ad_banner
ކީރިތި ރަސޫލާގެ މައުލިދު ފާހަގަކުރުން - ކޮން ކަހަލަ ކަމެއް؟

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

4 ސެޕްޓެންބަރު 2025

ދުނިޔެ ދުށް އެންމެ މަތިވެރި އިންސާނާ - ނަމޫނާއަކަށް ބަލައި ލޯބިވުން ވާޖިބު

ކީރިތި ރަސޫލާ ގެ މައުލިދުގެ ވާހަކައަކީ މުސްލިމުން ވަރަށް ޝައުޤުވެރިކަމާ އެކު، ދައްކަމުންދާ ވާހަކައެކެވެ. ޚާއްޞަކޮށް ބާރަ ދުވަސް އައުމުންނެވެ.

ނަބިއްޔާ ގެ މައުލިދު ދުވަހަކީ ކޮބާ؟

ކީރިތި ރަސޫލާ  އުފަންވެވަޑައިގަތީ ހޯމަދުވަހެއްގައިކަމާ މެދަކު އެއްވެސް ޝައްކެއްނެތެވެ. މުއައްރިޚުންނާއި ސީރަތު ފޮތްތައް ވަނީ މި ކަން ކަށަވަރުކޮށްދީފައެވެ. އަބޫ ޤަތާދަތުލްއަންޞާރީގެފާނު އަރިހުން މުސްލިމު ރިވާކުރެއްވިއެވެ. ނަބިއްޔާ  ހޯމަދުވަހު ރޯދަފުޅު ހިއްޕަވާތީ އެ ކަމާ ބެހޭ ގޮތުން އެކަލޭގެފާނަށް ސުވާލު ދެންނެވުނެވެ. އެކަލޭގެފާނު ޙަދީސްކުރެއްވިއެވެ. ((ذاكَ يَوْمٌ وُلِدْتُ فِيهِ، وَيَوْمٌ بُعِثْتُ، أَوْ أُنْزِلَ عَلَيَّ فِيهِ[1] - އެއީ ތިމަންކަލޭގެފާނު އުފަންވެވަޑައިގަތް ދުވަހެވެ. އަދި އެއީ ތިމަންކަލޭގެފާނު ރަސޫލުކަމާއިގެން ފޮނުއްވުނު ދުވަހެވެ. ނުވަތަ އެއީ ތިމަންކަލޭގެފާނުގެ މައްޗަށް ވަޙީ ބާވައިލެއްވުނު ދުވަހެވެ.)) 

ރަސޫލާ  އުފަންވެވަޑައިގަތް އަހަރަކީ އަބްރަހަތުލްޙަބަޝީ ގެފުޅު މުގުރާން އައި އަހަރެވެ. މި ކަލޭގެ ﷲގެ ޙުރުމަތްތެރި ގެފުޅު ތަޅައިލައި ސުންނާފަތިކުރުމަށް ގެނައި ލަޝްކަރުގައި އެތްތަކެއް ހިމެނެއެވެ. މާތްﷲ އެކަލާނގެ ގުފުޅު ޙިމާޔަތްކުރައްވައި އަބްރަހާއާއި އޭނާގެ ލަޝްކަރު ކުދި ދޫނިތަކެއް ފޮނުއްވައި ހަލާކުކުރައްވައި ނައްތަވައިލެއްވިއެވެ.

ކޮން ދުވަހެއް؟
ކީރިތި ރަސޫލާ ރައްކައުވެވަޑައިގަތީ ރަބީޢުލްއައްވަލު މަހެއްގެ ދުވަހެއްގައިކަމާ މެދު އެއްވެސް ޝައްކެއްނެތެވެ. އިސްލާމީ ދުނިޔޭގައި އާންމުންގެ ތެރޭގައި މަޝްހޫރުވެފައިވަނީ ބާރަވަނަ ދުވަސްކަމުގައެވެ. މަޝްހޫރު ޢާލިމެއްކަމުގައިވާ އަލްމުބާރަކުފޫރީ ވިދާޅުވާ ގޮތުގައި އެއީ ރަބީޢުލްއައްވަލު މަހުގެ ނުވަވަނަ ދުވަހެވެ. ފަލަކީ ޢިލްމުވެރީންގެ ކަށަވަރު ބަސްފުޅަކީ އެއީ މީލާދީން 571 ވަނަ އަހަރުގެ އެޕްރީލް މަހުގެ 19ވަނަ ދުވަހެވެ.

މައުލިދު ފާހަގަކުރުން - ކޮން ކަހަލަ ކަމެއް؟

ކީރިތި ރަސޫލާ ގެ މައުލިދު ފާހަގަކުރުމާ ބެހޭގޮތުން ޢިލްމުވެރީންގެ ރައުޔު ދެ ކަފިވެފައިވެއެވެ.

ފުރަތަމަ ރައުޔު: އެއީ ކީރިތި ރަސޫލާ ގެ އަޞްޙާބުން ވެސް އަދި ތާބިޢީބޭކަލުން ވެސް ކުރައްވާފައިވާ ކަމެއްނޫނެވެ. އެއީ ބިދްޢައެކެވެ. އެހެންކަމުން އެއީ ޙަރާންކަމެކެވެ.

ދެވަނަ ރައުޔު: އެއީ ކީރިތި ރަސޫލާގެ ސީރަތު މީސްތަކުންނަށް ހަނދުމަކޮށްދިނުމަށް ޓަކައި ކުރާ ކަމެކެވެ. އެއީ އެދެވިގެންވާ ކަމެކެވެ.

ދެ ފަރާތުގެ ޢިލްމުވެރީންގެ ވެސް ބައިވެރިވާ ދަށުގުނައެއް ވެއެވެ. އެއީ ރަސޫލާގެ ޒަމާނުގައި ވެސް  ޞަހާބީންގެ ޒަމާނުގައި ވެސް އަދި ތާބިޢީންގެ ޒަމާނުގައި ކުރައްވައިފައިވާ ކަމެއް ނޫނެވެ. އެއީ އައު ކަމެކެވެ.

މައުލިދު ފާހަގަކުރުމުގެ ޙުކުން

މި ޒަމާނުގެ ބޮޑު ޢިލްމުވެރިއެއް ކަމުގައިވާ އައްޝައިޚު ސަޢީދު ޙައްވާ ވިދާޅުވާގޮތުގައި އިސްލާމީ ތަފާތު ގައުމުތަކުގައި ތަފާތު ގޮތްގޮތަށް ކީރިތި ރަސޫލާގެ މައުލިދު ފާހަގަކުރެއެވެ. މި ކަމާ ބެހޭ ގޮތުން ވާހަކަފުޅުދައްކަވަމުން ވިދާޅުވިއެވެ. [އިބްނުލްޙާއްޖު މިކަމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ.  މައުލިދު ފާހަގަކުރުމުގައި މުންކަރާތްތަކުގެ ތެރޭގައި ގުނާލެވޭފަދަ އާދަކާދަތަކެއް ހިނގަމުންދެއެވެ. މިހެންވެ މި މައުޟޫޢާ މެދު ވަރަށް ތަފާތު ގޮތްގޮތަށް ވާހަކަދެކެވެއެވެ. މި ކަން ޙަރާންކަމެއްކަމަށް ވިދާޅުވާ ބޭކަލުންނާއި މި ކަން ދިފާޢުކުރައްވާ އެތައް ބޭކަލުންތަކެއް ވެއެވެ.] މާތް ﷲ ރަޙްމަތްލެއްވި އިބްނު ތައިމިއްޔާ، މި ކަމާ ބެހޭ ގޮތުން ވަރަށް އިންސާފުވެރި ބަސްފުޅެއް ވިދާޅުވެފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. [މައުލިދު އިޙްތިފާލުކުރުމަށް ޓަކައި ބައްދަލުވުންތައް ބޭއްވުމަކީ އަޞްލުގައި ސަލަފުން ކުރައްވާފައިވާ ކަމެއްނޫނެވެ. އެހެނަސް އެ ކަމަށް ޓަކައި ބައްދަލުވުންތައް ބޭއްވުމަކީ ޝަރުޢީ މަޤްޞަދުތަކެއް ޙާޞިލުކޮށްދޭ ކަމެކެވެ.] މި ބަސްފުޅުން އެނގޭ ގޮތުގައި އެކަލޭގެފާނު މައުލިދު ފާހަގަކުރުމާ ދެކޮޅެއް ނަހައްދަވައެވެ. އަދި އެއީ އެ ކަމާ ދުރުހެލިވާންޖެހޭ ކަމެއްކަމަކަށް ވެސް ވިދާޅެއްނުވެއެވެ.

އިބްނު ބާޒުގެ ރައުޔު

ސަޢޫދީ ފަތުވާ ކޮމެޓީގެ ކުރީގެ ރައީސް ޝައިޚު އިބްނު ބާޒު ވިދާޅުވާ ގޮތުގައި ކީރިތި ރަސޫލާގެ މައުލިދު ފާހަގަކުރުމަކީ ދީނީ ގޮތުން ހުއްދަ ކަމެއްނޫނެވެ. އެއީ ބިދުޢައެކެވެ. ކައުރަސޫލާއާއި އެކަލޭގެފާނުގެ ޢަޞްޙާބުން ކުރައްވައިފައިވާ ކަމަކަށް ނުވާތީއެވެ. އިސްލާމީ އުންމަތުގެ އެދުރަކީ އަދި މުރްޝިދަކީ ކައު ރަސޫލާއެވެ. އެކަލޭގެފާނު މި އުންމަތަށް ފޮނުއްވީ ހުރިހައި ހެޔޮ ކަމަކަށް މަގުދެއްކެވުމަށެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. }وَمَآ أَرْسَلْنَٰكَ إِلَّا كَآفَّةً لِّلنَّاسِ بَشِيرًا وَنَذِيرًا وَلَٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ[2] -އުފާވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައްޔާއި، ބިރުވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައި މެނުވީ، ތިމަންރަސްކަލާނގެ، އެންމެހާ މީސްތަކުންގެ ގާތަކަށް ކަލޭގެފާނު ނުފޮނުއްވަމެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން (އެކަމެއް) ނުދަނެތެވެ{. މާތްﷲ ރަޙްމަތްލެއްވި ޝައިޚު ބިން ބާޒު ވިދާޅުވިއެވެ. ކީރިތި ރަސޫލާ  މި ދުވަސް ފާހަގަކުރުމަށް އިރުޝާދެއް ނުދެއްވައެވެ. ހަތަރު ޚަލީފާއިންގެ ތެރެއިން ބޭކަލަކު ވެސް މި ދުވަސް ފާހަގަކުރައްވައިފައެއް ނުވެއެވެ. އެންމެ މާތް ތިންސައްތައިގެ ތެރޭގައި ވެސް މި ކަން އިޙުތިފާލުކޮށްފައެއް ނުވެއެވެ.

ޤަރުޟާވީގެ ރައުޔު

[މައުލިދުގެ އިޙްތިފާލުތަކުގެ ތެރޭގައި މުސްލިމުންނަށް ފައިދާހުރި ފާހަގަކުރުންތަކެއް ވެއެވެ. ރަސޫލާ ގެ ރުއްސުންލެއްވިޞަޙާބީން މައުލިދު ފާހަގަނުކުރައްވާކަން އަހުރެމެންނަށް އެނގެއެވެ. އެ ބޭކަލުން ރަސޫލާގެ ހިޖުރަކުރެއްވުމެއް ވެސް އަދި ބަދުރު ހަނގުރާމައެއް ވެސް ފާހަގައެއް ނުކުރައްވައެވެ. ކީއްވެގެން ހެއްޔެވެ؟ އެއީ އެ ކަންކަމުގެ ތެރޭގައި އެ ބޭކަލުން އުޅުއްވައިފައި ވާތީއެވެ. އެ ބޭކަލުންގެ ޟަމީރުފުޅުތަކުގައި ކައު ރަސޫލާއަކީ ދިރިދެމިގެންވާ ޝަޚުޞިއްޔަތެކެވެ. އެ ބޭކަލުންގެ ވިސްނުންފުޅުން ރަސޫލާގެ ޢަމަލުފުޅުތައް ފިލައިގެންނުދެއެވެ.] މާތްﷲ ރުއްސުންލެއްވި ސަޢުދު ބުނު އަބީ ވައްޤާޞުގެފާނު ވިދާޅުވިއެވެ. [އަހުރެމެންގެ ދަރިންނަށް ކީރިތި ޤުރްއާނުގެ ސޫރަތްތައް ދަސްކޮށްދޭ ފަދައިން ރަސޫލާ  ކުރެއްވި ހަނގުރާމަތައް ކިޔައިދެމުއެވެ. ބަދުރު ހަނގުރާމައާއި އުޙުދު ހަނގުރާމައާއި ޚަންދަޤު ހަނގުރާމައާއި ޚައިބަރު ހަނގުރާމައިގެ ކަންތައްތައް ހިނގައިފައިވާ ގޮތް އެ ކުދީންނަށް ކިޔައިދެމުއެވެ.] އެ ބޭކަލުން ރަސޫލާ ގެ ޙަޔާތްޕުޅު (ސީރަތު)ގައި ހިނގައިފައިވާ ތަފާތު ހާދިސާތައް އެ ބޭކަލުންގެ ބޭބޭފުޅުންނަށް ވިދާޅުވެދެއްވައިފައިވެއެވެ. އެހެންކަމުން މި ކަންތައްތައް  ހަނދާންކޮށްދެއްވާކަށް ޖެހިވަޑައެއް ނުގަންނަވައެވެ.

އެއަށް ފަހު، އައި ޒަމާންތަކުގައި  މީސްތަކުން ވަނީ މި މަތިވެރި ހާދިސާތަކުގެ މަތީން ހަނދާންނެތިފައެވެ. އެ މީހުންގެ ޟަމީރުތަކުން ރަސޫލާގެ ސީރަތުގެ ވަސްމީރު ޒިކުރާތައް ވަނީ ފުހެވިފައެވެ. އެހެންކަމުން މި ހާދިސާތައް އިޙުޔާކުރާން ވަނީ ޖެހިފައެވެ. އަޅުގަނޑު ކީރިތި ރަސޫލާގެ މައުލިދު ފާހަގަކުރާ އިރު، އަޅުގަނޑު މީސްތަކުންނަށް ހަނދާންކޮށްދެނީ ރަސޫލާގެ ރިސާލަތާއި އެކަލޭގެފާނުގެ ސީރަތެވެ. އަޅުގަނޑުމެންނަށް މިއަދު ވަނީ ރަސޫލާގެ ސީރަތުން ދަރުސްތައް އުނގެނުން ލާޒިމުވެފައެވެ. އެކަލޭގެފާނުގެ ނަމޫނާއިން އަޅުގަނޑުމެން ގަހަނާވުމަށް ޓަކައެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. }لَّقَدْ كَانَ لَكُمْ فِى رَسُولِ ٱللَّهِ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْجُوا۟ ٱللَّهَ وَٱلْيَوْمَ ٱلْـَٔاخِرَ وَذَكَرَ ٱللَّهَ كَثِيرًا [3]- ހަމަކަށަވަރުން، اللَّه ގެ رسول އާގެ ކިބައިގައި، ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއްވެއެވެ. (އެއީ) اللَّه ގެ ދަރުމައާއި، آخرة ގެ ثواب އަށް އެދޭ، އަދި ގިނަގިނައިން اللَّه ހަނދުމަކުރާ ކަމުގައިވާ މީހަކަށެވެ.{ ޑރ. ޤަރްޟާވީ ވިދާޅުވާ ގޮތުގައި މި މާނައިން ބޭރުގައި ކައު ރަސޫލާގެ މައުލިދު ފާހަގަކުރުމަކީ އެ ކަން ބަލައިގަނެވޭނެ ކަމެއްނޫނެވެ.

އަޒުހަރުގެ ރައުޔު

މާތް ނަބިއްޔާ ގެ ޢީދުމީލާދު (ނުވަތަ މައުލިދު) ފާހަގަކުރުމާ ބެހޭ ގޮތުން އަޒުހަރުގެ އިލެކްޓްރޯނިކް ފަތުވާ މަރުކަޒަށް ދެންނެވުނު ސުވާލަކަށް ޖަވާބުދެއްވަމުން އެ މަރުކަޒުން ވިދާޅުވިއެވެ:-

ރަސޫލާ ގެ މައުލިދު ފާހަގަކުރުމަކީ މަތިވެރި ނަބިއްޔާއަށް މާތްކޮށް ހިތައި އެކަލޭގެފާނުގެ ޤަދަރު އުފުލުމުގެ ޢަމަލުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެއީ އެކަލޭގެފާނު ދެކެ ލޯބިވާ ލޯބިވުން ހާމަކޮށްދޭ ކަމެކެވެ. އެކަލޭގެފާނު ދެކެ ލޯބިވުމަކީ އީމާންކަމުގެ ރުކުންތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. 

މާތް ރަސޫލާގެ މައުލިދު ފާގަކުރުމުގެ މުރާދަކީ މީސްތަކުން އެއްވެ ޒިކުރުކޮށް އެ ކަލޭގެފާނާ ބެހޭ ގޮތުން މަދަޙަކިޔައި ތާރީފުގެ ބަސްތައް ކިޔުމެވެ. އަދި ﷲގެ ވަޖްހުފުޅު އަދައިގެން ޞަދަޤާތްކުރުމުގެ ގޮތުން މީސްތަކުންނަށް ކާންބޯންދިނުމެވެ. އަދި ރަސޫލާ އަށް މާތްކޮށް ހިތުން އިޢުލާންކުރުމުގެ ގޮތުން ރޯދަހިފައި ރޭއަޅުކަންކުރުމެވެ. އަދި މާތް ރަސޫލާ  މި ދުނިޔެއަށް ވަޑައިގަތް ދުވަހަށް ޓަކައި އުފާވާއުފާވުން ދެއްކުމެވެ.

 ﷲ ތަޢާލާ ވަނީ އެ ބޭކަލުންގެ މައްޗަށް ސަލާމްލެއްވި ނަބީބޭކަލުން ދުނިޔެއަށް އުފަންވެވަޑައިގަތް ދުވަސްތައް މާތްކުރައްވައި މަތިވެރިކުރައްވައިފައެވެ. އެކަލާނގެ އެ ދުވަސްތައް އަމާންކަމާއި ޞުލްޙަ މަސަލަސްކަމުގެ ދުވަސްތަކެއްކަމުގައި ލެއްވިއެވެ. ﷲ ސުބްޙާނަހޫ ވަ ތަޢާލާ ވަޙީކުރެއްވިއެވެ. }وَ سَلَـٰمٌ عَلَيْهِ يَوْمَ وُلِدَ [4] - އަދި އެކަލޭގެފާނު އުފަންވި ދުވަހުގައި، އެކަލޭގެފާނުގެ މައްޗަށް سلام ހުށްޓެވެ.{

އުފަންދުވަހުގައި އުފެއްދެވުމުގެ ނިޢުމަތް ވެއެވެ. އޭގެ ފަހުން އިންސާނަކަށް ލިބޭ ހުރިހައި ނިޢުމަތެއްގެ ސަބަބަކީ އޭނާގެ އުފަންވުމެވެ. ދުނިޔެއާއި އާޚިރަތުގެ ހުރިހައި ނިޢުމަތްތަކެއްގެ ސަބަބަކީ ނަބިއްޔާ  އުފަންވެވަޑައިގަތުމެވެ.

ހޯމަދުވަހު ރަސޫލާ  ރޯދަފުޅު ހިއްޕަވަނީ ކީއްވެގެންތޯ ސުވާލު ދެންނެވުމުން އެ ކަލޭގެފާނު ޙަދީސްކުރެއްވިއެވެ. އެއީ ((ذَاكَ يَوْمُ  وُلِدْتُ فِيْهِއެއީ ތިމަންކަލޭގެފާނު ދުނިޔެއަށް އުފަންވެވަޑައިގަތް ދުވަހެވެ.)) މިއީ ރަސޫލާ ގެ މައުލިދު ފާގަކުރުން ހުއްދަވެގެންވާކަމުގެ ދަލީލެކެވެ.

މާތް ﷲ ރުއްސުންލެއްވި އައްސައްޚާވީ ވިދާޅުވިއެވެ. އިސްލާމްދީނުގެ އަހުލުވެރީން ދުނިޔޭގެ އެތަންމިތާނގައި ރަށްފުށުގައްޔާއި ސަހަރުތަކުގައި ރަސޫލާ  އުފަންވެވަޑައިގެން މަހުގައި މެދުކެނޑުމެއްނެތި މައުލިދު ފާހަގަކުރަމުން ދެއެވެ. އެކަމުގެ އުފަލާއި ޝަރަފުގައި އުފާފާޅުކޮށް ޖާފަތްތައް ބާއްވަމުން ދެއެވެ. އެ ރޭތަކުގައި ތަފާތު ބާވަތްތަކުގެ ޞަދަޤާތްތައްކުރަމުން ދެއެވެ. އުފާފާޅުކޮށް ހެޔޮކަންތައްކުރުން ގިނަކުރެތެވެ. އަދި އެބައިމީހުން އެކަލޭގެފާނުގެ މާތް ސީރަތު ކިޔައި އުޅެތެވެ. އެހެންކަމުން އެކަލޭގެފާނުގެ ޢީދު މީލާދު ފާހަގަކުރުމަކީ ހުއްދަ ކަމެކެވެ. އެއީ ރަސޫލާ  ދެކެ ލޯބިވާކަން ފާޅުކޮށް ދެއްކުމަށް ލިބިގެންވާ ވަސީލަތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ޒިކުރާ ފާހަގަކުރާންވީ ކީއްކުރާން؟

އަޅުގަނޑުމެން މިއަދު މި ވަސްމީރު ޒިކުރާ އައުކުރާ އިރު، އަޅުގަނޑުމެންގެ ހިތަށް ގެންނާންވީ މި ލޮބުވެތި ރަސޫލާގެ އިންސާނީވަންތަކަމާއި އަޚުލާޤުގެ މަތިވެރިކަމެވެ. އެކަލޭގެފާނުގެ ސީރަތުން ނަމޫނާ ލިބިގަނެގެން، އަޅުގަނޑުމެންގެ އުޅުމާއި ގުޅުން އަލުން ރަނގަޅުކުރުމަށް ޓަކައެވެ. އެކަލޭގެފާނު ވެވަޑައިގެންފައި ވަނީ ނަމޫނާ އިންސާނަކަށެވެ. އެކަލޭގެފާނުގެ އަހުލުންނާއި، އަވަށްޓެރީންނާއި ޤައުމުގެ އެންމެހާ މީސްތަކުންނާ އެކު މަޢީޝަތުގެ ކަންތައްތަކުގައްޔާއި ޙަޔާތުގެ ބުރަތަކާއި ދަތިތައް ތަޙައްމުލުކުރެއްވުމުގައި އެއްބާރުލައްވައިފައިވެއެވެ. އެކަލޭގެފާނުގެ ގާތްތިމާގެފުޅު ބޭފުޅުންނާ އެކު މުޞީބާތްތަކުގައި ހަމްދަރުދީވެވަޑައިގެންފައިވެއެވެ. އެކަލޭގެފާނުގެ ނޯކަރުންނަށް އިޙުސާންތެރިވެ ވަޑައިގެންފައިވެއެވެ. އަވަށްޓެރީންނަށް ހެޔޮފޯރުކުރައްވައިފައި ވެއެވެ. މެހުމާނުންނަށް ކަމޭހިއްތަވައިފައި ވެއެވެ. އިޚުވާނުންނަށާއި ރަޙުމަތްތެރީންނަށް ހެޔޮކޮށްހިއްތަވައިފައިވެއެވެ. ރަސޫލުﷲ  ހުރިހައި ވަގުތެއްގައި ވެސް ވެވަޑައިގެންފައިވަނީ ރަޙީމުވަންތަ އޯގާވަންތަ ދީލަތި ބޭކަލަކަށެވެ.

ރަސޫލާ ދެކެ ލޯބިވާނީ ކިހިނެއް؟

ރަސޫލާ ދެކެ ލޯބިވެވޭނީ އެކަލޭގެފާނުގެ ސުންނަތް ދިރުވައިގެންނެވެ. އެކަލޭގެފާނު ގެންނެވި ހިދާޔަތަށް ތަބާވެގެންނެވެ. އެކަލޭގެފާނުންގެ މަތިވެރި އަޚުލާޤުން ގަހަނާ އަޅައިގެންނެވެ. މާތްﷲ ރުއްސުން ލެއްވި އަބޫ ހުރައިރަތުގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ  ޙަދީޘްކުރެއްވިއެވެ. ((مِنْ أَشَدِّ أُمَّتِي لِي حُبًّا نَاسٌ يَكُونُونَ بَعْدِي يَوَدُّ أَحَدُهُمْ لَوْ رَآنِي بِأَهْلِهِ وَمَالِهِ [5]- ތިމަންކަލޭގެފާނު ސުވަރުގެ ވަޑައިގަތުމަށް ފަހު ތިމަންކަލޭގެފާނުގެ އުންމަތުގެ މީހުންގެ ތެރެއިން ތިމަންކަލޭގެފާނު ދެކެ ލޯބިވާ ބަޔަކު، ތިމަންކަލޭގެފާނު ދެކެ ލޯބިވާލެއް ބޮޑުކަމުން އެ މީހުންގެ އަހުލުންނާއި މުދާތައް ޤުރްބާންކޮށްގެން ވެސް ތިމަންކަލޭގެފާނު ދުށުމަށް އެދޭނެތެވެ.))

މަރުޖާ:

[1]  - صحيح مسلم (1162 )  އަދި  تاريخ الطبري ( 2 / 293 )

[2]  - سبأ: 28

[3]  - الأحزاب : 21

[4]  - مريم :15

[5]  - مسلم : 2832

 

ކޮމެންޓު