވަށާ ދެމެދު 25 ނޯޓިކަލް މޭލު ހުރެއެވެ. ރާއްޖޭގެ ވެރިކަންކުރާ ރަށް މާލެއާއި މާވަށާ ދެމެދުގެ ދުރުމިނަކީ 137 ނޯޓިކަލް މޭލެވެ.

ކޮންމެއަކަސް ކޮންނަ ބޯޓަށް މާވަށުން ކިޔައިފައިވާ ހޫނު މަރުހަބާއިން އަންގައިދެނީ އެ ރަށުގެ ގޮނޑުދޮށް ޙިމާޔްތަކުރުމާއި ރަށަށް ބިން އިތުރުކޮށް ރަށް ބޮޑުކުރުމާއި ގެދޮރުވެރިކަމުގެ މަޝްރޫޢުތަކަކީ އެ ރަށު ރައްޔިތުންނަށް މިހިނދަށް ވެސް ވަރަށް މުހިންމުކަންކަންކަމެވެ. އެހެންކަމުން މި މަސައްކަތް އަވަސްކުރުމަށް ޓަކައި ރައްޔިތުންގެ ފުރިހަމަ އެހީތެރިކަމާއި މަދަދު ލިބޭނެކަމަށް [ފަރަގު] ޔަގީންކުރެއެވެ. އަދި ބިންހިއްކުމާއި ގޮނޑުދޮށް ޙިމާޔްތްކުރުމުގެ މަސައްކަތްކުރައްވާ ފަންނީ ބޭފުޅުން ވެސް މި ނުކުތާއަށް ވިސްނައިވަޑައިގަންނަވާނެކަމާ މެދު ޝައްކެއް ނެތެވެ.

ކޮމެންޓު