ކެޕްޓަން މުޙަންމަދު ޝަރީފު، ހ. އެލިއަތުވިލާ
7 ސެޕްޓެންބަރު 2025
މި ރޭ ހަނދުކޭތައެއް ހިފާނެއެވެ.
ހަނދު ކޭތަ ހިފުން:
ހަނދުކޭތަހިފާ ޙާލަތަކީ ހަނދާއި އިރު 180 ޑިގްރީގެ އެންގަލްއަކަށް ހަނދު ދުނިޔެވަށައިގެން ޖަހާ ބުރުގައި އެންގަލްއަށް ހަނދު ދިއުމުން ދުނިޔޭގެ ހިޔަނި ހަނދަށް އެޅުމުން ހަނދު ކޭތައަކަށް ވަނީއެވެ. މި ޙާލަތުގައި ވެސް އިރުކޭތަހިފުމަށް ބޭނުންވާ ބައެއް ޝަރުތުތައް ފުރިހަމަވުން ލާޒިމުކުރުވައެވެ. ހަނދުކޭތަހިފުމަށް ޓަކައިއި ފުރިހަމަ ހަނދަކަށްވުން ލާޒިމުކުރާނެއެވެ. އެއީ ހަނދު މަހެއްގެ 14 ވިލޭރޭގެ ހަނދެވެ. މި ނޫން ޙާލަތެއްގައި ހަނދު ކޭތައެއް ނުހިފޭނެއެވެ.
ހަނދުކޭތައިގެ ވައްތަރުތަކަށް ބަލާ އިރު، ހުންނަނީ، ފުރިހަމަ ކޭތައާއި، ކަޅުހިޔަނި ކޭތައާއި ފަނޑު ހިޔަނި ކޭތައެވެ.
މީގެ ތެރޭގައި ރެޑްބްލަޑް މޫން ނުވަތަ ލޭރަތްކުލައިގެ ހަނދުކޭތައަކީ ވެސް ފުރިހަމަ ކޭތައިގެ ތެރޭގައި ހިމެނޭ ވައްތަރެކެވެ. ހަނދަށް ރަތްކުލައަރާ ސަބަބަކީ އިރުން އަންނަ ބައެއް ދޯދި ޝޯޓްވޭވް ރޭޑިއޭޝަން ދޯދިތައް ދުނިޔޭގެ އެޓްމޮސްފިޔަރއަށް ވަންނަ އިރު ދުނިޔޭގެ ފަށަލަތަކުގެ ތެރެއަށް އެ ދޯދިތައް ވަންނަ އިރު، ފެތުރިގެންދާ ދިއުމުގެ ތެރެއިން ލެބިގެން (ރިފްރެކްޝަން) ގޮސް ހަނދަށް ނުފޯރާތީ ދިމާވާ ގޮތެކެވެ. އެ ދޯދިތައް ދުނިޔޭގެ ފަށަލަތަކަށް ވަންނަ އިރު، އެ ދޯދިތައް ލެބިގެންދާ ގޮތް މެދުވެރިކުރުވަނީ ރިފްރެކްޝަންގެ ސަބަބުންނެވެ. އަދި ބައެއް ދޯދިތައް އެޓްމޮސްފިއަރގެ ތެރެއަށް އެބްޒޯބްވެގެން ވެސް ދެއެވެ. މި ގޮތަށް އެންމެ ފަސޭހައިން ގެއްލި ހުސްވަނީ ނޫކުލަ އުފައްދައިދޭ ޝޯޓްވޭވްގެ ރޭޑިއޭޝަންގެ ދޯދިތަކެވެ. ނަމަވެސް ލޯންގް ވޭވް ރޭޑިއޭޝަން ދޯދި ރަތްކުލަ ނުވަތަ އޮރޭންޖް ކުލަ އުފައްދައިދޭ ދޯދިތައް ލެނބިގެން ދަނީ ހަނދާ ދިމާއަށްކަމަށްވާތީ މި ޙާލަތުގައި ހަނދުކޭތަހިފަމުންދާ އިރު، ހަނދު ފެންނާނީ ރެޑްބްލޑް ހަނދެއްގެ ނުވަތަ ލޭރަތް ހަނދެއްގެ ގޮތުގައެވެ.
މިރޭ ހިފާ ހަނދުކޭތަ:
2025 ސެޕްޓެންބަރު 7ގައި ހިފާ ހަނދުކޭތައަކީ ރާއްޖެއަށް ފެންނާނެ ޕާޝިއަލް ކަޅުހިޔަނި ކޭތައެކެވެ. މި ކޭތަ ފަނޑުހިޔަނި ކޭތައެއްގެ ގޮތުގައި ހިފާން ފަށާނީ ރާއްޖޭ ގަޑީން ރޭގަނޑު 20:28:25ގައެވެ. އަދި 21:27:09 ގައި ޕާޝިއަލް ކަޅުހިޔަނި ކޭތައަކަށް ބަދަލުވާން ފަށާނެއެވެ. އަދި 22:30:48ގައި ފުރިހަމަ ކޭތައަކަށް ބަދަލުވާން ފަށާނެއެވެ. 23:11:47ގައި ފުރިހަމަ ކޭތައަކަށް ބަދަލުވެ ރެޑްބްލަޑް މޫންއަކަށް ބަދަލުވެފައި ހުންނަ ތަން ފެންނާނެއެވެ.
23:52:51 ވަންދެން ފުރިހަމަ ކޭތައެއްގެ ގޮތުގައި މިރެޑްބްލަޑް މޫން ކޭތަ ދެމިހުންނާނެއެވެ. އެއަށް ފަހު، 2025 ސެޕްންބަރު 8ގެ 00:56:31 ގައި ޕާޝިއަލް ނުވަތަ ކަޅުހިޔަނި ކޭތަ ނިމިގެންދާނެއެވެ. އެއަށް ފަހު، ފަނޑުހިޔަނި ކޭތައަކަށް ބަދަލުވާން ފަށާނެއެވެ. 01:55:08 ގައި ފަނޑުހިޔަނި ކޭތަނިމި އާދައިގެ 14ވިލޭރޭގެ ހަނދަކަށް ހަނދު ބަދަލުވާނެއެވެ.
ފަނޑުހިޔަނި ކޭތައަކީ ޢާންމު ޙާލަތުގައި ގިނަ ބަޔަކަށް ދެނެގަތުން އުދަނގޫ ވައްތަރެއްގެ ކޭތައެކެވެ. އެހެނީ ފަނޑުހިޔަނި ކޭތައަކީ ދުނިޔެއިން ފާޅުވާ ދެހިޔަނީގެ ތެރެއިން އެންމެ ފަނޑުކޮށް ފާޅުވާ ހިޔަނި ހަނދަށް އެޅުމުން ހިފާ ކޭތައަށްވީމާ ހަނދަށް މާބޮޑު ބަދަލެއް އައިސްފައި ހުންނަކަން ފާހަގަނުކުރެވޭތީއެވެ. މިއީ ޕެނަމްބަރަލް އިކްލިޕްސްއެވެ.
މި ރެޑްބްލަޑް މޫން ނުވަތަ ލޭރަތް ހަނދުކޭތައަކީ މުޅި ދިވެހިރާއްޖޭގެ ހުރިހައި ރަށަކަށް ވެސް ފެންނާނެ ފުރިހަމަ ހަނދު ކޭތައެކެވެ.
ހަނދުކޭތަ ނުވަތަ އިރުކޭތަ ހިފާނީ އިސްވެ ބަޔާންކުރެވުނު ޙާލަތްތަކުގައި އެކަނިކަން ވެސް ކިޔުންތެރީންގެ މަޢުލޫމާތަށް ޓަކައިއި ދަންނަވަމެވެ. ޢިލް މީގޮތުން ސާބިތުވާ ގޮތުގައި މިހާރު ކޮންމެ މީލާދީ އަހަރެއްގެ ތެރޭގައި 3.78 ސެންޓިމީޓަރ (1.5 އިންޗި) ދުނިޔެއާ ދުރަށް ހަނދު ފޭވަމުން ދާކަން ވެސް ފަލަކީ ޢިލްމަށްވަނީ ކަށަވަރު ކުރެވިފައެވެ. މި ގޮތަށް ދިމާވާ ސަބަބަކީ ދިޔަވަރަށް އަންނަ ބަދަލުގެ ތެރެއިން ދުނިޔެ އެނބުރެމުން އުފައްދައިދޭ ހަކަތައިގެ ސަބަބުން ހަނދުގެ އޯބިޓުން މަޑުމަޑުން ހަނދު ބޭރަށް ކޮށްޕައިލަމުން ފޭކުރަމުން ގެންދާތީ ދިމާވާ ގޮތެއްކަން ވެސް ފަލަކީ ޢިލްމަށް ހާމަވެއެވެ. އަދި މި ކަމުގެ ނަތީޖާއަކީ އެތައް މިލިއަން އަހަރެއްގެ ފަހުން ވަރަށް އަވަސްއަވަހަށް ހަނދުކޭތައާއި އިރުކޭތަހިފުމެވެ. އެހެންކަމުން އެންމެ ފަހު ޒަމާނުގައި އިރުކޭތައާއި ހަނދުކޭތަ ހިފުން ވަރަށް ބޮޑަށް އިތުރުވާނެކަމަށް ފަލަކީ ޢިލްމުން ސާބިތުވެއެވެ.
އެއްވެސް ޝައްކެއް ނެތް ގޮތުގައި އިރާއި ހަނދަކީ اللهގެ ކުޅަދުންވަންތަކަން ހާމަކޮށްދޭ ދަލީލުތަކެއްކަމެވެ. ހަމަ މި ފަދައިން ކޭތަހިފުމަކީ މާތް الله އިރަށާއި ހަނދަށް މިންވަރުކުރައްވައިފައިވާ ދައުރުވުމެއްގެ ސަބަބުން ހިނގާ ކަމެކެވެ. އެއީ މީހަކަށް ކުރިމަތިވާ ސުންޕާކަމަކަށް ދަލީލުކުރާ ކަމެއްނޫނެވެ. މިއީ މާތް الله އެކަލާނގެ އަޅުތަކުންނަށް އިންޒާރުދެއްވުމަށް ޓަކައި ހަމަޖައްސަވައިފައިވާ ވަރުގަދަ ކައުނީ ނިޒާމެކެވެ.
ކީރިތި ރަސޫލާގެ ޙަޔާތްޕުޅުގައި ވެސް އިރުކޭތައެއް ހިފިއެވެ. އެއީ ހިޖުރައިން ދިހަވަނަ އަހަރު ޝައްވާލު މަހު އޮނަތިރީސްވަނަ ދުވަހުއެވެ. އެއީ އެކަލޭގެފާނަށް ލިބިވަޑައިގަތް އެންމެ ފަހު ދަރިކަލުން އިބްރާހީމުގެފާނު އަވަހާރަވީ ދުވަހެވެ. އެ ކޭތައާ އެ ހާދިސާއާ ގުޅުވައިގެން އެކި މީސްމީހުން ވާހަކަދެއްކިއެވެ. އެހެންނަމަވެސް އެއީ އެ ފަދަ ކަންކަމާ އެއްވެސް ގުޅުމެއް ހުރި ކަމެއް ނޫންކަން ރަސޫލާ މި އުންމަތަށް ބަޔާންކޮށްދެއްވިއެވެ.
ކޮންމެއަކަސް މި ރޭ އިރު އޮއްސި 8:28ގައި މި ކޭތަ ހިފާން ފަށާނެއެވެ. މި މުނާސަބަތުގައި ފޮޓޯ ނެގުމުގެ އިތުރަށް ﷲގެ މަތީން ހަނދާންކޮށް އެ ކަލާންގެއަށް އަސްތަޣުފާރުކުރުނުން ގިނަކުރާން ޖެހެއެވެ. ކޭތަނަމާދަކީ ސުންނަތްކަން ގަދަވެގެންވާ ނަމާދަކަށް ވާތީ މި ރޭ ހުރިހައި ބޭފުޅުން ވެސް ކޭތަނަމާދަށް ވަޑައިގަތުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ.