އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ
1 ސެޕްޓެންބަރު 2025
މީޑިއާ ތަޢުލީމު - މުޖުތަމަޢުގެ ލާބައަށް ޓަކައި ވަރަށް މުހިންމު
މީޑިއާއަކީ ހަމައެކަނި ވަސީތެއްނޫނެވެ. އެހެނެއްކަމަކު އެއީ ބާރެކެވެ. މިއަދު މީޑިއާ ތަރުބިޔަތު ވަނީ އާންމު ތަޢުލީމާއި ޔުނިވަރުސިޓީ ތަޢުލީމުގެ ދިރާސީ މަންހަޖުތަކުގައި މުހިންމު އެކަޑެމިކު މޮޑިއޫލްތަކަކަށް ވެފައެވެ. އަދި ކިއެއްހެއްޔެވެ! ހެދިބޮޑުވަމުންދާ ކުދީން ޙިމާޔަތްކުރުމަށާއި މުޖުތަމަޢުގެ ގިޔަމުތައް ރިވެލިކޮށްދިނުމުގެ ޤާބިލުކަން ލިބިފައިވާ ޖީލެއް ބިނާކުރުމަށް ޓަކައި، އެއީ ޒަރޫރަތެއްކަމަށް ވެސް ވަނީ ވެފައެވެ.
އަކުރަށް ވުރެ ފޮޓޯ ބާރުގަދަވެފައިވާ ޒަމާނެއްގައި، ޙަޤީޤަތުގެ އިންފާރުން ބޭރުގައި [ޚަބަރު] ފޭރާންކުރެވޭ ޒަމާނެއްގައި، މީޑިއާ ތަރުބިޔަތުގެ މަފުހޫމަކަށް ވަނީ ބޭނުންވެފައެވެ. އެއީ އައު ޢިލްމެކެވެ. ފިކުރީ ފާގަތިކަމެއްނޫނެވެ. ސިކުނޑިތައް ބައްޓަންކުރާ ކުރުންތެރި ބާރަކަށް މީޑިއާގެ ވަސީލަތްތައް ބަދަލުވެފައިވާ ޒަމާނެއްގައި މިއީ ޙަޟާރީ ޒަރޫރަތެކެވެ.
މީޑިއާ ތަރުބިޔަތުގެ މުހިންމުކަން ދުނިޔެއަށް ހާމަކުރުމަށް ޓަކައި، އދ.ގެ ތަޢުލީމާއި ސައެންސާއި ސަގާފަތާ ބެހޭ ޖަމުޢިއްޔާ (ޔުނެސްކޯ)އިން 1992ގައި މީޑިއާ ތަރުބިޔަތާ ބެހޭ މައުޟޫޢާ މެދު މަޝްވަރާކޮށް ދިރާސާކުރުމަށް ޓަކައި، އެތައް ނަދުވާތަކަކާއި ސިންތާތަކެއް އިންތިޒާމުކުރިއެވެ. 2001ވަނަ އަހަރު ޔުނެއްސްކޯއިން މި މައުޟޫޢާ ބެހޭ މާއްދާގެ ސުވާލު ކަރުދާހެއް ތައްޔާރުކޮށް މެންބަރު 52 ގައުމަކަށް ހުށައެޅިއެވެ. މި ސުވާލު ކަރުދާހުގައި މައިގަނޑު ތިން ދާއިރާއަކަށް އިސްކަންދީފައިވެއެވެ. ފުރަތަމަ ބަޔަކީ މަދަރުސާތަކުގައި މި މާއްދާ ކިޔަވައިދިނުމުގެ ލަނޑުދަނޑިތަކާއި އަސާސުތަކާއި މަފުހޫމުތަކާއި ރާސްތާއާ ބެހޭ ސުވާލުތަކެވެ. ދެވަނަ ބަޔަކީ މީޑިއާ މުއައްސަސާތަކާއި މީޑިއާ ވަސީލަތްތައް މީޑިއާ ތަރުބިޔަތުގެ މައިދާނުގައި ބައިވެރިކުރުމުގެ މުހިންމުކަމެވެ. ތިންވަނަ ބަޔަކީ ނުރަސްމީ ހައިސިއްޔަތުން ޒުވާނުންގެ ޖަމާޢަތްތައް މި މަސައްކަތުގައި ހިމަނައި ޒުވާނުންގެ ފޯރީން މި މަސައްކަތަށް އިތުރަށް ފެންދިނުމެވެ.
ޔުނެސްކޯ ދެކޭ ގޮތުގައި އެއީ އޭގެ މަދަށް ބަލާ އިރު ހަމައެކަނި ކިޔަވައިދެވޭ މާއްދާއެއްނޫނެވެ. އެއީ ވިސްނުމެވެ. އެއީ ހޭލުންތެރިކަމެވެ. އެއީ އަނގައިން އަނގަޔަށް އަޅައިދިނުމެއްނޫނެވެ. އެއީ ތަބާވެ ފަހަތުން ހިނގުމަށް ވުރެ ބޮޑަށް ބައިވެރިވުމެވެ.
ހުޅަނގުގެ ގައުމުތަކުން ވަނީ މި ކަމުގެ ޚުޠޫރަތްތެރިކަން ދެނެގަނެ އެ މަސައްކަތް ފަށައިފައެވެ. ހުޅަނގުގައި އިސްނެގީ އިނގިރޭސީންނެވެ. އެއަށް ފަހު ފަރަންސޭސިވިލާތާއި ހޮލެންޑް މި މާއްދާ އެ ގައުމުތަކުގެ ތަޢުލީމީ މަންހަޖުގެ ތެރެއަށް ލައިފިއެވެ. އޮސްޓްރޭލިޔާގައި ވަނީ މި މާއްދާ މަޖުބޫރު މާއްދާއަކަށް ހަދައިފައެވެ.
މިއަދު މީޑިއާ ވަނީ އުނގަންނައިދިނުމުގެ މައިދާނުގައި މަދަރުސާތައް ޖަހައިލައިފައި ކުރިއަރައިފައެވެ. ދިރާސާތައް ދައްކާ ގޮތުގައި މީސްތަކުންނަށް ލިބެމުންދާ މަޢުލޫމާތުގެ 80 %އަކީ މީޑިއާގެ ޒަރީޢާއިން ލިބެމުންދާ އެއްޗެކެވެ. މަންހަޖުތަކުންނެއް ނޫނެވެ. ޚުޠުބާތަކަކުން ތަގުރީރުތަކަކުންނެއްނޫނެވެ.
ސުމޭކު މީޑިއާގެ ދައުރު ތަރައްޤީވަމުން ކުރިއަރަމުންދިޔުމާ އެކު މި ޒަރޫރަތް ވަނީ މާ ބޮޑުވެފައެވެ. މަދުރަސާއާއި ޢާއިލާއަށް ވުރެ ބޮޑަށް ޅަދަރީންނަށް މިއަދު މަޢުލޫމާތު ފޯރުކޮށްދޭ އެދުރަކަށް ވެފައިވަނީ ސުމޭކު މީޑިއާއެވެ. ދޮގުޚަބަރުތަކާއި އޯލަ ވާހަކަތަކާއި ޙަޤީޤަތް އޮޅުވައިލުމާއި ފުރެއްދުމުގެ އެންމެ ވަރުގަދަ ދައުރެއް ކުޅޭ ފަރާތަކީ ސުމޭކު މީޑިއާތަކެވެ. މީސްމީޑިއާގެ އޮޅިތަކެވެ.
ޔުނެސްކޯ ސިފަކުރާ ގޮތުގައި އެއީ މަޢުލޫމާތުގެ ހުތުރުފުށެވެ. މި ކަންކަމާ ކުރިމަތިލުމުގެ ހަތިޔާރަކީ މީޑިއާ ތަރުބިޔަތެވެ. ޔުނެސްކޯ ބުނާ ގޮތުގައި ސުމޭކު މީޑިއާއަކީ ޒާތީ އަދި އިޖުތިމާޢީ ހަތިޔާރެކެވެ. ހަނގުރާމަތަކުގައި ބޭނުންކުރެވެއެވެ. ފިތުނަފަސާދަ އުފެއްދުމުގައި ބޭނުންކުރެވެއެވެ. މުޖުތަމަޢުތައް ކިބަކުރުމުގައި ބޭނުންކުރެވެއެވެ.
މި ޒަމާނަށް ބަލާ އިރު، ކޮންމެ ފަރުދަކީ [ނޫސްވެރި]އެކެވެ. އަމިއްލަ ޒާތުން ހެވާއި ނުބައި ފިލްޓަރުނުކުރެވޭ ނަމަ، މީޑިއާ އޮޅިތައް ދޮގު ޚަބަރުތައް ފަތުރާ މުއްސަނދި ވެށްޓަކަށް ވެދާނެއެވެ. އެއްވެސް ޒިންމާދާރުކަމެއް ނެތި، ދޮގު ޚަބަރުތައް، އަލީގެ ދުވެލީގެ ބާރުމިނުގައި ފެތުރިގެން ހިނގައިދާނެއެވެ.
މީޑިއާ ތަރުބިޔަތަށް ވަޠަނީ އަދި ސަޤާފީ ދުރުމިނެއް ލިބިގެންވާތީ، އެއީ މުޖުތަމަޢުގެ ޝަޚުޞިއްޔަތު ރައްކައުތެރިކޮށްދޭ ދިފާޢީ ފުރަތަމަ ރޮނގެވެ. އެހެންކަމުން މީޑިއާ ތަރުބިޔަތަކީ ވަރަށް ބާރަށް އޮހިގެން އަންނަ ދޮގު ޚަބަރުތަކުން ޅަދަރީންގެ ޖީލުތައް ޙިމާޔަތްކުރުމަށް ޓަކައި ލިބިފައިވާ ވަޠަނީ އަދާތެކެވެ. މި ތަރުބިޔަތުގެ ސަބަބުން ކާން ކަމުދާ އެއްޗެއްސާއި ކަމުނުދާ އެއްޗެހި ދެނެގަނެވޭނެތީއެވެ. ކަނާދު ކާނާއާއި ކަނާދު ނޫން ކާނާތައް ވަކިކުރާން އެނގޭނެތީއެވެ. އިންސާނާ "އޮޅިތަކުގެ އަޅުވެތިކަމުން" މިނިވަންކުރުމަށް ބޭނުންވާތީއެވެ. ރަނގަޅު މަޢުލޫމާތު އުފައްދާ މީހަކަށް ވުމަށް ޓަކައެވެ. ދޮގު މަޢުލޫމާތުގެ އަސީރަކަށް ނުވުމަށް ޓަކައެވެ.
ބައެއް ލަފުޒުގެ މާނަ:
ރިވެލިވުން ނ. އަލި ނުވަތަ އަޑު ނުވަތަ ހޫނު ނުވަތަ ފެނުގެ ރާޅުތައް ދަތުރުކުރަމުންދާ ދިއުމުގައި ސަތަހައެއްގައި ޖެހުމުން އައި ފަޅިއަށް އަނބުރައި ދިއުން.reflect
ކަނާދު ނ. ދިރުންހުރި ކޮންމެ އެއްޗެއްގެ ދިރުން ދެމެހެއްޓުމަށާއި ހެދިބޮޑުވުމަށާއި ގުނަވަންތައް މަސައްކަތްކުރުމަށް ބޭނުންވާ ކާނާގެ އެންމެހައި އުންސުރު.nutrients
ކާނާ ނ. ދިރޭ އެއްޗިހި ދިރިހުރުމަށް ޓަކައި ބޭނުންވާ ބައިތަކުގެ ތެރެއިން ވަޔާއި ފެންފިޔަވައި ބޭނުންވާ ތަކެތި. food
އަސީރު ނ. ހަނގުރާމައިގައި ހައްޔަރުވެގެން ގެނެވޭ މީހާ. hostage
އޮޅި ނ. (1) ބައަކު މީހުން. (2) ގަވައިދެއްގެ މައްޗަށް އެކުލެވިގެންވާ ބަޔަކު މީހުން. (3) އަށިއަށީގެ ދެފަރާތުގައްޔާއި ދެކޮޅާއި މެދުގައި ހުންނަ ފަތް. (4) ދޮރުދޮރުގެ މައްޗާއި ތިރީގައި ހުންނަ ހުރަސް.
މަދަދު ނ. (1) އަޅައިލާ އަޅައިލުން. (2) ކަމަކަށް އަޅާ ބާރު. (3) ކަމަކަށްދޭ ވާގި. (4) އެހީ support, assistance
މަފުހޫމު ނ. (1) ވިސްނިފައިވާ ގޮތް. (2) މޭރުންވާ ގޮތް. (3) ދޭހަވާ ގޮތް.concept
މީޑިއާ ނ. ޚަބަރާއި މައުލޫމާތު ފަތުރާ ވަސީލަތްތަކަށް ކިޔާ ޖަމާނަން.media
މުޖުތަމަޢު ނ. އެ ތަނެއްގައި ދިރިއުޅޭ އެއް އުޞޫލަކަށް ތަބާވާ، އެއް އާދަކާދަތަކެއް ގެންގުޅޭ މީހުންތަކެއް. community
ފާގަތިކަން ނއނ. (1) އުފާވެރިކަން. (2) ތަނަވަސްކަން. (3) ކުޅަދާނަކަން. (4) މޮޅުކަން.
ގިޔަމު ނ. ސަގާފަތާއި އާދަކާދައާއި އިޖުތިމާއީ ގުޅުންތަކުގެ ތެރެއިން މުޖުތަމަޢެއްގައި ބަލައިގެންފައިވާ އަޚުލާޤީ މީޔާރުތައް ނުވަތަ އާންމު މިންގަނޑުތައް . values
ގާބިލުކަން ނއނ. (1) ކަމަކަށް އެކަށީގެންވާކަން. (2) ލާއިގުކަން. (3) ލިޔާގަތު ހުރިކަން. (4) ކުޅަދާނަކަން. capability
ސިންތާ ނ. (1) ކަމަކާ ބެހޭ ގޮތުން ދިރާސާކޮށް މަޝްވަރާކުރުމަށް ބާއްވާ ކުދި ބައްދަލުވުން. discussion (2) ކަމަކާ ދޭތެރޭގައި ފަރުވާތެރިކަމާއެކު ވިސްނާ ވިސްނުން. deliberation
ސުމޭކު ނ. (1) އެކަކާއި ސުމެއް ނުވަތަ ހިސާބު ޢަދަދުގެ ގުނައަކުން ކަމަކާ ގުޅޭ ހުރިހާ މަޢުލޫމާތެއް ރައްކާކުރާ. (2) ހިސާބު ޢަދަދު ބޭނުންކޮށްގެން މަޢުލޫމާތު ރައްކާކޮށް ބޭނުންކުރާ. (3) ހިސާބުކުރުމާ ގުޅުން ހުރި. ކަށްޓެއް ނުވަތަ ތީރަކުން މިންވަރު ދައްކައިދިނުމުގެ ބަދަލުގައި ހިސާބު އަދަދުން މިންވަރު އަންގައިދޭ.digital
ޝަޚުޞިއްޔަތު ނ. އިންސާނެއްގެ ކިބައިގައި ހުންނަ އަނެކުންނާ ތަފާތު ވިސްނުމާއި ފިކުރާއި އަޚުލާގާއި ސުލޫކާއި މިޒާޖު ފަދަ ސިފަތައް. މީހެއްގެ ކިބައިގައި ހުންނަ މީސްވަންތަކަން. Character
ޒަރޫރަތް ނ. ކޮންމެހެން ބޭނުންޖެހިފައިވާ ނުވަތަ ލާޒިމުކަން. އެންމެ އަސާސީ ކަންކަން. necessity
ޖީލު ނ. (1) އެއްދުވަސްވަރެއްގައި ދުނިޔެއަށް އަންނަ މީހުން، ނުވަތަ އެއް އުމުރުފުރައެއްގެ މީހުން. (2) ވިހި އަހަރާއި ތިރީސް އަހަރާ ދެމެދުގެ މުއްދަތެއް. generation